Support Us

ކޮލަމް: ރަންދެލި

ކޮލަމް ރަންދެލި: ލަފުޒުތަކުގެ ކުޅިވަރު

ކޮންމެ ލަފުޒަކަށްވެސް ޚާއްޞަ ވުޖޫދެއް ވެއެވެ. އަހުރެމެންގެ ދުލުން ލަފުޒެއް ބޭރުކުރުމާއެކު، އެ ލަފުޒެއްގެ މާނަ ދެނެގަނެ، ފަހުމުކުރުމުގެ މަސައްކަތް ފެށެއެވެ. އަހުރެންނަށް ފާހަގަ ކުރެވެނީ ލަފުޒުތަކުގައި އޮންނަނީ ހަމައެކަނި މާނައެއް ނޫންކަމެވެ. ލަފުޒުތަކުގައި ދަތްވެސް ހުރެއެވެ. އަދި ދަތްވެސް އަޅައެވެ. ލަފުޒުތަކުގައި ޒަހަރުވެސް އެކުލެވިގެން ވެއެވެ. ވިހަވެސް ލައެވެ. ބައެއް ލަފުޒުތައް މާމުޔަށްވުރެ ފޮންޏެވެ. އަދި ބައެއް ލަފުޒުތައް ހަބަރަށްވުރެ ހިތްޗެވެ. ބައެއް ލަފުޒުތައް ކިރަށް ވުރެ ހުދެވެ. އަދި އަނެއްބައި ލަފުޒުތައް އެންދެރިއަށް ވުރެ ކަޅެވެ. ބައެއް ލަފުޒުތަކުގައި ދިރުމާއި ފަނާވުން އެކުލެވިގެން ވެއެވެ. ބައެއް ލަފުޒުތަކުގައި އުފަލާއި ހިތްހަމަޖެހުން އެކުލެވިގެން ވެއެވެ. ބައެއް ލަފުޒުތަކުގައި ހިތާމައާއި ހިތްދަތިކަން ވެސް އެކުލެވިގެން ވެއެވެ.

ބައެއް ފަހަރު، ލަފުޒުތަކަކީ މާމެލާމެލި ފަދަ އެއްޗެކެވެ. ވީމާ ރަނގަޅަށް ވިސްނައި ފިކުރު ކުރުމަށްފަހު ލަފުޒުތަކުގެ ބޭނުން ހިފާށެވެ. ތިބާ ބޭނުންކުރާ ލަފުޒުތަކުން، ތިބާގެ ކިބައިގައި ހުރި އަޚުލާޤެއްގެ ވަސް ނޫނީ އެހެން މީހުންނަކަށް ނުދުވާނެއެވެ.

ތިރީގައި އެވަނީ، މީގެ 201 އަހަރު ކުރިން، 1821 ވަނަ އަހަރުގެ ނޮވެމްބަރު 11ގައި އުފަންވި، ރަޝިޔާގެ މަޝްހޫރު ލިޔުންތެރިޔާ ޑޮސްތުވެސްކީއަށް ނިސްބަތް ކުރެވޭ ބުނުމެކެވެ. އޭނާ ނިޔާވީ 1881 ވަނަ އަހަރުއެވެ.

"ބަހުގެ ހަނގުރާމައިގައި ތެދު ބުނާ މީހާ ބަލިވެ ދެއެވެ. އެއީ އޭނާގެ ބަސް ބުނުން އޮންނަނީ ހަގީގަތް ފާޅުކުރުމުގެ ކަސްތަޅު އެޅުމުން ކަސްތަޅު އެޅިފައެވެ. ނަމަވެސް، ދޮގު ހަދާ މީހާ، ހަދަހަދައިގެން، އޭނަ ބޭނުން އެއްޗެއް ބުނުމުގެ މިނިވަންކަން އޮވެއެވެ!"

ލަފުޒުތަކަކީ ހީވެސް ނުކުރާ ފަދަ ބާރެއް އޭގައި އެކުލެވިގެންވާ އެއްޗެކެވެ. ހިތްވަރާއި، ޖަޒުބާތާއި އަދި ހިތާމަވެރިކަން އުފެއްދުމުގެ ބާރު ލަފުޒުތަކަށް ލިބިގެންވެއެވެ. ގުޅުންތައް ހަލާކުކޮށްލާ ނުވަތަ ޢާއިލާތައް ފުނޑުފުނޑުވެގެން ދިއުމަށް މެދުވެރިވާ ހިތި ހަނގުރާމަތައް ފެށުމުގެ ބާރު ލަފުޒުތަކުގެ ކިބައިގައި އެކުލެވިގެންވެއެވެ. ލަފުޒުތަކުގެ ސަބަބުން ދޭދޭ ޤައުމުތަކުގެ މެދުގައި އޮންނަ ގުޅުންތައް ވަރުގަދަވާއިރު، ބައެއް ފަހަރު ލަފުޒުތަކުގެ ސަބަބުން އިސްވާރުންނާއި އެމީހުންނަށް ތަބާވާ މީހުން ލަދުގަންނަވާލާ، ދެރަކޮށް ނިކަމެތިކޮށް ލެވެއެވެ.

ލަފުޒުތައް ހަތިޔާރެއްގެ ގޮތުގައި ނުވަތަ ޝިފާ ލިބެނިވި ބޭހެއްގެ ގޮތުގައިވެސް ބޭނުން ކުރެވިދާނެއެވެ. ނަމަވެސް ބައެއް މީހުން ލަފުޒުތައް ބޭރުކޮށްލަނީ، ދުނިދަނޑިއެއްގައި ރުވާފައި ދޫކޮށްލާ ތީރެއްހެން، އެއިން ނުކުމެދާނެ ނަތީޖާއަކާ މެދު އެއްވެސް ފަރުވާލެއް ނެތިއެވެ. ކޮންމެ ލަފުޒަކާ އެކުވެސް ނަތީޖާތަކެއް އެކުލެވިގެންނެވެ. ހަމަ އެފަދައިން ކޮންމެ ހަނު ހުރުމެއްގައިވެސް ނަތީޖާތަކެއް އެކުލެވިގެން ވެއެވެ.

ތިބާ ބޭނުންކުރާ ލަފުޒުތަކުގެ ސަބަބުން އޭގައި ދިރުމެއް ނުވާ އެއްޗިއްސަށްވެސް ބަދަލުތަކެއް އާދެއެވެ. އަދި ތިބާ ބޭނުންކުރާ ލަފުޒުތަކުގެ ސަބަބުން ފެނަށް ބަދަލުތަކެއް އަންނަކަން އެނގޭ ހެއްޔެވެ؟

ޖަޕާނުގެ ސައިންސްވެރިއެއް ކަމަށްވާ މަސާރޫ އިމޯޓޯ ފެނާ މެދު ހަގީގަތުގައިވެސް ވަރަށް ޝައުގުވެރި ތަޖުރިބާއެއް ކުރިއެވެ. އޭނާ ހޯދި ހޯދުންތަކުން އެނގުނު ގޮތުގައި، ލަފުޒުތަކުން ހަގީގަތުގައި ފެނަށް ބަދަލުތަކެއް އާދެއެވެ! "ލޯބި" ނުވަތަ "ސުލްހަ" ފަދަ ފައްސި ލަފުޒުތައް ފެނާ މުޚާޠަބުކޮށް ބުނުމުން، އެއިން ސްނޯފްލޭކްސް ފަދަ ރީތި ޕެޓާންތަކެއް އުފެދިގެން ދެއެވެ. އެކަމަކު ނައްސި ލަފުޒުތައް ބޭނުން ކުރުމުން ކުރިން އުފެދުނު ސްނޯވްފްލޭކްސްއާއި ރީތި ޕެޓާންތައް ބައިބައިވެ ރޫޅި ހަލާކުވެގެން ދެއެވެ. މިކަމުން އަޅުގަނޑުމެންނަށް އެނގިގެންދަނީ ލަފުޒުތަކަކީ އަޅުގަނޑުމެންގެ ވަށައިގެންވާ އެންމެ ކުދިކުދި ކަންކަމަށްވެސް އަސަރު ފޯރުކޮށްދިނުމުގެ ފޮރުވިފައިވާ ބާރެއް އެކުލެވިގެންވާ އެއްޗެއް ކަމެވެ.

އަހަރުމެންގެ ދުލުން ބޭރުކުރެވޭ ލަފުޒުތަކުގެ ބާރު ބަޔާންކޮށްދޭ ހަގީގީ ވާހަކައެއް މިތަނުގައި ބަޔާންކޮށްލާނަމެވެ. އެއް ދުވަހަކު ކުޑަކުޑަ ތޯމަސް އެޑިސަން ސްކޫލުން ގެއަށް އައިސް، އޭނާގެ މަންމަ އަތަށް ސިޓީއެއް ދިނެވެ. ސިޓީ ދިނުމަށްފަހު އޭނާ ބުންޏެވެ.

"މަންމާއެވެ. އަޅުގަނޑުގެ މުދައްރިސް، މި ސިޓީ އަޅުގަނޑުގެ އަތަށް ދީފައި ބުނުއްވީ މި ސިޓީ ކިޔަން ޖެހޭނީ ހަމައެކަނި މަންމަ ކަމަށެވެ. މި ސިޓީގައި ބުނަނީ ކީކޭތޯއެވެ؟"

ދަރިފުޅަށް އެ ސިޓީ ބާރުބާރަށް ކިޔައިދެމުން ދިޔައިރު، ތޯމަސްގެ މަންމަގެ ލޮލުން ހޯސްލާފައި ކަރުނަ ފައިބަމުން ދިޔައެވެ.

"ދަރިފުޅަކީ ޖީނިއަސްއެކެވެ. މި ސްކޫލަކީ އޭނާއަށް މާ ކުޑަކުޑަ ސްކޫލަކަށްވެފައި، އަދި އޭނާއަށް ކިޔަވައިދެވޭ ފެންވަރުގެ ރަނގަޅު ޓީޗަރުންނެއް މިތާކު ނެތެވެ. ވީމާ، އޭނާއަށް އަމިއްލައަށް ކިޔަވައިދޭށެވެ."

އެއަށްފަހު، ތޯމަސްގެ މަންމަ، މި ދުނިޔެ ދޫކުރުމާ ހަމައަށް، ގޭގައި ތޯމަސް އަށް ކިޔަވައިދިނެވެ. ތޯމަސްގެ މަންމަ މަރުވިތާ އެތައް އަހަރެއް ފަހުން، ތޯމަސް ވެގެން ދިޔައީ އެ ގަރުނު ދުށް އެންމެ ބޮޑު އެއް އީޖާދުވެރިޔާއަށެވެ.

އެއް ދުވަހަކު ތޯމަސް، ގޭގައި ހުރި ދުވަސްވީ ބައެއް ތަކެތި ބަލަމުންދަނިކޮށް، އޭނާގެ ކުރީގެ މުދައްރިސް މަންމައަށް ލިޔުނު ސިޓީ ފެނުނެވެ. އޭނާ، އެ ސިޓީ ހުޅުވާލިއެވެ. އެ ސިޓީގައި ލިޔެފައިވެއެވެ.

"ތިބާގެ ދަރިފުޅަކީ ނަފްސާނީ ގޮތުން އުނި ކަންތައްތަކެއް ހުރި ކުއްޖެކެވެ. އަޅުގަނޑުމެންނަށް ދެން އިތުރަށް، އޭނާ އަޅުގަނޑުމެންގެ ސްކޫލުގައި ބެހެއްޓޭކަށް ނެތެވެ. ވީމާ އޭނާ ސްކޫލުން ވަކިކޮށްފީމެވެ."

އެޑިސަން އެ ސިޓީ ކިޔުމަށްފަހު ވަރަށް ޖަޒުބާތީވިއެވެ. އެއަށްފަހު، އޭނާގެ ޑައިރީގައި ލިޔުނެވެ.

"ތޯމަސް އޭ އެޑިސަންއަކީ ނަފްސާނީ ގޮތުން އުނި ކަންތައްތަކެއް ހުރި ކުއްޖެކެވެ. އެކަމަކު، އޭނާގެ މަންމަ، އޭނާ ގަރުނުގެ ޖީނިއަސްއަށް ބަދަލުކޮށްލިއެވެ."

ހަގީގަތުގައިވެސް ބަހަކީ ދެމިޔަލީ ކަނޑިއެކެވެ. ވާހަކަ ދެއްކުމުގައި ނުވަތަ ލިޔެކިއުމުގައި ބޭނުންކުރާ ބަހުގެ ސަބަބުން، މީހާ މީހަކަށް ހަދައިދީ، ހިތްވަރު އާލާކޮށްދީ، އާއުސްމިންތަކަށް ވާސިލުކޮށްދެއެވެ. ނުވަތަ ތިބާ ބޭނުންކުރާ ނޭއްގާނީ ބަސްތަކުގެ ސަބަބުން، އެ ބަސްތައް ރައްދުވާމީހާ ކުޑަކަކުލަށް ތިރިކޮށްލާ، ނުވަތަ އޭނާގެ ހުވިއްޔަތު ފަނާކޮށްލާ ވަސީލަތަކަށް ވެދެއެވެ. ވީމާ، ތިބާގެ އަނގައިން ބޭރުކޮށްލާ ބަސްތަކާ މެދު ވިސްނާ ފިކުރުކޮށްފައި ނޫނީ އަނގައިން އެ ބަސްތައް ބޭރުކޮށް ނުލާށެވެ. ޚިޔާލުތަފާތުވުންތަކާ އެކުވެސް އިހުތިރާމާއެކު މީހުންނާ މުޢާމަލާތު ކުރާށެވެ. އެއީ ތިބާގެ ބަލިކަށިކަން ދައްކުވައިދޭ ކަމެއް ނޫނެވެ. އެއީ ތިބާގެ ތަރުބިއްޔަތާއި ނަސްލުގެ މަތިވެރިކަން ދަލީލުކޮށްދޭ ކަމެކެވެ.

ލަފުޒުތަކުގައި ރަހަ އެކުލެވިގެން ވެއެވެ. ލަފުޒުތައް ދުލުން ބޭރުކޮށްލުމުގެ ކުރިން ރަހަބަލާފައި ބޭރުކުރާށެވެ. ވިސްނާ ފިކުރުކޮށްފައި ވާހަކަ ދައްކާށެވެ. ތިބާގެ ދޫ ދިގުވި ވަރަކަށް މީހުން ދެކޭނީ ތިބާއަކީ ބުއްދި އުނި މީހެއް ކަމުގައެވެ. އެހެނީ ކަންވާރެއްގެ އެތެރެ ހުސްވި ވަރަކަށް އޭގެއިން ނުކުންނަ އަޑު ގަދަވާނެއެވެ.

ކުރުކޮށް ބުނާނަމަ ލަފުޒުތަކުގައި ލޮލަށް ނުފެންނަ ބާރެއް އެކުލެވިގެންވެއެވެ. ތިބާ ލަފުޒުތައް ބޭނުންކުރާނީ ބިނާކުރުމަށް ނުވަތަ ފަނާކުރުމަށް ހެއްޔެވެ؟ ތިބާ ބޭނުން ކޮންމެ ގޮތެއް ޚިޔާރު ކުރުމުގެ މިނިވަންކަން ތިބާއަށް ލިބިގެންވެއެވެ. ތިބާ އިޚުތިޔާރުކުރާނީ މި ދެގޮތުން ކޮން ގޮތެއް ހެއްޔެވެ؟