Support Us

ކޮލަމް: ދިނަށަ

ކޮލަމް ދިނަށަ: ގައުމީ ލޯބީގެ ނަޒަރުން ފޯޅަވަހީގެ މައްސަލަ

ފޯޅަވަހި އަނބުރައި އަތުލުމުގައި ކާމިޔާބީ ހޯދޭންދެން ހިތްވަރާއި އުއްމީދާއެކު ހިއްވަރު ދޫކޮށްނުލައި މަސައްކަތް ކުރަން ތެދުވާން އެބަ ޖެހެއެވެ. ސަބަބަކީ، މޮރިސަސްއަށް ފޯޅަވަހި މިލްކުކޮށްދީފިނަމަ، ދިވެހީންގެ އަންނާން ހުރި ޖީލުތައް ދާއިމީ ހަނގުރާމައެއްގެ ތެރެއަށް ވައްޓައިލުންފަދަ ކަމަކަށް އެެކަން ވެގެންދާނެތީއެވެ.

ފޯޅަވައްސަކީ، ފަރަންސޭސީން އެތަނަށް އަރައި އިސްތިޢުމާރު ކުރުމުގެ ކުރިން ސީދާ ދިވެހީންގެ މިލްކެއްކަމާއި އެތާނގެ ސިޔާދަތީ ޙައްޤުގެ ވެރިފަރާތަކީ ދިވެހި ދައުލަތްކަން ސާބިތުކޮށްދެވޭނޭ، ނަފީ ނުކުރެވޭނޭ ކިތާބީ ހެކިތައް، ދިވެހީންގެ އަތުގައި ހުރެފައި، އެތަކެތި ނެރެ މަތިކުރުމުގެ ކުޅަދާނަކަން ހުރި ގައުމުދެކެ ލޯބިވާ ގައުމަށް ވަފާތެރި ޒުވާންލޭހުރި ދިވެހި މުއައްރިޚުން މި މަސައްކަތުގައި އިސްނަގައިގެން މަސައްކަތްކުރުމުގައި އިސްކޮށް ކުރީސަފުގައި ތިބެގެން އެތަކެތި ކިތާބީ ކުރުމުގެ މަސައްކަތް ވަރަށްވެސް ހީވާގިކަމާއެކު އެބަ ކުރެއެެވެ. ފޯޅަވަހި ފުރޭފުގެ ނަމުގައި ނެރެމުންދާ ފޮތްބައިގައި ހިމެނޭ އާންމު ލިޔުންތަކަކީވެސް އެފަދަ ހެކިތަކުގެ ބައެކެވެ.

އެެހެންކަމަށްވާތީ، ފަރަންސޭސީން ފޯޅަވަހި އިސްތިޢުމާރުކުރި ދުވަހުންފެށިގެން އިނގިރޭސީންގެ އަތްދަށަށް އެތަން ފޮރޮޅައިލި ގޮތާއި، މިހާރު މޮރިސަސްއާ ޙަވާލުކުރާ ނުހަމަ ގޮތަކީ، ބައިނަލްއަގްވާމީ ގާނޫނުތަކާއި ތާރީޚީ ހެކިތަަކުގެ އަލީގައި ބައިނަލްއަގްވާމީ ރަސްމީ އިދާރާތަކަށް ހާމަކޮށްދީގެން ޝައްކެއްވެސް ނެތި ދިވެހީންނަށް ކަމިޔާބު ކުރެވޭނޭ ކަމެއްކަމާމެދަކު ކުޑަވެސް ޝައްކެއް ނެތެވެ.

އެހެންވީމާ، މޮރިސަސްއަށް ފޯޅަވަހި ހަވާލު ކުރުމާ ދެކޮޅުހަދައި އެކަމާ ދެކޮޅަށް ދިވެހީން ތެދުވާން މާ ބޮޑަށްވެސް ލަސްވެއްޖެއެވެ.

އެހެނަސް، ނުތެދުވެ ތިބެވެނީ ސަބަބެއް ނެތިއެއްވެސް ނޫނެވެ. އެއީ، ސަތޭކަ އަހަރަށް ވުރެވެސް މާ ކުރީގައި ދިވެހީގެ އަތުން އިސްތިޢުމާރީން އަތުލައިގެންފައިވާ ތަނެއްކަމުގައިވެފައި، އެތަނުގެ ވާހަކައާއި މަޢުލޫމާތު މިއަދުގެ ޖީލުތަކަށް ފޯރުކޮށްދެވިފައި ނެތަތަތީ، އެތަން ގެއްލޭކަމުގެ ވާހަކަ އިވުނަސް ގައުމީ ވިންދެއް ހިތްތަކުގައި ނުޖަހާތީވެ އެތަން ހޯދުމުގެ ރޫޙުގައި އަހަރެމެނަށް ނުތެދުވެވެނީއެވެ.

އެހެންވީމާ، މޮރިސަސްއާ ފޯޅަވަހި ހަވާލުކޮށްފިނަމަ ދިވެހިގައިމަށް ލިބޭނޭ ގެއްލުންތައް ހިމަނައިނުގަނެވޭނޭކަންވެސް މިއަދު ދެނެގަންނާން އެބަ ޖެހެއެވެ. ފުރޭފު ފޮތްތައް ކިޔައި އެކަމާ ގުޅޭ މަޢުލޫމާތު ދެނެގަންނަން އެބަ ޖެހެއެވެ.

ފޯޅަވަހި ގެއްލިއްޖެނަމަ ރާއްޖެއަށް ލިބޭނޭ ގެއްލުނަތަކުގެ ތެރޭގައި ރާއްޖޭގެ އިޤްޠިޞާދު އެ ދެކެމެއްގެ މައްޗަށް ބިނާވެގެންވާ މައިގަނޑު ދެ އަސާސް ކަމުގައިވާ، މަސްވެރިކަމާއި ޓުއަރިޒަމް މުޅިންހެން ހަލާކުވެގެން ދިއުން ހިމެނޭކަން ދަންނަން ޖެހޭނެއެވެ.

އޭގެ ސަބަބެއްގެ ގޮތުން ފާހަގަކޮށްލަން ޖެހެނީ، މޮރިސަސްއަކީ، ކަނޑުގައި ދާއަޅައިގެން މަސްވެރިކަން ކުރާ ގައުމަކަށްވެފައި، އަދި ދާއަޅައިގެން މަސްވެރިކަން ކުރާ ފާރަތްތަކަށް ކަނޑު ވިއްކާވެސް ގައުމަކަށްވާތީ، ރާއްޖެއަށް ބާނާ މަހަކީ، ފޯޅަވަހީގެ ސަރަޙައްދު ހިމެނޭހެން ރާއްޖޭއާއި ފޯޅަވަހީގެ ވަށައިގެން ދުވެދުވެ އުޅޭ މަސްތަކެއް ކަަމަށްވާއިރު، ކުރިން ރާއްޖެއަށް އެކަނި އޮންނަ (އައްޑު އާއި ފޯޅަވައްސާ ދެމެދުގައި އޮންނަ) މާސިންގާ ކަނޑުގެ ދެބައިކުޅަަ އެއްބައިގައި، އެތައްބަޔަކު އަބަދާއަބަދު ދާއަޅާން ފެށުނުން ރާއްޖޭގެ ވަށައިގެން ދުވެދު އުޅޭ މަސްތަކަަށް އެމަގު މުޅީން ބަންދުވެގެން ދިއުމަކީ، ދިވެހީންގެ މަސްވެރިކަން މުޅިންހެން ހަލާކުވެގެން ދާނޭ ކަމެއްކަން ގަބޫލުކުރާން ވާނެއެވެ.

އަނެއްކަމަކީ، ރާއްޖޭގެ ޓުއަރިޒަމް ބިނާވެގެންވަނީ އިސްލާމީ ދައުލާތެއްގައި އެޒާތުގެ ކަމެެއް ކުރުމުގައި ހިފަހައްޓާން ކޮންމެހެންޖެހޭ އެތައްކަމެއް ހިފެހެެެއްޓިފައިވާ ޓުއަރިޒަމެއް ކަމަށްވާތީ، އެކަމަށް ވިސްނައިގެން ރާއްޖޭގެ ޓުއަރިޒަމަށްދޭ ޙަމަލާއެއްގެ ގޮތުގައި ފޯޅަވަހީގެ ރަށްތަކުގައި މޮރިސަސްއިން ހުޅުވައިލާ ޓުއަރިޒަމުގައި އިސްލާމްދީން ހުއްދަނުކުރާ ހުރިހައިކަމެއް ތަންމިނަށް ހުޅުވައިލައިގެން ޓުއަރިޒަމް ފައްކުރާ ކުރުމަކީ، ރާއްޖޭގެ ޓުއަރިޒަމަށް އޭގެ ސަބަބުން ވަރަށް ބޮޑަތި ލޮޚުސާނާއި ގެއްލުންތައް ލިބި ހީނަރުވެ މުޅިން ހަލާކުވެގެން ހިނގައިދާފަދަ ކަމަކަށް ވެގެންދާނޭކަންވެސް ވިސްނާން ޖެހޭނެއެވެ.

އެކަންކަމަކީ، އެހެން ވުމަށް އަހަރެމެން ދިވެހީންކުރެ ހަމަ އެކަކުވެސްް އެދޭނޭ އަދި ބޭނުންވާނޭ ކަންކަމެއް ނޫންކަމާމެދު ކުޑަވެސް ޝައްކެއް ނެތެވެ. އެކަމަކުވެސް، މަދުބަޔަކު ފޯޅަވައްސަކީ މޮރިސަސްގެ ތަނެއްކަމަށް ހެދޭތޯ ވާހަކަދައްކައި ލިޔެ އުޅޭތީވެސް ފެނެއެވެ. އެފަދަ މީހުންގެ އެފަދަ ވާހަކަޔާއި ލިޔުންތަކަށް ފަރުވާލެއް ބަހައްޓާނޭ ބޭނުމެއް ނެތެވެ. އެހެނީ، އެވާހަކަތަކާއި ލިޔުންތައް ނަފީކުރެވޭނޭ ކިތާބީހެކި ހަމަކުރެވޭނެތީއެވެ. އެހެންވީމާ، އެފަދަ ވާހަކަތަކާއި ލިޔުންތައް ވާނީވެސް ނާޗާރެވެ. އެފަދަ ތަކެތި އަހާފައި ނުވަތަ ކިޔާފައި މާޔޫސްވާނެކަމެއް ނެތެވެ.

އަދިވެސް ދަންނާށެވެ! ފޯޅަވަހި އަނބުރައި ހޯދުމުގެ މަސައްކަތަކީ، ވަރަށްވެސް ބޮޑު ބުރަ މަސައްކަތެކެވެ.

ހަތިޔާތަކަށް ހުރީ ހަމައެކަނި، ކެތްތެރިކަމާއި ޙިމްމަތްތެރިކަމެވެ. މާތްالله ގެ ޙަޟްރަތުން ވާގިއެދި ދުޢާކުރުމެވެ. މުޅި ގައުމު ގުޅިގެން އެކުގައި އެއް ހަށިގަނޑެއް ފަދައިން ތެދުވެ ކުރެވޭންހުރި މަސައްކަތެއް ކުރުމުގައި ކާމިޔާބާ ހަމަޔަށް ވާޞިލު ވެވޭންދެން ސާބިތުކަންމަތީގައި ދެމިތިބުމެވެ.

ސިޔާސީ ފިކުރުތަކާއި ތަޢައްޞުބީ ކުނިބުނިތަކުން ހިތްތޯހިރުކޮށްގެންތިބެ، އެއިރަކު އޮންނަ ސަރުކާރަކާއި ރާއްްޖޭގެ ހުރިހައި ފަރުދުންނާއި ސިޔާސީ ޕާޓީތަކާއި ސިޔާސީ ލީޑަރުންވެސް ގައުމީ މަޞްލަޙަތު އިސްކޮށް ގައުމަށްޓަކައި އެއްގަލަކަަށް އެރުމެވެ.

ފިތުނަ ފަސާދަ އުފެދޭނޭ އަދި އުފެދިދާނޭ ކޮންމެ ބަހަކާއި ކަމަކުން ދުހެލިވެ ތިބުމެވެ. ގައުމުގެ ވެރީންނާއި ލީޑަރުންނަށް ބަދުބަސް ނުބުނުމެވެ. އެކިއެކި ފަރާތްތަކަށް އިނގިލި ދިއްކުރުންފަދަ ކަންކަންވެސް ނުކުރުމެވެ.

ދުނިޔޭގެ ހުރިހައި ގައުމެއްގެވެސް ރުހުމާއި މަޤްބޫލުކަމާއި ތާއީދު ދިވެހީންނަށާއި ދިވެހި ރާއްޖެއަށް ލިބޭނޭ އަތަަށް ރިޔާ ފުރޮޅައިލައި މޯހިރު ގުދުނުވާނޭ ގޮތެއްގައި ހުންގާނު ސީދަލަށް ހިފެހެއްޓުމެވެ. ސީދާ ސުހައިލުވީ މިޞްރާބަސް ދަތުރުގެ މިޞްރާބު ޖެހުމެވެ. ގައުމަތަކަށް ބަދުބަސް ރައްދު ނުކުރުމެވެ.

މި ގައުމީ ޙަރަކާތަކީ، ނިމުމެއްގެ ކޮޅެއް ވަތެއް ނޭނގުމުގެ އިތުރުން، ޢަދަދު ނުކުރެވޭނޭ މިންވަރަށް ފައިސާވެސް ހޭދަވެގެންދާނޭ މަސައްކަތެއް ކަމުގައިވާނެތީ، އެފަދަ ބޮޑަތި ހޭދަތަކަކީ، ދައުލަތަަށް އެކަނި އުފުލޭނޭ މިންވަރަށް ވުރެން މާ މަތީ ހޭދައެއް ކަމުގައިނޫނީ ނުވާނެތީ، އެކަމަށްޓަކައި ގައުމުގެ ހުރިހައި ފެންވަރެއްގެ ވިޔާފާރިވެރީންގެ ބައިވެރިވިންވެސް ޙިއްޞާ ނުކުރެވި މިފަދަ ގައުމީ ޖިހާދެއް ނުކުރެވޭނޭކަން ގަބޫލުކޮށް ގައުމަށްޓަކައި ހޭދައިގެ މަދަދެއް ކުރުމަށް ފަސްޖެހެވިގެން ނުވާނޭކަންވެސް ދަނެ ޤަބޫލުކުރާން ވާނެއެވެ.

މިކަންކަން ހުރީ މި މަގަށްކަން ނުވިސްނައި މިކަންކަމަށް ހޭވޭރިނުވެ ގައުމަށްވުރެ އަމިއްލަ އެދުން އިސްކުރެވޭނަމަ އެއީ، ދިވެހިގައުމުގެ މުސްތަޤްބަލްގައި ހުޅުޖެހުންފަދަ ކަމަކަށް ފަރުވާލެއް ނެތުނީކަމުގައި މެނުވީ ނުވާނެކަން މިވަގުތު ހެޔޮހިތުން ގަބޫލުކުރާން ޖެހެއެވެ.

ވީމާ، ކަންކަމަށް ތައުފީޤު ދެއްވަނީ، ކީރިތިވަންތަ މާތްﷲ ކަމުގައިވާތީ، އެކަލާނގެ ޙަޟްރަތުގައި ދުޢާކޮށް ވާގި އެދެމުން، މި ގައުމީ މަސައްކަތަކީ، ހުރިހައި ދިވެހީންގެ މަސައްކަތެއްކަމަށް ހަދައިގެން ދިވެހި ހުރިހައި ފަރުދުން ބައިވެރިވެ އެއްބާރުލުމަށްޓަކައި އިސްނަގައިގެން ފެށި މި ޙަރަކާތުގައި ބައިވެރިވުމުގެ ދަޢުވަތު ދިވެހި ހުރިހައި ފަރުދުންނަަށް އަރުވަމެވެ.