2004ގެ ސުނާމީ
ދިވެހިރާއްޖެއަށް އަދި އޭޝިއާ ބައްރަށް މިފަހަކަށް އައިސް ދިމާވި އެންމެ ހިތާމަވެރި އެއް ކާރިސާއަކީ، 2004 ވަނަ އަހަރުގެ ޑިސެމްބަރު 26 ވަނަ ދުވަހު، އިންޑޮނޭޝިޔާގެ އައްސޭރިފަށުން އުފެދިގެން އައި، ރެކްޓަރ މިންގަނޑުން 9.1 މެގްނިޓިއުޑުގެ ބާރުގަދަ ސުނާމީއެވެ. މި ބާރުގަދަ ސުނާމީގެ ސަބަބުން، އިންޑިއާ ކަނޑުގެ ގިނަ ޤައުމުތަކެއްގެ އާބާދީގެ ވަރަށްބޮޑު ޕަސެންޓެއް އެކުގައިހެން ނައްތައިލިއެވެ.
އެ ދުވަހު ހެނދުނު އަޅުގަނޑުވެސް އޮފީހަށް އައިސް، 9.00 ގައި ބާއްވާ ޑިޕާޓްމަންޓް ހެޑްސްގެ މީޓިންގައި، ސެނެކޯ މާލަމްގައި އިންދާ، މެޓް އޮފީހުގެ ކުއްލި ޚަބަރެއް ލިބުނުކަން ނިއުސްރޫމުން އަޅުގަނޑަށް އިޝާރާތެއް އަތުވެއްޖެއެވެ. އެއީ، ރާއްޖޭގެ ބައެއް ރަށްރަށަށް ސުނާމީއެއް އަރާފާނެ ކަމުގެ ބިރުވެރި އިންޒާރެވެ.
ރޭޑިއޯގެ ނިއުސްރޫމް ވަނީ، މިކަހަލަ ކުއްލި ޚަބަރަށް ތައްޔާރުވެފައެވެ. އަޅުގަނޑުމެން އަވަހަށް މީޓިންގ ނިންމާލުމަށްފަހު އޮފީހުގެ ގޯތިތެރެއަށް ނިކުމެއްޖައީމެވެ.

ރޭޑިއޯގެ ނިވުސްރޫމާއި ޑިޕާޓްމަންޓް އޮފް މިޓިއޮރޮލޮޖިކަލް ސެންޓަރާ ހުރީ ގުޅިފައެވެ. އެވަގުތު ރޭޑިއޯގެ ކޮންޓިނިޔުޓީ ސްޓޫޑިއޯގައި އިން އެނައުންސަރާއި ނިވުސްރޫމާ ވަނީ ގުޅިފައެވެ. އެހެންކަމުން، މެޓް އޮފީހުން ރައްޔިތުންނަށް އަންގަން ބޭނުންވާ މެސެޖްތައް ދިޔައީ، ވަގުތުން ދިވެހިރާއްޖޭގެ އަޑުން ބްރޯޑްކާސްޓް ވަމުންނެވެ.
އަޅުގަނޑުމެން އަޑުގެ ގޯތިތެރެއަށް ނިކުތްއިރު، މާލޭގެ ހުޅަނގު ފަރާތުން ރާޅުއަރަން ފަށައިފިއެވެ. އެ ފަރާތުގައި ހުރި ބައެއް ދޯނިފަހަރުވެސް، އުސްވަމުން އަންނަ ދިޔަވަރާއެކު އެއްގަމަށް އަރައިފިއެވެ.

ދިވެހިރާއްޖޭގެއަޑު ޢިމާރާތްކޮށްފައި ހުރީ ތަންކޮޅެއް އުހުގައި ކަމުން، ދޮރުން ވަދެގެން އައި ރާޅު، އިމާރާތުގެ އެތެރެއަށް ނުވަދެ، ވަކި ހިސާބަކުން ހުއްޓިއްޖެއެވެ. ނަމަވެސް، އެ ރާޅު މަގުތަކަށް ފެތުރެމުން ގޮސް، ބައެއް ގެތަކުގެ އެތެރެއަށް ވަންނަން ފަށައިފިއެވެ.
މާފަންނުގައި އިމާރާތްކޮށްފައި މިވާ އަޑުގެ އިމާރާތުގެ އެތެރެއަށް ފެންގަނޑު ދެމިނުގަތަކަސް، ހެންވޭރުގައި ހުރި ޓްރާންސްމިޓިންގ ސްޓޭޝަނަށް ފެންގަނޑު ވަނުން ވަރަށް ގާތެވެ. އެހެންވެ އެ ތަނުގެ ހާލަތުގެ ބަލަން، އަޑުގެ ޓީމެއް ގޮވައިގެން، ޕިކަޕަކަށް އަރައިގެން، ހެންވޭރުގައި ހުރި އިމާރާތާ ދިމާލަށް ދަތުރު ފަށައިފީމެވެ.


އަޅުގަނޑުމެނަށް ދެވުނު އިރުވެސް، އަޑީޕާކް އޮތީ ދިޔަ ބޮޑުކޮށްލާފައެވެ. އަދިވެސް ރާޅުދަނީ އަރަމުންނެވެ. އަޑީޕާކްގައި ޖަހާފައިވާ އެންޓެނާ ދަނޑިތައް ޙިމާޔަތްކުރަން ރާނާފައިވާ ރޭނުންގަނޑުގެ ތެރެއަށް ލޮނުވަދެ، އެންޓެނާގެ ވަޔަރިންގ ވަނީ ލޮނުގެ އަޑީގައެވެ.

ޗީފް ޓެކްނީޝަން ކޮނޑޭ ޢަލިމަނިކުގެ އެންމެ އިސްކަމެއްގެ ގޮތުގައި ދެކިލެއްވީ، އެންޓެނާތައް ސަލާމަތް ކުރެއްވުމެވެ.
މާލެއާއި ރާއްޖެތެރެ ވަނީ ގުޅުން ކެނޑިފައެވެ. ރަށްރަށުގައި ހުރި ދިރާގުގެ ގިނަ ޓަވަރުތަކަކަށް ގެއްލުންތަކެއް ލިބުމުގެ ސަބަބުން، GSM ނެޓްވާރކް ހަލާކުވެ، ބައެއް ރަށްރަށަށް ފޯނުގެ ގުޅުންވެސް ވަނީ ކެނޑިފައެވެ. މުޅި ރާއްޖެތެރެއަށް އަޑު ފޯރުކޮށްދޭ ދިވެހިރާއްޖޭގެ އަޑު ވަނީ ހުއްޓިފައެވެ. މި ހާސްކަމުގެ ތެރެއިން މައިޒާން އަޙުމަދުމަނިކުގެ ވިސްނުމުގެ ދަށުން ކުއްލި ޕްރޮޖެކްޓެއް އުފަން ކުރައްވައިފިއެވެ.

މާލޭގެ ސޯޝަލް ސެންޓަރުގައި އެވަގުތު ހިންގަމުން ގެންދަވާ، ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރާއި ދިވެހިރާއްޖޭގެ އަޑާ ގުޅިގެން، ދިވެހިރާއްޖޭގެ އަޑުގެ ޓްރާންސްމިޓިންގ ސްޓޭޝަން، (މިހާރުގެ "ސެނެހިޔާ" ހޮސްޕިޓަލް) ގެ ފެންޑާއެއްގެ ތެރޭގައި، އެޗް.އެފް ޓްރާންސްމީޓަރަކުން، ކާރިސާގެ ޚަބަރުތައް ރާއްޖެތެރެއިން ހޯދުމުގެ މަސައްކަތް ފެށިއްޖެއެވެ.
މައިޒާން އަޙުމަދު މަނިކުގެ މި ޓީމުގައި ދެން ތިއްބެވީ، ކޮނޑޭ އަލިމަނިކު، އިއްސޭ އަދި އަޙުމަދު ރަމީޒް (އަންދު) އެވެ. މި މަސައްކަތް ގާތްގަނޑަކަށް މަހެއްހާ ދުވަހަށް ކުރިއަށް ގެންދެވިއެވެ. އެއީ، ދިރާގުގެ GSM ނެޓްވާރކް މަރާމާތުކޮށް ނިމިގެން، ދިރާގުން ޚިދުމަތް ދޭން ފެށެންދެންނެވެ. އަތޮޅުތެރޭގައި ޙަރަކާތްތެރިވަމުންދާ ދިވެހިރާއްޖޭގެ އަޑުގެ ޓީމާއި މި ޓީމާ ވަނީ ގުޅިފައެވެ.

ދިވެހިރާއްޖޭގެ އަޑު އަތޮޅުތެރޭގައި
ސުނާމީގައި އެންމެ ޙާލު ބޮޑުވި އަތޮޅުތަކަށް ދިވެހިރާއްޖޭގެ އަޑުގެ ޓީމެއް ދަތުރުކޮށް، އެ ހިސާބުތަކުގެ ޚަބަރުތަކާއި، އަދި ކާރިސާއިން އަރައިގަތުމުގައި ކަންތައް ހިނގަމުންދާ ގޮތް، ރޭޑިއޯއިން ގެނެސްދިނުމުގެ މަޤުޞަދުގައި، ގިނަ އަތޮޅުތަކަކަށް ދިޔައެވެ. މިކަން އިންތިޒާމް ކޮށްދެއްވީ، ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރުގެ ފަރާތުންނެވެ.
މި ދަތުރުތަކުގައި، އަޑުގެ ޓީމް ކޮންމެ ދުވަހަކު އެއްކުރާ މަޢުލޫމާތު، އެ ރަށެއްގައި ތިބެގެން ރޭޑިއޯއިން ވަގުތުން ފޮނުވޭ ގޮތަށް، އަޑުގެ ޓެކްނިކަލް ޓީމުން ވަނީ، ތައްޔާރުވެފައެވެ. އަދި އަޅުގަނޑުމެން ދަތުރުކުރި އުޅަނދުގައި، ޕްރޮގްރާމް އުފައްދާ ސްޓޫޑިއޯއެއްގެ މަސައްކަތްވެސް ކުރެވޭ ގޮތަށް ވަނީ، ތައްޔާރުވެފައެވެ.

މިދަތުރުގެ އެންމެ ބޮޑު ބޭނުމަކީ، ސުނާމީގައި ޙާލުގައި ޖެހިފައިވާ ފަރާތްތަކުގެ މަޢުލޫމާތު ދެނެގަތުމާއި، އެ ހިތްދަތިކަމުން އަރައިގަތުމަށް، ރައްޔިތުން ކުރަމުންގެންދިޔަ ބުރަ އަދި އަސަރުކުރުވަނިވި މަސައްކަތް، ރޭޑިއޯ މެދުވެރިކޮށް، މުޅި ރާއްޖެއަށް އަންގައިދިނުމެވެ. އަދި ދިވެހިރާއްޖޭގެ އަޑު ވަނީ، އެމީހުންނާ އެކުގައިކަން، ޢަމަލީ ގޮތުން ދައްކައިދިނުމެވެ.
އަޅުގަނޑުމެންގެ ދަތުރުގެ ހުރިހާ ބައިވެރިންވެސް މަސައްކަތްކުރަމުން ގެންދިޔައީ، އެއްވެސް އަރާމެއްނެތިއެވެ. ދަތުރުގެ ހަމަ ކޮންމެ މިނިޓަކީވެސް، ތަފާތު އިޙުސާސްތައް އަޅުގަނޑުމެނަށް ވެރިކުރުވި މިނިޓެކެވެ. އަސަރެވެ. ހާސްކަމެވެ. ބިރެވެ. އަދި ހިތާމައެވެ.

ވާހަކަދައްކާލަން ކުރިމަތިވާ ކޮންމެ މީހަކުވެސް ކިޔައިދެނީ، އަސަރުން ފުރިގެންވާ ވާހަކައެކެވެ. ހިތާމައާއި ބިރުވެރިކަން އެކުލެވިގެންވާ ތަޖުރިބާ ތަކެކެވެ. އަޅުގަނޑުމެންގެ ދަތުރުވެސް މުޅިން ބަރާބަރަކަށް ނުދިޔައެވެ. ދަތުރުމަތީގައި ހޮޑުލެވޭ ކުދިންނާއި ދަތުރު ކުރިއަށް ނުގެންދެވިގެން، ބައެއް ރަށްރަށުގެ ހޮސްޕިޓަލުގައި ވަގުތީ ގޮތުން އެޑްމިޓްކުރަންޖެހުނު ކުދިންވެސް ތިއްބެވެ. ނަމަވެސް އެކުދިންވެސް ހިތްވަރާއެކު މަސައްކަތްކުރީ، ސުނާމީގެ ޚަބަރުތައް ވީހާ ސާފެއްކޮށް ރައްޔިތުންނާ ހަމައަށް ގެނެސްދެވޭތޯ މަސައްކަތް ކުރުމުގައެވެ.

ދިވެހިރާއްޖޭގެ އަޑުގެ ޓީމު މާލެއިން ފުރައިގެން ވ. އަތޮޅުގެ ބައެއް ރަށްރަށުގެ މަސައްކަތް ނިންމުމަށްފަހު، މ. އަތޮޅަށް މިސްރާބު ޖެހުމާއެކު، ޓީމްގެ ބައެއް ކުދިން މޭނުބައިކޮށް ހޮޑުލެވޭގޮތް ވާންފެށިއެވެ. ފެނުނު ތަންތަނުގެ ސަބަބުން ކަމެއް، ކަނޑުމަތީގެ ސަބަބުން ކަމެއް ދަންނަވާކަށް ނޭނގެއެވެ.

ހާލު ބޮޑުވި ބައެއް ކުދިން މާލެއަށް ފޮނުވާލުމުގެ އިންތިޒާމް ހަމަޖެއްސުމަށްފަހު، އަނެއްކާވެސް ދަތުރައިގެން އަޅުގަނޑުމެންދިޔައީ ކުރިއަށެވެ.
އެންމެ ބޮޑަށް ސުނާމީގެ އަސަރުކުރި ގައުމުތަކާ އަޅާ ބަލާއިރު، ނިސްބަތުން ދިވެހިރާއްޖެއަށް ކޮށްފައިވާ އަސަރު ކުޑަނަމަވެސް، އަޅުގަނޑުމެންގެ މިކުޑަކުޑަ ރާއްޖޭގެ ވަރަށް ގިނަ ޢާއިލާތަކަކަށް މިކަމުގެ ފުން ހިތާމައިގެ އަސަރުތައް އެތައް ދުވަހަކަށް ދިގުދެމިގެން ދިޔައެވެ.


ސުނާމީގެ ތަޖުރިބާއަށްފަހު
ދިވެހިރާއްޖޭގެ އަޑަށް އަޅުގަނޑުމެން އެނބުރި އައިސް، ސުނާމީގެ ތަޖުރިބާއަށް ވިސްނައިފައި، ރޭޑިއޯއަކީ، ދިވެހިރާއްޖެއަށް ކިހާ މުހިންމު ވަޞީލަތެއްކަމާއި މި ވަޞީލަތް އަބަދުވެސް ރައްޔިތުންނަށާއި ސަރުކާރަށް ލިބެންޖެހޭ ކަމަށް ޤަބޫލުކޮށް، ދިވެހިރާއްޖޭގެ އަޑަކީ 24 ގަޑިއިރު، ހުޅުވިފައި ހުންނަ ސްޓޭޝަނަކަށް ހެދީމެވެ.
ރޭގަނޑުގެ ވަކި ހިސާބަކުން އޮފީސް ބަންދުކޮށްފައި ބްރޯޑްކާސްޓްކުރުން އޮޓޮމެޓިކުން ކުރިއަށް ދާގޮތަށް އޮތް އޮތުން، ބަދަލުކޮށްލަން އެބަޖެހެއެވެ. އާދެ އަޅުގަނޑު ހަވާލުވީއިރުވެސް 24 ގަޑިއިރު ބްރޯޑްކާސްޓް ކުރެއެވެ. ނަމަވެސް، ރޭގަނޑުގެ ވަކި ހިސާބަކުން، އެއްވެސް މީހަކު ނެތި، އޮޓޯއިން ޕްރޮގްރާމްތައް ކުރިއަށް ދާގޮތަށެވެ.
މިގޮތަށް ބްރޯޑްކާސްޓް ކުރުމަކީ، ދުނިޔޭގެ ބައެއް ގައުމުތަކުގައި، މާ ކުދިކުދި ސްޓޭޝަންތަކުގައި، ކޮށްއުޅޭ ކަމެކެވެ. ސަބަބު ތަކެއްވެސް ނެތިއެއް ނޫނެވެ. އެތައް ގޮތަކުން ޚަރަދުތައް ކުޑަކުރެވޭނެއެވެ. ކަރަންޓް ބޭނުންކުރުން މަދުވާނެއެވެ. އިތުރުގަޑީގެ ފައިސާ މުއައްޒަފުންނަށް ދޭކަށް ނުޖެހޭނެއެވެ. އަދިވެސް މިކަހަލަ ބައެއް ޚަރަދުތައް ކުޑަކުރުމަށްޓަކައި، ކުރިން ދެންނެވިހެން، ބައެއް މިޔުޒިކް ސްޓޭޝަންތަކާއި އަދިވެސް އަމިއްލަ ބައެއް ސްޓޭޝަންތަކުން މިހެން ހަދައެވެ.
ނަމަވެސް، ދިވެހިރާއްޖޭގެ އަޑަކީ، ދިވެހިންގެ އަޑެވެ. މިއީ ދައުލަތުގެ މީޑިއާއެވެ. އޮޓޯއިން ފޮނުވާފައި ހުންނަ ޕްރޮގްރާމަކަށް، ކަރަންޓްގެ މައްސަލައަކުން ނަމަވެސް، ކަމެއް ދިމާވެއްޖެނަމަ، އެކަން ރަނގަޅުކޮށް، އެހުންތެރިންގެ ފަރާތުން މަޢާފަށް އެދިލާނެ ފެންވަރު ދިވެހިރާއްޖޭގެ އަޑުގައި ހުންނަންވާނެ ކަމަށް އަޅުގަނޑަށް ގަބޫލުކުރެވެއެވެ. އަދި ޚާއްޞަކޮށް، ރޭގަނޑު އޮފީސް ލައްޕާފައި ހުންނަ ގަޑީގައި، ޢާންމު ރައްޔިތަކަށް ދިމާވާ އިމަޖެންސީއެއްގައި އޭނާގެ ބޭނުންތަކަށް އިޖާބަދެވެން ޖެހޭނެއެވެ. މިސާލަކަށް، މީހަކު ދުނިޔެ ދޫކުރި ވާހަކައާއި، ޖަނާޒާގެ މައުލޫމާތު އަންގާލެވޭނެ ގޮތެއްވެސް، ބަންދު ގަޑިއާ ދިމާވެއްޖެނަމަ ނޯންނާނެއެވެ.
ދިވެހިރާއްޖޭގެ އަޑުން އެހެން ވެގެންވާނެ ކަމަށް އަޅުގަނޑަށް ގަބޫލެއް ނުކުރެވުނެވެ. އެހެންކަމުން، 2005 ވަނަ އަހަރުން ފެށިގެން، ދިވެހިރާއްޖޭގެ އަޑަކީ، 24 ގަޑިއިރު މުއައްޒަފުން ތިބެގެން، ރައްޔިތުންގެ ބޭނުންތަކަށް އިޙުތިރާމު ކުރެވިގެން، ހިންގާ ސްޓޭޝަނަކަށް ބަދަލުކުރީމެވެ.
މިކަން ކުރާކަށް މާބޮޑު އިތުރު ޚަރަދުތަކެއްވެސް ކުރާކަށް ނުޖެހެއެވެ. މުއައްޒަފުން ޝިފްޓް ޑިޔުޓީއަށް ބަދަލުކޮށްލުމުން، މުއައްޒަފުންނަށްވެސް މާ ބާރު ބޮޑުނުވެ، އެކަން ޙައްލު ކުރެވިއްޖެއެވެ. ހުރިހާ ޑިޕާޓްމަންޓެއް އެކުގައި މިކަމުގެ މުހިންމުކަމާމެދު ވިސްނާ، ޚިޔާލުކޮށް، އެއްބަސްވުމަކަށް އާދެވުނީމާ އެކަން އެއޮތީ ވެފައެވެ.

"ރާއްޖެ އެފް.އެމް" އުފަންވުން
ރާއްޖޭގެ ޒުވާނުންގެ އާބާދީއަކީ ރާއްޖޭގެ މުޅި ޕޮޕިޔުލޭޝަންގެ 35 އިންސައްތަ އެވެ. މި ބޮޑު އާބާދީއަކީ، ގައުމުގެ ކަންކަމާ ވިސްނާ ޚިޔާލުކޮށް، މައްސަލަތައް ޙައްލުކޮށްދޭނެ ފަދަ ބިނާކުރުވަނިވި ބަޔަކަށް ހެދުމަށް އެހީތެރިވުމުގެ ނިޔަތުގައި، ޒުވާނުންނަށް ޚާއްޞަ ރޭޑިއޯ ޗެނެލެއް ހުޅުވީމެވެ. އެ ޗެނެލްގެ ހުރިހާ ކަމެއް ކުރާނީ އެ މީހުންނެވެ. އަޅުގަނޑުމެން ތިބޭނީ އެމީހުންނަށް ލަފާދިނުމަށް، ދުރުގައެވެ. މި އުޞޫލުގެ ދަށުން "ރާއްޖެއެފްއެމް"ގެ ނަމުގައި ޒުވާނުންނަށް އަމާޒުކޮށްގެން ފެށި ޗެނެލް، ހިންގުމާ ޙަވާލުކުރީ، ދިވެހިރާއްޖޭގެއަޑުގައި އެވަގުތުތިބި އެންމެ ޒުވާން ޕްރޮޑިއުސަރުންނާއި އެނައުންސަރުންނަށެވެ.
ޒުވާނުންގެ ތެރެއިން، ޒުވާނުންނަށްޓަކައި އެފް.އެމް ޗެނެލެއް ޚާއްޞަކުރުމާއެކު، ސޯޝަލް މީޑިއާގައި ޙަރަކާތްތެރިވުން އިތުރުކޮށް، ޢާންމުންގެ ތެރެއަށް ބޮޑަށް ނިކުމެވޭނެ ގޮތްތަކެއް ރާއްޖެ އެފް.އެމްގެ ޒުވާން ޕްރޮޑިއުސަރުން ޚިޔާލުކުރަން ފެށުމުގެ ނަތީޖާއެއްގެ ގޮތުން، "ލާމަސީލު ފްރެންޑްސް"ގެ ނަމުގައި، ޒުވާނުންގެ ގްރޫޕެއް، ރާއްޖެ އެފް.އެމްގެ ޝޯވްތަކަށް އެމީހުންގެ އެއްބާރުލުންދީ، ރާއްޖެ އެފް.އެމްގެ މުއައްޒަފުންނާއެކު، ހިލޭސާބަހަށް މަސައްކަތް ކުރަންފެށީއެވެ.

ރާއްޖެ އެފް.އެމްގެ ހީވާގި މުއައްޒަފުންނާއި ޓެކްނިކަލް ސްޓާފް ގުޅިގެން ފާހަގަކުރި، ރާއްޖެ އެފް.އެމްގެ ދެ ވަނަ އަހަރީ ދުވަހަކީވެސް ހަނދާނަށް އަންނަ ދުވަހެކެވެ.
ހަމަ އެފަދައިން، އޮފީސްތަކުގެ މެދުގައި ބޭއްވުނު ފުޓްސަލް މުބާރާތުގައި ދިވެހިރާއްޖޭގެ އަޑުގެ "ރޭޑިއޯ ކްލަބް"ގެ ޓީމް، އޯޑިޓް އޮފީހުގެ ޓީމަކާ އެކު ކުޅުނު އެކުވެރިކަމުގެ މެޗްވެސް ހަނދާންކޮށްލާހިތްވެއެވެ. އަޑުގެ ޒުވާން ޓީމް ކުރި ހިތްވަރަށް މިއަދުވެސް އައްސަރިބަހާއި ސާބަހެވެ.

ސްޓޭޝަންގައި ހިންގުނު ބައެއް ތަމްރީންތައް
ސުނާމީގެ ހިތާމަވެރި ޙާދިސާއަށްފަހު، އަނެއްކާވެސް ދިވެހިރާއްޖޭގެ އަޑުގައި މުއައްޒަފުންނަށް ޚާއްޞަ ކުރެވިގެން، ރިފްރެޝަރ ޕްރޮގްރާމްތަކެއް އެކި ދާއިރާތަކަށް ހިންގުނެވެ. މީގެ އެންމެ ބޮޑު ބޭނުމަކީ، ދަސްވެފައި ހުރި އެއްޗެތި އިތުރަށް ހަރުދަނާ ކުރުމާއި އިތުރު ދިރާސާތަކާއެކު، އަނެއްކާވެސް ދަސްކުރުމެވެ.




މިގޮތުގެ މަތިން، ޓެކްނިކަލް ދާއިރާއިންނާއި ޑްރާމާގެ ދާއިރާއިންނާއި ޕްރޮގްރާމްތަކުގެ ދާއިރާއިން ކޯސްތައް ހިންގުނެވެ. އަދި ޚާއްޞަކޮށް ޕްރޮޑިއުސަރ ރުޤިއްޔާ ވާފިރާގެ ބެއްލެވުމުގެ ދަށުން ހިންގުނު، ދިވެހިބަހާއި އަދަބިއްޔާތުގެ ކުރު ކޯސްތައް ފާހަގަކޮށްލެވެއެވެ.

ރުޤިއްޔާ އަކީ، މިދާއިރާގެ ޝައުޤުވެރިކަން ހުރެ، އެކަން އެހެން މީހުނަށް ފޯރުކޮށްދެއްވުމުގެ ބުރަ މަސައްކަތްތަކެއް، ރޭޑިއޯ މެދުވެރިކޮށް ކުރެއްވި ޕްރޮޑިއުސަރެކެވެ.

ރުޤިއްޔާގެ މަސައްކަތުގެ ތެރޭގައި، ސަރުކާރުގެ އޮފީސްތަކުގެ މެދުގައި ބޭއްވުނު ބަޙުސް މުބާރާތާއި، ސްކޫލްތަކުގެ ދަރިވަރުންގެ މެދުގައި ބޭއްވުނު ބަހުގެ ކްއިޒް ޕްރޮގްރާމަކީ ރުޤިއްޔާ ޤައުމަށް ކޮށްދެއްވި ބޮޑު ޚިދުމަތެއް ކަމުގައި އަޅުގަނޑު މިއަދުވެސް ގަބޫލު ކުރަމެވެ. ބައެއް ފަހަރު، ރުޤިއްޔާ ކަމަކަށް ބޭނުންފުޅުވެގެން އުޅުއްވަން ފެއްޓެވީމާ އެންމެނަށް އެނގޭނެއެވެ. ބައެއް ފަހަރު ރުޅި، ބައެއް ފަހަރު ހިނި، ވެސް އާދެއެވެ. ނަމަވެސް އެއަކަށް ބެއްލެވުމެއްނެތި، އެ ބޭނުންފުޅުވާ ކަމެއްގެ ރަނގަޅު ނަތީޖާ ޙާޞިލްވުމުން ނޫނީ ހުއްޓައެއް ނުލައްވައެވެ.

ދިވެހިރާއްޖޭގެ އަޑުގައި ޕްރޮޑިއުސަރ ޔޫސުފް ރިޔާޒް ޕްރޮޑިއުސް ކުރެއްވި "ނެގިގާގަނޑު" މިއީ، ރޭޑިއޯގެ އެހުންތެރިންގެ ތެރޭގައި ވަރަށް ބޮޑު މަޤްބޫލުކަމެއް ލިބިގެންދިޔަ ސިލްސިލާ ޑްރާމާއެކެވެ. ސިލްސިލާ ޑްރާމާއަކީ، އެ ދުވަސްވަރު ވަރަށް މަދުން ނޫނީ އަޅުގަނޑުމެނަށް އުފެއްދިފައި ނެތް ބާވަތެކެވެ. ނަމަވެސް ޔޫސޭ އެކަމަށް އިސްނަންގަވައިގެން މަސައްކަތް ކުރައްވަމުން ގެންދެވި ބުރަކަން، އަޅުގަނޑު ވަނީ، ދެކިފައެވެ. ޔޫސުފް ރިޔާޒްގެ ފަރާތުން މިފަހަރު އަޅުގަނޑު އެދުނީ، އޭނާއަށް ޑްރާމާ އުފެއްދުމާ ބެހޭގޮތުން ލިބިލައްވާފައިވާ ހުނަރުތައް، އެހެން ޕްރޮޑިއުސަރުންނާ ޙިއްޞާ ކޮށްދެއްވުމަށެވެ. އެގޮތުން ރޭވުނު ކޯހެއްގެ ނިމުން ފާހަގަކުރުމުގެ ޖަލްސާ ހަނދާނަށް އާދެއެވެ.

އެހުންތެރިޔެއްގެ އެހީ
ދިވެހިރާއްޖޭގެ އަޑުގެ އެހުންތެރިންނަކީ، ދިވެހިރާއްޖޭގެ އަޑަށް ލިބެމުންދިޔަ ހުރިހާ ކުރިއެރުމަކާއި، ހުރިހާ ކާމިޔާބީއެއްގެ ޝުކުރު ޙައްޤުވާ ފުރަތަމަ ފަރާތެވެ. އެހުންތެރިންގެ އަޑު އަޅުގަނޑުމެން އެހި މިންވަރަކުން، ސްޓޭޝަނަށާއި އަދި ސީދާ އަޅުގަނޑުމެނަށްވެސް، ތަފާތު ކުރިއެރުން ލިބެމުންދިޔައެވެ. ކުރިއަށް ރޭވިފައިވާ ޕްރޮގްރާމްތައް ބައްޓަންކުރުމުގައެވެ. ސަގާފަތާއި ދިވެހިބަހަށް އަހުމިއްޔަތުކަން ދިނުމުގައެވެ. އަނެކާއަށް މުޚާތަބުކޮށް އުޅުމުގައެވެ. ކޮންމެއަކަސް، އެހުންތެރިންގެ ސަބަބުން މެނުވީ، ދިވެހިރާއްޖޭގެ އަޑު، ހަގީގީ ދިވެހިރާއްޖޭގެ އަޑަކަށް ނުވީހެވެ.
މި ރޮނގުން ޚިޔާލު ދަތުރުކުރާއިރު، ދިވެހިރާއްޖޭގެ އަޑުން، އަދި އަޅުގަނޑުގެ އަމިއްލަ ހައިސިއްޔަތުން ޝުކުރު އަދާކުރަންޖެހޭ ވަރަށް ޚާއްޞަ ބޭފުޅެއް އަޅުގަނޑުގެ ހަނދާނަށް އާދެއެވެ. އަޅުގަނޑު ހިތުން އެ ބޭފުޅަކީ، ދިވެހިރާއްޖޭގެ އަޑުގެ ޕްރޮގްރާމް ޑިޕާޓްމަންޓްގެ ހަމަ ހުރިހާ ޕްރޮޑިއުސަރުންގެ ޝުކުރުވެސް ޙައްޤު ބޭފުޅެކެވެ. ސަބަބަކީ އެބޭފުޅަކީ، ދިވެހިރާއްޖޭގެ އަޑުގެ އިޚްލާޞްތެރި އެހުންތެރިއަކަށް ވެފައި، އެކުގައި އުޅޭ ގާތްމީހުންގެ ފަރާތުން ނުލިބޭ ވަރަށް އެބޭފުޅާގެ ފަރާތްޕުޅުން އަޅުގަނޑަށް ލަފައާއި އިރުޝާދު ލިބޭތީއެވެ.
އަޅުގަނޑުމެން ރޭޑިއޯގައި މަސައްކަތް ކުރަމުން އައީ، އެހުންތެރިންގެ އަޑު އަހައިގެންނެވެ. އަޅުގަނޑުމެން މިކުރާ މަސައްކަތަކީ، އެހުންތެރިންނަށް ކޮށްދޭ މަސައްކަތެކެވެ. އެހެންވީމާ، އަޅުގަނޑުގެ ކައިރީގައި ރޭޑިއޯގެ އެންމެ މުހިންމު ބަޔަކީ، އެ ރޭޑިއޯއެއްގެ އެހުންތެރިންނެވެ.
އާދެ، މި ދަންނަވަން އުޅޭ ބޭފުޅަކީ، ބ. ތުޅާދޫ މުހަންމަދު ވަޙީދު، (ތުޅާދޫ ވަޙީދު)ގެ ވާހަކައެވެ. ވަޙީދަކީ ކުރިން އަޅުގަނޑާ މާ އްޓެހި ބޭފުޅެއްވެސް ނޫނެވެ. އެކަމަކު ވަޙީދަކީ، ސަރުކާރުގެ ވަރަށް ގިނަ ތަފާތު މަޤާމުތައް ފުރުއްވާ، އަދި ދައުލަތުގެ ކަމުވޮށިވެގެންވާ ބޭބޭފުޅުންގެ އަރިހުން، އެދުރުވެފައި ހުންނެވި، ދިވެހި ޤައުމާއި، ދިވެހިންގެ ސަގާފަތާއި، ދިވެހިންގެ ދީން އަދި ޚާއްޞަކޮށް، ދިވެހިބަހަށް އިޙުތިރާމް ކުރައްވާ ބޭފުޅެއްކަން، ވަޙީދާ ވާހަކަ ދައްކާލި ފުރަތަމަ ދުވަހުވެސް އަޅުގަނޑަށް އެނގި ކަށަވަރުވިއެވެ.

މި ފޮޓޯއަކީ، ވަޙީދު އަތޮޅުވެރި ކަމުގައި ފ. އަތޮޅުގައި އުޅުއްވިއިރުގެ ފޮޓޯއެކެވެ. އެ ދުވަސްވަރު އަޅުގަނޑަކަށް ހަމަ އެއްގޮތަކަށްވެސް ތުޅާދޫ ވަޙީދަކީ ކާކުކަންވެސް ނޭނގެއެވެ. ނަމަވެސް، އޭގެ އަހަރުތަކެއް ފަހުން ފޯނުން ވަޙީދާ އަޅުގަނޑާ ފުދޭ ވަރަކަށް ވާހަކަ ދެކެވި، އެކަކު އަނެކަކަށް ދަސްވިއެވެ. އޭރު ވަޙީދު ހުންނެވީ ވަޙީދުގެ އުފަން ރަށް ބ. ތުޅާދުގައެވެ. ދެލޮލުގެ ފެނުމުން މަޙުރޫމްވެފައެވެ.
ވަޙީދު، މުޅިންވެސް ގުޅުއްވާނީ، ރޭޑިއޯއިން އަންނަ ޕްރޮގްރާމެއްގެ މައުލޫމާތު ނުބައިވެގެންނެވެ. ނުވަތަ އިތުރަށް ރަނގަޅުކޮށްލަން ޖެހޭ ކަމެއްގެ ލަފާދެއްވުމުގެ ނިޔަތުގައެވެ. ގިނަ ފަހަރަށް ބައެއް ޕްރޮޑިއުސަރުންނަށް، އެކަން ހަޖަމުކުރަން ދަހެއްނުވިއެވެ. ފާޑުކިޔުމާއި ލަފާގެ އަޑު އެހުމަކީ، ކޮންމެހެން ރޭޑިއޯ ޕްރޮޑިޔުސަރެއްގައި ހުންނަންޖެހޭ މުހިންމު ސިފައެއްކަން، ބައެއް ޕްރޮޑިޔުސަރުންނަކަށް އަދިވެސް އެނގޭހެނެއް ހީއެއްނުވެއެވެ.
ދިވެހިރާއްޖޭގެ އަޑުގެ ފަޚުރުވެރި މޮޓޯއަކީ "ތިޔަބޭފުޅުންގެ ފާޑުވިދާޅުވުމަކީ، އަޅުގަނޑުމެންގެ ކުރިއެރުމެވެ." މި މޮޓޯގައި ހިފައިގެން ތިބޭ ބަޔަކު، އެހުންތެރިންގެ ފާޑުކިޔުންތަކަށް އުފަލުން މަރުހަބާ ކިޔަންޖެހޭނެއެވެ.
ކޮންމެއަކަސް، ތުޅާދޫ ވަޙީދަކީ، ދިވެހިރާއްޖޭގެ އަޑުގެ ޕްރޮޑިއުސަރުންނަށް އާބޭފުޅެއް ނޫނެވެ. މަޑުލު މުޙަންމަދު ވަޙީދާއި އަޅުގަނޑު، ރިޔާސަތު ބެލެހެއްޓި ޕްރޮޑިއުސަރުންގެ އެއްވުމެއްގައި، އަޅުގަނޑުމެންގެ އެދުމަކަށް، ފޯނު މެދުވެރިކުރައްވައިގެން، ތުޅާދޫ ވަޙީދު ރަށުގައި ހުންނަވައިގެން، ސެނެކޯ މާލަމަށް އެއްވެފައި ތިބި ދިވެހިރާއްޖޭގެ އަޑުގެ ހުރިހާ ޕްރޮޑިއުސަރުންނަށާއި އެނައުންސަރުންނާ މުޚާތަބު ކުރެއްވި ކުރެއްވުންވެސް އަދިވެސް ހަނދާނުގައި އެބަހުއްޓެވެ.
އެރޭވެސް ވަޙީދު އެދިވަޑައިގެންނެވީ، ޙަޤީޤަތާ އެއްގޮތަށް ވާހަކަ ދެއްކުމަށެވެ. ޕްރޮގްރާމްތައް އުފެއްދުމަށެވެ. އަދި ރީތި ދިވެހިބަސް، ދަސްކޮށްގެން ނަމަވެސް، ޕްރޮގްރާމްތައް ހުށައަޅާއިރު ބޭނުންކުރުމަށެވެ.
ވަޙީދަކީ، ހެޔޮހިތަކުން، އިޚްލާޞްތެރިކަމާއެކު ކަންކަމަށް ފާޑުކިޔުއްވާ ބޭފުޅެކެވެ. މިކަން އަޅުގަނޑުމެން ގަބޫލުކުރަންވީއެވެ.

ޝުކުރު ހައްޤު ބޭފުޅުން ގިނަކަމުން، މިކަން ފެށުނު މޮޔަވެސް ހިތަށް އެބައަރައެވެ. ނަމަވެސް، ހަނދާން ނައްތާލުން، ނުވަތަ އަޅާނުލާ ދޫކޮށްލުން، ނުވަތަ ބޮޑު އެއް ޝުކުރުން ނިންމާލުން ތަންކޮޅެއް އުނދަގޫވީއެވެ. ތުޅާދޫ ވަޙީދުގެ ވާހަކަ މިހާ ބޮޑަށް މިދެއްކުނީ، ދިވެހިރާއްޖޭގެ އަޑާއި ތުޅާދޫ ވަޙީދާ ހުރި ގުޅުމެއްގެ ސަބަބުންނެވެ. އަޑުގެ ގިނަ ޕްރޮޑިއުސަރުންނަކީ، ވަޙީދުގެ އިރުޝާދާއި ލަފާ އަޑުއަހާ ބައެކެވެ.
(ނުނިމޭ)
–
އެޑިޓަރުގެ ނޯޓު:
މިއީ ދިވެހިރާއްޖޭގެ ބްރޯޑްކާސްޓިން ދާއިރާގެ ބައި ގަރުނުގެ ތަޖުރިބާތަކާ ބެހޭ ގޮތުން ބަދުރުއްނަޞީރުގެ ލިއުއްވާފައިވާ ލިއުއްވުމެކެވެ. ބަދުރަކީ 1967 އިން ފެށިގެން 2011 ވަނަ އަހަރާ ހަމައަށް (44 އަހަރު) ދިވެހިރާއްޖޭގެ ބްރޯޑްކާސްޓިން ދާއިރާގައި އެކި މަގާމުތަކުގައި، ނުހަނު އިހުލާސްތެރިކަމާއި ވަފާތެރިކަމާއެކު ޚިދުމަތް ކުރައްވައިފައިވާ ބޭފުޅެކެވެ. މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަންގެ ފުރަތަމަ ރައީސަކީ ވެސް ބަދުރެވެ. ދިވެހިރާއްޖޭގެ އަޑުގެ އެންމެ އިސް މަގާމު ކަމަށްވާ، ޑިރެކްޓަރ ޖެނެރަލް ކަމުގެ މަގާމާ ހަމައަށް ބަދުރު ވަޑައިގަތީ، އަޑުގެ ތަފާތު މަގާމްތައް އަދާކުރައްވައިފައެވެ.
"ދިވެހިރާއްޖޭގެ އަޑުގައި އަޅުގަނޑުގެ ބައެއް ހަނދާންތައް" އާކޮށްލެއްވުމަށް "އަދިވެސް" އިޚްތިޔާރު ކުރެއްވީތީ ބަދުރަށް ނިހާޔަތަށް ޝުކުރު ދަންނަވަމެވެ. އެ ހަނދާންތައް "އަދިވެސް"ގައި ގެނެސްދޭނީ ސިލްސިލާ ބައިތަކެއްގެ ގޮތުގައެވެ. ވިދާޅުވަމުން ގެންދަވާށެވެ.
ޝުކުރިއްޔާ!
އެހެނިހެން ލިއުންތައް:
- ބަދުރުއްނަޞީރުގެ ގަލަމުން: ދިވެހިރާއްޖޭގެ އަޑުގައި އަޅުގަނޑުގެ ބައެއް ހަނދާންތައް
- ބަދުރުއްނަޞީރުގެ ގަލަމުން: ދިވެހިރާއްޖޭގެ އަޑުގައި އަޅުގަނޑުގެ ބައެއް ހަނދާންތައް- 1
- ބަދުރުއްނަޞީރުގެ ގަލަމުން: ދިވެހިރާއްޖޭގެ އަޑުގައި އަޅުގަނޑުގެ ބައެއް ހަނދާންތައް- 2
- ބަދުރުއްނަޞީރުގެ ގަލަމުން: ދިވެހިރާއްޖޭގެ އަޑުގައި އަޅުގަނޑުގެ ބައެއް ހަނދާންތައް- 3
- ބަދުރުއްނަޞީރުގެ ގަލަމުން: ދިވެހިރާއްޖޭގެ އަޑުގައި އަޅުގަނޑުގެ ބައެއް ހަނދާންތައް- 4
- ބަދުރުއްނަޞީރުގެ ގަލަމުން: ދިވެހިރާއްޖޭގެ އަޑުގައި އަޅުގަނޑުގެ ބައެއް ހަނދާންތައް- 5
- ބަދުރުއްނަޞީރުގެ ގަލަމުން: ދިވެހިރާއްޖޭގެ އަޑުގައި އަޅުގަނޑުގެ ބައެއް ހަނދާންތައް- 6
- ބަދުރުއްނަޞީރުގެ ގަލަމުން: ދިވެހިރާއްޖޭގެ އަޑުގައި އަޅުގަނޑުގެ ބައެއް ހަނދާންތައް- 7
- ބަދުރުއްނަޞީރުގެ ގަލަމުން: ދިވެހިރާއްޖޭގެ އަޑުގައި އަޅުގަނޑުގެ ބައެއް ހަނދާންތައް- 8
- ބަދުރުއްނަޞީރުގެ ގަލަމުން: ދިވެހިރާއްޖޭގެ އަޑުގައި އަޅުގަނޑުގެ ބައެއް ހަނދާންތައް- 9
- ބަދުރުއްނަޞީރުގެ ގަލަމުން: ދިވެހިރާއްޖޭގެ އަޑުގައި އަޅުގަނޑުގެ ބައެއް ހަނދާންތައް- 10
- ބަދުރުއްނަޞީރުގެ ގަލަމުން: ދިވެހިރާއްޖޭގެ އަޑުގައި އަޅުގަނޑުގެ ބައެއް ހަނދާންތައް- 11
- ބަދުރުއްނަޞީރުގެ ގަލަމުން: ދިވެހިރާއްޖޭގެ އަޑުގައި އަޅުގަނޑުގެ ބައެއް ހަނދާންތައް- 12
- ބަދުރުއްނަޞީރުގެ ގަލަމުން: ދިވެހިރާއްޖޭގެ އަޑުގައި އަޅުގަނޑުގެ ބައެއް ހަނދާންތައް- 13



advertisment