އެމެރިކާގެ ވޮޝިންޓަން ސްޓޭޓްގައި އުމުރުން 12 އަހަރުގެ ފިރިހެން ކުއްޖަކު އޭނާގެ ކާފަގެ ކާރު ވަގަށް ނަގައިގެން 160 މޭލު ރާސްތާއަކަށް ދަތުރުކުރިތަނާ ފުލުހުން އޭނާ އަތުލައިގެންފިއެވެ.
"އުމުރުން އެންމެ 12 އަހަރުގެ ކުއްޖަކު ފޯކްސްވެގަން ހެޗްބެކް ކާރެއްގައި އެކަނި އެހާ ހިސާބަށް ދަތުރުކޮށްފައިވަނިކޮށް އޭނާއަށް ނުވަތަ އެހެން ވެސް މީހަކަށް ޒަހަމެއް ނުލިބިވަނިކޮށް އޭނާ ހުއްޓުވުމުން އުފާކުރަން،" ފުލުހުންގެ ތަރުޖަމާނު ކައިލް ފޯމަން ބުންޏެވެ.
އެ ކުއްޖާ ދަތުރުކުރީ އޭނާއާ އާއިލީ ގުޅުން ހުރި ބައެއްގެ ގެއަށް ދިއުމަށް ކަމަށް ފުލުހުން ލަފާކުރެއެވެ.
އެ ކުއްޖާ ވަނީ ދެ ގަޑިއިރާއި ބައި ވަންދެން ދުއްވައިފައެވެ. ދުއްވީ ހުއްދަ އޮންނަ ދުވެލީގައެވެ.
އޭނާ ދުއްވި ފަރުބަދަ މަތީ މަގު އޮންނަނީ ކަނޑުގެ ލޮނުގަނޑުން 3،000 ފޫޓު އުހުގައެވެ.
"ތޭންކްސްގިވިން މުނާސަބާ ވީމާ މަގުތައް ވެސް ވަނީ ތޮއްޖެހިފައި،" ފުލުހުން ބުންޏެވެ.
ގައުމީ މޫސުމާ ބެހޭ އިދާރާއިން ބުނީ ސްނޯ ފޭބުމުގެ އިތުރުން ޓެމްޕަރޭޗަރު ހުރީ ފެން ގަނޑުވާހާ ދަށުގައިކަމަށެވެ.
ކުއްޖާގެ މި ކުށް ވަނީ ކުޑަކުދިންނާ ބެހޭ ކޯޓެއްގައި ބުކްކޮށްފައިކަމަށް ފުލުހުން ބުންޏެވެ. ކުއްޖާއަށް ތުހުމަތުކުރަނީ ވަގަށް ނަގައިފައިވާ އުޅަނދެއް ގެންގުޅުމާއި އެއް އަހަރަށްވުރެ ގިނަ ދުވަހުގެ ޖަލު ހުކުމެއް ލިބޭ ކުށަކުން ބަރީއަވުމަށް މަސައްކަތްކުރުމެވެ.



advertisment