މުއްސަނދިވުމަކީ ލޯބި ދާއިމަށް ދެމިއޮންނާނެކަމުގެ ޔަގީންކަން ލިބޭ ސަބަބެއް ނޫނެވެ. ލޯތްބަކީ މުޅިން އެހެން ކަމެކެވެ. ބައެއް ފަހަރަށް ވިސްނާވިސްނާ ވެސް އޭގެ ހަގީގަތް ނޭނގޭ ގުޅުމެކެވެ.
މި ބަލައިލަނީ މަޝްހޫރު މީހުންގެ މެދުގައި ކުރެވުނު އެންމެ އަގު ބޮޑު 10 ވަރިއަށެވެ. މި ލިސްޓް ހެދީ އިވެންބެޓްގޭމިންއިންނެވެ. މިއީ ސޮފްޓްވެއާ ހަދައިދޭ ކުންފުންޏެކެވެ.
1. ބިލް ގޭޓްސް އާއި މަލިންޑާ ގޭޓްސް:
އެންމެ އަގު ބޮޑު ވަރީގެ ލިސްޓްގެ އެއްވަނައަށް އަންނަނީ ބިލް ގޭޓްސް އާއި މަލިންޑާ ގޭޓްސް 27 އަހަރުގެ ޒަވާޖީ ހަޔާތެއް ވޭތުކުރުމަށް ފަހު 2021 ގައި ވީ ވަރިއެވެ. މި ވަރި ނިންމީ 76 ބިލިއަން ޑޮލަރު (1167 ބިލިއަން ރުފިޔާ)ގެ ބަދަލު ދިނުމަކުންނެވެ. ތަކެތީގެ އަގު މައްޗަށް ދިއުމަށް ނުވަތަ "އިންފްލޭޝަން" ނިސްބަތުން ބަލައިފި ނަމަ މިއީ 87.6 ބިލިއަން ޑޮލަރު (1345 ބިލިއަން ރުފިޔާ)ގެ އަގު ބޮޑު ވަރިއެކެވެ.

2. ޖެފް ބޭޒޮސް އާއި މެކެންޒީ ބޭޒޮސް:
ޖެފް ބޭޒޮސް އާއި މެކެންޒީ ބޭޒޮސް 2019 ގައި ވީ ވަރި ދެވަނައަށް އެންމެ އަގު ބޮޑު ވަރިއަކަށް ވީ 38 ބިލިއަން ޑޮލަރު (583 ބިލިއަން ރުފިޔާ)ގެ ބަދަލެއް ދީގެން ވީ ވަރިއަކަށްވާތީއެވެ. މިހާރުގެ އިންފްލޭޝަންއަށް ބަލާއިރު 45.3 ބިލިއަން ޑޮލަރު (695 ބިލިއަން ރުފިޔާ)އެވެ. ދުނިޔޭގައި މި ވަގުތު ހުރި އެންމެ މުއްސަނދި އަންހެންމީހާއަކީ މެކެންޒީއެވެ. އޭނާގެ މިލްކިއްޔާތުގައި 40.6 ބިލިއަން ޑޮލަރު (623 ބިލިއަން ރުފިޔާ) އެބަހުއްޓެވެ.

3. އެލެކް ވިލްޑެންސްޓައިން އާއި ޖޯސްލިން ވިލްޑެންސްޓައިން:
އެލެކް ވިލްޑެންސްޓައިން އާއި ޖޯސްލިން ވިލްޑެންސްޓައިން ވަރިވީ 1999 ގައެވެ. އެއީ 21 އަހަރުގެ ޒަވާޖީ ހަޔާތަކަށް ފަހުއެވެ. އިންފްލޭޝަންއަށް ބެލުމުން ވަރި ވީ ހަތް ބިލިއަން ޑޮލަރު (107 ބިލިއަން ރުފިޔާ)ގެ ބަދަލުދިނުމަކާއެކުއެވެ.

4. ރޫޕަޓް މާޑޮކް އާއި އެނާ މާޑޮކް މޭން:
ރޫޕަޓް މާޑޮކް އާއި އެނާ މާޑޮކް މޭން 1999 ގައި ވަރި ވީ 1.7 ބިލިއަން ޑޮލަރު (26 ބިލިއަން ރުފިޔާ)ގެ ބަދަލު ދިނުމަކާއެކުއެވެ. ހަތަރު ވަނައަށް އެންމެ އަގު ބޮޑު މި ވަރި މިހާރުގެ އިންފްލޭޝަންއަށް ބަލައިފި ނަމަ މިއީ 3.1 ބިލިއަން ޑޮލަރު (47 ބިލިއަން ރުފިޔާ)އެވެ.

5. ކާންޔޭ ވެސްޓް އާއި ކިމް ކާޑޭޝަން:
މި ވަރި އެންމެ އަގު ބޮޑު ވަރީގެ ލިސްޓުގެ ފަސް ވަނައިގައި ހިމެނެނީ 2.8 ބިލިއަން ޑޮލަރު (43 ބިލިއަން ރުފިޔާ) ބަދަލުގެ ގޮތުގައި ދީގެން ވީ ވަރިއަކަށް ވާތީއެވެ. ލިސްޓްގެ އެހެން މީހުންނާ ބަލާއިރު އެންމެ ކުރު މުއްދަތެއްގައި ކައިވެނިކޮށްގެން އުޅުނީ ވެސް ކާންޔޭ އާއި ކިމްއެވެ. އެ ގޮތުން މި ދެމަފިރިންގެ ޒަވާޖީ ހަޔާތް ދެމިގެންދިޔައީ އެންމެ ހަ އަހަރަށެވެ. އަދި ފާހަގަ ކުރެވޭ އަނެއް ކަމަކީ މި ލިސްޓްގައި ހިމެނޭ މަޝްހޫރު މީހުންގެ ތެރެއިން ފިރިމީހާއަށްވުރެ މުއްސަނދި އަންހެނަކީ ކިމްކަމެވެ.

6. އަދްނާން ހަޝޯގީ އާއި ސުރައްޔާ ހަޝޯގީ:
އަދްނާން ހަޝޯގީ އާއި ސުރައްޔާ ހަޝޯގީ 1980 ގައި ވަރިވީ 2.8 ބިލިއަން ޑޮލަރު (43 ބިލިއަން ރުފިޔާ)ގެ ބަދަލުދިނުމަކާއެކުއެވެ.

7. ބާނީ އެކްލެސްޓޯން އާއި ސްލާވިކާ އެކްލެސްޓޯން:
ބާނީ އާއި ސްލާވިކާ ވަރި ވީ 2.4 ބިލިއަން ޑޮލަރު (36 ބިލިއަން ރުފިޔާ)ގެ ބަދަލުދިނުމަކާއެކުއެވެ.

8. ބިލް ގްރޯސް އާއި ސޫ ގްރޯސް:
ބިލް އާއި ސޫ 32 އަހަރުގެ ޒަވާޖީ ހަޔާތަކަށް ފަހު ވަރި ވީ 1.6 ބިލިއަން ޑޮލަރު (24 ބިލިއަން ރުފިޔާ)ގެ ބަދަލުދިނުމަކާއެކުއެވެ.

9. ސްޓީވް ވިން އާއި އެލެއިން ވިން:
ސްޓީވް އާއި އެލެއިންގެ ވަރި އަންނަނީ އެންމެ އަގުބޮޑު ވަރީގެ ނުވަ ވަނައަށެވެ. އެއީ 1.4 ބިލިއަން ޑޮލަރު (21 ބިލިއަން ރުފިޔާ)ގެ ބަދަލުދިނުމަކާއެކު ވީ ވަރިއަކަށްވާތީއެވެ.

10. ހެރޮލްޑް ހަމް އާއި ސޫ އޭން އާނާލް:
ހެރޮލްޑް ހަމް އާއި ސޫ އޭން އާނާލް 2012 ގައި ވަރިވީ 1.3 ބިލިއަން ޑޮލަރު (19 ބިލިއަން ރުފިޔާ)ގެ ބަދަލުދިނުމަކާއެކުއެވެ. މި ދެމަފިރިންގެ ވަރި ހިމެނުމުން ދުނިޔޭގެ އެންމެ އަގު ބޮޑު 10 ވަރީގެ ލިސްޓް ހަމަވީއެވެ.

2 Responses
މި ލިޔުންތެރިޔާގެ މި ކޮލަމްގެ ނަމަކަށް މީތި ނުކިޔާތީ އޮންނާތީ، ހަމަ ހަގީގަތުގައި ވެސް އަހުރެން މިއިން ލިޔުމެއް ނުކިޔަމެވެ. ކޮލަމްގެ ނަން ފެންނަ ކޮންމެ ފަހަރަކު ފާޑެއްގެ ފޫއްސެއް ވަނީއެވެ. ސަޅި ކެޗީ ޓެގެއް ކަމަށް ހީވިޔަސް ނުކިޔާށޭ އޮތީމާ ސަޅިއެއް ނޫން. ޕޮސިޓިވް ފީލިންގްސް ބަދަލުގައި އަންނަނީ ނެގެޓިވް ފީލިންގުސް އެއް. އަޅުގަނޑު ހިތުން އަޅުގަނޑު ނޫނަސް މި ގޮތަށް އިހްސާސްވާ މީހުން ތިބޭނެ. މިއީ ވަރަށް އިޚްލާސްތެރިކަމާއެކު ފާޅުކުރާ ޚިޔާލެއް. އެހެންވީމާ ލިޔުންތެރިޔާ އަށް މި ވާހަކަ އަަންގާލަދޭތި.
އައްޒުވީ އެބުނީ ރަނގަޅަށް. ފީލިން ފޮނިކަމާއި ކިބުރުވެރިކަން. އެހެންވެގެން ބޮޑު ފޫއްސެއް.