Support Us

ވާހަކަ: ހިމާޔަތް އެދެމޭ- 20

ގެއަށް އައުމަށްފަހު މާޔާ އާއި ވާހަކަ ދައްކަން ޝަރުމީލާއަށް އުދަނގޫވިއެވެ. މަޢާފަށް އެދެން އޭނާގެ ދޫ ހަރަކާތެއް ނުކުރިއެވެ. އެއަށްވުރެ ބޮޑަށް ގޮތްދޫނުކުރުމުގެ ގޮތްގަނޑު ޝަރުމީލާގެ ކިބައިގައި ހުރެއެވެ. އޭނާ ނިންމީ އަމިއްލައަށް ހައްލު ހޯދުމަށެވެ.

އެރޭ ނިދަން އޮއްވާ ޔޫނުސް ގެނެސްދިނީ ޖޫސްތައްޓެކެވެ. ޝަރުމީލާގެ ހަނދާނަށް އައީ އޭނާ ބަލިވެގެން ޑޮކްޓަރަށް ދެއްކި ދުވަހު އިވުނު ވާހަކަތަކެވެ.

ޝަރުމީލާގެ ހިތަށް އަސަރުކުރީ އެވާހަކަތަކާއި މެދު ވިސްނާނުލެވުނީމައެވެ. ކޮންމެ ރެއަކު ޔޫނުސް ދޭ ޖޫސްތަށީގައި ނިދާ ބޭސް އެވަނީ އޭނާއަށް ލުޔެއް ހޯދައިދިނުމުގެ ނިޔަތަކު ނޫނެވެ. ފުރަތަމަ ދުވަހު ޝަރުމީލާގެ ހިތް ޝައްކުވީ ޔޫނުސް އެހެން އަންހެނެއްގެ ގާތަށް ދަނީބާއޭ ހިތަށް އަރާފައެވެ. އެކަމަކު އޭނާ މަޑުން ހުރީ ޔޫނުސްގެ އުޅުމުގެ ސަބަބުން އޭނާއަށް އެއްވެސް ކަމެއް އުނިނުވާތީއެވެ.

އޭނާ ނިދާ ހާއިރުކޮށްފައި ޔޫނުސް ހިތްހަމަޖެހުން ހޯދަނީ ޖެހިގެން ހުރި ކޮޓަރިންނެވެ. ކޮންމެ ރެއަކު މާޔާ ކުރާ ހަނގުރާމަ އޭނާގެ ދެލޮލަށް ނުފެނުނު ތަނުގައި އެކުއްޖާގެ މޫނުމަތިން އެ ރިހުން އޭނާގެ ހިތާއި ހމަޔަށްވެސް ނުފޯރިއެވެ.

"މިރޭ އަހަރެން ޖޫސްތަށި ބޯހިތެއް ނެތް،" ޝަރުމީލާ ޖޫސްތަށި ނަގައި ބެހެއްޓީ އެނދާއި ޖެހިގެން ހުރި ސައިޑް ޓޭބަލްމަތީގައެވެ. ޕިސް އެއް ޖަހާލަމުން ޔޫނުސް ޖޫސްތަށި ނެގިއެވެ. ކުޑަކުއްޖަކު ރުއްސާފަދައިން އޭނާގެ އަތުން ބޯންވީނުންހޭ ޔޫނުސް އަހައިލިއެވެ. ޝަރުމީލާގެ ތުންފަތާއި ޖޫސްތަށި ނުޖެހި ހުއްޓާ ޔޫނުސްގެ އަތުގައި ޝަރުމީލާ ހިފަހައްޓާލިއެވެ.

"ޔޫނުސް އުޅެނީ ކުޑަކުދިން އުޅޭހެން،" ޝަރުމީލާ ދެކެ އިންތިހާއަށް ލޯބިވާ މީހެއް ފަދައިން ޔޫނުސްގެ އަމަލުތަކުގައި ވަނީ އޯގާތެރިކަމެވެ.

"ފާޚާނާއިން އައިސް ޖޫސްތަށި ބޯލާނަން. ބަހައްޓާ އިހަށް." ޝަރުމީލާ ތެދުވަމުން ބުނެލިއެވެ. ޔޫނުސްގެ އަތުން ޖޫސްތަށި ސައިޑްޓޭބަލްގެ މަތީ ބެހެއްޓިތަން ފެނިފައި ޝަރުމީލާ ގޮސް ވަނީ ފާޚާނާއަށެވެ. ކޮޓަރީގެ ދޮރު ލެއްޕުނު އަޑާއި އެކު ފާޚާނާގެ ދޮރު ހުޅުވައި ސިއްރުން ބަލާލިއިރު ޔޫނުސް ކޮޓަރިއަކު ނެތެވެ. އޭނާ ނުކުމެފައި ޖޫސްތަށި ގެންގޮސް ފާޚާނާތައްޓަށް އަޅާފައި ތަށި ހުރިތަނުގައި ބަހައްޓައި އެނދުގައި އޮށޯތެވެ. ދެލޯ މަރައިގެން އޮއްވާ ޔޫނުސް އައިސް އޭނާގެ ކޮލުގައި އަތްޖައްސާލިއެވެ. މަޑުމަޑުން ނަމުން ގޮވާލިއެވެ. އެއީ އޭނާ ނިދިކަން ކަށަވަރުކުރަން ޔޫނުސް ކޮންމެ ރެއަކުވެސް ހަދާ ގޮތޭ ހިތަށް އެރިއެވެ. ޝަރުމީލާ ނިދިކަމަށް ހަދައިގެން އޮއްވާ ޔޫނުސް އެކޮޓަރިން ނިކުން އަޑު އިވުނެވެ. ޝަރުމީލާ ލޯ ހުޅުވައިލީ ދެނެވެ.

** **

މާޔާއަށް އޮވެވުނީ މިއަދު ރާމީން އާއި ބައްދަލުވި ވަގުތުކޮޅާއި މެދު ވިސްނާށެވެ. އޭނާ އެތަނަށް ވަންއިރު މިކިއަލް ހުއްޓެވެ. އެކަމަކު މާޔާ ފެނުމާއި އެކު ނިކުމެގެން ދިޔައީއެވެ. އޭނާ ރާމީންގެ ކުރިމަތީ ހުއްޓުނީ އެކުވެރިއެއްގެ ހައިސިއްޔަތުންނެވެ. ހާލު އަހާލުމުން ރާމީން ރަނގަޅޭ ބުނެލިއެވެ. މާޔާ ފެނުމުން އުފާވިކަން ރާމީންގެ މޫނުމަތިން ފެނުނެވެ. އެކަމަކު ވާހަކަ ދައްކަން ޖެހިލުންވެފައި އިންކަން އެނގެއެވެ. ރާމީން އާއި އެކު ފެނިގެން ނުވާނެކަމަށް ބުނެ މީހަކު މާޔާއަށް ދިން އިންޒާރުގެ މަތިން ހަނދާންވީ އެތަނުގައި ހުއްޓައެވެ. އެހެންވެ މާގިނަ ވާހަކަތަކެއް ނުދައްކާ ނިކުންނަން ބޭނުންވިއެވެ. ރާމީން އާއި ގިނަ ސުވާލުކުރީ ޝީތެވެ. ރާމީންގެ މަންމަ އާއިވެސް ޝީތު ވާހަކަ ދެއްކިއެވެ. ރާމީން އެކްސިޑެންޓް ނުވާކަމާއި ބަޔަކު ދިން އަނިޔާއެއްކަން ރާމީންގެ މަންމަ ބުނުމުން ޝީތު ހައިރާންވިއެވެ. މިކިއަލް ދޮގުހެދީ ކީއްވެކަން ޝީތުގެ ވިސްނުމަކަށް ނާދެއެވެ. އެކަމަކު މާޔާއަށް ނަގައިގަނެވުނެވެ.

ދޮރުގެ ތަޅުފަތުގައި އަތްލި އަޑަށް މާޔާއަށް ބަލައިލެވުނެވެ. ދޮރު ހުޅުވުނުހާ އަވަހަށް ޔޫނުސް ވަންތަން ފެނި މާޔާ ތެދުވެ އެނދުގައި އިށީނެވެ. އޭނަ އާއި ހަމަޔަށް ޔޫނުސްގެ ދިގު ހިޔަނި ފޯރަމުން ދިޔައެވެ. ދެއަތް މުށްކަވާލައިގެން އިނދެ މާޔާ ބެލީ ހަމަޖެހިލެވޭތޯއެވެ. މިރޭ އޭނާގެ ހަށިގަނޑުގައި ޔޫނުސް އަތްލުމުގެ ފުރުޞަތު ނުދޭން އޭނާގެ ސިކުނޑި ބާރުއަޅަމުން ދިޔައެވެ. ޑރ. ނިޒީ ވަނީ އޭނާއަށް މި ހާލަތުގައި ކަންތައްކުރަންޖެހޭ ގޮތް ކިޔައިދީފައެވެ.

"މާޔާ ބަނޑުބޮޑުވި ވާހަކަ ކީއްވެ އަހަރެންގެ ކައިރީ ނުބުނީ؟" ޔޫނުސް އައިސް އިށީނީ އެނދުގައެވެ. މިރޭ މާޔާގެ ފަރާތުން ހިތްހަމަޖެހުން ހޯދުމުގެ ނިޔަތެއް އޭނާގެ ނެތް ފަދައެވެ. މާޔާގެ ހާލަތާއި މެދު އޭނާ ހަމްދަރުދީވެފައިވާ ފަދައެވެ. އެކަމަކު އެހިތުގައި ކުލުނު އުފެދިދާނެކަމާއި މެދު މާޔާގެ ހިތުގައި އުފެދުނީ ޝައްކެވެ.

"ބުނި ނަމަ؟" މާޔާ އަހާލިއެވެ. އޭނާއަށް ވިސްނައިލެވުނީ އެ ސުވާލު ބޭރުކޮށްލެވުނު ފަހުންނެވެ. ޝީތު ގޮވައިގެން ޔޫނުސް ފުރައިގެން ދިޔައީ އެއްވެސް މީހަކަށް ނާންގައެވެ. އެއީ ޝީތު ވީމައެވެ. ނޫނީ ޔޫނުސް އަމިއްލަ އަނދިރިފަރާތް ފޮރުވަން އޭނާއަށް އެ ނޫން ގޮތެއް ނެތީމައެވެ. މާޔާ ނަމަ އެހެން ކަންތައް ކޮށްދޭނެހެން ހިއެއް ނުވެއެވެ. އެހެން ނޫނަސް މަންމައަށް ނޭނގި ޔޫނުސްއަށް އޭނާ ގޮވައިގެން ދެވޭނީ ކިހިނެއް ކަމެއް އޭނާގެ ވިސްނުމަކަށް ނާދެއެވެ.

"ބުނި ނަމައެއްނު، މިހާރު މާޔާ ބަނޑުބޮޑުކަން ނޭނގޭ މީހަކު ނެތް، ދެމީހަކު ދިމާވާއިރަށް އެ ދައްކަނީ އެވާހަކަ." ޔޫނުސް އެއް މިޔަކަނުން ހީނލިއެވެ. އެވާހަކަ ޔޫނުސް ކައިރީ ނުބުނެވުނުކަން އެއީ މާޔާއަށް ކުރެވުނު އެންމެ މޮޔަ ކަންތައްކަމުގައި ވިސްނައިދޭ ފަދަ ކުލަވަރެއް ޔޫނުސްގެ މޫނުމަތީ ހުއްޓެވެ.

"އެވާހަކަ ދައްކާ މީހުންނަށް އަހަރެން ބަނޑުބޮޑުވީ ކިހިނެއްކަންވެސް އެނގިފަ އޮންނާނީ، ހަމައެކަނި ފަޟީހަތްވާނީ އަންހެން ކުއްޖާއެއް ނޫނޭ،" މާޔާ ދެލޯ ހަނިކޮށްލިގޮތުން ޔޫނުސް ހިތްބިރުގަތެވެ. އޭނާގެ ވާހަކަ މާޔާ ޝަރުމީލާގެ ކައިރީ ބުނީބާއޭ ހިތަށް އެރިއެވެ. އަމިއްލަ ހާސްކަން ފޮރުވަން ޔޫނުސްއަށް ތެޅިގަނެވުނެވެ.

"ކަލޭ އަނގަ ނުހުޅުވައްޗޭ، އަހަންނަށް ކުރެވޭނެ ކަންތައް ހުންނާނެ ބައިވަރު." މާޔާގެ މޫނާއި ދިމާލަށް ޔޫނުސްގެ ޝަހާދަތް އިނގިލި އުފުލައިލީ ބިރުގަންނުވާށެވެ.

"ހަމައެކަނި އެނގޭނީ އިންޒާރުދޭން، އަހަރެން ހޮސްޕިޓަލުން ދޫކޮށްލުމުގެ ކުރިން ރާމީންގެ ކައިރިއަށްވެސް ދިޔައިން ބައްދަލުކުރަން، އެކަމަކު އެމީހުން ލައްވާ ބުނީމެއްނު ރާމީން އާއި ބައްދަލުކުރިކަން އެނގިއްޖެއްޔާ ކަންތައްކުރާނެ ގޮތް،" މާޔާ ޔޫނުސްގެ އިނގިލީގައި ހިފާ ތިރިކޮށްލިއެވެ. މިވަގުތު މާޔާގެ ހިތްވަރު ފެނިފައި ޔޫނުސް ބިރުގަތެވެ.

"އަހަރެން ކާކުލައްވާ އިންޒާރުދިނީ؟" ޔޫނުސް އެނގޭ ކަމަކަށް ނުހެދިއެވެ.

"ރާމީންގެ ގައިގައި ތަޅައިގަތީ އެންމެ ފަހުން އަހަންނާއި ބައްދަލުކޮށްފައި ދިޔަ ވަގުތު." މާޔާ އަށް ހުރިހާ ކަމެއް އެނގޭކަން ހާމަކުރިއެވެ. އެއީ ޔޫނުސް ކުރިކަމެއްކަން މާޔާއަށް ނަގައިގަނެވުނެވެ. މިކިއަލް ގަސްތުގައި ރާމީން އަށް އަނިޔާ ދިންނަމަ ރާމީންގެ ހާލުބަލަން ހޮސްޕިޓަލަކަށް ނައީހެވެ. އަދި ރާމީންއަށް އެހީތެރިވާން މިކިއަލް ނުހުރީހެވެ.

"ވަރަށް ރަނގަޅު ވިސްނުން." މާޔާގެ މޫނަށް ބަލާލާފައި ޔޫނުސްގެ ހިނި ފަޅައިގެން ދިޔައެވެ.

"އެކަމަކު އަހަރެން މިއީ ކިހާވަރެއްގެ މީހެއްކަން އެނގުމަކުން އަދި ވާނެ މޮޅެއް ނެތް، މާޔާއަށް ދުވަހަކުވެސް އަހަރެންގެ ކިބައިން ސަލާމަތެއް ނުވެވޭނެ، ތި ދަރިފުޅު އުފަންވުމާއި ހަމަޔަށްވެސް އަދި އޭގެފަހުންވެސް އަހަރެންގެ އިޝާރާތަށް މާޔާ ޖެހޭނީ ބޯލަނބަން، އަހަރެން ކައިރީ ބުނި ނަމަވެސް އަހަރެން ނުކޮށްދޭނަން އެއްވެސް ކަމެއް، މާޔާއަށް އުފާވެރި ދިރިއުޅުމެއް ލިބެން އަހަރެން ބޭނުމެއް ނޫން. އަދި ދަރިއަކު ލިބުމަށްފަހު މާޔާ އާއި އިންނާނެ އެއްވެސް މީހަކު ނުވާނެ،" ޔޫނުސްގެ މޫނު މާޔާގެ ކަންފަތާއި ކައިރިކޮށްލިއެވެ. ސިނގިރެޓްގެ ނުބައި ވަހާއި ދިލަ ހޫނުކަން މާޔާގެ ކަނދުރާއަށް އެޅުނެވެ.

"އެކަމަކު ކަލޭ ހުންނާނީ އުމުރު ދުވަހު ޖަލުގައި، އަހަރެން ބަނޑުބޮޑުކަން އެނގިދާނެތީ މިހާރު ބިރެއް ނުގަނޭ، އަހަރެން ބޭނުންވަނީ ތިންވަނަ އަންހެނަކު މި އަނިޔާވެރިކަން ތަހައްމަލުނުކުރުން، ދުވަހަކުވެސް އިސްލާހްނުވާނެ މީހަކަށް އެ ފުރުޞަތު ދިނުމަކީ ކުރަން ހެޔޮވާވަރުގެ ކަމެއް ނޫން. ތި ހީކުރީ އަހަރެންގެ ކުށެއް ނެތްކަން އެނގިހުރެ މީހުން އަހަންނަށް މަލާމާތްކުރާނެ ކަމަށްތަ؟" ޔޫނުސްއަށް ހީވީ އޭނާގެ މޫނުމަތީ ޖެހިހެންނެވެ. މާޔާގެ އަތް އުފުލައިލުމަކައި ނުލައި އެބަސްތަކުން އެކަނިވެސް ޔޫނުސްއަށް އެ އިހްސާސްކުރެވުނެވެ. މާޔާ އެބުނީ ތެދެއްކަން އޭނާގެ ޟަމީރު ޤަބޫލުކުރިއެވެ. އޭނާގެ ލޯކުރިމަތިން ޖަލުގެ ތޭރިތައް ފެނުނު ފަދައެވެ.

ބިރުވެރިކަން ހިތުގައި ވަށާލި ވަގުތު މުޅި މީހާ ތުރުތުރު އަޅައިގަތީ އެތެރެއިން އުފެދެމުން ދިޔަ ރުޅީގެ ގަދަކަމުންނެވެ. ޔޫނުސް އަކީ އަމިއްލަ ނަފްސު ކޮންޓްރޯލްކުރަން އުދަނގޫ މީހެކެވެ. އޭނާގެ ނަފްސު ބިރުގަންނަ ކޮންމެ ފަހަރަކު އޭނާގެ މައްޗަށް ރުޅި އިސްވެއެވެ.

މާޔާ ސިހުނީ އޭނާގެ ބޮލުގެ އިސްތަށިގަނޑުގައި ހިފާ ޔޫނުސް ދަމައިގަތުމުންނެވެ. ޔޫނުސްގެ މޫނާއި ކިރިޔާ ނުޖެހޭ ހިސާބަށް އޭނާ ގަދަކަމުން ގެނައިއިރު އައިސް ހުރި ރުޅިން ޔޫނުސްގެ ކޮލުގެ މަސްގަނޑު ތުރުތުރުލަމުން ދިޔަ ތަން ފެނި މާޔާއަށް ނޭވާ ހިފަހައްޓާލެވުނެވެ.

"އަހަންނޭ ކިޔާފައި އަނގަ ހުޅުވައިފިއްޔާ ކަލޭގެ ދޫ އޮންނާނީ މިތާ ބިންމަތީ." އަނެއް އަތުން ތިރިއަށް އިޝާރަތްކޮށްލަމުން ޔޫނުސް ބުނެލިއެވެ.

ކޮޓަރީގެ ދޮރު ހުޅުވުނު އަޑާއި އެކު ޔޫނުސްއަށް އަތްދޫކޮށްލެވުނެވެ. މާޔާ ބަލައިލިއިރު ދޮރުމަތީގައި ހުރީ މަންމައެވެ. ޔޫނުސް އާއި ދުރަށް މާޔާއަށް ދުއްވައިގަނެވުނީ މަންމަގެ ކައިރިއަށެވެ. ޔޫނުސް އަށް ހުރެވުނީ ބަލަހައްޓައިގެންނެވެ. އޭނާގެ ހަށިގަނޑުގައި ފިނިދަލެއް ހިލިގެން ދިޔައެވެ. މާޔާގެ އަތުގައި ހިފާފައި ޝަރުމީލާ ބުނެލީ ހަމައެކަނި އެންމެ ޖުމްލައެކެވެ.

"އަހަރެން މިއީ މާޔާ ނަމަ އެންމެ ފުރަތަމަ ރޭވެސް ކޮޓަރިން ނެރޭނީ ޔޫނުސްގެ ފުރާނަ ނެތް މަސްގަނޑު،" ޝަރުމީލާ ދެލޯ އަޅައިލިއެވެ. އޭނާއަށް އިތުރަށް ކިޔައިދެންޖެހޭނެ އެއްވެސް ކަމެއް ނެތްކަން އެ ބަލައިލުމުން އެނގެއެވެ. މާޔާ އަށް މަންމަގެ މޫނަށް ބަލައިލެވުނެވެ. ދެލޮލަށް ގިނަވެ ބަންޑުންވަމުން ދިޔަ ކަރުނަތަކާއި އެކުވެސް ތުންފަތުގައި ހިނިތުންވުން ވިއެވެ.

"ޝަރުމީލާ" ޔޫނުސްގެ އަޑު ގުގުމައިގަތީ މާޔާގެ އަތުގައި ހިފައިގެން ދާން ހިނގައިގެންތަނުންނެވެ. ޔޫނުސްގެ މޫނުމަތިން ފެންނަން ހުރި ރުޅިވެރިކަމުން ޝަރުމީލާއަށް އެއްވެސް އަސަރެއް ނުކުރިއެވެ. އޭނާ އަޖައިބުވީ ޔޫނުސްގެ ގޮތެއް ނެތް ކަމުންނެވެ.

"އަހަރެން ހަމަނޭވާލާނީ ޔޫނުސްއަށް ހައްޤުވާ އަދަބު ދިނުމަށްފަހު، އަހަރެން ހީކުރީ އަހަރެން ނިންދުވާފައި ޔޫނުސް ގެއިން ނިކުންނަނީ އެހެން އަންހެނެއް ފެނިގެން ކަމަށް، އެކަމަކު އަހަރެންގެ ދަރިފުޅުގެ ކައިރިއަށް ވަނުން އެއީ ޔޫނުސްގެ ލަދުހަޔާތްކުޑަކަން،" ޝަރުމީލާގެ އަޑު އެއަށްވުރެ ގަދަވެގެން ދިޔައެވެ. ޔޫނުސް ގުންފައި ޖަހައިފައި ކުރިއަށް ދެތިން ފިޔަވަޅު ނެގިއެވެ. އޭނާ އައިސް ޝަރުމީލާގެ ނޭވާ ފޯރާ ހިސާބުގައި ހުއްޓިފައި ދޭންފެށީ އިންޒާރެވެ.

"އަހަންނާއި ކުޅެން ނުހަދައްޗޭ!" ޔޫނުސް ހިތުން އޭނާ އަކީ ބާރުގަދަ ޝަހުސެކެވެ. އޭނާގެ މައްޗަށް ހުކުމެއް ނުހިނގާނެއެވެ. އޭނާގެ ޖީބުގައި ފައިސާ އެބަހުއްޓެވެ.

އިތުރު ޒުވާބަކަށް ދާން ޝަރުމީލާ ބޭނުމެއް ނޫނެވެ. ވަރު ހުންނާނީ ފައިސާގައި ނޫންކަން އޭނާ ސާބިތުކޮށްދޭނީ އަމަލުންނެވެ. ޤާނޫނު ޔޫނުސްގެ މައްޗަށްވެސް ހިނގާނެއެވެ. އޭނާ ނިކަމެތިވިއަސް އިންސާފް ލިބޭނީ ހައްގު ފަރާތައްކަން ޤަބޫލުކުރެވެއެވެ.

** **

ޝަރުމީލާގެ އުނގުމަތީ ބޯ އަޅާލައިގެން މާޔާ އޮތެވެ. މިއީ އޭނާ ފުރާވަރަށް އެރިފަހުން މަންމަގެ އުނގުގައި އޮވެވުނު ފުރަތަމަ ފަހަރެވެ. މަންމަގެ އެންމެ ފިރުމައިލުމަކުން އޭނާގެ ރޫހަށް ފަރުވާލިބިގެން ހިނގައްޖެއެވެ.

"އެއްވެސް މީހަކު ނުޖެހޭނެ އަނިޔާއަށް ކެއްކުރާކަށް، އެވަރުގެ ބަލިކަށި ބައެއް ނޫން އަހަރެމެންނަކީ، ފިރިހެނުންގެ ކޮން ބާރެއްތަ ހުންނާނީ؟ އެންމެ ގަދަފަދަ ރިހުން އުފުލަނީ އަހަރެމެން، އެ ވޭނުގެ އެންމެ ވޭނެއްވެސް އެމީހުންނަށް ކެއްކުރަން ކުޅަދާނައެއް ނުވާނެ،" ޝަރުމީލާގެ ވާހަކަތައް އަޑުއަހަން މާޔާއަށް އޮވެވުނެވެ.

"މާޔާގެ އުމުރުން އެންމެ ހަމަހުގައި އަހަރެން މާލެ އައީ އަނިޔާއިން ސަލާމަތްވެގެން، ދަރިފުޅަށްޓަކައިވެސް ކެއްތެރިވާން އެންމެން ބުނަމުން ދަނިކޮށް، ދަރިފުޅަށްޓަކައިވެސް ބައްޕަ އާއި އެކު ދިރިއުޅެން މަސައްކަތްކުރާށޭ ބުނި، އެކަމަކު އަހަރެން ބުނިން އަދި އަހަންނަށް އެކަނިވެސް އުޅެވިދާނެއޭ،" ޝަރުމީލާގެ މޫނަށް މާޔާއަށް ބަލައިލެވުނެވެ. މަންމަގެ އުނގުމަތިން އޭނާއަށް ތެދުވެވުނެވެ. މަންމަގެ ދުލުން މާޒީގެ ސަފްހާތައް ހުޅުވައިދެމުން ދިޔައިރު މޫނުމަތިން ފެންނަމުން ދިޔަ އަސަރުން މާޔާގެ ހިތްދަތިވިއެވެ. ޝަރުމީލާގެ ދެލޯ ފުރެމުން އައިތަން މާޔާއަށް ފެނުނެވެ. މަންމަގެ ކޮނޑުގައި އޭނާއަށް ހިފަހައްޓާލެވުނެވެ.

"ދަރިފުޅުގެ ބައްޕަ އަކީ މަސްތުވާތަކެތި ބޭނުން ކުރަމުން އައި މީހެއް، އޭގެ ސަބަބުން އޭނާގެ މުޅި ނަފްސު ވަނީ ހަލާކުވެފައި، ހިތާއި ސިކުނޑީގައި ލޯބި، ރަހުމް، ކުލުނު އޭގެ އެއްވެސް ނިޝާނެއް ނެތް، އޭނާ ހުރީ ނަފްސާނީ ބައްޔެއްގެ އެންމެ ބޮޑުވަރުވެފައި، އާއިލާ ތެރޭގައި އެކަން ޤަބޫލުކުރާ މީހަކު ނެތް، ރުޅި އައިސް ހުރިވަގުތެއްގައި ނަމަ މީހަކު މަރަންވެސް ފަސްނުޖެހޭނެ، އެއީ އަހަރެންގެ ހިތުން ދުވަހަކުވެސް ފިލައިދާނެ ދުވަސްތަކެއް ނޫން، އަހަރެންގެ މޫނުމަތިން ނޫނީ ގައިގެ ކޮންމެވެސް ތަނަކު ޒަޚަމެއް ނުހުންނަ ދުވަހެއް ނުދޭ، އެ އާއިލާއިން ތިބީ ދެލޯ ކަނުވެފައި ތިބި މީހުން، ޚާއްސަކޮށް މިކިއަލްގެ މަންމަ، އަހަރެން ރޮއި އާދޭސްކުރަން، އެހީވާށޭ ބުނަން، ބައެއް ފަހަރު ހޭ ހުސްވަންދެން އަނިޔާކުރާއިރުވެސް އެއިން މީހަކު ނާދޭ، އެންމެ ފަހުން އަހަރެން ފިލައިގެން ދިޔައީ ރަށަށް، އެކަމަކު އަހަރެންގެ އާއިލާގައި ނެތް އަހަރެންގެ ބުރަ އުފުލައިލެވޭނެ މީހަކު، ހުރީ އެންމެ ބޭބެއެއް، އޭނާގެ ފަރާތުން ފެނުނު ނުރުހުމާއި އެކު ދެން އައީ މާލެއަށް، ހަތް އަހަރު ދުވަސްނެތި ވަރިވާންވެސް، އަހަރެން އުޅޭތަން ހޯދައިގެން އެކި ފަހަރު މަތިން އަހަރެން ބަލާ އައި، އެކަމަކު އަހަރެން ކޮންމެ ފަހަރަކުވެސް ފިލަނީ، " ޝަރުމީލާ ތަފްސީލްކޮށްދިނީ އޭނާގެ ހުރި ހިތްވަރެވެ.

"ކަމެއް ސާބިތުކުރުމަކީ ފަސޭހަކަމެއް ނޫން، އެންމެ ހާދިސާއެއް އެތައް ފަހަރަކު ތަކުރާރުކޮށް އެތައް ބަޔަކަށް ކިޔައިދޭންޖެހޭނެ، އެ ކޮންމެ ފަހަރަކު އެ ހާދިސާ ހަނދާންވެގެން ދިއުމަކީ ހިތަށް ވަރަށް އަސަރުކުރާކަމެއް، އެކަމަކު އިންސާފް ލިބޭނެ ކަމުގެ ޔަޤީންކަމާއި އެކު އަހަރެން ހިތްވަރު އެލުވައެއް ނުލަން، ހިތްވަރު ދޭނެ އެއްވެސް މީހަކު ނެތް ކަމުގައި ވިއަސް. މާޔާ، މަންމަ މިހުރީ މާޔާ އާއި އެކު، މުޅި ދުނިޔެ ދެކޮޅު ވިއަސް މަންމަ ހުންނާނެ، މާޔާ ހިތްވަރުކުރަންވީ އެ ނުބައި ފިރިހެނާގެ ނުބައިކަން ކިޔައިދޭން،" ޝަރުމީލާގެ އަތްތިލަ މާޔާގެ ކޮލުގައި ޖައްސާލިއެވެ. ލޮލުގައިވި ކަރުނަތަކާއި އެކު ޝަރުމީލާގެ ލޮލުން ލޯތްބާއި ކުލުނު ފެންނަމުން ދިޔައެވެ. މަންމައަށްޓަކައިވެސް ހިތްވަރުކުރުމަށް އެދި ކުރަމުންދާ އާދޭސް ހުރީ ފެންނާށެވެ.

މާޔާއަށް ބޯޖަހައިލެވުނެވެ. ރޮމުން ރޮމުން ގޮސް އޮޅުލައިގަނެވުނީ މަންމަގެ ކަރުގައެވެ. މަންމަގެ އެންމެ ލަފްޒެއްވެސް އޭނާއަށް ފުދެއެވެ. މަންމަ ހުރިކަން އެއީ އޭނާގެ ނަޞީބެވެ. ރޭގަނޑުގެ އަނދިރިކަން ނެތި ފަޖުރުގެ އަލިކަން ފާޅުވާ ފަދައިން ހިތާމަތައް ފިލައި އުފާވެރިކަމުގެ އިރު އަރާނެކަން ޔަޤީންވެގެން ދިޔައެވެ. އިރު އެރުމާއި އެކު އެގެއިން ނިކުންނަން ޝަރުމީލާ ހުރީ ނިންމައިގެންނެވެ. އެއަށްފަހު ޔޫނުސް އާއި ދެކޮޅަށް ދައުވާ އުފުލުމަށް އޭނާ ނިންމިއެވެ. އިރު އަރަންދެން އިންތިޒާރުގައި އިންދާ އޭގެކުރިން އޭނާއަށް ކުރިމަތިވީ އޭނާގެ ވިސްނުމަށްވެސް ނުގެންނަ ވަރުގެ ކަމަކާ އެވެ. (ނުނިމޭ)

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
12
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *