Support Us

ވާހަކަ: ހިމާޔަތް އެދެމޭ- 21

މާޔާއަށް ބޯޖަހައިލެވުނެވެ. ރޮމުން ރޮމުން ގޮސް އޮޅުލައިގަނެވުނީ މަންމަގެ ކަރުގައެވެ. މަންމަގެ އެންމެ ލަފްޒެއްވެސް އޭނާއަށް ފުދެއެވެ. މަންމަ ހުރިކަން އެއީ އޭނާގެ ނަޞީބެވެ. ރޭގަނޑުގެ އަނދިރިކަން ނެތި ފަޖުރުގެ އަލިކަން ފާޅުވާ ފަދައިން ހިތާމަތައް ފިލައި އުފާވެރިކަމުގެ އިރު އަރާނެކަން ޔަޤީންވެގެން ދިޔައެވެ. އިރު އެރުމާއި އެކު އެގެއިން ނިކުންނަން ޝަރުމީލާ ހުރީ ނިންމައިގެންނެވެ. އެއަށްފަހު ޔޫނުސް އާއި ދެކޮޅަށް ދައުވާ އުފުލުމަށް އޭނާ ނިންމިއެވެ. އިރު އަރަންދެން އިންތިޒާރުގައި އިންދާ އޭގެކުރިން އޭނާއަށް ކުރިމަތިވީ އޭނާގެ ވިސްނުމަށްވެސް ނުގެންނަ ވަރުގެ ކަމަކާއި އެވެ.

ކޮޓަރީގެ ދޮރުގައި ތަޅައިގެން އަޑަށް ޝަރުމީލާ ޖެހިލުންވިއެވެ. ދޮރު ހުޅުވާލުމާއި އެކު ޔޫނުސް އެތެރެއަށް ވަނީ ޝަރުމީލާ ކޮއްޕާލާފައެވެ. ގުންފައިޖަހައިފައި ޔޫނުސް ދިމާކުރީ އޭނާގެ މުށުތެރެއަށް މާޔާ ގެންނާށެވެ. މާޔާގެ އަތުގައި ހިފާ ކޮޅަށް ނަގަންވީއިރަށް ޝަރުމީލާ ދުވެފައި ކަހަލަ ގޮތަކަށް އައިސް ހުއްޓުނީ ޔޫނުސްގެ ކައިރިއަށެވެ.

"ދުރުގައި މަންޒަރު ބަލަންހުރޭ، ނޫނީ އަހަރެން އަތުގައި މިއޮތް ވަޅިން މީގެ ތޫނުކަން ދައްކާލާނަން." ޔޫނުސް ދެލޯ އަޅާލާފައި ހަރުކަށިކަމާއި އެކު ބުނެލިއެވެ. ޝަރުމީލާގެ މޫނާއި ހަމަޔަށް އުފުލައިލި ނުވަ އިންޗީގެ ވަޅި ފެނިފައި އޭނާ ތުރުތުރުއަޅައިގަތެވެ.

މަންމައަށް ގޮވާލެވުނުއިރު މާޔާގެ އަޑު ނިކުތީ ކިރިޔާއެވެ. އޭނާގެ ހައްޤުގައި މަންމަ ޤުރުބާންވާން އޭނާ ނޭދޭ ފަދައެވެ. ޔޫނުސް ދެކެ އިންތިހާއަށް ބިރުގެންފައި ހުއްޓާ ޔޫނުސް ވަޅި ޖައްސާލީ މާޔާގެ ކަރުގައެވެ. އަމިއްލަ ފުރާނަ ބޭނުންނަމަ ޔޫނުސް ބުނި ކޮންމެ ކުރުމަށް ވައުދުވާން އަމުރުކުރުމުން މާޔާއަށް ބަލައިލެވުނީ މަންމައަށެވެ. ޝަރުމީލާ ބޯޖަހައިލީ މިވަގުތަށް އެއްބަސްވާށޭ ބުނާ ފަދައިންނެވެ. ޔޫނުސްގެ އަތްތިލައިގައި މާޔާގެ އަތްތިލަ ޖައްސާލާފައި ހުވާކުރީ ޔޫނުސް ބުނި އިގްރާރުގެ އެއްވެސް އަކުރަކަށް ފިއްޔަކަށް ބަދަލު ގެނައުމަކާއި ނުލައެވެ.

"އަހަރެން މިކަން ސިއްރުކުރާނަން އުމުރަށްވެސް، އެކަމަކު އަހަރެންގެ މަންމައަށް އެއްވެސް ގޮތެއް ނުހަދާތި،" މާޔާގެ ދެލޮލަށް ގިނަވި ކަރުނަތައް ހިފަހައްޓާލަން ދަތިވިއެވެ. މަންމަގެ މޫނަށް ބަލާލެވުނުއިރު އެމޫނުން ފެންނަ ހިތްދަތިކަން ފެނި މާޔާގެ ހިތް ހީވީ ފަޅައިގެންދާން އުޅޭހެންނެވެ.

"ކަލޭމެން މިތަނުގައި މަޑުކުރޭ." ޔޫނުސް ހިނގައިގަންނަމުން ބުނެލިއެވެ. ހީވަނީ އެތަނުން ނިކުތުމުގެ ހުއްދަ ނުދޭން އުޅޭހެންނެވެ. ޔޫނުސްގެ ބޭނުމަކީ އަދިވެސް ބިރުދައްކައިގެން އޭނާ މިނިވަންކޮށް އުޅުމެވެ. ޔޫނުސް ނިވާވުމާއި އެކު ޝަރުމީލާ މާޔާއަށް ގޮވާލިއެވެ.

"މިކޮޓަރީގެ ބެލްކަނިން ނިކުމެވޭނެ މިގޭގެ އަނެއްބަޔަށް، މާޔާ، އޭނަ އެނބުރި އައުމުގެ ކުރިން ދަރިފުޅު ދޭ މިތަނުން،" ޝަރުމީލާގެ މޫނަށް ބަލަން ހުރެފައި މާޔާ ބޯ ދެފަރާތަށް ހޫރުވާލިތަން ފެނުނެވެ. މާޔާގެ މޫނުގައި ޝަރުމީލާ ދެއަތުން ހިފަހައްޓާލިއެވެ.

"އޭނަ މަންމައަށް އެއްވެސް ކަމެއް ނުކުރާނެ،" ޝަރުމީލާ ހިތްވަރުކުރަން ބޭނުންވިއެވެ. މިގެއިން ނިކުންނަން ބޭނުންވަނީ މާޔާ ގޮވައިގެންނެވެ. އެކަމަކު އޭނާއަށް އެ ހުއްދަ ނެތީއެވެ. މާޔާ ކައިރީ ފިލައިގެންދާން ބުނީ އެހެންވެއެވެ.

"އެކަމަކު އަހަރެން ގޮސް ވަންނާނެ ތަނެއްވެސް ނުހުންނާނެ." މާޔާ އަށް ބުނެވުނެވެ. އޭނާ އިންކާރުކުރިއަސް މަންމަ ފޮނުވާނެކަން އެނގެއެވެ. އޭނާ ނިކުމެގެން ގޮސް ވަންނާނެ އިތުރު ތަނެއް ނެތެވެ.

"މާޔާ ދާނީ ބައްޕަގެ ކައިރިއަށް." ޝަރުމީލާ އަޑު ތުރުތުރުލައިގަތެވެ. އޭނާ ދިން ޖަވާބު އަހާފައި މާޔާ އިރުކޮޅަކު ނޭވާ ހިފަހައްޓާލައިގެން ހުރިކަން ފާހަގަވިއެވެ.

"އަހަންނަކަށް ނޭނގެ އެއީ ކާކުކަމެއްވެސް، ތިއީ އަހަރެންގެ ހުރި މީހަކީ، މަންމަ ދޫކޮށްފައި އަހަރެން ނުދާނަން އެއްވެސް ތަނަކަށް،" މާޔާ އަށް ބުނެވުނީ އަޑުހަރުކޮށެވެ. މިވަގުތު ޝަރުމީލާ ކަންކަން ނިންމަނީ އެއްވެސް ވިސްނުމަކާއި ނުލައިކަން އޭނާއަށް އެނގެއެވެ.

"މާޔާ ޖެހޭނި ދާން، މަންމަވެސް މިތަނުން ނިކުންނާނަން، ދާނަން މާޔާ ކައިރިއަށް، މިވަގުތު ނޫނަސް، ދަރިފުޅުގެ ބައްޕަ ހުރީ މާލޭގައި، އޭނާ ހުރީ މިހާރު ރަނގަޅުވެފައި، އޭނާގެ ފިރިހެން ދަރިފުޅުގެ ކައިރީ ހުންނަނީ، މާޔާ ދެކިލާހިތުން ހުރީ،" ޝަރުމީލާއަށް ވާހަކަ ދައްކަން އުދަނގޫވިއެވެ. އޭނާގެ ކުރިމަތިން މާޔާ ދާން ހިތް ނޭދުނަސް ފޮނުވަން މަޖުބޫރެވެ. އެންމެ މިނެޓަކަށްވެސް މާޔާއަށް އަނިޔާލިބޭކަށް އޭނާ ނޭދެއެވެ.

** **

ޔޫނުސް އެކޮޓަރިއަށް ވަނީ އޭނާގެ ކޮޓަރި ޝަރުމީލާ ލައި ބަންދުކުރެވޭނެ ގޮތަށް ތައްޔާރުކޮށްފައެވެ. ގޮނޑީގައި އައްސާފައި ބޭންދުމަށް ވާގަނޑެއް ހިފައިގެންނެވެ. އަބަދަށްވެސް އޭނާއަށް މާޔާ ހިތްހަމަޖެހޭ ގޮތަކަށް ގެންގުޅެވިދާނެއެވެ. އޭނާ ޝަރުމީލާއަށްވެސް ލުއިދޭން އިއުތިރާޒެއް ނެތެވެ. ޝަރުމީލާވެސް އެގެއިން ނިކުމެގެން ދެވިދާނެއެވެ. އެކަމަކު ހުރިހާ ކަމެއް ސިއްރުކުރަންޖެހޭނެއެވެ.

އެތެރެއަށް ވަނުމާއި އެކު ޔޫނުސްގެ ދެބުމަ އުފުލިގެން ދިޔައީ ހައިރާންވިވަރުންނެވެ. ބޭރަށް ހުޅުވާފައި ހުރި ކުޑަދޮރު ފެނިފައި އޭނާއަށް އެދެމައިން ނިކުމެގެން ދިޔައީކަން ކަށަވަރުވެއްޖެއެވެ. ފަޔަށް ލެވުނު އެންމެ ބާރެއް ލާފައި އައިސް ކުޑަދޮރުގެ ކައިރިއަށް ހުއްޓި ބަލައިލީ ބޭރަށެވެ. މުޅި ހިސާބުގައި ދެމީހުންގެ ނިޝާނެއް ނެތެވެ.

** **

މާޔާ އާއި ޝަރުމީލާއަށް އެހީގެ އަތެއް ދިއްކޮށްލީ ފަރީލާއެވެ. އެދެމައިން ހަމައަކަށް އެޅުމާއި އެކު ލަސްނުކޮށް ޔޫނުސްގެ މައްސަލަ ހުށައެޅުނެވެ. މާޔާގެ މެޑިކަލް ރިކޯޑްތަކުން އެކަނިވެސް ޔޫނުސްގެ އަނިޔާ ހުރީ ފެންނާށެވެ. އެކަމަކު ޔޫނުސް ހައްޔަރުކުރުމުގެ ކުރިން އޭނާ ހުރީ ފުރައިގެން ގޮހެވެ.

ކަންތައްތަކެއް ހިނގައިދިޔައިރު މާޔާ އާއި ޝީތު ބައްދަލުވީ އެންމެ ފަހަރަކުއެވެ. މާޔާ ޔޫނުސްގެ ކިބައިން ސަލާމަތްވީތީ އެކަމާއި އުފާކުރާ ވާހަކަ ޝީތު ބުންޏެވެ. އަދި ބައްދަލުކުރަން ބޭނުން ނަމަ ޝީތުއަށް ގުޅާށޭވެސް ބުންޏެވެ. ޝަރުމީލާއަށްޓަކައި ޝީތުގެ ހިތުގައި އޮތީ މަންމައެއްގެ ދަރަޖައެވެ. އެކަމަކު ޝަރުމީލާ އާއި ބައްދަލުކުރަން ނުކެރޭނެކަމުގައި ޝީތު ބުންޏެވެ. ޔޫނުސްގެ މިޒާޖާއި ނުބައި އަޚްލާޤުގެ ސަބަބުން ޝީތު އާއި ޝަރުމީލާގެ ދެމެދުގައި އެއްވެސް ނުނިޔަތެއް ނޯންނާނެކަން މާޔާ ޔަޤީންކޮށްދިނެވެ. އަދި ޝީތު ބޭނުންވި ކޮންމެ ވަގުތެއްގައި މަންމަގެ ކައިރިއަށް އާދެވިދާނެ ކަމުގައި ބުންޏެވެ.

** **

އާގެއަކަށް ބަދަލުވެވުމާއި އެކު ޝަރުމީލާ އާއި މާޔާގެ ގުޅުން އިތުރަށް ރަނގަޅުވެގެން ދިޔައެވެ. މަންމަގެ ލޯތްބާއި އަޅާލުމުން މާޔާގެ ތަކުލީފްތައް ލުއިވަމުން ދިޔައެވެ. އެކަމަކު އޭނާގެ ހަޔާތުން އެއް ކަންތައް އުނިވާކަން އެނގެއެވެ. ހަތަރު މަސްވެގެން ދިޔައިރު އޭނާގެ ބަނޑު ފާޅުވާން ފަށައިފިއެވެ. އޭނާ ފިކުރު ބޮޑުވަމުން ދިޔައީ ދަރިފުޅު ދުނިޔެއަށް އުފަންވާއިރު ބައްޕަގެ ނަމުން ގޮވާލާނެ ފަރާތެއް ނެތުމުންނެވެ.

މިކިއަލްގެ ޚަބަރެއް ނުވެ ހަތަރު މަސް ހޭދަވިފަހުން އަނެއްކާވެސް މިކިއަލް ގުޅަން ފެށިއެވެ. އޭނަ އާއި ބައްދަލުކުރަން އެދެމުން ދިޔައެވެ. މިކިއަލްގެ ކުރިމައްޗަށް ދާން މާޔާ ބޭނުމެވެ. އެއީ އޭނާގެ ސިފަ ފެނުމަށްފަހު ފަހަރެއްގައި މިކިއަލް އޭނާއަށް އުދަނގޫކުރުމުގެ ޚިޔާލު ދޫކޮށްލަފާނެއޭ ހިތަށް އަރާތީއެވެ. އެއް ރެއަކު ޝަރުމީލާ އޮފީހަށް ދިޔަ ވަގުތަކު މިކިއަލް އާއި ބައްދަލުކުރަން މާޔާ ނިކުތެވެ.

މިކިއަލް ބުނި ރެސްޓޯރެންޓަށް ވަންއިރު މިކިއަލް އިނީ އިންތިޒާރުގައެވެ. މީގެ ކުރިން މިކިއަލް ބައްދަލުކުރަން ބުނަނީ އެއްވެސް މީހަކަށް ނުފެންނަ ތަނެއްގައެވެ. ގިނަ ފަހަރު މިކިއަލްގެ ކޮޓަރީގައެވެ. މިފަހަރު އެންމެންގެ ލޯތަކަށް ސިއްރުނުވާ ތަނެއްގައި ބައްދަލުކުރަން ބުނީ މާޔާހުރީ  މިކިއަލް ބޭނުންވާފަދަ އެއްވެސް ކަމެއް ކޮށްދެވޭނެ ހާލަތެއްގައި ނޫންކަމުން ކަމުގައިވެދާނެއެވެ.

"ވެޔަރ ހެވް ޔޫ ބީން؟" މާޔާ އިށީދެފައި އަހާލިއެވެ. އޭނާއަށް މިކިއަލް އަށް އައިސްފައި ހުރި ބަދަލުން މާޔާ ހައިރާންވިއެވެ. ބޮލުގެ އިސްތަށިގަނޑު ވަނީ ތުނިކޮށްލާފައެވެ. އަދި ތުނބުޅި ހުރީ ކުޑަކޮށް ދިގުކޮށްފައެވެ. މިކިއަލް އިސްއުފުލައި މާޔާގެ މޫނަށް ބަލައިލިއެވެ. ހަތަރު މަސްދުވަސްތެރޭގައި މާޔާއަށް ހުރީ ފާހަގަކުރެވޭ ބަދަލުތަކެއް އައިހެވެ. ކުރިއަށްވުރެ މޫނާއި ކޮލުގެ މަސްތައްވަނީ އުފުލިފައެވެ. ލައިގެން ހުރި ދޫ ކުރުތާގެ މަތިންވެސް ބަނޑު އެނގޭވަރުވެއެވެ.

"ރަށުން މިއައީ. ރާމީން ގޮވައިގެން ގޮސް." މިކިއަލް ޖަވާބު އަހާފައި މާޔާ ކަންބޮޑުވިއެވެ. ރާމީންގެ ހާލު ބަލައިލަން އޭނާ މަސައްކަތެއް ނުކުރެއެވެ. ލޯބިވާއިރުވެސް އެކަން ހާމަނުކޮށް މަޑުކުރީ މާޔާ ފަދަ އަންހެންކުއްޖަކާއި ރާމީން އާއި އެކަށީގެންނުވާކަން ހިތަށް އަރާފައެވެ.

"ކިހިނެއްތަ ރާމީން؟" ރާމީންގެ ހާލު އަހައިލާ ހިތުން މާޔާ ކެތްމަދުވިއެވެ. މިކިއަލް ބަލައިލީ ފާޑަކަށެވެ. ރާމީން އާއި ބެހޭގޮތުން ކިޔައިދޭން އޭނާ ބޭނުމެއް ނޫނެވެ. އަދި ދުވަހަކުވެސް މާޔާ އާއި ރާމީން ގުޅެން އޭނާ ބޭނުމެއް ނޫނެވެ.

"މެރީ ކޮށްފި،" މިކިއަލް ބަލަން އިނީ މާޔާގެ މޫނަށް އައި ބަދަލަށެވެ. މާޔާ ނޭވާ ހިފަހައްޓާލި ގޮތުން އެ ޖަވާބުން ހިތަށް ތަކުލީފް ލިބުނުކަން ޔަޤީންވެގެން ދިޔައެވެ. މިކިއަލް ދެލޯ ހަނިކޮށްލީ ހެވިދާނެތީއެވެ. އޭނާ ހަމަޖެހިލައި އަނެއްކާވެސް ރާމީން އާއި ބެހޭގޮތުން ކިޔައިދެންފެށިއެވެ.

"އަސްލު ރާމީން އެކުރީ މޮޔަކަމެއް، އަހަންނަށް ޔަޤީން ދެމަހެއްހާ ދުވަސްތެރޭގައި އެ އަންހެންކުއްޖާ ރާމީން ދޫކޮށްލާފައި ދާނެކަން، އަންހެނަކު ހިތްހަމަޖައްސައިނުދެވޭނެކަން ރާމީންއަށްވެސް އެނގޭނެ، އެކްސިޑެންޓަށްފަހު އޭނާއަށް ފިޔަވަޅެއްވެސް ނެގެނީ މީހެއްގެ އެހީތެރިކަމާއި އެކު." ރާމީންގެ ގާތުގައި މާޔާ އާއި ބެހޭގޮތުން ދެކެވުނު ވާހަކަތަކަށްފަހު މިހާރު ރާމީން މާޔާގެ ނަން ކިޔުންވެސް ވަނީ ހުއްޓާލާފައެވެ. ރާމީންގެ ސިކުނޑީގައި ލެވުނު ފަދަ ވިހައެއް މާޔާގެ ސިކުނޑީގައި ލެވޭނެ ކަމަށް މިކިއަލް އަށް ހީވިއަސް މާޔާ އިނީ މިކިއަލް ހަދާ ދޮގު އަޑުއަހާކަށް ނޫނެވެ.

"އެކްސިޑެންޓް؟" މާޔާ އަހައިލި ރާގުން މިކިއަލް ހުއްޓުން އެރިއެވެ. ކޮންމެ ލަފްޒެއް މާޔާގެ ސިކުނޑީގައި ރައްކާކުރަމުން ދިޔައެވެ. މިކިއަލް އޮޅުވައިލިއަސް ރާމީން ވީ އެކްސިޑެންޓް ނޫންކަން މާޔާއަށް އޮތީ އެނގިފައެވެ.

"މިކިއަލްގެ ބައިވެރިވުމެއްވެސް އުޅޭ ދޯ އެކަމުގައި." މާޔާގެ ސުވާލާއި އެކު މިކިއަލްގެ ލޭ ކެކިގަތެވެ. އޭނާއަށް މުށްކަވާފައި މޭޒުމަތީގައި ޖަހާލެވުނެވެ.

"ކަލޭ ނުލިބިގެން ޔޫނުސް ކުރިކަމެކޭ އެއީ، ކޮބާ މިހާރު؟ ފިލައި ރައްކާވީ ދޯ." ދަތްޕިލަ ޖައްސާ ބާރުކޮށްލާފައި މިކިއަލް ކޮންޓްރޯލްކުރީ އޭނާގެ އަޑެވެ. އެތަނުގައި އެމީހުން ނޫން އެތައް ބަޔަކު ތިބިކަން މިކިއަލް ހަނދާން ބަހައްޓަން މަސައްކަތްކުރިއެވެ.

"އޭނާގެ ކިބައިން ސަލާމަތްވުމަކީވެސް ރައްކާތެރިކަމެއް، އޭނާއަށް ފިލައިގެން ކިތަންމެ ދުރަކަށްވެސް ދުވެވިދާނެ، އަހަރެންގެ ހިތަށް ލިބޭ ހިތްހަމަޖެހުމަކީ މި ބިމުގައި އިންސާފް ނުލިބުނަސް އަދި އަހަންނަށްވެސް އެ ހައްޤު ލިބޭނެ ދުވަހެއްވާކަން ހަނދާންކުރުމުން އެ ލިބޭ ހިތްހަމަޖެހުން،" މާޔާ އާއި ދިމާލަށް ބަލަން އިނދެފައި މިކިއަލް ހޭންފެށިއެވެ. މިކިއަލް ހިނި ފަޅައިގެންދާވަރުގެ ވާހަކައެއް ބުނެވުނުބާއޭ މާޔާގެ ހިތަށް އެރިއެވެ. ނޫނީ އޭނާގެ އުއްމީދުތަކަށް މިކިއަލް ޖޯކު ޖަހަނީބާއޭ ހިތަށް އެރިއެވެ. މިކިއަލް ދެކެ ރުޅި އާދެވުނީ އޭނާ ހީހީފައި މާޔާއަށް ކިޔަންފެށި އެއްޗެހިންނެވެ.

"ކަލޭ އަމިއްލައަކަށް ކުރިކަމެއްނު އެއީ. ރުހުމުގައި." މިކިއަލް ހުނުން ކޮންޓްރޯލްކޮށްފައި ބުނެލިއެވެ.

"ރުހުމާއި އޮޅުވައިލުމަކީ ތަފާތު ދެމާނައެއްގައި ބޭނުންކުރާ ދެ ލަފްޒު" މާޔާ ދެންވެސް ހަމަޖެހިލިއެވެ. އޭނާ މިރޭ މިކިއަލްގެ ކުރިމައްޗަށް އައީ ވަރަށް ތައްޔާރުވެގެންނެވެ. އޭނާ ބަލިކަށިވާނެ ހުތުރު ބަސްމަގު މިކިއަލް ދަންނަކަން ހަނދާނުގައި ބަހައްޓައިގެންނެވެ.

"އެއްކަލަ ވީޑިޔޯތަކުގެ މަތިން ހަނދާން ނެތުނީތަ؟" މިކިއަލްގެ އަތުގައި ހަތިޔާރަކަށް ހުރީ ހަމައެކަނި އެ ވީޑިޔޯތަކެވެ. އޭގެތެރޭގައި މާޔާ އަމިއްލައަށް އުފާ ލިބިގަންނަމުން ދިޔަ މަންޒަރުތައްވެސް ހުންނާނެކަން މިކިއަލް ހަނދާންކޮށްދިނެވެ.

"މިކިއަލް، ޔޫ ބެޓަރ ކީޕް ދެޓް." މާޔާ ދިން ޖަވާބުން މިކިއަލް ހައިރާންވިއެވެ.

"މިކިއަލްގެ އުފަން ދަރިއަކަށް އެހެން ފިރިހެނަކު މިހެން ހަދާ ދުވަހަކުން ބަލައިލަން ބަހައްޓާ، އޭރުން މާޔާ ރުއިވަރު ހަނދާންވެދާނެ، ބައެއް މީހުންނަށް ވިސްނެނީ އެ ހިތި ރަހަ އެމީހެއްގެ އަރުތެރޭ ލީމައި. އެކަމަކު އެފަދަ ދުވަހެއް ނުދައްކަވާތޯ އަހަރެން ދުޢާކުރާނަން." މިކިއަލްއަށް ބަހެއް ބުނުމުގެ ފުރުޞަތު ނުދީ މާޔާ ދޭންފެށި ރައްދުން އޭނާ ރަނގަޅަށވެސް ހުއްޓުން އެރިއެވެ. ގޮނޑީގެ އަތްގަނޑުގައި ބާރަށް ހިފަހައްޓާލެވުނެވެ.

މާޔާ ތެދުވެ ހިނގައިގަތުމުން މިކިއަލް ތެދުވެ ހުރެވުނީ ބަލާށެވެ. އޭނާ ކަންބޮޑުވެ އަނެއްކާވެސް ކުރިން އިން ގޮނޑީގައި އިށީނެވެ. މަރުހަލާތަކަކަށްފަހު އޭނާ މާޔާ ގެންދިޔައީ އަންހެނަކު ފަޟީހަވާނެ އެންމެ ބޮޑު މަރުހަލާއަށެވެ. އެވެސް ލޯބީގެ ނަމުގައި ދައްކަމުން ދިޔަ ދަޅައެވެ. އޭނާގެ އަތުގައި ހުރި ވީޑިޔޯތަކަކީ އެއްވެސް ފިރިހެނަކު އެމީހެއްގެ އަންހެން ދަރިއަކު އެފަދަ ކަމެއް ކުރަނިކޮށް ބަލަން ކެތްވާވަރުގެ މަންޒަރުތަކެއް ނޫނެވެ. އެ ބަހައިގެން އޭނާގެ ޖީބު ފުރި ބަންޑުންވަނީއެވެ. އޭނާގެ ބަނޑު ފުރަނީ އެ ފައިސާއިންނެވެ. އޭނާގެ އަނބިދަރިންގެ ޚަރަދުކުރަނީ އޭގެންނެވެ.

ބިރުވެރި ހުވަފެނަކުން ހޭލެވުނު ފަދައިން މިކިއަލްއަށް ހޭލެވުނެވެ. އޭނާ އަތުގައި ހުރި ހުރިހާ ވީޑިޔޯތަކެއް ޑިލީޓްކޮށްލަން ބޭނުންވިއެވެ. އެކަމަކު އެހެން މީހުންނަށް ސިއްރުން ބެހި ވީޑިޔޯތައް ފުހެލާނެ އެއްވެސް ގޮތެއް ނޭނގުނެވެ.

** **

މާޔާ ގެއަށް ދިޔަ މަގުމަތީ އޭނާގެ ނަމުން މީހަކު ގޮވާލި އަޑު އަހާފައި ބަލައިލެވުނެވެ. ކާރުގެ ބިއްލޫރިގަނޑު ތިރިކޮށްލާފައި ހަނާ އަޅަން އިން ޝީތު ފެނިފައި އެދިމާލަށް ހިނގައިގަނެވުނެވެ. މާޔާ ކައިރީ ކާރަށް އެރުމަށް ޝީތު ބުނެލިއެވެ. މާޔާ އެރުމުން ޝީތު އެދުނީ ހޮސްޕިޓަލަށް ގެންދިއުމަށެވެ.

"ހޮސްޕިޓަލަށް؟" މާޔާއަށް އަހައިލެވުނެވެ. ޝީތު ބޯޖަހާލާފައި މޫނު އަނބުރައިލީ މަގާ ވީ ފަރާތަށެވެ. ކަމެއް ގޯސްވެއްޖެއޭ މާޔާގެ ހިތަށް އެރިއެވެ. އެކަމަކު ޝީތު ކައިރީ އިތުރު ސުވާލެއް ކުރާކަށް ނުކެރުނެވެ. އޭނާ އިނގިލިތައް ގުނަގުނާ އިންދާ ކާރު ގޮސް ހޮސްޕިޓަލް ދޮރުމަތީ މަޑުކޮށްލިއެވެ. މާޔާ ގޮވައިގެން ޝީތު އެތެރެއަށް ވަދެގެން ދިޔައެވެ. މާޒީންއަށް ކަމެއްވީބާއޭ ހިތަށް އަރާ ހުއްޓާ ފެނުނީ އެމެޖެންސީ ރޫމްގެ ދޮރުމަތީ މާޒީން ހުއްޓައެވެ.

"މާޔާ." ޝީތު މާޔާގެ ނަމުން ގޮވާލި ގޮތުން މެޔަށް ފިނިވެގެން ދިޔައެވެ. ވެގެން އުޅޭގޮތެއް ސާފުކޮށްދޭށޭ މާޔާއަށް ބުނެވުނެވެ. ޝީތުގެ ލޮލަށް ގިނަވި ކަރުނަތަކާއި އެ މޫނުން ފެންނަންހުރި އަސަރުން ވާހަކަ ދައްކަން އުދަނގޫވެގެން އުޅޭކަން އެނގެއެވެ.

"ޔޫ އާ ނޮޓް އެލޯން، ވީ އާރ ވިތު ޔޫ." މާޒިން އައިސް ހުއްޓެމުން ބުނެލިއެވެ. މާޒީން އަކީ މާޔާ އާއި އެހާ ވާހަކަ ދައްކާ މީހެއް ނޫނެވެ. އޭނާއަށް ހިތްވަރުދިނުމުގެ ނިޔަތުގައިވިއަސް އެބުނި ޖުމްލައިން މާޔާއަށް ނަގައިގަނެވުނެވެ.

"މަންމަ." މާޔާއަށް އަނގަމަތީ އަތް އަޅައިލެވުނެވެ. އެމެޖެންސީ ރޫމްގެ ދޮރު ހުޅުވައިދެމުން މާޒީން އަންނާށޭ ބުނެލިއެވެ. މާޔާ އެތެރެއަށް ވަންއިރު އެނދުމަތީ ބެޑްޝީޓަކުން ނިވާކޮށްފައި އޮތީ މަންމަގެ މަސްގަނޑެވެ. (ނުނިމޭ)

 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
13
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *