Support Us

ވާހަކަ: ޔުކްތާ – 10

އޭނާ ނޫން ކަމަށް ހަދާ ކާރުން ފޭބިއެވެ. އަދި ޝިޔާ ވާރެއާއި ތެމެން ދޫކޮށްލުމުން ޔުކްތާއާމެދު ހިތްހަމަނުޖެހުނެވެ. ޝިޔާއަކީ އޭނާ ނުހަނު ލޯބިން ބަލާ ކުއްޖެކެވެ. ހަވީރު ވަގުތު ވާރޭއާއި ތެމެން ދޫކޮށްލުމުން  ޝިޔާއަށް ރޯގާޖެހޭނެކަން އޭނާއަށް އެނގެއެވެ. ޝިޔާ ބަލިވެއްޖެ ނަމަ ފުރާނައަށްވެސް ގެއްލުން ވެދާނެއެވެ.

"ވާރޭއާއި ތެމޭހިތްވަންޏާ ޝިޔާ އެތެރެއަށް ވައްދާފަ ތެމޭ. މާގިނައިރު ކުރުމުން ޝިޔާޔަށް ރޯގާ ޖެހިދާނެ." އޭނާގެ ރާގުގައި ރުޅިވެރިކަން ނެތަސް ހިތްހަމަ ނުޖެހުމުގެ އަސަރު ހުއްޓެވެ. ކަންތައް ވީވެސް އެގޮތަށެވެ. އިރުއޮއްސެމުން ދަނިކޮށް ޝިޔާ ކިބިހި އަޅަން ފަށައިފިއެވެ. ރޯގާގެ އަސަރު ފާޅުވާން ފަށައިފިއެވެ. މިކަމާ އެންމެ ކަންބޮޑުވީ ޔުކްތާއެވެ. އެހާ ގިނަވަގުތު ވާރޭގައި އުޅެވުމުން ޝިޔާ ރޯގާ ޖެހިދާނެކަން އޭނާއަށް ނުވިސްނުނީތީއެވެ. އެއީ އޭނާގެ ސަބަބުން ވީގޮތެއްކަން އޭނާ ގަބޫލުކުރެއެވެ. އަދި އާރިޒު ރުޅި އަތުވެދާނެތީ ހުރީ ނުހަނު ކަންބޮޑު ވެފައެވެ.

އާރިޒު ދިޔައީ ޝިޔާއަށް ބޭސްދެވޭތޯ މަސައްކަތް ކުރަމުންނެވެ. ބޭސް ނުބޯން ގަދަހަދަމުން ދިޔަ ޝިޔާއަށް ބޭސްދެވޭތޯ ހިތްވަރުކުރީ އެއީ ބަލިވެއްޖެނަމަ ނުހަނު ބޮޑުވަރުވާ ކުއްޖެއްކަން އޭނާއަށް ވިސްނޭތީއެވެ. އެންމެފަހުން ޝިޔާ ބޭސްބުއީ ދަތުރުދާން އެއްބަސްވުމުންނެވެ. ދެ ދުވަހެއްގެ ތެރޭގައި ޝިޔާ ރަނގަޅުވީ ގަޑިން ގަޑިއަށް ބޭސްދީ އޭނާގެ ހުރިހާ ކަމަކަށް އާރިޒުގެ އިތުރަށް ޔުކްތާވެސް ފަރުވާތެރިކަން ބެހެއްޓުމުގެ ސަބަބުންނެވެ. އާރިޒު މަޑުމަޑުން ޔުކްތާއާމެދު ވިސްނެންފެށިއެވެ. އޭނާގެ މަންމަ ފެންވަރުވާ ސާފުކޮށް ބެލެހެއްޓުމުގެ އިތުރަށް ގޭތެރޭގެ ހުރިހާ ޒިންމާތަކާ އޭނާއާ ކުޑަކުޑަޝިޔާގެ ކަންތައް ފުރިހަމައަށް ބަލަހައްޓާތީއެވެ.

ހެނދުނު އޮފީހަށް ދިއުމުގެ ކުރިން އަބަދުވެސް ހެދުނުގެ ނާސްތާއަށް އަންނަ އާރިޒަށް ޔުކްތާ ނުފެނުމުން އާދަޔާ ޚިލާފު ފަޅުކަމެއް އިހުސާސް ކުރެވުނެވެ. އާރިޒު އެ އާދައިގެ ޔުކްތާގެ މަތިން ހަނދާން ވުމުން އަމިއްލައަށް ހިނިއަންނަ ގޮތްވިއެވެ. އެއީ އޭނާއަށް ކިހިނެއްވީކަމެއް ކަމެއް ޚުދް އޭނާއަށްވެސް ނޭނގުނެވެ. އާރިޒު އެހެން ދުވަސްތަކާ ޚިލާފަށް ގޯތިތެރޭގެ ގަސްތައް ބަލާލަން ދެވުނީ އިޚުތިޔާރަކާ ނުލައެވެ. ކުއްލިއަކަށް އޭނާގެ ނަޒަރު ހުއްޓުނީ އެއްވެސް ޚިޔާލެއްނެތި މާތަކެއް ބިނދެގެން މާބޮނޑިއެއް ހަދަން ހުރި ޔުކްތާއަށެވެ. ޔުކްތާ ފެނުމުން ބަޔާން ނުކުރެވޭފަދަ ހިތްހަމަޖެހުމެއް އޭނާއަށް ކުރުވިއެވެ. ޔުކްތާގެ ސާފު ދޮން މޫނުން އެހެން އަންހެން ކުދިންގެ ނުވާކަހަލަ ފުރިހަމަކަމެއް އޭނާއަށް ފެނުނެވެ. އޭނާއަށް ކަޅިޖަހާނުލާ ޔުކްތާއަށް ބަލަން ހުރެވުނެވެ. އެއީ ރީތި ކުއްޖެކެވެ. ރީތި ތުންފަތަކާއި ފުންލޮލެއް ލިބިފައިވާ ނިޔަނެތި ކުއްޖެކެވެ. އާރިޒު ފަހަތަށް ޖެހިލީ ޔުކްތާއަށް ފެނުމުގެ ކުރިން ފިލޭތޯއެވެ. އާރިޒު ކާރަށް އަރަން ދިޔައީ ޔުކްތާގޮސް މަންމަ ކޮޓަރިއަށް ވަނުމުންނެވެ.

ކާރަށް އަރަން ދިޔަނަމަވެސް ތަޅުދަނޑި ނެތުމުން ހަނދާންވީ ރޭގައި އޭނާގެ މަންމަ ގާތަށް ދިޔައިރު އެކޮޓަރީގައި ބާއްވާފައި އާދެވުނުކަމެވެ. އޭނާ އަވަސް އަވަހަށް ދިޔައީ ތަޅުދަނޑި ބަލައެވެ. އޭނާގެ ލޮލުން ކަރުނަ ހިލުނީ މަންމައާއި ޔުކްތާގެހުރި ގާތްކަން ފެނިފައެވެ. އޭނާގެ ކުރިމަތީގައި ހަދައިގެން ގެނައި މާބޮނޑި ވަނީ އޭނާގެ މަންމަ އަތުގައެވެ. މަންމަ އިނީ ނުހަނު އުފަލުން ޔުކްތާއާއި ވާހަކަ ދައްކާށެވެ. އޭރު ޔުކްތާގެ ދެއަތުން މަންމަގެ ބޮލުގައި ފުނާ އަޅުވައިދެނީއެވެ.

"ދައްތައަށް މިއަދު މާގިނައިން ނިދާލެވުނީ."

"އަޅުގަނޑު ފަތިސް ނަމާދު ކޮށްގެން އައިރު ދައްތަ ނިދިކުރައްވާފަ އޮތީމަ ދިޔައީ. އޭގެފަހުން ދެފަހަރު އައިރުވެސް ދައްތަ ހޭނުލައްވާ."

"މިއަދު ނޭނގެ ވީގޮތެއް. އަމިއްލައަށް ފެންވަރާލެވުނީތީ ވަރަށް ހިތްމަޖެހިފައި މިހުރީ."

"އަޅުގަނޑަށް ހީވަނީ ދައްތަދެން އެއްކޮށް ރަނގަޅު ވަނީހެން."

ޔުކްތާ މަންމައަށް ބަހައްޓާ އޯގާތެރިކަން ފެނުމުން އޭނާއަށް ނުހަނު ފުން އަސަރު ތަކެއް ކުރުވިއެވެ. ޚުދް އޭނާއަށްވެސް އޭނާގެ މަންމައާއި އެހާ ގާތްކަމެއް ނުދެވެއެވެ. ނަމަވެސް އާދައިގެ ނުދަންނަ ބީރައްޓެހި ކުއްޖަކު އެހާ ރަނގަޅު ވީތީ އޭނާގެ ހިތުން ޔުކްތާއަށް ޝުކުރުވެރިވިއެވެ.

"ދަރިފުޅު އޮފީހަށް ނުދަނީތަ." އާރިޒު ދޮރުމަތީ ހުރިތަން ފެނުމުން އަޒީޒާ އެހިއެވެ.

"ނޫން. ތަޅުދަނޑި ބަލާމިއައީ، ރޭގައި މިކޮޓަރީގައި ބާއްވާފައި ދެވުނީ."

"އަޅުގަނޑު ތަޅުދަނޑި ގެންގޮސް ފޯނާއި ވޮލެޓް ބާއްވާ ޓީވީރެކް ކަބަޑުގައި ބާއްވާފައި އޮންނާނެ." ޔުކްތާ ތަޅުދަނޑި ބަލާދަމުން އެވާހަކަ ބުނެލިއެވެ.

"ބައްޕަ ބުނުއްވީމެއްނު ދަތުރު ދާނަމޭ. މާދަން ދާންވާނެ." ޝިޔާ އަމުރު ކޮށްލިއެވެ.

"ދަރިފުޅު ދާއިރު ޔުކްތާވެސް ގޮވައިގެން ދާންވީނު. އޭނާ އެކަނި ހުންނަން ކިހާ ފޫހިވާނެ." އަޒީޒާ ބޭނުންވަނީ އެދެމީހުން ގިނަވަގުތު ހޭދަކޮށް އެދެމީހުން ގުޅުވާށެވެ. އާރިޒު އެއްޗެކޭ ނުބުނެ ދިޔައީ ލަސްވާތީއެވެ. އޭރު ޔުކްތާ އޭނާގެ ތަޅުދަނޑި ހިފައިގެން އާދެއެވެ. ޔުކްތާ އެހާ ވަރަށް އާރިޒަށާއި އެ އާއިލާއަށް އަޅާލާތީ އޭނާވަނީ ކޮންމެވެސް ވަރަކަށް ޔުކްތާއާމެދު ޝައުގުވެރިކަން އުފެދިފައެވެ.

ދަތުރުދިއުމަށްޓަކައި ބޭނުންވާ ބައެއް އެއްޗިހި ގަނެގެން އައީ ޝިޔާއާއި އާރިޒުއާއި ދެބަފައިންނެވެ. އޭރު ޔުކްތާ އިނީ އަޒީޒާ ގާތުގައެވެ.

"ދައްތަ މާދަން ދާންވާނީ މިޓީޝާޓު ލައިގެން. މީ އަނޫ ދައްތަވެސް ދަތުރުދާން ލާކަހަލަ އެއްޗެއް."

"ދައްތަ ކިހިނެއް މާމަ ބަހައްޓާފައި ދަތުރު ދާނީ. އަނެއްކާ ދައްތައަކަށް ތި ކަހަލަ އެއްޗިހި ލާކަށް ލާހިކެއްނޫން."

"ނޫނޭ ޔުކްތާ. ދައްތަ ބޭނުންވަނީ ޝިޔާ ބެލުމަށްޓަކައި ޔުކްތާ ދާން. އާރިޒު ބައެއް ފަހަރު ޝިޔާއާއި ފަރުވާ ކުޑަކުރާނެ."

"މިފަހަރު ދަތުރު ދެވޭނެހެންނެއް ހިއެއްނުވޭ. އަނޫ ބުނެފި ނުދެވޭނެޔޯ. އަދި ރިޔާޒުމެންވެސް." އާރިޒު ހުރީ ދާހިތްވާ ފިކުރެއްގައެއް ނޫނެވެ.

"ބައްޕަ މީ އަޅުގަނޑަށްޓަކައި ދާނަމޭ ބުނުއްވި ދަތުރެއްނު. އަނޫ ދައްތަ ނުދިޔަޔަސް ރިޔާޒުބޭމެން ނުދިޔަޔަސް ދާންވާނެ." ޝިޔާ ބޮޑާހެކިއެވެ.

"އެކަމަކު މިއަދު އެހާ މޫސުންވެސް ރަނގަޅެއްނޫނޭ." އާރިޒު ޚިޔާލު ބަދަލުވީ ޔުކްތާ ދާވާހަކަ ދެއްކުމުންނެވެ. މިހާރަކަށް އައިސް ޔުކްތާ ފެނުމުން އޭނާއަށް ތަފާތު އިހުސާސްތަކެއް ކުރެވެއެވެ. އެކަން އެހެންމީހަކަށް ފާޅުވެދާނެތީ އޭނާ ޖެހިލުންވަނީއެވެ.

"ވިލިގިއްޔަށް މޫދަށް އެރިލަންނަމަވެސް ގޮސްބަލަ ދަރިފުޅާ. އެމަންޖެ އެހެރީ ކިހާ ދާހިތުންތަ؟ އެހެންނޫނަސް މަންމަ ބަލިވި ފަހުން އެކަހަލަ އެއްވެސް ކަމެއް ނުކުރަމެއްނު." އަޒީޒާ ބާރުއެޅީ އެމީހުން ފޮނުވުމަށެވެ.

އެންމެ ފަހުން އަޒީޒާގެ ބާރުއެޅުމާއި ޝިޔާގެ ބޮޑާހޭކުމުގެ ސަބަބުން އާރިޒަށް މަޖުބޫރުވީ ޝިޔާއާއި ޔުކްތާވެސް ގޮވައިގެން ވިލިގިއްޔަށް މޫދަށް އެރެން ދިއުމަށެވެ. ޔުކްތާ ނުނިކުމެގެން ލަސްވެފައި އާރިޒު ކާރުގައި އިނެވެ. އެންމެފަހުން ޔުކްތާ ގެނައުމަށްޓަކައި ޝިޔާ ކާރުން ފައިބައިގެން ހިނގައްޖެއެވެ. އާރިޒުގެ ނަޒަރު ހުއްޓުނީ ގޭތެރެއިން ނިކުމެގެން އައި ޔުކްތާއަށެވެ. އެއީ ޔުކްތާކަން ގަބޫލު ކުރަންވެސް ދަތިވީ ޔުކްތާގެ ހުރި ފުރިހަމަކަމުންނެވެ. އޭނާވަނީ އާދައިގެ ވަރެއްގެ ކަޅުކުލައިގެ ހެދުމެއް ލާފައެވެ. މި ހުރިހާ ދުވަހުވެސް ބޮޑު ހެދުންތަކެއް ލަމުންއައި ޔުކްތާ ޝިޔާއާއި އަޒީޒާގެ މަސައްކަތުން އާދައިގެ ކުރު ހެދުމެއް ލީނަމަވެސް ހުރީ ވަރަށް ލަދު ގެންފައެވެ. އަދި ޖެހިލުންވެސް ވެފައެވެ. ކާރަށް އަރަން އައިއިރު އާރިޒުގެ ތޫނު ބެލުމުގެ ނަޒަރު އޭނާއަށް ފާހަގަ ކުރެވުނެވެ. މީހުން ބެލުމުން ރުޅިއަންނަ އަދި ފޫހިވާ ޔުކްތާއަށް މިއަދު ކުރުވީ ތަފާތު އަސަރެކެވެ. އާރިޒުގެ އެބެލުމުން އޭނާ ލަދުގަނެ ރަކިވިއެވެ.

ޔުކްތާ އިނީ ފަހަތު ގޮނޑީގައެވެ. ޝިޔާ ނޫން އެއްވެސް މީހަކު ވާހަކަ ނުދައްކާތީ އޭނާވެސް އިނީ މަޑުމަޑުންނެވެ. ކުރިން ޔުކްތާ ދެކެ ރުޅިއަންނަ އާރިޒު މިއަދުވަނީ ބަދަލު ވެފައެވެ. އޭނާ ސިއްރު ސިއްރުން ލޯގަނޑުން ޔުކްތާއަށް ބަލާލައެވެ. ޔުކްތާގެ ރީތިކަން އޭނާއަށް އާދަޔާ ޚިލާފު ޝައުގުވެރިކަމެއް ދެވެން ފަށައިފިއެވެ.

ވިލިގިލީ އަތިރިއާއި ހަމައަށް ދެވުނުއިރުވެސް އެ ދެމީހުން މެދުގައި ވަނީ ހިމޭންކަމެވެ. ކުރިންވެސް އޮންނަފަދަ ބީރައްޓެހިކަމެވެ. ޝިޔާ އަތިރިމަތީގައި އާރިޒާ އެކުގައި ދުވުނެވެ. ވަރުބަލިވުމުން އެމީހުންގެނައި ކާނާއިން އެމީހުންގެ އުފާވެރި ހަރަކާތްތަކަށް އިތުރު ދިރުން ގެނުވިއެވެ. މޫދަށް ދިއުމަށް ކެތްމަދުވެފައިވާ ޝިޔާ ދުއްވައިގަތީ މޫދާ ދިމާއަށެވެ. ޔުކްތާ ދިޔައީ ޝިޔާ ހިފެހެއްޓުމަށެވެ. ދެ މީހުންނަށް މޫދަށް އެރެވުނީ އެއްފަހަރާއެވެ. ޔުކްތާ ޝިޔާ ގޮވައިގެން މޫދުގައި  އުޅުނުއިރު އާރިޒު ޝައުގުވެރިކަމާއެކު ޔުކްތާއަށް ބަލަންހުއްޓެވެ. އޭނާގެ ކެމެރާއިން އެތައް ގޮތަކަށް ފޮޓޯ ނަގަމުން ދެއެވެ. އޭނާއަށް މިހާރު ޔުކްތާގެ ކޮންމެ ހަރަކާތެއްވެސް ފުރިހަމައެވެ. ފޫހިކަމެއްނެތި ބަލަން ހުރެވެއެވެ. އާރިޒު މޫދަށް އެރެން ދިޔައީ ޝިޔާ އަތުން ހަނާ އަޅާތީއެވެ. މޫދުގައި އެކަކުއަތުން އަނެކަކުއަތަށް ޝިޔާ ބަދަލުކުރަމުން ދިޔައިރު ދެފަހަރަކު ޔުކްތާއާއި ނުހަނު ގާތަށް އާދެވުނެވެ. މިކަމުން ޔުކްތާއަށް ނޭނގޭ އުނދަގޫތަކެއްވިއެވެ.

އުދަރެސްމަތި ކަޅުކޮށްލާ ވިލާގަނޑު ނަގާ ބޯމަތިކޮށްލީ ކުޑަ ވަގުތު ކޮޅެއްގެ ތެރޭގައެވެ. މޫދުގައިތިބި މީހުން މޫދުން އަރައި ނިވާވާން މަސައްކަތް ކުރަމުން ދެއެވެ. އާރިޒުވެސް ޝިޔާ އުރާލައިގެން ދުވެފައި ދިޔައީ ސާމަނުތައް ހުރިގަސް ކައިރިއަށެވެ. ވާރޭ ވެހިދާނެ ކަމަށް އޭރުވެސް ބުނަމުންދިޔަ އާރިޒު އައީ އެމީހުންގެ ރާވާ ޓެންޓް ހިފައިގެންނެވެ. ބިޔަ ގަސްދޮށެއްގެ ނިވަލުގައި އޭނާ އަވަސް އަވަހަށް ޓެންޓް ރާވާލާ ތިންމީހުން އެތެރެއަށް ވަނެވެ. ނަމަވެސް ޓެންޓު ތެރޭގައި ހުރި ޔުކްތާ ދުވެފައި ދިޔައީ ވެއްޓިފައި އޮތް އާރިޒްގެ ދަބަސް ބަލައެވެ. ބަލާނުލާ ދުވުމުގެ ސަބަބުން ކޮނެފައި ހުރި ވަޅުގަނޑަކަށް ވެއްޓިއްޖެއެވެ. ތެދުވެވޭތޯ އުޅުނު ޔުކްތާއަށް ނުތެދުވެވުނީ އެއްފަޔަށް ތަދުވެފައި ވާތީއެވެ. އާރިޒަށް ޔުކްތާ ފެނުނީ ޝިޔާ އެވާހަކަ ބުނުމުންނެވެ. ބޯވާރޭގެ ތެރޭގައި އޭނާ ދުވެފައި ދިޔައީ ޔުކްތާއަށް ވީގޮތެއް ބެލުމަށެވެ. ޔުކްތާގެ ފައިވަނީ ފިޔަވަޅު އެޅުނުގޮތުން ވަރަށްބޮޑަށް ތަދުވެފައެވެ. އާރިޒު އެހީވުމަށްޓަކައި ނަގަން އުޅުމުން އޭނާ ޖެހިލުންވިއެވެ. ނަމަވެސް އެނޫން ގޮތެއް ނެތުމުން އާރިޒުގެ އަތުގައި ހިފާ ތެދު ވެވޭތޯ މަސައްކަތް ކުރިއެވެ. ނަމަވެސް އޭނާއަށް ތަދުވެފައިވަނީ އެއަށްވުރެން ބޮޑަށެވެ. އާރިޒު ކުޑަ ހިނދުކޮޅެއްވެސް ބަލަން ނުހުރެ ޔުކްތާ އޭނާގެ އަތްދަނޑި މައްޗަށް ލިއެވެ. އާރިޒަށް ބޭއިޚުތިޔާރުގައި ޔުކްތާގެ މޫނަށް ބަލާލެވުނެވެ. އޭނާއަށް އަޖައިބެއް ކަހަލަ ހިތްގައިމު ކަމެއް އެމޫނުން ފާހަގަ ކުރެވުނެވެ. ބޯކޮށް ވެހޭ ވާރޭތެރޭގައި ޔުކްތާގެ މޫނުންނާއި އިސްތަށިގަނޑާއި އެކުވެގެން ފެންތައް ފައިބަމުން ދާއިރު ދުވަހަކުވެސް ނުދެކޭ ރީތިކަމަކުން އޭނާއަށް ބުނަން ނޭނގޭ އަސަރުތަކެއް ކުރުވިއެވެ. ފިޔާތޮށި ކުލައިގެ ތުންފަތުގައިވާ އަޖައިބެއްކަހަލަ ރީތިކަން އޭނާގެ ހިއްސުތަކާއި ކުޅެލީ ޔުކްތާގެ ނަޒަރު ސީދާވެ ހިނިތުން ވެލުމުންނެވެ. ޔުކްތާއަށް ފާހަގަވުމުގެ ކުރިން އޭނާ އަވަހަށް ޔުކްތާ ގޮވައިގެން ޓެންޓަށްވަނެވެ.

ދެވޭނެ އެއްވެސް ފަރުވާއެއް ނެތުމުން އޭނާ ހުރީ ކަންބޮޑު ވެފައެވެ. ވަރަށް އުނދަގުލުން ވޭނެއް ގެނެސްގެން ފެރީއާއި ހަމައަށް ދެވުނެވެ. ގެއާއި ހަމައަށް ދެވެންދެންވެސް އޭނާ އަށް އާރިޒު އަޅާލިއެވެ. ޔުކްތާ މިކަމާ ނުހަނު އުފާވީ އޭނާއާމެދު އާރިޒު ކުޑައިރުގެ ގުޅުން ބޭއްވީމައެވެ. އާރިޒު އޭނާދެކެ ރުޅިނާންނަކަން ޔަގީންވީމައެވެ.

އާރިޒަށް ޔުކްތާ ނުހަނު ކަމުދިޔައެވެ. އޭނާއަށް ޔުކްތާ ނުފެންނަ ކޮންމެ ވަގުތަކު އެކަނިވެރިކަން އިހުސާސް ކުރުވައެވެ. ޔުކްތާ ފެނުމުން އުފާވެއެވެ. ކުރިންހުރި ބީރައްޓެހިކަމާއި ފޫހިކަން ލޯތްބަށް ބަދަލުވެއްޖެ ކަމަށް ޚުދް އޭނާއަށްވެސް ގަބޫލު ކުރެވެން ފަށައިފިއެވެ. (ނުނިމޭ)

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *