Support Us

ވާހަކަ: ހިމާޔަތް އެދެމޭ- 22

"ޔޫ އާ ނޮޓް އެލޯން، ވީ އާރ ވިތު ޔޫ." މާޒިން އައިސް ހުއްޓެމުން ބުނެލިއެވެ. މާޒީން އަކީ މާޔާ އާއި އެހާ ވާހަކަ ދައްކާ މީހެއް ނޫނެވެ. އޭނާއަށް ހިތްވަރުދިނުމުގެ ނިޔަތުގައިވިއަސް އެބުނި ޖުމްލައިން މާޔާއަށް ނަގައިގަނެވުނެވެ.

"މަންމަ." މާޔާއަށް އަނގަމަތީ އަތް އަޅައިލެވުނެވެ. އެމެޖެންސީ ރޫމްގެ ދޮރު ހުޅުވައިދެމުން މާޒީން އަންނާށޭ ބުނެލިއެވެ. މާޔާ އެތެރެއަށް ވަންއިރު އެނދުމަތީ ބެޑްޝީޓަކުން ނިވާކޮށްފައި އޮތީ މަންމަގެ މަސްގަނޑެވެ.

****

ސަހަރާ ކައިރީ މީހުން މަދުވަމުން ދިޔައެވެ. އެތަނުގެ ބޭރުގައި މާޔާ އާއި އެކު ޝީތު މަޑުކޮށްލައިގެން ހުއްޓެވެ. މާޔާ ކައިރީ އޭނާ އިން ހާލަށްޓަކައިވެސް ހުއްޓާލާށޭ ޝީތުއަށް ބުނެވުނު ޢަދަދެއްވެސް ނޭނގެއެވެ. އެކަމަކު މާޔާގެ ދެލޮލުން ކަރުނަ ހުސްވުމެއް ނެތެވެ.

މުޅި ދުނިޔެ ބަނަވެ އެކަނިވެއްޖެކަމުގެ އިހްސާސާއެކު މާޔާ ހިތްދަތިވީ ކުރިއަށްވުރެ ބޮޑަށެވެ. މަންމަ ކުއްލިއަކަށް ވަކިވުމުން އަދިވެސް މާޔާއަށް ހުރީ ޤަބޫލުނުކުރެވިފައެވެ. އޭނާ ގެއިން ނިކުތުމުގެ ކުރިން އޮފީހަށް ދާން ޝަރުމީލާ ނިކުތްއިރު އެއްވެސް ބަލިމަޑުކަމެއް ނުފެނެއެވެ. އަދި އެއީ މަންމަ ހެޔޮހާލުގައި ވަނިކޮށް އޭނާއަށް ފެންނާނޭ އެންމެފަހު ފަހަރު ކަމެއްވެސް ނޭނގެއެވެ.

އޮފީހުގައި ހުއްޓާ ކުއްލިއަކަށް އަނބުރައިގަނެގެން ގެނައިރުވެސް އޮތީ ނިޔާވެފައެވެ. ޝަރުމީލާ ހޮސްޕިޓަލާއި ހަމަޔަށް ގެނައި މީހުންވެސް ތިބީ ޝޮކެއްގައެވެ. އެކަމަކު މަރު އައިސް ބައްދަލުކުރަނީ އެމީހަކު ބަލި އެނދުގައި އޮއްވާ އެކަންޏެއް ނޫންކަމާއި އެއީ އެއްވެސް މީހަކަށް ޚަބަރުކޮށްފައި އަންނަ އެއްޗެއް ނޫންކަންވެސް އެނގެއެވެ. އެހެންވިއަސް އޮފީހުގައި ހީނ ސަމާސާކޮށް އުޅެފައި ކުއްލިއަކަށް ވަކިވުން ވެގެން ދިޔައީ އެމީހުންގެ ހިތަށްވެސް ނުކުޅަދާނަވި ކަމަކަށެވެ. އަދި މާޔާއަށް ކުރާނެ އަސަރު ހިތަށް އަރާފައި ބައެއް މީހުން ސަހަރާގެ ބޭރުގައި މާޔާ ފެންނަ ހިސާބުގައި ތިއްބެވެ.

މާޒިން ނިކުމެފައި ގެއަށް ދާންވީނުންހޭ އަހާލުމުން މާޔާގެ ކޮނޑުގައި ޝީތު އަތްޖައްސާލިއެވެ. އޭނާގެ މެޔާ ކައިރިއަށް ލަފާލަމުން ދާން ހިނގާށޭ ބުނެލިއެވެ. ދެއަތް ގެނެސް އަނގަމަތީ ޖައްސާލަމުން މާޔާއަށް އަނެއްކާވެސް ރޮވުނެވެ. މަރަކީ އެއްވެސް އިންސާނަކަށް ބާރު ފޯރުވެވޭ އެއްޗަކަށް ނުވާއިރު އަދިވެސް ހިތާއި ޝަކުވާ ކުރެވެނީއެވެ. މަންމަ އޭނާ އެކަނިކޮށްފައި ދިޔައީ ގަސްތުގައޭ ހިތަށް އަރަނީއެވެ.

އެންމެ ހިތްދަތިވީ އިންހާލު ހިތަށް އަރާފައެވެ. މިއީ އަންހެން ކުއްޖަކަށް އޭނާގެ މަންމަގެ އެހީ އެންމެ ބޭނުންވާ ވަގުތެވެ. ނޭނގޭ އެތައް ކަމެއް އޮޅުންފިލުވައިދެނީ މަންމަގެ ތަޖުރިބާގެ އަލީގައެވެ. ވީއިރު އެކަނި މި ހާލުގައި ބާކީ ފަސްމަސްދުވަސް ހޭދަކުރާނެ ގޮތެއް އޭނާއަކަށް ނުވިސްނެއެވެ.

*** **

އެއް ހަފްތާ ނިމެންދެން އޭނާ ހުރީ ޝީތުގެ ކައިރީގައެވެ. ފަރީލާ މާޔާގެ ހާލުބަލަން އައީ އެންމެ ދުވަހަކުއެވެ. އޭގެފަހުން ޝީތުގެ ގެއަށް ފޮނުވީ މާޔާގެ އަންނައުނުތަކެވެ. ޝީތުގެ ފަރާތުން ލިބުނު ހިތްވަރާއި އޯގާތެރިކަމުގެ ސަބަބުން މަޑުމަޑުން އޭނާގެ ހިތާމަތަކަށް ލުއި ލިބެމުން ދިޔައެވެ.

އެކަނި ހުންނަންވުމުން އަމިއްލަ ދިރިއުޅުމާއި މެދު ވިސްނާލަން ފުރުޞަތު ލިބިގެން ދިޔައެވެ. އެއްވެސް މީހަކަށް ބުރަ އަކަށް ނުވެ އެކަނި އުޅެން ދަސްކުރަންވެއްޖެ ކަމަށް ޤަބޫލުކުރެވެން ފެށިއެވެ. އެހެންވެ ވަޒީފާއެއް ހޯދަން މާޔާ ގަސްތުކުރިއެވެ.

ޝީތުއަށް އެކަން އެނގުނީ އިންޓަރވިއުއަށް ދާން ގަޑި ކީ ހިސާބުންނެވެ. އެވެސް މާޒީންގެ ހިއްސާ އޮންނަ ކުންފުންޏަކަށްވާތީ އެވެ. ޝީތު ހުރި މަސައްކަތެއްވިއްޔާ ބަހައްޓާފައި މާޔާ ކޮބައިތީ ބަލާލިއިރު މާޔާ ކޮޓަރީގައި އުޅެނީ ހެދުންތައް ފަތްޖަހާށެވެ. ޝީތު ފެނުމާއި އެކު މާޔާ މަސައްކަތް މަޑުޖައްސާލިއެވެ.

"މާޔާއަށް ހީވީތަ މާޔާ އާއި ހެދި އަހަރެމެންނަށް އުދަނގޫވީއޭ؟" ޝީތު ދެރަވީ މާޔާ ވިހަންވެފައި އިންދާ މަސައްކަތަށް ދާތީއެވެ. ޝީތު ސާބިތުކޮށްދެން ބޭނުންވަނީ އުމުރު ދުވަހު މާޔާ ހުރުމަކުން އޭނާއަށް ބުރައަކަށް ނުވަތަ ތަކުލީފަކަށް ނުވާކަމެވެ.

"ނޫނޭ، އެކަނިވުމާއި އެކު ފިކުރުބޮޑުވެ އަބަދު އެއްކަމެއްގައި ކަރުނަ އޮހޮރުމަށްވުރެ ފަސޭހަވާނެ މަސައްކަތެއްގައި މަސްއޫލްވުން. ޝީތު، ތިޔަ ދެމަފިރިންނަކީ މިއަދު އަހަރެންގެ ތިބި ހަމައެކަނި ބަޔަކީ،" މާޔާ ހިފީ ޝީތުގެ އަތުގައެވެ. އޭނާއަށްޓަކައި ހިތް ބަރުނުކުރަން އެދެއެވެ. އަދި މިކަމުގައި ހުރަސް ނޭޅުމަށް އެދެއެވެ.

** **

އިންޓަރވިއުއަށް ގޮސް އިންއިރު އެތަނުގައި ވަޒީފާއަށް އެދި އައިސް ތިބި ބައިވަރު ކުދިން ތިއްބެވެ. އެމީހުންނާއި ކުރިމަތިލައިގެން ވަޒީފާ ލިބޭނެބާއޭ ހިތަށް އެރިއެވެ. ވަޒީފާތަކުގައި އިސްކަން ދޭނީ މަސައްކަތުގައި ވީހާވެސް ގިނަ ވަގުތު އުޅެވޭ އަދި ހުސްކޮށް ތިބޭ ކުދިންނަށޭ އޭނާ ހިތަށް އެރިއެވެ. އެކަމަކު އޭނާގެ ނަމުން ގޮވަންދެން މަޑުކޮށްލައިގެން އިނެވެ.

މާޔާގެ ނަމުން ގޮވާލުމާއި އެކު އޭނާ ތެދުވެ ހިނގައިގަތެވެ. އޭނާ އަންނަތަން ފެނި މީހަކު ދޮރުގައި ހިފަހައްޓައިދިނެވެ. އެމީހާއަށް ޝުކުރު އަދާކޮށްފައި އެތެރެއަށް ވަންއިރު ބޮޑު މޭޒެއްގެ ދޮށުގައި ތިން މީހަކު ތިއްބެވެ. މާޔާއަށް ހުރި ގޮނޑިއަށް އިޝާރަތްކޮށްލީ އެންމެންގެ މެދުގައި އިން މީހާއެވެ. މާޔާ އިށީނުމާއި އެކު އެމީހުންގެ ތަޢާރަފް ފެށުނެވެ. މުޅިންވެސް ތިބީ ކުންފުނީގެ ވެރިންގެ ލެވެލްގައި ތިއްބެވި ބޭފުޅުންނެވެ.

އަމިއްލަ ތަޢާރަފް ދޭން ފެށިއިރު އަރުތެރެ ހިކި އޭނާއަށް ވާހަކަ ދައްކަން އުދަނގޫވެގެން ދިޔައެވެ. މިއީ އިންޓަރވިއުއެއްގައި ބައިވެރިވާ ފުރަތަމަ ދުވަހަށްވާތީ އިނދެވުނީ ޖެހިލުންވެފައެވެ. އެކަމަކު ކޮންމެ ސުވާލަކަށްވެސް އޭނާ ޖަވާބުދާރީވަމުން އައީ އޭނާއަށްވީ އެންމެ ފުރިހަމައަށެވެ.

"މާޔާއަށް މަސައްކަތުގައި ހޭދަކުރެވޭނީ ކިތައް ގަޑިއިރު؟" އެކަކު ސުވާލުކޮށްލިއެވެ. އަމިއްލަ ހާލާއި މެދު ވިސްނާލަން މަޖުބޫރުކުރުވީ ސުވާލަކީ އެއީއެވެ. މި ބަރުހެލިކަމާއި އެކުވެސް އޭނާއަށް މަސައްކަތްކުރެވިދާނެއެވެ.

"އެންމެ މަދުވެގެން ހަގަޑިއިރު މަސައްކަތް ކުރެވިދާނެ." މާޔާ އަށް ބުނެވުނެވެ. އޭނާ ޖެހިލުންވެފައި އިންދާ އެމީހުންގެ ފަރާތުން އައި ޖަވާބުން އިތުރަށް ނުތަނަވަސްވިއެވެ،

"މި ކުންފުނީގައި ދުވާލަކު ބާރަގަޑިއިރު މަސައްކަތްކުރައްވާ މުވައްޒަފުންވެސް އެބަތިއްބެވި." މާޔާ އިސްއުފުލައިލިއިރު އެ އެންމެންގެ ނަޒަރު ހުއްޓިފައިވަނީ އޭނާއަށެވެ. އެބުނީ ތެދެއްކަން އޭނާއަށް އެނގެއެވެ. އެކި މީހުންނަށް ވަޒީފާއަށް ވަގުތު ދެވޭނީ އެކިވަރަށެވެ.

"މާޔާގެ ޕްރޮބޭޝަން ނިމެންވާއިރަށް އޮންނާނީ މެޓަރނިޓީ ލީވް ފަށަންވެފައި،" އެމީހުން މާޔާއަށް ހަނދާންކޮށްލަދިނެވެ. ވަޒީފާއަށް ދޭނެ ވަގުތެއް އޭނާގެ އަތަކު ނެތްކަން އެމީހުން ސާބިތުކޮށްދެން އުޅޭ ކަހަލައެވެ. މާޔާ މަޑުމަޑުން ބޯޖަހައިލިއެވެ.

"އެހެން ވިއަސް އަޅުގަނޑުމެންނަށް މާޔާ ވަރަށް މުހިއްމު" އެންމެންގެ މެދުގައި އިން ނަވާޒް ބުނެލިއެވެ. އެއީ ކުންފުނީގެ ސީ.އީ.އޯކަން ތަޢާރަފްވަމުން ބުނެދިނެވެ. އެންމެ އިސް ފަރާތެއްގެ ދުލުން އޭނާއަށް އުއްމީދު ލިބިގެން ދިޔައެވެ. ނުތަނަވަސްކަން ފިލައި އުފާވެރިކަން އިހްސާސްވިއެވެ. އެންމެންގެ ހިނިއައިސްފައިވާ މޫނުތައް ފުސްވެގެން ދިޔައީ ދެލޮލުން ނިރާލި ކަރުނަތައް ގިނަވަމުން ދިއުމުންނެވެ.

"އަޅުގަނޑުމެން ނުބަލަން އެއްވެސް މީހެއްގެ ޒާތީ ދިރިއުޅުމަކަށް،" ނަވާޒް އާއި ޖެހިގެން އިންނެވި ޝާލީން ބުނެލިއެވެ. އެއީ މާޔާއަށް އަހަން އެންމެ ފަސޭހަވި ޖުމްލައެވެ. ކޮންމެ ތަނަކަށް އައި ކަމުގައިވިއަސް އޭނާއަށް މީހުން ބަލާ ނުކިއްސަރު ބެލުމުން އެކަނިވެސް އަސަރު ކުރެއެވެ. ދެމީހަކު ސިއްރުން ވާހަކައެއް ދައްކާނަމަ އެ ދެކެވެނީ އޭނާގެ ވާހަކައޭ ހިތަށް އަރައެވެ. މާޔާ ކަހަލަ މީހަކަށް ވަޒީފާ ދޭނެ މީހަކު ނުވާނެއޭވެސް ހިތަށް އެރިއެވެ. އެކަމަކު މިއީ އޭނާގެ ތައުބާވެ ކުރި ދުޢާގެ ނަތީޖާކަން ޔަޤީނެވެ.

"ޝުކުރިއްޔާ" މާޔާ އަށް ކަރުނަތައް ހިފަހައްޓާލެވުނީ ކިރިޔާއެވެ. އިންޓަރވިއު ނިމުނުއިރު ވަޒީފާ ލިބޭނެ ކަމުގެ އުއްމީދު އޮތީ ވަރަށް ބޮޑަށެވެ. އޭނަ އާއި ސަލާމްކޮށް ޖަވާބެއް ދޭނެކަމުގައި ބުންޏެވެ. އެތަނުން ނިކުންއިރު އެ އުފާވެރިކަން ލިބެމުން ދިޔައެވެ.

އޮފީހުން ނިކުތްއިރު މާޒީން ހުރީ ބަލާ އައިހެވެ. އޭނާ އައީ ބަލާ އަންނާށޭ ބުނެފައެއް ނޫނެވެ. އަދި އޭނާ ނިމޭނެ ވަކި ގަޑިއެއް ނުވެސް އެނގެއެވެ. މާޒީންގެ ކާރަށް އެރުމުން އިންޓަރވިއުގެ ކަންތައް ދިޔައީ ކިހިނެއްތޯ މާޒީން އަހާލިއެވެ. ރަނގަޅޭ ބުނެފައި މާޔާއަށް ބަލައިލެވުނީ މާޒީންއަށެވެ.

"އެއީ މާޒީންގެ ކުންފުންޏެއްތަ؟"

މާޔާގެ މޫނަށް މާޒީންއަށްވެސް ބަލައިލެވުނެވެ. އަދި އެހާމެ އަވަހަށް އޭނާ މޫނު އަނބުރައިލީ ދުއްވަން އޮތް މަގަށެވެ. އެ ހަރަކާތުން މާޔާއަށް ޖަވާބު ލިބުނެވެ. އެމީހުން މާޔާއަށް ހިތްހެޔޮކޮން ބަލައިލީ މާޒީންގެ މުވައްޒަފުންނަށްވާތީއެވެ. އަދި އެއީ މާޒީން އަންގައިގެން ކުރި ކަމަކަށްވާތީއެވެ. ވަކި މީހެއްގެ ނުފޫޒުން އޭނާއަށް ވަޒީފާއެއް ލިބުމަކީ އެންމެ އެދޭ ގޮތެއް ނޫނެވެ. ފަހަރެއްގައި އޭނާއަށްވުރެ މާ ޤާބިލް ކުދިންވެސް ތިބެދާނެއެވެ.

"ޓްރަސްޓް މީ މާޔާ، އަހަރެންގެ އެއްވެސް ނުފޫޒެއް ނޯންނާނެ، މާޔާއަށް ވަޒީފާ ލިބޭނީ ތިއީ އެންމެ ޤާބިލް ކުއްޖާ ވީމައި، އެއީ މާޔާގެ ރިޒްޤުގައި ލިޔެވިފައިވާ ކަމެއްވީމައި، އަހަރެން އެދެން މާޔާއަށް ރަނގަޅު ގޮތް މެދުވެރިވުމަށް." މާޒީންގެ ޖަވާބުން އެއީ މާޔާއަށް ހީވި ހީވުމެއްކަން އެނގިގެން ދިޔައެވެ. އަދި އޭނާއަށް ތަސައްލީ ލިބުނެވެ.

** **

ވަޒީފާ ހަމަޖެހި މާޔާ ނިކުންނަން ފެށިއިރު އޭނާއަށް ގާތްކަމެއް ބަހައްޓަނީ މަދު މީހެކެވެ. ބައެއް މީހުން ވާހަކަ ދައްކަނީ ހަމައެކަނި އޭނާގެ މައުލޫމާތު ހޯދުމުގެ ނިޔަތުގައެވެ. އަދި އެތަނުގައި އެންމެ ބާރަށް ފެތުރުނީ މާޔާ ބަނޑުބޮޑުވީ ކައިވެނިން ބޭރުންކަމެވެ. އެކަމަކު އެންމެ ފަހަރަކުވެސް އެއިން އެއްވެސް މީހަކު މާޔާ ކައިރީ ކަން ވީގޮތެއް ނާހައެވެ. ފަހުން އޭނާއަށް ވާހަކަ ދައްކަން ފެށި މަދު މުވައްޒަފުންވެސް އޭނާ ބެހެއްޓީ ބާކީ ކޮށްފައެވެ.

"މާޔާ، ނަވާޒް އެބަ ގޮވާ." މާޔާ މަސައްކަތެއްގައި އިންދާ ނަވާޒްގެ ޕާރސަނަލް އެސިސްޓެންޓް އައިސް ބުނެލިއެވެ. އޭނާ އެ މަސައްކަތް ބަހައްޓާފައި ތެދުވެ ނަވާޒްގެ ކެބިންއަށް ހިނގައިގަތެވެ. ދޮރު ހުޅުވާލިއިރު ނަވާޒް އިނީ ބޮޑު ފައިލެއް ހިފައިގެން ބޮޑު މަސައްކަތެއްގައެވެ. ދޮރުގައި ޓަކި ދިނުމުން ނަވާޒްގެ އަތުން އަންނާށޭ ބުނެލީ އިސްއުފުލައިނުލައި އިނދެފައެވެ. މާޔާ ކައިރީ އިށީންނަން ނަވާޒް ބުނެލިއެވެ.

"މިއޮތީ މި ކުންފުނިން ނެގި މެގަ ޕްރޮޖެކްޓެއްގެ ޕްލޭނިން އެކުލަވާލުމުގެ މަސައްކަތް ނިމިފައި، އެކަމަކު އަދި މަސައްކަތް ހުރީ، މާޔާއަށް މި މަސައްކަތުގައި ދެ މުވައްޒަފަކު އެހީވާނެ، އެކަމަކު މި މަސައްކަތް ނިންމަން އެބަޖެހޭ ހަފްތާއެއްގެ ތެރޭ، އެހެންވީމައި ކޮންމެ ދުވަހަކު މަޑުކޮށްލައިގެން ވިއަސް ޑިއުވުމުގެކުރިން ނިންމާފައި ޕީ އޭ ސާޖިދާ އާއި ހަވާލުކޮށްލާ." ނަވާޒް ބަލަން އިން ފައިލު މާޔާގެ ކައިރިއަށް ލަފާލިއެވެ. މާޔާ އެފައިލަށް ބަލައިލިއެވެ. ކުރަން ހުރި މަސައްކަތުގެ ޗެކު ލިސްޓެއް އޮތެވެ. އޭނާ ކަންބޮޑުވީ ބުރަވާނެކަން ހިތަށް އަރާފައެވެ.

އޮފީހަށް ނިކުންނަން ފެށިފަހުން އޭނާގެ ފަޔާއި ބުރަކަށީގައި ވަނީ މަޑު ރިހުމެއް ހިފާފައެވެ. ފައިތިލަ ފޮއްސިވާން ފަށައިފިއެވެ.

"އާދެ" އަމިއްލަ ކަންކަން ފަސްކޮށްލާފައި މާޔާ އެއްބަސްވިއެވެ. ވަޒީފާއަށް ނިކުތްއިރުވެސް އަބަދު ލުއިގޮތަކަށް ނުދާނެކަންވެސް އެނގެއެވެ.

** **

ޖެހިގެން އައި ދެދުވަހު މާޔާ ގިނަ ވަގުތު ހޭދަކުރީ އޮފީހުގައެވެ. ދުވަސް ނިމި ރޭގަނޑު އެނދުގައި ޖައްސާލާ ވަގުތު މުޅި ހަށިގަނޑު ވަރުބަލިވެފައިވާ ވަރު އެނގެއެވެ. ދެފައިގައި ހުންނަ ރިހުން ގަދަކަމުން ބައެއް ރޭރޭ ދެބައިވާއިރުވެސް ނިދި އަންނަގޮތެއް ނުވެއެވެ.

މިރޭވެސް މާޔާއަށް އޮވެވުނީ ނުނިދިފައެވެ. ގިނައިރު އެއް އަރިއަކަށް އޮންނަންވުމުން ބަނޑުގައި ރިއްސާގޮތްވާތީ އެނދުން ތެދުވިއިރު ދެމީހަކު ވާހަކަ ދައްކާ އަޑު އިވުނެވެ. މާޔާއަށް ބަލައިލެވުނީ އަތުގައި އޮތް ފޯނަށެވެ. ގަޑިން ދެގަޑި ބައިވަނީއެވެ. މި ދަންވަރު ގޭތެރޭގައި އުޅެނީ ކޮންބައެއްތޯ ބަލަން ކޮޓަރިން ނިކުންއިރު އެ އަޑު އަންނަނީ ޝީތުމެން ދެމަފިރިން ނިދާ ކޮޓަރިންކަން އެނގެއެވެ. އެއީ އެދެމަފިރިން ވާހަކަ ދައްކާ އަޑެއް ނޫނެވެ. އަޑު ގަދަކޮށް ޒުވާބު ކުރަނީއެވެ.

މާޔާއަށް ހުރެވުނީ ހިތްބިރު ގަންނަ ގޮތްވެފައެވެ. ޝީތު އާއި މާޒީން އަބަދުވެސް ފެންނަނީ ވަރަށް ލޯބިން އުޅޭތަނެވެ. އެދެމީހުންގެ މެދުގައި އަރާރުމެއް ހިނގާނެ އެއްވެސް ކަމެއް ނުފެނެއެވެ. އެކޮޓަރީގެ ކައިރިއަށް މާޔާއަށް ދެވުނެވެ. ދެމީހަކު ދައްކާ ވާހަކަ އަޑު އެހުމަކީ ރަނގަޅުކަމެއް ނޫންކަން އެނގިވެސް ދެވުނީއެވެ. އޭނާއަށް ސާފުވެގެން ދިޔައީ އެދެމީހުންގެ މެދުގައި ޖެހުނު މައްސަލައިގެ އަސްލަކީ އޭނާ ކަމެވެ.

"އަހަރެމެން ނުޖެހޭ އޭނަ ވިހަންދެންވެސް މަޑުކުރާކަށް، މާޒީންއަށް އެނގޭތަ އަހަރެންގެ ބައްޕަ އުޅޭ ހާލު؟ މިތަނުން ފިލައިގެން ކިރިޔާ ދެވުނީ، އެކަމަކު މިހާރު އަމިއްލަ ޟަރޫރީ ކަމަކުވެސް ބޭރަށް ނުނިކުމެވޭ، މާޒީން ނުހުއްޓުވާނަމަ އަހަރެން މިހާރު ބުނެފީމު މައްސަލަ އަނބުރާ ނަގަން." ޝީތުގެ އަޑު އައީ ރުޅިވެރިކަމާއި އެކުގައެވެ. ބައެއް ފަހަރު އައިސް ހުރި ރުޅި އާއި އެކު ރޮވޭހެން ހީވެއެވެ.

"އެއީ ދުލުން ބުނާހާ ފަސޭހައިން ކުރެވޭނެ ކަމެއް ނޫން، މާޔާ އަށް މަޖުބޫރު ކުރެވިދާނެ، އެކަމަކު އޭނާގެ ބަޔާން ބަދަލުކުރުމަކުން މައްސަލަ ނުވެސް ނިމޭނެ،" މާޒީން ވިސްނައިދޭ ރާގެއްގައި ބުނެލިއެވެ. މާޔާއަށް ހުރެވުނީ އެ އަޑު އިވިފައި އަދިވެސް ޤަބޫލު ނުކުރެވިފައެވެ.

އެދެމީހުންގެ އަޑު ނުއިވޭ ހިސާބަކަށް ދާން މާޔާ ބޭނުންވިއެވެ. ދެލޮލުން އަންނަމުން ދިޔަ ކަރުނަތައް މާޔާ ފޮހެލިއެވެ. އޭނާގެ ގާތުގައި މައްސަލަ ޖައްސަން ބުނި މީހަކީވެސް ޝީތެވެ. ޔޫނުސްގެ ވަކިތަކުން ސަލާމަތްވާން ފުރަތަމަ ހިތްވަރު ދިން މީހަކީ އެއީއެވެ. މިހާރު ޝީތުގެ ނިޔަތާއި ދެއްކި ވާހަކައިގެ މާނަ މުޅިން ބަދަލުވީ ކީއްވެކަމެއް ނޭނގެއެވެ.

މިވީ ދެ ހަފްތާއެއްގެ ތެރޭ މާޔާ ހީކުރީ ހުރިހާ ކަމެއް ހަމަޖެހުނީ ކަމަށެވެ. އެކަމަކު އޭނާއަށް އަދިވެސް މިހުރެވުނީ ވަށައިގެން ބިންދަމުންދާ ރާޅުތަކެއްގެ ތެރޭގައިކަން އެނގުނީ އަދި ކިރިޔާއެވެ. އޭނާ ހިނގައިގަންނަން އުޅެނިކޮށް އިވުނު ޖުމްލައިން އޭނާއަށް ހީވީ ތޫނު އެއްޗެއް އޭނާގެ ހިތަށް ހަރާލިހެންނެވެ. (ނުނިމޭ)

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
132
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *