Support Us

ކޮލަމް: މީތިނުކިޔާތި

ކޮލަމް މީތިނުކިޔާތި: ރަނގަޅު ފިރިއަކަށްވާން ބޭނުންތަ؟ ވަރަށް ފަސޭހަ ކަމެއް!

ރަނގަޅު ފިރިއަކަށްވާން ބޭނުން ހެއްޔެވެ؟ އެހެން ނަމަ، އަނބިމީހާ ހިތްހަމަޖެހޭ ފަދަ ފިރިއަކަށްވުމަށް މުހިންމު 23 ކަމަކަށް ބަލައިލައިނަމެވެ.

އަޑުއެހުން:

ތިބާ ވާން ވާނީ އަނބިމީހާގެ ވިސްނުންތަކާއި ވާހަކަތައް އަޑުއަހާ މީހަކަށެވެ. އަންހެނުން ބޭނުންވަނީ ހުރިހާ ކަމެއް މަޝްވަރާ ކުރެވޭނެ ފިރިއެކެވެ. ޖަޒުބާތީ އެކުވެރިއެކެވެ.

ހަނުހުރުން:

އަނބިމީހާ ނުބައި މޫޑެއްގައި ހުންނަ ވަގުތު ހަނުހުންނަން ތިބާއަށް އެނގެން ޖެހޭނެއެވެ.

މުވާސަލާތްކުރުން:

މުވާސަލާތް ކުރުމުގެ ހުނަރު ތިބާއަށް އެނގެންވާނެއެވެ. އެއީ ސީދާސީދާ ކަމަށް ވިޔަސް ނުވަތަ ފޯނުން ވިޔަސްމެއެވެ. އެ ގޮތުން އަނބިމީހާގެ ކަންތައްތައް ދާ ގޮތް ބަލައި އޭނާއާއެކު ކަންތައްތަކުގައި މަސްއޫލުވެ އޭނާއާ ވާހަކަ ދައްކައި އޭނާގެ އެކަނިވެރިކަން ފިލުވައިދޭށެވެ.

މަގުދައްކައިދިނުން:

ޒަވާޖީ ހަޔާތެއްގައި ކުރިއަށްދާ ދެމަފިރިންގެ ގޮތުގައި އަނބިމީހާއަށް ކަންތައްތަކާމެދު ޔަގީންކަން ދީ، ކުރިމަގުގެ ލަނޑުދަނޑިތަކެއް ހާމަކޮށް، އަދި އާއިލާގެ ކަންތައްތަކުގައި އިސްވެ ހަރަކާތްތެރިވާށެވެ.

ވަފާތެރިވުން:

އަނބިމީހާއަށް ވަފާތެރިވާށެވެ. އެހެން އަންހެނުންނާ ގާތްނުވާށެވެ.

އޭނާގެ "ފަހަތުން ދުވުން":

ކައިވެންޏަށް ކިތަންމެ ގިނަ ދުވަހެއް ވެފައިވާ ނަމަވެސް، އޭނާއާއެކު "ޑޭޓް"ކުރުން ކަހަލަ ކަންތައްތައް ކުރިއަށްގެންދާށެވެ. އޭނާއަކީ ހާއްސަ މީހެއްކަން އިހުސާސްކޮށްދޭށެވެ. އޭނާއަށް ތައުރީފު ކުރާށެވެ. އޭނާއާ "ފްލަރޓް" ނުވަތަ ޖިންސީ ސަމާސާ ކުރާށެވެ. އޭނާގެ ހިތް އަވަސްވާ ކަހަލަ ކަންތައްތައް ކުރާށެވެ. އޭނާއަކީ ތިބާގެ ރާނީގެ ގޮތުގައި އޭނާއަށް އިހުސާސް ކޮށްދޭށެވެ.

އަމިއްލަ ނަފުސަށް ކުރާ އިތުބާރު ވަރުގަދަކޮށްދިނުން:

އަނބިމީހާ އަމިއްލަ ނަފުސަށް ކުރާ އިތުބާރު އިތުރުކޮށްދިނުމަށް އެހީވާށެވެ. އޭނާގެ ވަހުމްތަކާއި ޝައްކުތައް ފުހެލައިދޭށެވެ. އޭނާގެ ބިރުތައް ނައްތައިލަދޭން އެހީވާށެވެ. އޭނާގެ މޫޑު ދަށަށް ދާ ވަގުތު އޭނާ އުފާކޮށްދޭށެވެ. އޭނާގެ ރީތިކަން އޭނާއަށް އިހުސާސްކޮށްދޭށެވެ.

ދުއާ ކޮށްދިނުން:

ތިބާ ކުރާ ދުއާގައި ތިބާގެ އަނބިމީހާ އާއި ދަރިން ޝާމިލު ކުރާށެވެ. އެ ގޮތުން ތިބާގެ އާއިލާ ތިބާގެ ދުއާގައި ހިމަނާށެވެ.

ހިތްހަމަޖައްސައިދިނުން:

އަނބިމީހާ ރޯ ނަމަ ތިބާ ވާންޖެހޭނީ އޭނާ ބޯއަޅާލާނެ ކޮނޑަކަށެވެ. ދުނިޔޭގެ ކަންތައްތަކާ އޭނާ ހާސްވާ ވަގުތު ތިބާ ވާންވާނީ އޭނާގެ ހިތްހަމަޖެހުމަށެވެ. އޭނާއަށް ރައްކާތެރިކަން ލިއްބައިދޭ ރަޖާގަނޑަކަށެވެ.

އެއްދާން ކުރުން:

އަނބިމީހާއަކީ ބޭނުންތެރި މީހެއްގެ ގޮތުގައި އޭނާއަށް އިހުސާސްކޮށްދޭށެވެ. އޭނާގެ ޖިސްމާނީ އެދުންތައް ފުއްދައިދޭށެވެ.

ހަރަދު ބެލެހެއްޓުން:

ގޭތެރޭގެ ހަރަދު ބެލެހެއްޓުމުގައި ތިބާ އަދާކުރަންޖެހޭ ދައުރު ފުރިހަމަކުރާށެވެ. ތިބާއަށް ލިބޭ އާމްދަނީ އަށްވުރެ އަނބިމީހާއަށް ލިބޭ އާމްދަނީ ބޮޑަސް ނުވަތަ ނޫނަސް މެއެވެ. ތިބާގެ އާއިލާއަށް ދޭންޖެހޭ އެހީ ދޭށެވެ. އަދި އާމްދަނީ އިތުރު ކުރަން ބޭނުންވާ ގޮތްތައް ވެސް ހޯދައި އެކަމަށް ހަރަދު ކުރާށެވެ. އެ ގޮތުން އިންވެސްޓް ވެސް ކުރެވިދާނެއެވެ.

ހިތްވަރު ދިނުން:

އަނބިމީހާއަށް ކުރިމަތިވާ ތޫފާންތަކުގައި ތިބާ ވާންޖެހޭނީ ރަނގަޅު ނަސޭހަތް ދޭ ފަރާތަށެވެ. އޭނާއާމެދު ފުރިހަމަ ޔަގީންކަން އޮތް ކަމަށް ބުނާ މީހާއަށެވެ. ކޮންމެ ކަމެއް ވެސް ކުރެވިދާނެ ކަމުގެ ހިތްވަރު އޭނާގެ ކިބައިގައި ހުރިކަން އަންގައިދޭ ފަރާތަށެވެ.

ސުލްހަ ގާއިމުކުރުން:

ތިބާ ވާންޖެހޭނީ ސުލްހަ ގާއިމު ކުރާ މީހާއަށެވެ. ކަންތައްތަކުގައި ހުޅުފަޅައިގެންދާ ވަގުތު އެއަށް ފެން އަޅައި ނިއްވާލާ މީހާއަށެވެ. ހަޔާތުގައި ބޭކާރު "ޑްރާމާ"ތައް ކުޅެން ޖާގަ ނުދޭ މީހާއަށެވެ.

ހީނސަމާސާކުރުން:

އަނބިމީހާގެ ކިބައިން ހިނިތުންވުން ނެރޭށެވެ. އޭނާއަށް ހުނުން ގެނެސްދޭނެ ކަންތައްތައް ކުރާށެވެ. ތިބާއަކީ އޭނާ ހެއްވާލާ މީހާ ކަމަށް ވާށެވެ. ތިބާއާ ދުރުގައިވާ ވަގުތުތަކުގައި ވެސް އޭނާ ހެވިފައި ހުންނާނެ ވަރުގެ ކަންތައްތައް ކޮށްލާށެވެ.

ރައްކާތެރިކަން ދިނުން:

މި ދުނިޔެއަކީ އަންހެނަކަށް ބޮޑު ގޮންޖެހުމަކަށް ވެދާނެއެވެ. އޭނާގެ މަންމަ، ދައްތަ، ރަހުމަތްތެރިން، މަސައްކަތު މާހައުލުގެ ވެރިން އަދި ނުދަންނަ މީހުންގެ ފަރާތުން ވެސް ތަފާތު "ނުރައްކާތައް" އޭނާއަށް ކުރިމަތިވެދާނެއެވެ. އޭނާއަށް ރައްކާތެރިކަން ދޭށެވެ. އަދި ތިބާއަކީ މި ފަދަ ދަނޑިވަޅުތަކުގައި އޭނާ އާއެކު ވާ އެކުވެރިޔާއަށް ވާށެވެ.

ކަންތައްތައް ކޮށްދިނުން:

ތިބާގެ "އީގޯ" އެއްފަރާތް ކޮށްފައި ތިބާގެ އަނބިމީހާއަށާއި އާއިލާއަށް ކަންތައްތައް ކޮށްދޭށެވެ. އޭނާ އަމިއްލަ އަށް ނޭދުނަސް ތިބާ އަމިއްލައަށް އިސްނަގައިގެން އެފަދަ ކަންތައްތައް ކޮށްދޭށެވެ. އޭނާ ބޭނުންވަނީ ކޮން ކަންތައްތަކެއްތޯ ކުރިއަށް ލަފާކުރާށެވެ. އަދި އޭނާގެ ބަތަލަކަށް ވާށެވެ. އިސްނެގުމަކީ އެހީވުމެވެ.

އަނބިމީހާގެ ހަތުރަކަށް ނުވުން:

ވިސްނައިނުލައި އުޅެފި ނަމަ ބައެއް ފަހަރަށް އަނބިމީހާގެ އެންމެ ބޮޑު ދުޝްމިނަކަށް ފިރިމީހާ ވެދާނެއެވެ. ސަބަބަކީ ޖިސްމާނީ ގޮތުންނާއި ނަފުސާނީ ގޮތުންނާއި ޖިންސީ ގޮތުންނާއި މާލީ ގޮތުން އެންމެ ބޮޑު ދެރައެއް އޭނާއަށް ދެވޭނީ ތިބާ ކަމަށް ވާތީއެވެ. ތިބާ ހުރީ އޭނާއާ އެންމެ ގާތުގައި އެ ފަދަ މަގާމެއްގައި ކަމަށް ވާތީއެވެ.

"އިންސްޕަޔާ" ކޮށްދިނުން:

އަނބިމީހާގެ ގާތުގައި ތިބާ ބުނާ ބަސްތަކަކީ ވަރަށް ބުރަދަން ހުރި އެއްޗެކެވެ. ތައުރީފުގެ ބަސްތަކާއި ހިތްވަރު ދިނުމުން ހަޔާތުގައި ކުރިއަށް ދިއުމަށް އޭނާއަށް ފުދެއެވެ. ތިބާ ވާންވާނީ އަބަދުވެސް އޭނާއަށް ހަކަތަ ލިއްބައިދޭ ފަރާތަށެވެ.

އެހީވުމާއި ތާއީދު ކުރުން:

އަނބިމީހާ ދެކޭ ހުވަފެންތަކާއި އޭނާގެ ހަޔާތުގެ އަމާޒުފަތްގަނޑުތަކާމެދު އަޅައިލައި މީހަކަށް ތިބާ ވާށެވެ. އޭނާގެ އަމިއްލަ ނަފުސާމެދު އޭނާ ދެކޭ ގޮތް ދެމެހެއްޓުމަށް ތިބާ އެހީތެރިވެދޭށެވެ. ގޭގައި ކުރާ މަސައްކަތްތަކަށް ލުއިކަމެއް ދީ، ގޭތެރޭގެ މަސައްކަތްތަކުގައި ތިބާ ވެސް ބައިވެރިވާށެވެ. އެކަނި އުޅޭ މީހެއްގެ ބަދަލުގައި އާއިލާގެ ތެރޭގައި އަނބިމީހާ އާއެކު "ޓީމެ"އްގެ ގޮތުގައި ތިބާ އުޅޭށެވެ.

ދެމެހެއްޓެނިވި ރައްކާތެރިކަން ދިނުން:

ތިބާއަކީ އަބަދުވެސް ރަނގަޅު ގޮތުގައި ހުންނަ މީހަކަށް ވާށެވެ. އަނބިމީހާއަށް އަބަދުވެސް އެހީގެ އަތެއް ފޯރުކޮށްދީގެން އުޅޭށެވެ. މިހެން ހެދުމުން އަންހެނުންގެ އެތެރޭގައި ހަރުލާފައިވާ ލޯބި ބޭރަށް ނުކުންނާނެއެވެ.

ބީހުން:

އަންހެނުންގެ ހަމަކީ ވަރަށް "ސެންސިޓިވް" އެއްޗެކެވެ. ބީހުމުން ވަރަށް ގިނަ އަދި ވަރުގަދަ އިހުސާސްތަކެއް ކުރެވޭނެއެވެ. މިހެންވެ ބީހުމަށް އެ މީހުން ވަރަށް އެދެއެވެ. އަނގައިން ބަހެއް ނުބުނެ ހަމައެކަނި ބީހުމުން މުވާސަލާތު ކުރަން ވެސް ދަސްކުރާށެވެ. އޭނާގެ ބުރަކަށީގައި ފިރުމާލާށެވެ. އޭނާގެ އަރިކަށީގައި ހިފަހައްޓައިލާށެވެ. އޭނާގެ ހަމުގައި ފިރުމާލާށެވެ. އަދި ގައިގައި ބައްދައިލުން ކަހަލަ ކަންތައްތައް ކުރާށެވެ.

ތިބާއަކީ އަނބިމީހާއަށް ބޭނުންވެފައިވާ ފިރިއެއްކަން އިހުސާސް ކޮށްދިނުން:

ތިބާއަކީ އަނބިމީހާގެ ގާތުގައި ވުމަށް އެދޭ ފިރިއެއްކަން އޭނާއަށް އިހުސާސް ކޮށްދޭށެވެ. ތިބާއަކީ ވެސް ރައްކާތެރިކަން ބޭނުންވާ މީހެއްކަން އަނގައިދޭށެވެ. ކުރިން މި ބުނި ކަންތައްތައް ތިބާއަށް ވެސް ކޮށްދޭން އަނބިމީހާގެ ގާތުގައި އެދޭށެވެ.

މާތް ﷲ އާ ކުއްތަން ވުމަށް އެހީވެދިނުން:

ކުރިން މި ބުނި ހުރިހާ ކަމެއްގެ އިތުރުން މާތް ﷲ އާ ތިބާގެ އަނބިމީހާ ގާތްކޮށްދިނުމަށް އަބަދުމެއަބަދު މަސައްކަތް ކުރާށެވެ. އެ ކަލާނގެ އާ ކުއްތަންވުމުގައި ތިބާ އިސްނަގާށެވެ.

މިއީ އަނބިމީހާ ހިތްހަމަޖެހޭ ފިރިއަކަށް ވާން ތިބާއަށް ކުރެވިދާނެ 23 ކަމެކެވެ. މި ކަންކަމައިގެން ކުރިއަށް ދާށެވެ.

ނޯޓު: ތަރުޖަމާއެއް