ކިތައްމެ ލޯބިން އުޅޭ ދެމަފިރިން ވެސް އަބަދަކު ސުލްހައިގެ މަތީގައި ދެމިނުތިބެވޭނެއެވެ. ސަބަބަކީ ދެބަސްވުމަކީ އިންސާނާގައިވާ ގުދުރަތީ ސިފައެކެވެ. ނަމަވެސް މި ބަލައިލަނީ ވީހާ ވެސް ބޮޑަށް އަރައިރުންނުވެ އުޅެވިދާނެ 21 ގޮތަކަށެވެ.
- ފުރަތަމަ ކަމަކީ ދެމަފިރިންގެ ދެމެދުގައި އަރައިރުން އުފެދުމަކީ އެކަށީގެންވާ ކަމެއް ކަމަށް ގަބޫލުކުރުމެވެ.
- އެކަކު އަނެކަކު ދެކެ ލޯބިވާ ވަރާއި އެކަކު އަނެކަކަށް ބޭނުންވެފައިވާ މިންވަރު ހަނދާންކުރާށެވެ. މި ކަމުގެ ސަބަބުން، އުފެދޭ ކޮންމެ ދެބަސްވުމެއް ހައްލުކުރުމަށް ހިތްވަރު ލިބޭނެއެވެ. ވަގުތީ ތޫފާނެއް ހަޔާތެއް އަޔަސް ދާއިމީ ހަގީގީ ލޯތްބެއް އެއްލައިލުމަކީ ހިތާމަވެރި ނިންމުމަކަށްވާނެތީއެވެ.
- ރުޅި ކޮންޓްރޯލް ނުވާ ސިފަ ތިބާގެ ހުންނަ ނަމަ ބައިވެރިޔާގެ ގާތުގައި އެ ވާހަކަ ކުރިން ބުނެލައިފައި ބާއްވާށެވެ. ހަމައެއާއެކު ތިބާ ރުޅި ކޮންޓްރޯލްކުރަން މަސައްކަތްކުރަން ވާނެއެވެ.
- އަރައިރުންވުމަކާ ހަމައަށް ދިއުމުގެ ކުރިން އެ ފަދަ އަރައިރުމެއް ހައްލުކުރާނެ ގޮތަކާ ބެހޭ ގޮތުން އެއްބަސްވުމަކަށް އަންނާށެވެ. ދެމަފިރިންގެ ގުޅުން ކުރިއަށްގެންދަން ވާނީ ގައުމެއްގެ ހިންގުން ގާނޫނުއަސާސީއެއްގެ ދަށުން ހިންގާ ގޮތަށެވެ.
- އަރައިރުމެއް އުފެދިދާނެތީ ބިރުން އެކަކު އަނެކަކަށް ހަގީގީ އިހުސާސްތަކާއި ޖަޒުބާތުތައް ސިއްރުނުކުރާށެވެ. ވަރަށް ގިނަ ދެމަރިފިންނަކީ ދެ މީހުންގެ ދެމެދުގައި އޮންނަ ގުޅުމާމެދު ވަރުބަލިވެ، ފޫހިވެ، މާޔޫސްވެ، އަދި ރުޅިއައިސްފައިވާ ބައެކެވެ. ނަމަވެސް އުނދަގޫހެން ހީވާ މައްސަލަތަކާ ބެހޭ ގޮތުން ވާހަކަނުދައްކަންވެގެން ދެމަފިރިން ހިތުގައި އޮންނަ އަސްލު އެއްޗެއް ހަގީގަތާއެއްގޮތަށް ފާޅެއްނުކުރެއެވެ. މިހެންވުމުގެ ސަބަބުން ޒަވާޖީ ހަޔާތް މަޑުމަޑުން ވީރާނާވަމުންދެއެވެ. ސަބަބަކީ ކަމެއް ނުވާކަމަށް ހެދިގެން އަބަދަކު ނޫޅެވޭނެއެވެ.
- ދެމަފިރިންގެ ދެމެދުގައި މައްސަލައެއް ޖެހުމުން އެ ކަން ތަހުގީގުކޮށް، އެ މައްސަލަ ފެންމަތިވުމުގައި ތިބާގެ ދައުރެއް އޮތްތޯ ބަލައިށެވެ.
- އަރައިރުންވުމެއް އުފެދޭ ކަހަލަ ކަމެއް އުޅޭހެން ހީވާ ނަމަ، ނުވަތަ ރުޅި އަންނަ ކަހަލަ މައްސަލައެއް އަންނަން އުޅޭ ކަމަށް ފެންނަ ނަމަ، އެކަކު އަނެކަކާ ފުރަތަމަ ދުރަށް ޖެހިލާށެވެ. ރުޅި އައިސް ހުރެގެން ދެ މީހުން ވާހަކަނުދައްކައިށެވެ. ފުރަތަމަ، ނަފުސަށް ހަމަޖެހުން ގެންނާށެވެ. ދެން ވާހަކަދައްކަން ފަށާނީ ދެ މީހުން ވެސް ހަމަޖެހުމުންނެވެ.
- ހަނދާންކުރާށެވެ: ތިޔަ ދެ މީހުންނަކީ އެއް ޓީމަކަށް ކުޅޭ ދެ މީހުންނެވެ. މިހެންވެ، ދެ މީހުންގެ ދެމެދުގައި "ތަޅާފޮޅުމަކަށް" ހިނގައްޖެ ނަމަ ހަގީގަތުގައި އެއީ ތިބާ ތިބާގެ އަމިއްލަ ނަފުސަށް ހަމަލާދިނުން ކަހަލަ ކަމެކެވެ.
- ތިބާގެ ބައިވެރިޔާ ލަދުގަންނުވާނުލައިށެވެ. ތިބާގެ ދޫ ކޮންޓްރޯލްކުރާށެވެ. ހިތުގައި ޖެހޭ ފަދަ ބަސްތައް ބޭރުކޮށްލުމުން މައްސަލަ އިތުރަށް ހޫނުވާނެއެވެ. ސަބަބަކީ ބަހެއް އަނގައިން ބޭރުކޮށްލުމުން އެއީ އަނބުރާ ގެނެވޭނެ އެއްޗެއް ނޫނެވެ.
- ތިބާގެ ބައިވެރިޔާ ތިބާއަށް އިތުބާރުކޮށްފައި ތިބާއާ ހިއްސާކޮށްފައިވާ ސިއްރެއްގެ ނާޖާއިޒު ފައިދާ ނުނަގާށެވެ. އޭނާއަށް "ހަމަލާ" ދީ، އޭނާއަށް ފުރައްސާރަކުރުމަށް އެ ފަދަ މައުލޫމާތެއްގެ ނުބައި ބޭނުން ނުކުރާށެވެ.
- ދެމަފިރިންގެ ދެމެދުގައި ޖެހޭ މައްސަލައެއް ތިންވަނަ ފަރާތަކާ ހިއްސާނުކުރާށެވެ. ދެމަފިރިން އެކުއެކީގައި މައްސަލަ ހައްލުކުރާށެވެ. ތިބާގެ ބައިވެރިޔާގައި ހުރި އުނި ސިފައެއް ތިބާގެ އާއިލާގެ މެންބަރުންނާއި ރަހްމަތްތެރިންނާ ހިއްސާނުކުރާށެވެ. ތިބާގެ ދާވެފައިވާ އަންނައުނު އާއްމު ތަންތާނގައި ހިއްކަން ނާޅާނެ ފަދައިންނެވެ. ދެމަފިރިންގެ އައުރަ އެހެން ބަޔަކަށް ކަޝްފު ނުކުރަންވީ އުސޫލުންނެވެ.
- އެކުގައި ދުއާކުރާށެވެ. ދުއާކުރުމަކީ ވައި ސާފުކޮށްލައި، ލޯބި އާލާކޮށް، ދެމަފިރިންގެ ހުރިހާ ކަމެއް އެންމެ ގާތުން ބައްލަވާވޮޑިގެންވަނީ މާތްﷲ ކަމުގައި ހަނދާންކޮށްދޭނެކަމެކެވެ.
- މައްސަލައާ ގުޅޭ ގޮތުން މަޝްވަރާކުރާއިރު އެ މައްސަލަ ދިމާވި ގޮތުގެ އަސްލު ސަބަބަށް ބަލައިލައިށެވެ. މުޅިން ހައްލުނުކުރާ މައްސަލައަކީ ދެވަނަ ފަހަރަށް ވެސް ކުރިމަތިވާނެ މައްސަލައެކެވެ.
- ދެ މީހުން ދެ މީހުންނަށް ވެސް ވާހަކަދައްކާނެ ފުރުސަތު ދޭށެވެ.
- "ބޮޑީ ލެންގުއެޖް" ނުވަތަ "ހަށިގަނޑުގެ ބަހުރުވަ"އާމެދު ސަމާލުވާށެވެ. ތިބާގެ ހަރަކާތްތަކުން ތިބާގެ ބައިވެރިޔާއަށް މާނަ ނެގޭނެއެވެ. އެހެންކަމުން އޭނާއަށް ރުޅިވެރިކަން ފެނިދާނެ ފަދަ ހަރަކާތެއްނުކުރާށެވެ.
- ދެމަފިރިންގެ ދެމެދުގައި ހިނގާ "ހަނގުރާމަ"އަކުން ސަލާމަތްވުމަށް ދަރިން އައްޑަނައަކަށް ނުހަދާށެވެ. ސަބަބަކީ ދަރިންނަކީ ތިޔަ ދެ މީހުން ދެކެ ވެސް ލޯބިވާ ކުދިންނެވެ.
- ވީ އެންމެ އަވަހަކަށް މައްސަލަ ހައްލުކޮށްލާށެވެ. ދެ މީހުންގެ ދެމެދުގައި ނުތަނަވަސްކަން އިތުރުވި ވަރަކަށް މައްސަލައިގެ ނުރައްކާތެރިކަން ބޮޑުވާނެއެވެ.
- ޒިންމާ ނަގާށެވެ. ފުރާފުރިހަމަވުމަކީ ކުށެއް ނުކުރެވޭނެއެކޭ ނޫނެވެ. ކުށެއް ކުރެވުމުން އެ ކަމަށް މައާފަށް އެދުމުގެ ވިސްނުންތެރިކަމާއި ހިތްވަރު ހުންނަންޖެހޭނެއެވެ. ގޯސް ހެދުނީ ތިބާއަށް ކަމަށްވާ ނަމަ މައާފަށް އެދޭށެވެ. ގޯހީ ތިބާ ކަމަށް އޭނާ ބުނެފި ނަމަ، އޭނާއަށް މައާފުކުރާށެވެ.
- ޖެހުނު މައްސަލަ ތަކުރާރުވިޔަނުދިނުމަށް ނުވަތަ އެ ފަދަ މައްސަލައަކުން ނުކުންނަ ނަތީޖާ އިތުރަށް ގޯސްނުވާނެ މަގެއް ހޯދައިށެވެ.
- ބައްދާލާށެވެ. ބޮސްދޭށެވެ. ގުޅުން އާކޮށްލާށެވެ. އެއްދާންކުރާށެވެ.
- މައްސަލައާމެދު ހީލާ، ސަމާސާކޮށްލައިށެވެ. ދަތިއުނދަގޫ މައްސަލަތަކުގެ ތެރޭން ވެސް މަޖާކަމެއް ފެނޭތޯ ބަލައިލައިށެވެ. އެއްވެސް ތޫފާނަކީ ދާއިމީ އެއްޗެއް ނޫނެވެ. އޭގެ ތެރެއިން ތިޔަ ދެމަފިރިން ނުކުންނާނީ ދެ މީހުންގެ ދެމެދުގައިވާ ގުޅުން އިތުރަށް ގާތްވެ، ވަރުގަދަވެގެންނެވެ.
މި ބަލައިލި 21 ކަންތަކުން އެނގެނީ ދެމަފިރިންގެ ދެމެދުގައިވާ ލޯތްބަށް ސަމާލުކަން ދިނުމުން، އެ ލޯބީގެ އަގުވަޒަންކުރެވޭނެކަމެވެ. އެއީ "ހަނގުރާމަ"އެއްކޮށްގެން ވެސް ދިފާއުކުރަން ޖެހޭ ލޯތްބެއްކަން ހާމަވާނެއެވެ.
ނޯޓު: ތަރުޖަމާއެއް



advertisment