Support Us

ކޮލަމް: މީތިނުކިޔާތި

ކޮލަމް މީތިނުކިޔާތި: ގުޅުން ކަނޑައިލަން ބޭނުންވާ ފިރިހެނުންގެ ފަރާތުން ލިބޭ 12 ސިގްނަލް

ދެ މީހެއްގެ ދެމެދުގައި އޮންނަ ގުޅުމުގައި ރަނގަޅު ކަންކަމާއި އަދި ރަނގަޅު ނޫން ކަންކަން ކުރިމަތިވުމަކީ އާއްމު ކަމެކެވެ. ބައެއް ފަހަރަށް ތިބާގެ ބައިވެރިޔާއާމެދު ވެވެނީ ވަރުގަދަ ލޯތްބެއްކަން އިހުސާސް ކުރެވޭއިރު އަނެއް ބައި ފަހަރު އޭނާއާމެދު ރުންކުރުވާކަން އިހުސާސް ކުރެވިދާނެއެވެ. އަދި ބައެއް ފަހަރު ތިބާ އާއި އޭނާއާ ދެމެދުގައި އޮތް ގުޅުމުގައި މައްސަލަ ޖެހިދާނެއެވެ.

އިލްމީ ދިރާސާތަކުން ދައްކާ ގޮތުގައި ދެ މީހެއްގެ ދެމެދުގައި އޮންނަ ގުޅުން ކެނޑުމުން ޑިޕްރެޝަން އާއި ހިތާމަ އާއި އެކަނިވެރިކަން ތިބާއަށް އިހުސާސް ކުރެވިދާނެއެވެ. ގުޅުން ކަނޑައިލުމަކީ އެއްވެސް މީހަކު އެދޭނެ ކަމެއް ނޫނެވެ. ނަމަވެސް އެއީ ހަމަ ވެދާނެ ކަމެކެވެ. އެ ގޮތުން ގުޅުމުގެ ފުރަތަމަ އަހަރު ތެރޭގައި ވެސް އެ ގުޅުން ނިމުމަކަށް އަތުވެދާނެއެވެ. ގުޅުން ފަސް އަހަރު ދުވަހަށް ދެމިގެން ހިނގައްޖެ ނަމަ، އެ ގުޅުން ފޭލިވުމުގެ ފުރުސަތު ކޮންމެ އަހަރަކު 10 ޕަސެންޓް ނިސްބަތުން ދަށަށް ދާނެއެވެ.

ތިބާގެ ބައިވެރިޔާއާދެމެދު އޮންނަ ގުޅުން ކުރިއަށް ގެންދިއުމާމެދު އޭނާގައި ޝައްކުތަކެއް އުފެދޭ ކަމަށް ނުވަތަ އެ ގުޅުމާމެދު އޮތް ޝައުގުވެރިކަން ނެތެނީ ކަމަށް ވެދާނެ ހާލަތު ވެސް ކުރިމަތިވެދާނެއެވެ. މި ބަލައިލަނީ ތިބާ އާއި އޭނާއާ ދެމެދު އޮތް ގުޅުމާމެދު އޭނާގެ ޝައުގުވެރިކަން ގެއްލުމުން އޭނާގެ ފަރާތުން ފެނިގެން ހިނގައިދާނެ 12 ނިޝާން ނުވަތަ ސިގްނަލެވެ.

  1. އަމިއްލަ ނަފުސުގެ ތެރެއަށް ގެއްލިގެންދިއުން:

ދިރާސާތަކުން ދައްކާ ގޮތުގައި މީހަކު ނުވަތަ ބަޔަކު އެ މީހަކު ބާކީކޮށްލައިފި ކަމަށް އެ މީހަކަށް އިހުސާސް ކުރެވިއްޖެ ނަމަ ބާކީކޮށްލި މީހާ އާއި ނުވަތަ ބާކީކޮށްލި ބަޔަކާ އެ މީހާ ދުރުވާނެއެވެ. އެއީ އޭނާގެ ހިތުގައި ޖެހޭ ކަހަލަ ކަންތައްތައް ކުރި ކަމަށް ނުވަތާ އޭނާއާމެދު ނުރަނގަޅު ގޮތަކަށް އެ މީހަކު ކަންތައްތައް ކުރިކަމަށް އޭނާއަށް އިހުސާސް ކުރެވުމުންނެވެ. ތިބާގެ ގާތުން އޭނާ ޖަޒުބާތީ ގޮތުން ދުރުވާއިރު އޭނާގެ ހިޔާލުތަކާއި ޖަޒުބާތުތައް ތިބާއާ ހިއްސާ ނުކޮށްފާނެއެވެ. އޭނާ ތިބާ ދެކެ ވާ ލޯބިން ދުރުވެގަނެ، ތިބާއާ އެއްދާން ކުރަން ވެސް ބޭނުން ނުވެދާނެއެވެ.

މީގެ އިތުރުން ޖިސްމާނީ ގޮތުން ވެސް އޭނާ އޭނާގެ އަމިއްލަ ނަފުސުގެ ތެރެއަށް ވަދެގެން ހިނގައިދާނެއެވެ. އެ ގޮތުން ތިބާއާ އެކުގައި ދިރިއުޅޭ ގެއިން ނުކުމެގެން ދިއުމާއި އަބަދުމެ ރަހްމަތްތެރިންނާއެކު ވަގުތު ހޭދަކުރަން ފަށައިފާނެއެވެ. އޭނާއަށް ލިބިފައިވާ ހިތާމައިގެ ވާހަކަ ތިބާއާ ހިއްސާ ނުކޮށްފާނެއެވެ. ތިބާ ކުރިކަމަކުން ނުވަތަ ބުނި އެއްޗަކުން އޭނާ ދެރަވީތޯ އޭނާގެ ގާތުން އަހައިލައިށެވެ. އޭނާއަށް ކުރެވުނު ހިތާމައިގެ އިހުސާސް ތިބާގެ ގާތުގައި ނުބުނަން ނިންމައިފި ނަމަ ނުވަތަ ތިބާއާ އޭނާއާ ދެމެދު އޮތް ގުޅުން އަލުން ރަނގަޅު ކުރަން އޭނާ ބޭނުން ނުވާ ނަމަ، އެ ކަމުން ދޭހަވާނީ ތިބާއާދެމެދު އޮތް ގުޅުމާމެދު އޭނާގެ ޝައުގުވެރިކަން މިހާރު ނެތް ކަމެވެ.

  1. ފާޅުކަން ބޮޑު ގޮތެއްގައި ފާޑުކިޔުން:

ތިބާގެ ފިރިމީހާ ކުއްލިއަކަށް ތިބާއަށް ފާޑުކިޔަން ފަށައިފި ނަމަ، ނުވަތަ ތިބާގެ ބޮލުގައި އިލްޒާމް އަޅުވަން ފަށައިފި ނަމަ، ނުވަތަ ތިބާއާމެދު އޭނާގެ ސިކުނޑިއަށް އުނދަގޫވެފައިވާކަން ދައްކާ ނަމަ، ތިބާއާމެދު އޮތް ލޯބި އޮޔާދަނީ ކަމަށް ވެދާނެއެވެ. ތިބާއަށް ފާޑުކިޔުމަކީ ތިބާއާދެމެދު އޮތް ގުޅުމުން ބޭރުވާން ބޭނުންވަނީ ކަމުގެ ނިޝާނަކަށް ވެދާނެއެވެ. މި ކަމުން ހާމަވާނީ އޭނާ ތިބާއާމެދު އަމަލުކުރާ ގޮތުގައި ތެދުވެރިކަމެއް ނެތް ކަމެވެ. ތިބާއާ ގުޅުން ކެނޑުނީ ތިބާގެ މައްސަލައަކާހުރެ ކަމަށް އޭނާ ދައްކަން ބޭނުންވަނީ ކަމަށްވެދާނެއެވެ.

  1. އަޅާލުން ކުޑަވުން:

ތިބާއާމެދު ނުވަތަ ތިބާއާދެމެދު އޮތް ގުޅުމާމެދު އޭނާގެ އަޅާލުން ކުޑަވާން ފެށުމުން ވަރަށް ސާފުކޮށް އެ ފެންނަނީ ތިބާ އާއި އޭނާއާދެމެދު އޮތް ގުޅުން އޮޔާ ދާން ފަށައިފި ކަމެވެ. އެ މީހަކު އަނެއް މީހާއަށް ދޭ ސަމާލުކަމާ އެއްވަރުގެ ސަމާލުކަމެއް އެ މީހަކަށް އަނބުރާ ނުލިބޭ ނަމަ، އެ ކަމުން ފާޑެއްގެ ހަސަދަވެރިކަމެއް ވެސް އަނެކާއާމެދު އުފެދިދާނެއެވެ.

ތިބާއާއި އޭނާއާދެމެދު އޮތް ގުޅުމާމެދު ދުޅަހެޔޮ ވަރެއްގެ ހަސަދަވެރިކަމެއް ނުބާއްވާ ނަމަ، މާނައީ، އެ ގުޅުން ރައްކާތެރިކުރުމަށް އޭނާ ހަނގުރާމަ ކުރަން ބޭނުންނުވާ ނަމަ، އޭގެ މާނައަކީ ތިބާއަށް އޮތް އޭނާގެ ލޯބި ނެތިދިޔައީ ކަމެވެ. މިކަން ޔަގީން ކުރަން ބޭނުން ނަމަ އޭނާގެ ގާތުގައި ސީދާ މި ސުވާލު ކުރާށެވެ. ތިބާއާމެދު އަޅާނުލަނީ ކީއްވެތޯ އަހާށެވެ. އަޅާލުން ކުޑަވީ ކީއްވެތޯ ތެދުވެރިކަމާއެކު ބުނުމަށް އެދޭށެވެ. ދެ މީހުންގެ ދެމެދުގައި އޮތް ގުޅުން ފިރުކެމުން ކުރިއަށް ދިއުމަށްވުރެ ތިބާއަށް ރަނގަޅު ގޮތަކަށްވާނީ ހީއެއްގެ މައްޗަށް ބަރޯސާ ނުވެ، ތެދުހަގީގަތް ތިބާއަށް އެނގުމެވެ.

  1. ތިބާގެ ފޯން ކޯލާއި ޓެކްސްޓް މެސެޖާއި އީމޭލަށް ޖަވާބުދިނުން ލަސްވުން:

މިހެން ދިމާވަނީ އޭނާ ތިބާ އެއްފަރާތްކޮށްލާތީ ނުވަތަ ތިބާ އެކަހެރިކޮށްލާތީއެވެ. އޭނާ ތިބާއާ ވާހަކަ ދައްކަން ބޭނުންނުވަނީ ކަމަށް ވެދާނެއެވެ. ތިބާގެ ހާލު ބަލަން ބޭނުންނުވަނީ ކަމަށް ވެދާނެއެވެ. ފޯން ކުރުމާއި މެސެޖް ފޮނުވުމުގައި އަބަދުވެސް އިސްނަގަނީ ތިބާ ކަމަށް ވާ ނަމަ، އޭގެން ދޭހަވަނީ ދެ މީހުންގެ ދެމެދުގައިވާ ގުޅުމުގައި ގޯހެއް އުޅޭ ކަމެވެ.

ތިބާއާމެދު އޭނާ އަޅާލުން ކުޑަވުން އެއީ ރަނގަޅު ސިގްނަލެއް ނޫނެވެ. ދެ މީހުންގެ ދެމެދުގައި އޮތް ގުޅުން ރަނގަޅު މަގުން ކުރިއަށްގެންދަން އަބަދަކު ތިބާއަށް އިސްނަގައިގެން ނޫޅެވޭނެއެވެ. ދުޅަހެޔޮ ގުޅުމެއްގައި އެ ގުޅުން ރަނގަޅުކުރަން ދެ މީހުން ވެސް އިސްނަގަންޖެހޭނެއެވެ.

  1. ކަންތައްތައް ރޭވުމާ ދުރުވުން:

ތިބާއާއެކު ބޭރަށް ޖައްސައިލައި ކައިލައި ބާޒާރުކޮށްލައި ހަދައިލަން އޭނާ ނޫޅޭ ނަމަ އެ ކަމުން ދޭހަވަނީ ތިބާ އާއި ތިބާއާދެމެދުގައި އޮތް ގުޅުމާމެދު މިހާރު އޭނާގެ ޝައުގުވެރިކަމެއް ނެތް ކަމެވެ. އެ ގުޅުމަކީ އޭނާއަށް މިހާރު އެންމެ މުހިންމު ކަންތައް ނޫން ކަމެވެ. އެއް އިރެއްގައި އެ ގުޅުން ހަރުދަނާކުރަން މަސައްކަތްކުރި ނަމަވެސްމެއެވެ. އަންހެނަކާ ރައްޓެހިވާ ފުރަތަމަކޮޅުގައި އެ އަންހެންމީހާއަށް ފިރިހެންމީހާ ވަރަށް ބޮޑު ސަމާލުކަމެއް ދޭނެއެވެ. ހަދިޔާ ގެނެސްދޭނެއެވެ. އެކުގައި ވަގުތު ހޭދަކުރާނެއެވެ.

ވަގުތު ފާއިތުވީވީހެން މި ފަދަ ކަންތައްތައް ކުރުމަށް އެދެވޭ އެދުން ކުޑަވާހެން ހީވަން ފަށާ ނަމަ، މީގެ މާނައަކީ ތިބާއާދެމެދު އޮތް ގުޅުމަށް މިހާރު އޭނާގެ ޝައުގުވެރިކަން ކުޑަވަމުންދާ ކަމެވެ. ވަގުތު ހޭދަ ކުރުމާއި ކެއުންތަކަށް ދިއުން ފަދަ ކަންތައްތައް ރާވަނީ މިހާރު ތިބާ ނަމަ އޭގެ މާނައަކީ އޭނާއާ ތިބާއާދެމެދު އޮތް ގުޅުމާމެދު ދެވަނަ ވިސްނުމަކަށް ތިބާއަށް ދާންޖެހިފައިވާ ކަމެވެ. ސަބަބަކީ އޭނާ ތިބާ ދާހާ ތަނަކަށް ނުވަތަ ކުރާހާ ކަމެއްގައި ބައިވެރިޔަސް އޭނާގެ ޝައުގުވެރިކަމެއް އެ ކަންތައްތަކަށް ނޯންނާނެތީއެވެ.

  1. އެހެން އަންހެނުންނާ ޖިންސީ ސަމާސާކުރުން:

އެހެން އަންހެނުންނާ ދިމާއަށް ޖިންސީ ކަޅި ހިންގާ ފިރިހެނުންނަކީ އެ މީހުންގެ ބައިވެރިންނަށް އިސްކަން ދޭ ބައެއް ނޫނެވެ. އެހެން އަންހެނުންނަށް ސަމާލުކަން ދޭން ނުޖެހޭއިރު ވެސް އެހެން އަންހެނުން ހޯދަން އުޅޭތީއެވެ. ތިބާގެ ގާތުގައި ހުންނައިރު ވެސް އެހެން އަންހެނުންނާ "ފްލާޓް" ނުވަތަ ޖިންސީ ސަމާސާކުރާ ނަމަ އެއީ ތިޔަ ދެމީހުންގެ ދެމެދުގައި އޮތް ގުޅުން ރަނގަޅު ނޫން ކަމުގެ ވަރަށް ނުބައި އަލާމާތެކެވެ. ތިބާއަށް އޭނާގެ ޝައުގުވެރިކަން އޮތްކަން ދައްކަން ވެސް އޭނާ މަސައްކަތް ނުކުރާތީއެވެ. އެ ފަދަ ފިރިންގެ އެ ފަދަ އަމަލުތައް ތިބާ ހަޖަމުކުރާކަށް ނުޖެހޭނެއެވެ. ނަމަވެސް މައްސަލަ ޖައްސަން ވާނީ ދެ މީހުން އެހެންމީހުންނާ ވަކިން ތިބޭ ވަގުތުގައި އެހެން މީހުންނަށް ނޭނގޭނެ ގޮތަށް ސިއްރިޔާތުގައެވެ. އެ ވަރުން ވެސް އޭނާގެ ކުށް އޭނާ ގަބޫލު ނުކޮށްފި ނަމަ ތިބާއަށް ތިޔައޮތީ ވަރުގަދަ މައްސަލައަކާ ކުރިމަތިލާން ޖެހިފައެވެ.

އެއާ ހިލާފަށް އޭނާ އެ ކަމާ ހިތާމަކޮށް މައާފަށް އެދިއްޖެ ނަމަ ތިބާއާ އޭނާއާ ދެމެދު އޮތް ގުޅުން ހަމަ މަގަށް އެޅުވުމުގެ އުއްމީދު އެބައޮތެވެ. ތިބާއަށްޓަކައި ރަނގަޅު ބަދަލެއް ހަޔާތަށް ގެންނަން ބޭނުންނުވާ ފިރިން ތިބާ ދިފާއު ނުކުރާށެވެ. އެ ފެންވަރަށް ތިބާ ނުވެއްޓޭށެވެ. އެހެން އަންހެނުންނާ ޖިންސީ ސަމާސާކުރާ ފިރިއަކަށްވުރެ ރަނގަޅު ބައިވެރިއަކު ތިބާއަށް ހައްގެވެ.

  1. ދެ މީހުންގެ ދެމެދުގައި އޮތް ގުޅުމާ ބެހޭ ގޮތުން ވާހަކަދައްކަން ބޭނުންނުވުން:

ބައިވެރިޔާއާއެކު އޮންނަ ގުޅުމާ ބެހޭ ގޮތުން ވާހަކަ ދައްކައި އަދި އެ ގުޅުން ހަރުދަނާކުރަން މަސައްކަތްނުކުރާ ފިރިހެނަކީ ދިގު މުއްދަތެއްގެ ގުޅުމެއް ބާއްވަން ތައްޔާރު މީހެއް ނޫނެވެ. ގުޅުން ރަނގަޅު ކުރުމަކީ ބުރަ މަސައްކަތުން ވާނެ ކަމެކެވެ. އިސްކަން ދޭ ކަންތައްތަކާއި ވެލިއުސް އާއި ފައިސާ އާއި ދެ މީހުންގެ ދެމެދުގައިވާ ގާތްކަމާ ބެހޭ ގޮތުން އެތައް އެތައް ވާހަކައެއް ދައްކަންޖެހޭނެއެވެ. ދެ މީހުންގެ ދެމެދުގައި އޮންނަ ގުޅުން ވަރުގަދަ ކުރެވޭނީ މި ގޮތަށް އަމަލުކޮށްގެންނެވެ.

ތިބާ އާއި އޭނާއާ ދެމެދު އޮންނަ ގުޅުމާމެދު ތިބާ ހަމަ ވާހަކަ ދައްކަން ފަށާއިރަށް އޭނާ މައުލޫ ބަދަލުކޮށްލާ ނަމަ ނުވަތަ އެ ކަމާ ވާހަކަ ދެއްކުން ހުއްޓައިލައި ނަމަ އެއީ ނުބައި ސިގްނަލެކެވެ. ތިބާއާ އޭނާއާދެމެދު އޮތް ގުޅުމުގެ މުހިންމު ކަންތައްތަކަށް އޭނާ ސަމާލުކަން ނުދޭ ނަމަ އޭގެ މާނައަކީ ތިބާ އާއި އޭނާއާދެމެދު އޮތް ގުޅުމަކީ އޭނާއަށް މާ މުހިންމު އެއްޗެއް ނޫން ކަމެވެ. ޝައްކެއް ވެސް ނެތް ގޮތުގައި މިކަމުން ދޭހަކޮށްދެނީ ދުރުކުރިމަގަކަށް ގުޅުން ކުރިއަށްގެންދަން އޭނާ ތައްޔާރު ނޫން ކަމެވެ.

  1. ސާފުތާހިރުކަމަށް ސަމާލުކަން ނުދިނުން:

މިހެން ހަދަނީ އޭނާއާ ތިބާ ޖިސްމާނީ ގޮތުން ގާތްވުމަށް އޭނާ ބޭނުންނުވާތީއެވެ. ފެންވަރައި ތުނބުޅި ބާލަން އޭނާ މިހާރު ބޭނުންނުވާ ނަމަ ތިބާއަށް އޮތް ލޯބީގެ އިހުސާސްތައް އޭނާގެ ކިބައިން ނެތިދިޔައީއެވެ. ސާފުތާހިރުވުމަށް ސަމާލުކަން ނުދިނުމުން އެ ދެނީ ވަރަށް ސާފު މެސެޖެކެވެ؛ ތިބާއާ އޭނާއާ ދެމެދު އޮތް ރޮމޭންޓިކް ލޯބި މިހާރު މަރުވެއްޖެއެވެ. ނުވަތަ ދަނީ މަރުވަމުން ކަމެވެ.

އޭނާ ދިފާއުކުރަން ނޫޅޭށެވެ. އެއީ އޭނާގެ ތޮބީއަތް ކަމަށް ބުނެގެންނެވެ. ތިބާއާ އަލަށް ރައްޓެހިވި ދުވަސްކޮޅު އޭނާގެ ކަންތައްތައް ހުރި ގޮތް ހަނދާނަށް ގެންނާށެވެ. ޝަހުވާނީ ގޮތުން އެދެވޭ ގޮތްގޮތަށް އޭނާގެ ރީތިކަން ބަހައްޓައި، ސެންޓް ޖަހައި ރީތިވެ، ނަލަވެގެން އުޅުނު ގޮތެވެ. މި ސިފަތައް އޭނާގެ ކިބައިގައި މިހާރު ނެތް ނަމަ، އޭގެ މާނައަކީ ތިބާއަށް އޭނާގެ ހިތުގައި އޮތް ލޯބި ފަނޑުވަމުން ދަނީ ކަމެވެ.

  1. ލޯބިން ފިރުމައިނުލުން:

ތިބާގެ ގައިގައި އަތްލައި ބައްދައިލައި ކަހަލަ ކަންތައްތައް އޭނާ މިހާރު ނުކުރާ ނަމަ އެއީ ތިބާއާ އޭނާއާ ދެމެދު އޮތް ގުޅުން ރަނގަޅު ނޫންކަން ދޭހަކޮށްދޭ ނިޝާނެކެވެ. ސަބަބަކީ މި ފަދަ ޖިސްމާނީ ގާތްކަމަކީ ދެ މީހުންގެ ދެމެދުގައި އޮތް ގުޅުމުގެ ބަޔަކަށްވާތީއެވެ. ތިބާ އޭނާގެ ގައިގައި ބައްދައިލައި ބޮސް ދީ ހެދުމުން އޭނާއަށް ނުތަނަވަސްކަން ލިބޭހެން ހީވާ ނަމަ އޭގެ މާނައަކީ ތިބާއާ އޭނާއާ ދެމެދު އޮތް ގުޅުން މިހާރު ރަނގަޅު ނޫން ކަމެވެ.

އެއްދާން ކުރުމަށް ބޭނުންވުމަކީ ލޯބިވަނީ ކަމުގެ ސިގްނަލެއް ނޫނެވެ. ޖިސްމާނީ އެދުމަކީ ޖަޒުބާތީ ލޯތްބެއް ނޫނެވެ. ވަރަށް ގިނަ އަންހެނުންނަށް މި ކަން އޮޅުން އަރައެވެ. ލޯބީގެ ޖަޒުބާތެއް ނެތި ޖިސްމާނީ ގުޅުމެއް ބާއްވަން ފިރިހެނަކު އެދުމަކީ އަންހެނަކާމެދު އޭނާ ޝައުގުވެރިވުމެއް ނޫނެވެ.

މި ކަހަލަ ކަންތައްތަކެއް އުޅޭކަން އިހުސާސް ކުރެވޭ ނަމަ ތިބާގެ ބައިވެރިޔާއާ އެ ވާހަކަދައްކާށެވެ. އޭނާ މި ކަމާ ދެކޮޅު ހަދައިފި ނަމަ ނުވަތަ އެ ކަމާ އަޅާނުލައިފި ނަމަ ތިބާއާއެކު ދިގު މުއްދަތެއް ހޭދަކުރަން އޭނާ ބޭނުންނުވަނީއެވެ. މިހެން ކަމަށް ވަނީ ނަމަ ތިބާއާމެދު ހަގީގަތުގައި އަޅާލާ އަދި ދިގު މުއްދަތެއް ހޭދަކުރަން ބޭނުންވާ ބައިވެރިޔަކު އަވަހަށް ހޯދާށެވެ.

  1. ތިބާގެ ރަހްމަތްތެރިންނާއި އާއިލާއާ ގާތްވާން ބޭނުންނުވުން:

ދެ މީހުންގެ ދެމެދުގައި ރަނގަޅު ގުޅުމެއް އޮތުމުގެ އެއް ހެއްކަކީ ބައިވެރިޔާގެ އާއިލާ އާއި ރަހްމަތްތެރިންނާ ގާތް ގުޅުމެއް ބޭއްވުމެވެ. ތިބާގެ ރަހްމަތްތެރިންނާއި އާއިލާގެ މެންބަރުންނާ ބައްދަލުކޮށް ދެނެގަތުމެވެ.

ތިބާގެ ބައިވެރިޔާ ތިބާގެ ރަހްމަތްތެރިންނާއެކު ވަގުތު ހޭދަ ނުކުރުމާއި ތިބާގެ އާއިލާގެ މެންބަރުންގެ ގާތަށް ޒިޔާރަތް ނުކުރާ ނަމަ އޭގެ މާނައަކީ ތިބާއާއެކު އޭނާ އުޅެން ބޭނުން ނުވުމެވެ. އެއީ ތިބާއަށް މުހިންމު މީހުން އޭނާއަށް މުހިންމު މީހުން ކަމުގައި އޭނާ ނުދެކޭތީއެވެ. އެއާ ހިލާފަށް އޭނާ ބޭނުންވަނީ އޭނާގެ ރަހްމަތްތެރިންނާއި އޭނާގެ އާއިލާގެ މެންބަރުންނާއެކު ވަގުތު ހޭދަކުރަން ކަމަށް ވެދާނެއެވެ. ތިބާގެ އާއިލާގެ ގާތަށް ތިބާ ޒިޔާރަތް ކުރާއިރު ތިބާއާއެކު އޭނާ ވެސް ދިއުމަށް އެދުމުން އޭނާ ޝަކުވާ ކޮށްފާނެއެވެ.

މި ހުންނަނީ ވިސްނައިލަން ޖެހޭ ކަންކަމެވެ. މިއީ އާދައިގެ ކަމެއް ނޫނެވެ. މި ކަމުން ދޭހަކޮށްދެނީ ތިބާއަށް އޭނާގެ ޝައުގުވެރިކަމެއް ނެތް ކަމެވެ. ތިބާއަށް މުހިންމު ކަންތައްތައް އޭނާއަށް މުހިންމު ނޫން ކަމެވެ. ތިބާއާ އޭނާއާ ދެމެދު އޮތް ގުޅުމާމެދު އޭނާގެ ފަރުވާލެއް ނެތް ކަމެވެ.

  1. ތިބާގެ ނަފުސުގެ ހާލަތާއި ދުވަސް ވޭތުވި ގޮތާމެދު އަޅާނުލުން:

ތިބާގެ ނަފުސުގެ ހާލަތާއި ދުވަހުގެ ކަންތައްތައް ދިޔަ ގޮތާއި ތިބާ އަމަލުކުރި ގޮތާ ބެހޭ ގޮތުން ތިބާގެ ބައިވެރިޔާ އަޅާނުލާ ނަމަ އޭގެން ދޭހަވެދާނެ ކަމަކީ ތިބާގެ ނަފުސާއި ތިބާގެ ހަޔާތާމެދު އޭނާގެ ޝައުގުވެރިކަމެއް ނެތް ކަމެވެ. ދެ މީހެއްގެ ދެމެދުގައި އޮންނަ ގުޅުމެއްގައި އެކަކު އަނެކަކާމެދު އެއްވަރަކަށް އަޅާލުން އޮންނަން ޖެހޭނެއެވެ. ކަންތައްތަކާމެދު ފިކުރު ކުރަނީ ނުވަތަ އަޅާލަނީ ހަމައެކަނި ތިބާ ކަމަށްވަނީ ނަމަ އޭގެ މާނައަކީ ތިބާގެ ބައިވެރިޔާ ތިބާއާމެދު އޮތް ޝައުގުވެރިކަން ނެތިދަނީއެވެ.

މި މޭރުމުން ވިސްނާލެވިދާނެ ކަންތައްތަކުގެ ތެރޭގައި ބައިވެރިޔާ ޝައުގުވެރިވަނީ ހަމައެކަނި އޭނާގެ އަމިއްލަ ނަފުސުގެ ކަންތައްތަކާމެދުތޯ ބަލައިލެވިދާނެއެވެ. ތިބާގެ ކަންތައްތަކާމެދު ސުވާލުކޮށްލުމުގެ ބަދަލުގައި އޭނާ ފިކުރުކުރަނީ ހަމައެކަނި އޭނާގެ ނަފުސާމެދުތޯ ބަލައިލެވިދާނެއެވެ. ސަބަބަކީ މި ފަދަ ކަންތައްތަކަކީ އަމިއްލަ އެދުން ބޮޑު މީހެއްގެ ސިފަތަކެވެ. ފުރާފުރިހަމަވެފައިވާ ބޮޑު މީހަކު އޭނާ ގުޅުން ބާއްވާ ބައިވެރިޔަކާމެދު ކަންތައްތައްކުރާނީ މި ފަދަ އަމިއްލަ އެދުންތައް ނެތިއެވެ.

  1. ތިބާއަށް އިހުތިރާމް ނުކުރުން:

ތިބާގެ ބޮލުގައި އިލްޒާމް އަޅުވައި، ތިބާއާހެދި އުނދަގޫވެފައިވާ ކަހަލަ ނަޒަރަކުން ބަލައި، ތިބާއަށް އިހުތިރާމް ނުކުރުމަކީ ތިބާ އާއި ތިބާއާ ދެމެދު އޮތް ގުޅުމަށް އޭނާގެ ޝައުގުވެރިކަން ކުޑަވަމުންދާ ކަމުގެ ސިގްނަލްތަކެވެ. ދުޅަހެޔޮ ގުޅުމެއްގައި ތިބާގެ ބައިވެރިޔާ ތިބާއާ އަޅާލުން ބަހައްޓާނެއެވެ. ތިބާއަށް ގަދަރުކޮށް ތިބާގެ އަގުކުރާނެއެވެ. ތިބާ ޝައުގުވެރިވާ ކަންތައްތަކަށް ފަރުވާ ބަހައްޓާނެއެވެ. ތިބާއަށް އިހުތިރާމް ކުރާކަން ދައްކައިދޭނެ ގޮތްތައް ހޯދައި ދެނެގަންނާނެއެވެ. އެއާ ހިލާފަށް ތިބާއާ މެދު އޮންނަ ޝައުގުވެރިކަން އޭނާގެ ހިތުން ފިލަން ފަށައިފި ނަމަ ތިބާ އާއި ތިބާއަށް މުހިންމުވާ އެއްޗެއްސާއި ކަންތައްތަކަށް އޭނާ ފަރުވާ ކުޑަކުރަން ފަށާނެއެވެ. އެހާތަނުން އޭނާ ފަށާނީ ހަމައެކަނި އޭނާގެ ނަފުސަށް ސަމާލުކަން ދިނުމަށެވެ. ތިބާ އާއި ތިބާ ޝައުގުވެރިވާ ކަންތައްތަކަށް ސަމާލުކަމެއް ނުދޭނެއެވެ.

ތިބާއާ ރުންކުރުކޮށް ނުވަތަ "ރޫޑް"ކޮށް ވެސް މުއާމަލާތްކުރަން ފަށައިފާނެއެވެ. މި ކަމުން ތިބާގެ ހިތަށް ތަދުވާނެއެވެ. ނަމަވެސް އޭނާގެ ހިތް އޮތީ ކިހިނެތްކަން ހާމަވާނެއެވެ. އޭނާ ތިބާއަށް އިހުތިރާމް ނުކުރާ ނަމަ އެ ކަން ބަރުދާސްތު ނުކުރާށެވެ. ސަބަބަކީ ދެން ގުޅުން ބަދަލުވެގެންދާނީ އިހުތިރާމެއް ނެތް ގުޅުމަކަށެވެ. ތިބާއަށް އިހުތިރާމް ނުކުރާ ފިރިހެނަކަށް ތިބާގެ ޖަޒުބާތީ ހަކަތަ ހޭދަކުރުމަކީ އަގެއް ނެތް ކަމެކެވެ. އެ ފަދަ މީހަކާ ދެމެދު އޮންނަ ގުޅުން ހަމައަކަށް އެޅުވުމަކީ ބޭނުން ކަމެއް ނޫނެވެ. އޭނާގެ ޝައުގުވެރިކަން ތިބާއަކަށް މިހާރަކު ނެތެވެ. އެހެންވީމާ އެންމެ ރަނގަޅު ވާނީ ތިބާ ވެސް އޭނާއާ ދުރަށް ދިޔައިއްޔާއެވެ.

މި ބަލައިލީ ގުޅުން ކަނޑައިލަން ބޭނުންވާ ފިރިހެނުންގެ ފަރާތުން ލިބޭ 12 ސިގްނަލްއަކަށެވެ. މި ފަދަ ބައިވެރިއަކާ އެއްކޮށް ގުޅުން ކަނޑައިލުމުގެ ކުރިން އޭނާއާ ތެދުތެދަށް ވާހަކަދައްކާށެވެ. ދެ މީހުންގެ ދެމެދުގައި އުފެދުނު މައްސަލަތަކުގެ މުހިންމު ނުގުތާތަކާއި އެންމެ ބޮޑު މައްސަލައަކަށް ދިމާވީ ކޮން ކަމެއްތޯއާމެދުއެވެ. އެހެނީ އޭނާ ވެސް އެދޭ ނަމަ އަލުން ދެ މީހުންގެ ގުޅުން ރަނގަޅު ކުރެވިދާނެތީއެވެ. ނަމަވެސް އޭނާ ހަގީގަތުގައި ވެސް ބޭނުންވަނީ ތިބާއާ އެއްކޮށް ގުޅުން ކަނޑައިލަން ކަމަށް ސާފުކޮށް ބުނެފި ނަމަ، ތިބާއަށް އެހެން ރަނގަޅު ބައިވެރިޔަކު ލިބުމަކީ މާ ބޮޑަށް ވެސް ތިބާއަށް ލިބެން ޖެހޭ ނަފާއެކެވެ.

 

ނޯޓު: ތަރުޖަމާއެއް