ޒުވާން އަންހެންކުއްޖަކު މުސްކުޅި އަންހެނެއްގެ ގާތުގައި އެއްސެވެ: "ހަޔާތުގައި ހަމަ ހަގީގަތުގައި ވެސް ރަހްމަތްތެރިންނަކީ ބޭނުންތެރި ބައެއް ހެއްޔެވެ؟"
މުސްކުޅި އަންހެންމީހާ ބުންޏެވެ: "އާނއެކެވެ. ހަޔާތަކީ ވަރަށް ހަލަބޮލި އެއްޗެކެވެ. އެ މީހުންގެ ތެރެއިން ތިބާއާމެދު ކަތިނަޒަރަކުން ނުބަލާ މީހުންނަކީ މުހިންމު ބައެކެވެ. އެއީ ތިބާގެ ހުރިހާ އުދާސްތައް ބޭރުކޮށްލައި، ތިބާ ވާހަކަދައްކަން ބޭނުންވާ އެތައް ގަޑިއިރަކު އަޑުއަހާނެ ރަނގަޅު ރަހްމަތްތެރިންނެވެ. އެ ބައެއްގެ ކޮނޑުގައި ބޯއަޅައިލައިގެން ތިބާއަށް ރޯލެވޭނެ ފުރުސަތު ދޭނެ ބައެކެވެ. ތިބާއަށް ޖަޒުބާތީ ހިތްހަމަޖެހުން ގެނެސްދޭނެ ބައެކެވެ. އެހެން އެއްވެސް މީހަކު ތިބާގެ ގާތުގައި ނުވާ ހިނދު ތިބާގެ ގާތުގައި ވާނެ ބައެކެވެ. ތިބާގެ އުފާވެރި ވަގުތުތަކުގައި ބައިވެރިވެ، ތިބާއަށް ކުރިމަތިވާ ދަތި ދުވަސްތަކުގައި ހިތްވަރު ދޭނެ ބައެކެވެ."
ޒުވާން އަންހެންކުއްޖާ ދެން ސުވާލުކުރިއެވެ: "’ފޭކު' ރަހްމަތްތެރިއަކީ ދުޝްމަނަކަށްވުރެ ނުރައްކާތެރި މީހެއް ކަމަށް ބުނާބުނުމަކީ ތެދެއް ހެއްޔެވެ؟"
މުސްކުޅި އަންހެންމީހާ ޖަވާބުދިނެވެ: "އާނއެކެވެ. ސަބަބަކީ ތިބާއަށް ތިބާގެ ދުޝްމަނަކީ ކާކުކަން އެނގޭނެއެވެ. އަދި މިހެންވެ އެ މީހުން ތިބާގެ ގާތަށް އަޔަނުދޭން އެނގޭނެއެވެ. ނަމަވެސް އެއާހިލާފަށް ހަގީގީ ނޫން ރަހްމަތްތެރިން ހަގީގީ ރަހްމަތްތެރިންކަމަށް ހެދެން މަސައްކަތްކުރާނެއެވެ. ތިބާގެ އިތުބާރު ހޯދުމަށް މަސައްކަތްކުރަމުންދާނެއެވެ. ތިބާގެ ނިކަމެތި ސިފަތަކަކީ ކޮބައިތޯ ބަލައި، ތިބާގެ ސިއްރުތަކާއި ހުވަފެންތައް ދެނެގަންނާނެއެވެ. މިހެންވުމުން ތިބާ ކުޅޭކުޅޭ އެއްޗެއްހެން ގެންގުޅެލުމަށް ފިތާލަންވީ ކޮން ސުވިޗަކަށްކަން އެ މީހުން ދެނެގަންނާނެއެވެ. އަދި ތިބާއަށް ލަނޑެއް ދޭން އެ މީހުންނަށް އެނގޭނެއެވެ."
ޒުވާން އަންހެންކުއްޖާ ސުވާލުކުރިއެވެ: "ފޭކު ރަހްމަތްތެރިންގެ ކިބައިން އަހަރެން ސަލާމަތްވާނީ ކިހިނެތް ހެއްޔެވެ؟"
ޖަވާބު ނުދީ މުސްކުޅި އަންހެންމީހާ އިރުކޮޅަކު މަޑުކޮށްލިއެވެ. ދެން ޒުވާން އަންހެންކުއްޖާގެ ގާތުގައި އެއްސެވެ: "ކުޑަ ބަގީޗާއަކާއި ޖަންގައްޔަކަށް ބަލައިފި ނަމަ، ގިނައިން ހަރުފަ އާއި ނަގުލަންދާށި އުޅޭނީ އެ ތަނުން ކޮން ތަނެއްގައި ހެއްޔެވެ؟"
އަންހެންކުއްޖާ ޖަވާބުދިނެވެ: "ހަމަ ޔަގީނުން ވެސް ޖަންގަލީގައެވެ!"
މުސްކުޅި އަންހެންމީހާ ދެން ހިނިތުންވެލިއެވެ. އަދި ބުންޏެވެ: "ރަނގަޅެވެ! ތިބާގެ ރަހްމަތްތެރިންގެ އަދަދު މަދު ނަމަ، ކުޑަ ބަގީޗާއެއް ފަދައިން ފިކުރުކުރަން ޖެހޭ ކަންތައްތައް މަދުވާނެއެވެ. މާނައީ ހަރުފަ އާއި ނަގުލަންދާށްޓާއި އަދި މީދާ ވެސް މަދުވާނެއެވެ. ތިބާ އުޅެނީ މަދު ބަޔަކާއެކީ ކަމަށްވާ ނަމަ، ކުރިމަތިވާ މައްސަލަތައް މަދުވާނެއެވެ. ޒުވާން އުމުރުގައި އަހަރެންގެ ވަރަށް ގިނަ ރަހްމަތްތެރިން ތިއްބެވެ. ނަމަވެސް އުމުރުން ދުވަސްވީ ވަރަކަށް އަހަރެންނަށް ވިސްނެމުން ދިޔަ ރަނގަޅު ގޮތްތައް ވެސް އިތުރުވިއެވެ. އަދި އަހަރެންގެ ރަހްމަތްތެރިންގެ އަދަދު މަދުވިއެވެ. އަހަރެންނަށް ވިސްނުނީ ރަހްމަތްތެރިކަމަށް ބަލާއިރު މުހިންމީ އަދަދެއް ނޫންކަމެވެ. ނަމަވެސް 'ކޮލިޓީ’އެވެ. ކޮންމެ މީހަކީ ތިބާގެ ރަހްމަތްތެރިއެއް ނޫނެވެ. އެ ގޮތަށް ހީކުރުމަކީ މޮޔަ ކަމެކެވެ. ތިބާގެ ވަރަށް ގިނަ 'ރައްޓެހިން' ތިބެދާނެއެވެ. ނަމަވެސް އެއީކީ 'ރަހްމަތްތެރިންނެއް' ނޫނެވެ. ރައްޓެހިންނާއި ރަހްމަތްތެރިންނަކީ ތަފާތު ދެ ބައެކެވެ. ހަގީގީ ރަހްމަތްތެރިންނަކީ ތިބާ ލޯބިވާ އަދި އިތުބާރުކުރާ މަދު ބައެކެވެ. ފޭކް ރަހްމަތްތެރިންގެ ތެރެއަށް ނުވެއްޓި ހުރެވޭނީ ތިބާ ގެންގުޅޭ ރަހްމަތްތެރިންގެ އަދަދު މަދުކުރިއްޔާއެވެ."
ނޯޓު: ތަރުޖަމާއެއް
