ޕާކިސްތާނުގެ އެންމެ މުއްސަނދި މީހާ، ޝާހިދު ޚާންގެ އަންހެން ދަރިފުޅަކީ ކުރިން އެހާ މަޝްހޫރު މީހެއް ނޫނެވެ. އެއީ ޝައްނާ ޚާންއެވެ. ނަމަވެސް އޭނާގެ ނުފޫޒު ވަކި ކުޑައެއް ނޫނެވެ.
ޝާހިދުގެ މިލްކިއްޔާތުގައި 12 ބިލިއަން ޑޮލަރު (184 ބިލިއަން ރުފިޔާ) އެބަހުއްޓެވެ. އޭނާއަކީ ދުނިޔޭގެ 167 ވަނައަށް އެންމެ މުއްސަނދި މީހާއެވެ.
ޝާހިދަކީ އެމެރިކާގެ ނެޝަނަލް ފުޓްބޯލް ލީގުގެ ޓީމު ޖެކްސަންވިލް ޖެގުއާސް އާއި އިނގިރޭސި ވިލާތުގެ ޕްރިމިއާ ލީގުގެ ފުޓުބޯޅަ ޓީމު ފުލްހަމް އެފް.ސީ.ގެ ވެރިޔާއެވެ. އޭނާގެ ފިރިހެން ދަރިފުޅު ޓޯނީ ޚާންއަކީ އެމެރިކާގެ އޯލް ރެސްލިން އެލީޓް ޕްރޮމޯޝަން ބައްޕައާއެކު ހިންގާ ދަރިފުޅެވެ.
ޝައްނާގެ އަމިއްލަ މިލްކިއްޔާތުގައި 20 މިލިއަން ޑޮލަރު (308 މިލިއަން ރުފިޔާ) އެބަހުއްޓެވެ.

ޝައްނާ މަސައްކަތްކުރަނީ އިންސާނީ އެހީ އާއި އިޖުތިމާއީ މަޝްރޫއުތަކުގައެވެ.
ޓޯނީ ފަދައިން ޝައްނާ ވެސް އުޅެބޮޑުވީ އެމެރިކާގެ އިލިނޮއި ސްޓޭޓްގައެވެ. އިންސާނީ އެހީގެ އިތުރުން ޝައްނާއަކީ ވިޔަފާރިވެރިއެއް ވެސްމެއެވެ. އަދި އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ މެންބަރެއްގެ އެހީތެރިއެކެވެ.
ޝައްނާއަކީ ޔުނައިޓެޑް މާކެޓިން ކޮމްޕެނީ ކިޔާ ޕެކެޖިން ޑިޒައިންކުރާ ޖަމާއަތެއްގެ އެއް ފައުންޑަރެވެ.
ޖެގުއާސް ފައުންޑޭޝަން މެދުވެރިކޮށް ނިކަމެތި ޒުވާނުންނާއި އެ ކުދިންގެ އާއިލާތަކަށް ޝައްނާ އެހީތެރިވެދެއެވެ.
ޝައްނާގެ އާއިލާ މި ދިޔަ އަހަރު ފަލަ ސުރުހީތަކަށް އެރީ އިލިނޮއި ޔުނިވާސިޓީގެ ވެޓެރިނަރީ ޓީޗިން ހޮސްޕިޓަލަށް 14 މިލިއަން ޑޮލަރު (215 މިލިއަން ރުފިޔާ) ހައިރާތުކުރުމުންނެވެ. އެއީ ކެންސަރު ބައްޔަށް ފަރުވާކުރުމުގެ މަޝްރޫއަކަށެވެ. މި ކަމުގެ ސަބަބުން ޝައްނާގެ އާއިލާ މަޝްހޫރުވެގެން އައީ ސިއްހީ އަދި ތައުލީމީ ދާއިރާއަށް އެހީވެދޭ އާއިލާއެއްގެ ގޮތުގައެވެ.
ޝައްނާ ކައިވެނިކޮށްގެން އުޅެނީ ޖަސްޓިން މެކްކޭބްއާއެވެ. ޖަސްޓިންއަކީ ކޮންސަލްޓިން ކުންފުންޏެއްކަމަށްވާ ވުލްފް ޕޮއިންޓް އެޑްވައިޒާސްގެ މެނެޖިން ޑިރެކްޓަރެވެ. އިޖުތިމާއީ މަޝްރޫއުތަކުގައި ދެމަފިރިން އެއްވަރަކަށް ބައިވެރިވެއެވެ.
ޝައްނާއަކީ މީހުންގެ ދިރިއުޅުމަށް މާނަވީ ބަދަލެއް ގެނެސް، އެ ފަރާތްތަކަށް ރަނގަޅު ހިދުމަތެއް ދޭން މަސައްކަތްކުރާ މީހެކެވެ. ޕާކިސްތާނުގެ އެންމެ މުއްސަނދި މީހާގެ އެއް ދަރިފުޅުގެ ގޮތުގައި ހުރެ މާލީ އެހީތެރިކަމުގެ ޒަރީއާއިން އޭނާ އަންނަނީ އޭނާގެ މުޖުތަމައަށް ހެޔޮ ބަދަލުތަކެއް ގެންނަމުންނެވެ.



advertisment