Support Us

ވާހަކަ: ހިމާޔަތް އެދެމޭ- 23

މިވީ ދެ ހަފްތާއެއްގެ ތެރޭ މާޔާ ހީކުރީ ހުރިހާ ކަމެއް ހަމަޖެހުނީ ކަމަށެވެ. އެކަމަކު އޭނާއަށް އަދިވެސް މިހުރެވުނީ ވަށައިގެން ބިންދަމުންދާ ރާޅުތަކެއްގެ ތެރޭގައިކަން އެނގުނީ އަދި ކިރިޔާއެވެ. އޭނާ ހިނގައިގަންނަން އުޅެނިކޮށް އިވުނު ޖުމްލައިން އޭނާއަށް ހީވީ ތޫނު އެއްޗެއް އޭނާގެ ހިތަށް ހަރާލިހެންނެވެ.

"މާޔާއަށް މައްސަލަ ޖައްސަން ކެރުނީ އޭނާގެ މަންމަ ހުރީމައި، މިހާރު އެ އަންހެނާގެ ވަސްވެސް ފޮހެލައިފިން، ދެން މާޔާ ނުހުންނާނެ އެއްވެސް ހިތްވަރެއް." ޝީތުގެ އަޑުގައި ރުޅިވެރިކަން ވިއެވެ. މާޒިން އޭރު ޝީތު ކައިރީ މަޑުން ވާހަކަ ދައްކާށޭވެސް ބުނެފިއެވެ. އެމީހުން ހީކުރީ މި ދަންވަރު މާޔާ އޮންނާނީ ނިދާފައި ކަމަށެވެ.

ސިއްރު ކުރެވޭނީވެސް ވަކި ވަރަކަށެވެ. އެމީހުންގެ ރޭވުންތެރިކަމަށްވުރެ ކަންކަން މޮޅަށް ރާވައި ހިންގާނެ އިލާހެއްވާކަން އެމީހުން ޤަބޫލުނުކުރަނީ ކަމުގައި ވެދާނެއެވެ. ރަނގަޅަށްވިއްޔާ ޔޫނުސްއަށް ފުރައިގެން ދެވުނީ މި ދެމަފިރިން އެހީތެރިވެގެންނެވެ.

ދަރިން ކިތަންމެ ގޯސްކޮށް އުޅުނަސް ދަރިން ދެކެ މައިންބަފައިން ލޯބިވާ ފަދައިން މައިންބަފައިން ދެކެވެސް ދަރިން ލޯބިވާނެކަން ޝީތުގެ ބަސްމަގުން އެނގެއެވެ. އޭނާއަށް ބައްޕަގެ ގޯސްކަން އެނގެއެވެ. އެ ވޭނުގައި އޭނާވެސް އުޅުނެވެ. އެކަމަކު އޭނާ ފަޟީހަނުވެ ސަލާމަތްކޮށްދިން ފަރާތަކީވެސް ބައްޕައެވެ. އޭނާ ބޭނުންވި ކޮންމެ ކަމެއް ކުޑަ ވަގުތުކޮޅެއްގެ ތެރޭ ހަމަޖައްސައިދީ އޭނާ އުފާކޮށްދިނެވެ. މަންމަގެ ފަޅުކަން ފިލުވައިދިނެވެ. އެހެންވެ އެހާ ފަސޭހައިން ޝީތުގެ ހިތުން އަނިޔާގެ ލަކުނުތައް ފިލައި ދިޔައީ ކަމަށް ވެދާނެއެވެ.

މާޔާއަށް ދިމާވީ އޭގެ އިދިކޮޅަށެވެ. މުޅި ދުނިޔެއަށް އޭނާ އެކަނިވެއްޖެކަމުގެ އިހްސާސްވާން ފަށައިފިއެވެ. ކެހިވެރި ތަނެކެވެ. އަމިއްލަ ބޭނުމަކު ނޫނީ އިސްވެ ވާހަކަ ދައްކާނެ މީހަކުވެސް ނުވެއެވެ.

ކޮޓަރިއަށް އައިސް މާޔާ އެތައް އިރަކު ރުޔެވެ. އޭނާގެ ހިތް ބަލިކަށިވަންދެންނެވެ. ލޮލުގެ ކަރުނަތައް ހުސްވަންދެންނެވެ. ނޫނީ އޭނާ ވަރުބަލިވަންދެންނެވެ. ފަތިސްވެ ބަންގީގެ އަޑުން ގުގުމައިގަތުމާއި އެކު އޭނާ ގޮސް ވުޟޫކޮށްގެން ހެއްދެވި ފަރާތުގެ މަދަދަށް އެދުނެވެ. އޭނާ އަކީ ބަލިކަށި މީހަކަށް ނުހެދުމަށެވެ. ހުރިހާ ކަމެއްގެ އިންސާފަށް އެދެވުނީ އެންމެ އަދުލްވެރި އިލާހުގެ އަރިހުގައެވެ. ދެއަތް އުފުލައި މަދަދަށް އެދެމުން ދިޔައިރު މާޔާގެ ދެލޮލުން ހޯސްލާފައި ކަރުނަ އާދެއެވެ. އޭނާގެ ހިތުގެ ހުރިހާ ޝަކުވާ އަކާއި ބުރަކަމެއް ފޮހެވެންފެށިއެވެ. އެއީ ވެރި އިލާހުގެ މައްޗަށް އޮތް އިތުބާރެއްގެ ބޮޑުކަމުންނެވެ.

އޭނާގެ މަންމަ ދިން ނަޞޭހަތް މަތިން ހަނދާންވިއެވެ. އަނިޔާ އިން ސަލާމަތްނުވެވޭވަރުގެ ބަލިކަށި މީހަކަށް ނުވުމަށް މަންމަ އެދުނެވެ. އެކަނި އުޅެން ދަސްކުރަން ބުންޏެވެ. މާޔާގެ ހަށިގަނޑުގައި ހިނގާނީ މަންމަގެ ލެޔެވެ.

** **

ހެނދުނު އޮފީހަށް ދާން ނިކުންއިރު ޝީތު އާއި މާޒީން ތިބީ ސައިބޯށެވެ. މާޒީން މާޔާއަށްވެސް ގޮވިއެވެ. ސައިނުބޮއި އޮފީހަށް ދާތީ ކަންބޮޑުވާ ކަމަށް ބުންޏެވެ. މާޔާ ހުއްޓިފައި ޝީތުއަށް ބަލައިލިއެވެ. ޝީތު އޭނާ ފެންނަ ކަމަށްވެސް ނުހަދައި އިނދެފައި މާޒީން އިޝާރާތެއް ކޮށްލުމުން ދަނީތޯ އަހާލިއެވެ. ތުންފަތް ފުޅާވެގެންދާހާ ފުންކޮށް މާޔާ ހިނިތުންވެލިއެވެ.

"ނޮޓް ހަންގްރީ." މާޔާގެ ދެލޯ ކުޑަވާވަރަށް ހިނިތުންވެލިއެވެ. ޝީތުގެ ދެލޯ ކުޑަވެގެން ދިޔައީ އައި ރުޅިންނެވެ. މާޔާގެ އުފާވެރިކަން ފެނި ޝީތުގެ ހިތް ހަސަދައިން ފޯވެގެން ދިޔަކަން މާޔާއަށް ޔަޤީންވިއެވެ. އޭނާ އެމީހުންނަށް ފުރަގަސްދިން އިރު އެ ހިނިތުންވުން ފަނޑުނުވެ ހުއްޓެވެ.

މާޔާގެ މޫނުމަތިން އެއީ ރޭ ހަތަރުދަމު ރުއި މީހެއްހެން ހިއެއްނުވާނެއެވެ. ޝީތު ހީކުރީ އޭނާ ކޮށްދޭ ހެޔޮކަންތަކުގެ ސަބަބުން މާޔާ އަޅުވެތިކޮށްލެވޭނެކަމަށް ބާއެވެ. ނޫނެކެވެ. މިއަދު އެގޭގައި ހުއްޓަސް އިރު އޮއްސުމުގެކުރިން އެހެން ތަނަކަށް ދާން މާޔާ ހުރީ ވިސްނައިގެންނެވެ. އޭނާ އޮފީހަށް ދިއުމުގެ ބޭނުމަކީ އެއީއެވެ.

** **

ގެއިން ނިކުތުމުގެ ކުރިން ބޯމަތީގައި އޮތް ވިލާގަނޑާއި މެދު މާޔާއަށް ވިސްނައިނުލެވުނެވެ. އޭނާއަށް އެކަން އެނގުނީ މޫނަށް ވާރޭ ފެންތިއްކެއް ޖެހުމުންނެވެ. އޭރު މަގުމަތި ވަނީ ހަލަބޮލިވެފައެވެ. އޭނާ ފަދައިން ކާރެއް ލިބޭތޯ އަތް ހޫރާ މީހުން ވަރަށް ގިނައެވެ. އެމަގުން އައި ޕްރައިވެޓް ކާރު މާޔާގެ ކުރިމަތީ ހުއްޓުމުން އޭނާ ހައިރާންވިއެވެ. ފުރަތަމަ ޝީޓުގެ ބިއްލޫރިގަނޑު ތިރިކޮށްފައި މާޔާގެ ނަމުން ނަވާޒް ގޮވާލުމުން އޭނާ ޖެހިލުންވިއެވެ.

"އައި ވިލް ޑްރޮޕް ޔޫ" ނަވާޒް އިޝާރަތްކޮށްލީ ފަހަތު ސީޓަށް އެރުމަށެވެ. ދެވަނަ ފެންތިކި މާޔާގެ މޫނަށް ނުޖެހި ނަމަ ފަހަރެއްގައި އޭނާ ނަވާޒް އަށް ނޫނެކޭ ބުނީހެވެ. ނަވާޒް އަކީ އޭނާގެ ވެރިމީހާއެވެ. އެދެމދުގައި ރަސްމީ ގުޅުމެއް ނޫނީ ނެތެވެ.

ފަހަތު ޝީޓުގައި މާޔާ އިށީނުމުން ނަވާޒް ދިއްކޮށްލީ ޓިޝޫއެކެވެ. ޖެހިލުންވުން ފިލައި ދިޔައީ މާޔާއަށް ބުމަ އަރުވާލަމުން ނަވާޒް ހިނިތުންވެލިތަން ފެނިފައެވެ. ޓިޝޫގައި ހިފަމުން މާޔާ ޝުކުރު އަދާކުރިއެވެ. އެ ބަސް ނިމުމުގެކުރިން ނަވާޒް ރައްދު ދިނެވެ.

"ޝުކުރު އަދާނުކުރޭ، އަހަންނަކަށް ނުކެރުނު މާޔާ މަގުމައްޗަށް ދޫކޮށްލާފައި ދާކަށް." ނަވާޒްގެ އަޑުގައިވީ އޯގާތެރިކަމެވެ. މާޔާގެ ދޫ އިތުރު ލަފްޒެއް ބުނަން ހަރަކާތެއް ނުކުރިއެވެ. އޭނާގެ ހިތަށް އެތައް ބައިވަރު ސުވާލެއް އަރައި ފައިބަމުން ދިޔައެވެ. މާޔާ ނޫނަސް މަގުމަތީ އަތް ހޫރަން އެތައް ބަޔަކު އެބަތިއްބެވެ. ނަވާޒްގެ ލޮލުގައި ހަމައެކަނި އަޅައިގަތީ މާޔާހެއްޔޭ ހިތަށް އަރައި ލަދުގަންނަ ގޮތްވިއެވެ.

ބަނޑު ތަންކޮޅެއް ތޮޅިލިހެން މާޔާއަށް ހީވިއެވެ. އެދިމާލުގައި އަތުގެ ނުފުށް ޖައްސާލެވުނީ އިތުރަށް ޔަޤީންކުރާށެވެ. މިފަހަރު އަނެއްކާވެސް ތޮޅިލިކަން ޔަޤީންވިއެވެ. ވަށައިގެންވި ހުރިހާ ކަމެއްގެ މަތިން މާޔާ ހަނދާންނެތުނު ފަދައެވެ.އަދިވެސް ދަރިފުޅު ތޮޅިލާ ތޯ އިނދެވުނެވެ. އެކަމަކު ދެތިން މިނެޓްވީއިރުވެސް ދަރިފުޅުގެ ޚަބަރެއް ނުވިއެވެ.

"ޔޫ އޯކޭ؟" ނަވާޒްގެ އަޑަށް މާޔާ އަށް ބަލައިލެވުނެވެ. ބަނޑުގައި އަތް އަޅައިގެން އިނުމުން ތަދުވަނީތޯ އަހާލާ ފަދަ ބެލުމަކުން ނަވާޒް ބަލައިލިއެވެ. ދެބުމަ ކައިރިވެފައިވީއިރު ހީވަނީ މާޔާ އާއި މެދު ކަންބޮޑުވާހެންނެވެ. މާޔާ ބޯޖަހައިލިއެވެ.

އިތުރުސުވާލެއް ނުކޮށް ނަވާޒްގެ ސަމާލުކަން އަނެއްކާވެސް މަގާއި ދިމާލަށް ހުއްޓުނެވެ. މާޔާއަށް ނަވާޒްގެ މޫނު ފެންނަނީ ކުރިމަތީގައި އިން ކުޑަ ލޯގަނޑުންނެވެ. ތުނިކޮށް ކޮށާފައި ހުރި އިސްތަށިގަނޑުގެ ސަބަބުން ނަވާޒްގެ ނިތްކުރި ފެންނަނީ ތަނަވަސްކޮށެވެ. ނިތްކުރި ފުޅާ މީހުންގެ ހިތްވެސް ތަނަވަސްވާނެއޭ މީހުން ބުނެއެވެ. މާޔާއަށް ނަވާޒް ފެނުނީ އަބަދުވެސް ހިތްހެޔޮ މީހެއްގެ ގޮތުގައެވެ. ބޮޑާއި ކަމާއި އަމުރުވެރިކަން ނަވާޒްގެ ކިބައިގައި ނުވާ ކަހަލައެވެ.

މާޔާއަށް އިސްވެ ނަވާޒްގެ ދިރިއުޅުމުގެ އެއްވެސް ކަމެއް އޮޅުން ފިލުވާކަށް ނުކެރޭނެއެވެ. ވެރިއެއގެ މަޤާމު ނޫން އެހެން ހައިސިއްޔަތަކުން އެ ފިރިހެނާއަށް ބެލުމަކީވެސް މާޔާއަށްހެދޭނެ އެންމެ ބޮޑު ގޯސްކަން ހިތަށް ވިސްނައިދެމުން އޭނާވެސް ބެލީ އެހެން ކަމަކަށް ސަމާލުކަން ދެވޭތޯއެވެ.

** **

އެދުވަހު އޮފީހުގައި މާޔާއަށް ނުކިއްސަރު ބެލުމަކުން ބެލި މުވައްޒަފުން ގިނަކަން އޭނާއަށް ފާހަގަވިއެވެ. އޭނަ އާއި ނަވާޒް އެކުގައި ފެނުމުން އެމީހުން ނެގި މާނަވެސް ތަފާތެވެ. އެހުރިހާ ކަމެއް ނޭނގޭކަމަށް ހަދައިގެން މާޔާ އިސްކަން ދިނީ އޭނާގެ މަސައްކަތަށެވެ. ދެވަނަ ކަމަކަށް އޭނާ ބަދަލުވާނެ ތަނެއް ހޯދިއެވެ. އޭނާ ގަސްތުކުރީ މިރޭ އެއްވެސް މީހަކަށް ނޭނގޭނެހެން ބަދަލުވުމަށެވެ.

އޮފީސް ނިންމާފައި ދިޔައިރު ޝީތު އާއި ކުރިމަތިލާންޖެހުނެވެ. ޝީތު އިނީ މާޔާ އަންނަންދެން އިންތިޒާރުގައެވެ. ޝީތު އާއި އެކު ސައިބޯން އަންނާށޭ ބުނުމުން މާޔާ އިންކާރުކުރީ އޮފީހުން އައީ ސައިބޮއިގެން ކަމުގައި ބުނެއެވެ. އެކަމަކު މާޔާގެ ފަހަތުން ޝީތު އެކޮޓަރި އާއި ހަމަޔަށް އައެވެ.

"މާޔާ. އަހަރެން މި އުޅެނީ ވަރަށް ބޮޑު ކަމަކު ކިޔަން." ޝީތުގެ އަޑު އައީ މާޔާ ކޮޓަރިއަށް ވަދެވުނުތަނާއި އެވެ. މިއީ އެއްވެސް ކަމެއް ސިއްރު ކުރުމެއް ނެތި ބުނަންވާ ވަގުތުކަން ހިތަށް އެރުމުން ޝީތު އާއި ދިމާލަށް މާޔާ އެނބުރުނެވެ.

"ކޮންކަމެއް؟" މާޔާ އަހާލިއެވެ.

"މާޔާ އަހަރެންގެ ބައްޕައަށް މަޢާފްކުރެވިދާނެތަ؟" ޝީތު އަށް އެހެން ބުނަން ކެރުނުކަން ހިތަށް އަރާފައި މާޔާއަށް ހުރެވުނީ ބުނާނެ އެއްޗެއް ނޭނގިފައެވެ. ޔޫނުސްކުރީ އާދައިގެ ކުށެއް ނޫނެވެ.

"މަޢާފްކުރުމަކީ ހުރިހާ ކަމެއްގެ ހައްލެއް ނޫން، އެހެން ނަމަ އަދަބު ކަނޑައަޅާފައި ނުހުރީސް، " ޝީތުއަށް ވިސްނައިދޭ ރާގެއްގައި މާޔާ ބުނެލިއެވެ. ޝީތު ބޯޖަހައިލިއެވެ. އެއީ ކަންކަން ވިސްނޭ ހިތްހެޔޮ ޒުވާނެކެވެ.

"ބައްޕަ ބޭނުން އެނބުރި އަންނަން، އަހަރެމެންނާއި އެކު އުޅެން، ބައްޕަ މުސްކުޅިވި ދުވަހު ޖަލެއްގައި އޮތުމަށްވުރެ މި ހިޔާވަހިކަން ރައްކާތެރިވާނެ،" ޝީތު އަޑުގައިވަނީ މަޑުމޮޅިކަމެވެ.

"މައިންބަފައިންނަށް އަބަދުވެސް ދަރިންގެ މުހިއްމުކަން ވިސްނެނީ އެމީހުންގެ ހަށިތައް ބަލިވެ އެނދުގައި އޮންނަންވުމުން، ޝީތު އަށް އަދި އަހަންނަށް އޭނަގެ ފަރާތުން ގޯނާ ލިބުނުއިރު ނުވިސްނުނު ބަލި އެނދުގައި އޮންނަން ޖެހޭއިރު ބަލަން ތިބީ އަހަރެމެންކަމެއް، އަހަރެން މަޢާފްނުކުރިއަސް ބައްޕަ ގެއަށް ބަދަލުކުރެވޭނެ އެތައް ހާސް ގޮތެއް އޮންނާނެ،" މާޔާ ބުނެލިއެވެ. މާޔާ އަތް ދަބަސް ބަހައްޓާފައި އަލަމާރިން ހެދުން ނަގައި ފާޚާނާއަށް ވަނެވެ. އޭނާ ދެން ނިކުންއިރު ޝީތު ނިކުމެގެން ދިޔަކަމަށްޓަކައި އޭނާ ހިތްހަމަޖެހުނެވެ.

ދަބަހަށް އެއްޗެހި އަޅަމުން ދަނިކޮށް އޭނާ ލޮލުގައި އަޅައިގަތީ އޭނާގެ އަތް ދަބަސްހުރީ އޭނާ ފާޚާނާއަށް ވަނުމުގެކުރިން ބެހެއްޓި ގޮތަކަށް ނޫނެވެ. ދުވެފައި ކަހަލަ ގޮތަކަށް އާދެވުނެވެ. ދަބަސްތެރެ ބަލާލިއިރު އޭގެން މަދުވަނީ ހަމައެކަނި ޝަރުމީލާގެ ފޯނެވެ.

މަންމަ ނިޔާވުމަށްފަހު ފަރީލާ ފޮނުވި އެއްޗެހީގެ ތެރެއިން މަންމަގެ ފޯނު ފިޔަވައި ހުރިހާ އެއްޗެއް މާޔާ އެއްލައިލިއެވެ. އެ ފޯނު ބޭއްވީ މަންމަގެ ހަނދާނަކަށެވެ. ޝީތު އެ ފޯނު ގެންދިޔައީ ޔަޤީނުންވެސް އޭގެން މާޔާއަށް ކަމެއް އެނގިދާނެތީ ކަމުގައި ވެދާނެއެވެ. މަންމަގެ ފޯނު އޮއްވާ އެ ފޯނު ހުޅުވައި ބަލާލުމުގެ ޚިޔާލެއްވެސް މާޔާ ނެތެވެ. ދަބަހަށް އެއްޗެހި އަޅައި އަލަމާރީގެ ތެރޭގައި ފޮރުވާލުމަށްފަހު މާޔާ ވިސްނަމުން ދިޔައީ އެގެއިން ނިކުތުމުގެކުރިން ފޯނު ހޯދޭނެ ގޮތެއް އޮތްތޯއެވެ. އޭނާއަށް ވިސްނުނީ މާޒީން އޮފީސް ނިމިގެން އައިސް ޝީތު އާއި އެކު ބޭރަށް ނިކުންނަ ވަގުތު އެކޮޓަރިއަށް ވަދެ ފޯނު ނެގުމަށެވެ. އެކަމަކު ކަންތައްވީ މާޔާ ހިތަށް އެރި ގޮތަކަށް ނޫނެވެ. (ނުނިމޭ)

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
111
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *