Support Us

ވާހަކަ: ޔުކްތާ – 9

އޭނާ ދުވެފައި ގޮސް އެކޮޓަރިއަށް ވަނެވެ. މަންމަ ވަނީ ވަރަށް ހާލު ދެރަވެފައެވެ. ނުކައި ހުރުމުގެ ސަބަބުން ހަށިގަނޑުން ވަރުދެރަވެ ދެލޯ މެރިފައެވެ. ގައިން ބާރުގޮސް ހާންތި ވެފައެވެ. މަންމަގެ ހާލު ފެނުމުން އޭނާއަށް ބަޔާންނުކުރެވޭ ހިތާމައެއް ކުރުވިއެވެ. އާރިޒު ކުޑަ ހިނދުކޮޅެއްގެ ތެރޭގައި އެމީހުންގެ އާއިލާ ޑޮކްޓަރު ގެނެސް މަންމައަށް ފަރުވާ ކުރިއެވެ. ދެތިން ގަޑިއިރު ތެރޭގައި ވާހަކަ ދައްކާލެވޭ ވަރަށް މަންމަގެ ހާލު ރަނގަޅުވިއެވެ. މަންމަގެ ފުރަތަމަ ޝަކުވާ އަކަށްވީ އާރިޒު އޭނާ ބުނާ ގޮތްނުހެދުމެވެ. އާރިޒު އަޒީޒާ ދެކެ ލޯބި ނުވާކަމަށާއި އޭނާއަށް ފަރުވާ ކުޑަކުރާ ކަމަށެވެ. އޭނާގެ މަންމަ އޭނާއަށްޓަކައި  އެހާބޮޑު ހިތާމައެއް ކުރާތީ ދެރަވިއެވެ. ބައްޕަ ނިޔާވިދުވަހަށްފަހު މިއަދު މަންމަގެ ލޮލުން ކަރުނަ ފޭބިތަން ފެނުމުން އޭނާއަށް ނުހަނު އަސަރު ކުރުވައިފިއެވެ. މަންމަ އޭނާއަށް ނުބައި ގޮތެއްވާން ނޭދޭނެކަން އޭނާ ގަބޫލުކުރެއެވެ. އެންމެފަހުން އޭނާ މަންމަގެ އެދުމުގެ މަތީން ޔުކްތާއާއި ކައިވެނި ކުރުމަށް ނިންމައިފިއެވެ. މަންމައަށްޓަކައި އޭނާގެ ހަޔާތް އެއްވެސް ޝައުގުވެރި ކަމެއްނެތް  އަންހެން ކުއްޖަކާއި ގުޅެން ނިންމައިފިއެވެ.

"މަންމަ އަޅުގަނޑަށްޓަކައި ތިހާ ބޮޑު ހިތާމައެއް ކުރާކަށް ނޭދެން. އަޅުގަނޑު އެއަންހެން ކުއްޖާއާއި ކައިވެނި ކުރަން އެއްބަސް." އޭނާ އަޒީޒާގެ އަތުގައި ދެއަތުން ހިފަހައްޓައިގެން ހުރެ ވާހަކަ ދެއްކިއެވެ.

"މަންމައަށްޓަކައި ދަރިފުޅު އެއްބަސްވީތީ ވަރަށް އުފާކުރަން. މަންމަ ބޭނުމީ ވީހާވެސް އަވަހަކަށް ތިދެކުދިންގެ ކައިވެނިކުރަން."

"އެކަމަކު އަޅުގަނޑަކަށް އެ އަންހެން ކުއްޖާއަކަށް އެއްވެސް އުފަލެއް ދެވޭނެ ހެންނެއް ހިއެއްނުވޭ."

"ދަރިފުޅު މާބޮޑަށް އޭނާއާއި ދޭތެރޭ ވިސްނާކަށް ނުޖެހޭނެ. އޭނާއަކީ އެކަނިވެރި ދިރިއުޅުމެއް އުޅެން ދަސްވެފައިވާ ލޯތްބާއި ނުލާ އުޅެބޮޑުވެފައިވާ ކުއްޖެއް. އޭނާއަށް ލޯތްބަށްވުރެބޮޑަށް ބޭނުންވާނީ ކޮންމެވެސް މީހެއްގެ ހިމާޔަތާއި ރައްކާތެރިކަން. މަންމަ މިއަދު ނިޔާވިޔަސް ދަރިފުޅުގެ ފަރާތުން އޭނާއަށް ރައްކާތެރިކަން ލިބޭނެ. އޭނާގެ ފަރާތުން ދަރިފުޅަކަށް އެއްވެސް ޝަކުވާއެއް އަދި އުނދަގުލެއްވެސް ނުފޯރާނެ. އެހެނެއްކަމަކު އޭނާ ދަރިފުޅުގެ ހުރިހާކަމެއް ތެދުވެރިކަމާއެކު ބަލަހައްޓަދޭނެ. އަދި ޝިޔާގެ ކަންތައްވެސް ބުރައެއްކަމަށް ނުދެކި ލޯބިން ކޮށްދޭނެ. އަދި މަޑުމަޑުން ދަރިފުޅަށްވެސް އޭނާއަށް އިތުބާރު ކުރެވެން ފަށާނެ. ދަރިފުޅު ހަމައެކަނި އޭނާއަށް  އޯގާވެރިވެދީ." އަޒީޒާ ކަރުނަ ފޮހެލިއެވެ.

"މަންމަ ބޭނުންވެލައްވާގޮތަކަށް އަދި ބޭނުންވެލައްވާ ދުވަހަކަށް ކައިވެނީގެ ކަންތައް ހަމަޖައްސަވާ. އަޅުގަނޑު މަންމަ އަކާއި ދެބަހެއް ނުވާނަން." އާރިޒު ކޮޓަރިން ނިކުންނަން ތެދުވަމުން ބުންޏެވެ.

"ދަރިފުޅު އަދި މަޑުކޮށްލަދީ." އަޒީޒާ އޭނާ އަދި ދިޔުމަކަށް ބޭނުމެއްނޫނެވެ.

އޭނާ ދެތިން ފަހަރަކު ބާރަށް ޔުކްތާއަށް ގޮވާލިއެވެ. ޔުކްތާ އައިސް ކޮޓަރިއަށް ވަނުމުން އޭނާ ކައިރީގައިހުރި ގޮނޑީގައި އިށީންނަން ބުނެފިއެވެ. ޔުކްތާ އަދަބުވެރިކަމާއެކު ގޮނޑީގައި އިށީނެވެ. އޭރު ޖެހިގެންހުރި ގޮނޑީގައި އާރިޒު އިސް ޖަހާލައިގެން އިނީ މަންމަ ގެ ވާހަކައަށް އެއްވެސް ޝައުގެއް ނެތިއެވެ.

"ޔުކްތާ. ދައްތަ މިއުޅެނީ ވަރަށްބޮޑު ކަމަކު ކިޔަން. ދައްތަ އުއްމީދުކުރަނީ ދައްތަގެ މިއެދުން ބޮލާލާ ނުޖަހާނެކަމަށް. ދައްތަ ދެން މާގިނަދުވަހަކު ދިރިހުންނާނެ ކަމަކަށް ޑޮކްޓަރު އުންމީދެއް ނުކުރޭ. އެހެންކަމުން ޝިޔާއާއި މިގޭގެ ކަންތައް މިއަދުން ފެށިގެން ބަލަހައްޓަ ދޭނެކަމަށް ވަޢުދުވޭ."

ޔުކްތާ ބޯޖަހާލިއެވެ. އޭނާ ހާލުގައިޖެހުނު ދުވަހު އެހީވީ އަޒީޒާކަމުން އަޒީޒާ ބަލިވިދުވަހު އޭނާއަށް އަޅާލުން އެއީ އޭނާގެ ވާޖިބެއް ކަމުގައި ދެކުނެވެ.

"މިއީ ފަހަރުގައި ޔުކްތާއަށް ވަރަށް ބޮޑު ކަމަކަށް ވެދާނެ. އެކަމަކު ދައްތައަށް ކޮށްދޭ އެންމެ ފަހުކަމެއްގެ ގޮތުގައި މިކަން ކޮށްލަދީ. ދައްތަގެ ފަރާތުން ޔުކްތާއަށް ދެވުނު އެހީތަކަށްޓަކައި ނަމަވެސް އާރިޒާއި ކައިވެނި ކުރުމަށް އެއްބަސްވޭ. ދައްތަ އުންމީދުކުރަނީ ޝިޔާއަށް ދެރަގޮތެއް ނުހަދާ ދައްތަ ނެތް ދުވަހަކުން ޝިޔާއާއި އާރިޒު ބަލާދޭނެކަމަށް."

"އެ……..  އެ…… އެކަމަކު." ޔުކްތާއަކަށް ވާހަކައެއް ނުދެއްކުނެވެ. އޭނާގެލޯ ކަރުނުން ފުރިއްޖެއެވެ. އޭނާ އެކަމަށް ގަބޫލުވާނީ ކިހިނެއް ހެއްޔެވެ؟ އޭނާ ދިރިއުޅުމަކަށް ފިރިހެނެއް ބޭނުމެއް ނޫނެވެ. އެއީ އޭނާއަށް ގޯނާކޮށް ދުއްތުރާ ކުރިމީހުންނެވެ. އޭނާގެ ދިރިއުޅުން ފޭރިގެން މީހުންނެވެ. ނުހަނު ނިކަމެތި ހާލެއްގައި ޖެއްސި މީހުންނެވެ. މިހާތަނަށްވެސް ހިނދުކޮޅަކަށްވެސް އެ ބިރުވެރި ނާމާން ދުވަސްތައް ހަނދާނެއް ނުނެތެއެވެ. މީހުން ކުރިމަލާމާތާއި ކުރިމަތިލާން ޖެހުނު އެކަނިވެރިކަން ސިކުނޑީގައި ބިންވަޅު ނެގިފައިވެއެވެ.

ނަމަވެސް މިއަދު ޖެހުނީ އެމީހުންގެ ތެރެއަށް ވަންނާށެވެ. އުމުރުގެ ބާކީ ދުވަސްތައް ފިރިހެނަކަށްޓަކައި ހޭދަކުރާށެވެ. އޭނާ ފެނުމުން ފޫހިވާ އޭނާދެކެ ރުޅިއަންނަ މީހަކާ އެކީ ދިރިއުޅޭށެވެ. އޭނާ ހިތްވަރު ކޮށްލާފައި އެކަމަށް އެއްބަސްވިއެވެ. ހާލުގައި ޖެހުނުދުވަހު އެހީވި މީހާއަށް ފުރަގަސް ނުދިނުމުގެ ގޮތުންނެވެ. ނިކަމެތިކަމުގެ އިންތިހާގައި ވަނިކޮށް ހޭހަން ކޮންދިން މީހާއަށް ބަދަލު ދިނުމުގެ ގޮތުންނެވެ. އޭނާއަށް އަޒީޒާ ވެދިން އެހީއަކީ އާރިޒާއި ކައިވެނި ކުރުމުންވެސް އަގުއަދާ ނުކުރެވޭވަރުގެ އެހީއެކެވެ. އެއީ އޭނާގެ މުޅި ދިރިއުޅުމުންވެސް އަގު އަދާނުކުރެވޭނެ ކަމެކެވެ. އެހެންކަމުން ޔުކްތާ އެއްބަސް ވީއެވެ. އޭނާގެ އުފާތައް ގުރުބާން ކުރަމުންނެވެ. ދިރިއުޅުމުގައި އެއްވެސް އުންމީދެއްނުވާ އެއްވެސް ހުވަފެނެއް ނުދެކޭ ޔުކްތާ އޭނާ ރަނގަޅަށް ނުދަންނަ މީހަކާ ކައިވެނިކުރުމަށް ނިންމީއެވެ.

ހަފްތާއެއްގެ ތެރޭގައި އާރިޒާ ޔުކްތާގެ ކައިވެނި ކުރެވިއްޖެއެވެ. ގެއަށް ގާޒީއެއް ގެނެސްގެން ވަރަށް އާދައިގެ ގޮތެއްގައެވެ. އާރިޒު ބޭނުންވި ގޮތަށް ގިނަ މީހުންނަށް ކައިވެނީގެ ޚަބަރެއް ނާންގައެވެ. އަޒީޒާގެ އެދުމުގެ މަތީން ކައިވެނި ކުރެވުނު ނަމަވެސް މިކައިވެނީގެ ސަބަބުން އެއްވެސް މީހެއްގެ ދިރިއުޅުމަކަށް އެއްވެސް ބަދަލެއް ނާދެއެވެ. ބަދަލަކަށް އައީ އާދަޔާޚިލާފަށް ގޭތެރެ ހިމޭންވުމެވެ. ކުރިން ފާހަގަކުރަމުންއައި ބައެއް އެއްވުންތަކާއި ހީސަމާސާ ކުރުން ހުއްޓުމެވެ. އާރިޒު ގިނަވަގުތު އޮފީހުގައި ހޭދަކުރުމެވެ. ގިނަރޭރޭ އޭނާގެ އޮފީހުގައި ނިދުމެވެ. ޔުކްތާ ފެނުމުން އޭނާ ބޮލަށް އުނދަގޫވެއެވެ. ޔުކްތާގެ ފަރާތުން ޝައުގުވެރިވާ އެއްވެސް ސިފައެއް ނުދެކޭތާ ފޫހިކަން އިހުސާސް ކުރެވެއެވެ. ޔުކްތާގެ ބަދަލުނުވާ ހެދުންއެޅުމުގެ މުސްކުޅިގޮތް އޭނާގެ ފޫހިކަން އިތުރުކުރުވައެވެ.

ކައިވެންޏާ ބެހޭގޮތުން އެތައް ސުވާލެއް އަނޫ ކުރިއެވެ. ނަމަވެސް މަންމައަށް އިޙްތިރާމް ކުރުމަށްޓަކައި އޭނާ ތެދު ހާމައެއް  ނުކުރެއެވެ. އާރިޒުގެ ބަހަކަށްވީ އަނޫއާއި ކައިވެނި ކުރެވުން ނަސީބުގައި ނެތީކަމުގައެވެ. ޔުކްތާ އަކީވެސް ގޯސްކުއްޖެއް ނޫންކަމުގައެވެ. އަނޫއާއިވެސް ކައިވެނި ކުރަން އުޅުނީ އާރިޒު މާބޮޑަށް ބޭނުންވެގެން ނޫންކަމުގައެވެ. އެހެންނަމަވެސް އެންމެ ކުރިންވެސް އެއޮތް  ގުޅުން ބަދަލެއް ނުވެ އެގޮތުގައި އަނޫއާއެކު ކުރިއަށްދާނެ ކަމުގައެވެ.

އާރިޒުގެ އެކަހެރިކަން ޔުކްތާއަށް ހިތްހަމަޖެހުން ގެނެސްދެއެވެ. އާރިޒު  އައުމުން ނުދަންނަ ނުތަނަވަސް ކަމެއް އުފަން ކުރުވައެވެ. ބިރުގަނެ ޖެހިލުންވާ ގޮތްވެއެވެ.  އާރިޒުގެ ކުރިމައްޗަށް ނާރާވޭތޯ އޭނާ ނުހަނު މަސައްކަތް ކުރޭވެސް މެއެވެ.

ގިނަ ދުވަހު ބަލިވެ އޮތުމުގެ ސަބަބުންނާއި އާރިޒުގެ ބަދަލުވަމުންދާ މިޒާޖާމެދު ފިކުރު ކުރުމުގެ ސަބަބުން އަޒީޒާގެ ހާލަތު އިތުރަށް ގޯސްވަމުން ދެއެވެ. ނަމަވެސް ޔުކްތާގެ އޯގާތެރިކަމާއި އަޅާލުން އޭނާއަށް ހިތްހަމަޖެހުން ގެނެސް ދެއެވެ. އަދި ކޮންމެވެސް ދުވަހަކުން އާރިޒުގެ ހިތް ޔުކްތާ އަށްޓަކައި ލޯބިން ބަންޑުން ވާނެކަން އޭނާ ގަބޫލު ކުރެއެވެ.

އެހެން ދުވަހެކޭވެސް އެއްފަދައިން އާރިޒުގެ ކޮޓަރި ސާފު ކުރުމަށްޓަކައި ޔުކްތާ އުޅެއެވެ. ތަރުތީބެއްނެތި އުކާފައިވާ އަންނައުނު ތަކާއި ލިޔެކިޔުމަށް ބޭނުން ކުރާ ސާމާނުތަކެއް ރަނގަޅުކޮށް މުޅިކޮޓަރި ތަރުތީބު ކުރަމުން ދެއެވެ. ކުއްލިއަކަށް އާރިޒު ކޮޓަރިއަށް އައިސްވަނީ އޭނާ ރޭގައި ހެދި މުހިންމު ރިޕޯޓެއް ބަލައެވެ. ސާފުކުރަން ހުރި ޔުކްތާއަށް ބެލުމެއްނެތި އޭނާ އަވަސް އަވަހަށް އެހޯދުމުގައި އުޅެން ފެށިއެވެ. ނަމަވެސް އަވަސް އަރުވާލާފައިވުމުގެ ސަބަބުން ހޯދަން ބޭނުންވާ ރިޕޯޓު އޭނާއަކަށް ނުފެނުނެވެ. އޭނާއަށް ވަނީ ނުހަނު ލަސްވެފައި ކަމުން ރިޕޯޓު ނުފެނުމުގެ ރުޅިގަނޑު ޔުކްތާ އަށް ބޭލިއެވެ.

"ކާކު ހުއްދަދީގެންތަ މިކޮޓަރި ސާފުކުރަން ވަންނަނީ. މީހުން ބަހައްޓާ އެއްޗިހި ރަނގަޅަށް ނުބެލެހެއްޓެންޏާ ސާފު ނުކުރޭ. މީގެ ފަހުން މިކޮޓަރިއަށް ސާފުކުރަން ނުވަންނާތި؟" އޭނާނިކުމެގެން ދިޔައީ ހުސް އަތާއެވެ.

މިކަމާ ޔުކްތާ ނުހަނު ދެރަވެއްޖެއެވެ. އޭނާ އެއްވެސް އެއްޗެއް އެތަނުން އެއްލައެއް ނުލައެވެ. ނުހަނު ތަރުތީބުކޮށް ހުރިހާ އެއްޗެއް ބެހެއްޓި ނަމަވެސް އާރިޒުގެ ސިނގު ރުޅި އޭނާ ހާސްކުރުވައިފިއެވެ. އޭނާދެކެ ގަންނަމުންދާ ބިރު އިތުރު ކުރުވައިފިއެވެ. އޭނާ އަބަދުވެސް މަސައްކަތް ކުރަނީ ގޭ އެކަކުވެސް އޭނާ ދެކެ ރުޅިނައިސް ވޭތޯއެވެ.

އާރިޒު އޮފީހަށް ދިޔައިރު އެރިޕޯޓު މޭޒުމަތީގައި އޮތެވެ. ރަނގަޅަށް އޮފީސް ބަލާނުލާ ދެވުނީތީ އޭނާ ވިސްނާލިއެވެ. މިހާރަކަށް އައިސް އޭނާއަށް އަންނަ ބަދަލުތައް އިހުސާސް ކުރެވެއެވެ. އެއީ އޭނާ ގަސްދުގައި ކުރާކަމެއް ނޫނެވެ. ނަމަވެސް ފުރަތަމަ ފަހަރަށް ޔުކްތާއާއި ދިމާއަށް އެއްޗެއް ބުނެވުމުން އޭނާ ދެރަވިއެވެ. ޔުކްތާ އާއި ހަމްދަރުދީވެވުނެވެ. ޔުކްތާވެސް އެހެން އެއުޅެނީ ހިތްހަމަޖެހިގެން ނޫންކަން އޭނާއަށް އިހުސާސްވިއެވެ. މަންމަގެ މަޖުބޫރު ހުކުމް އޭނާއަށްވެސް މަޖުބޫރު ކުރުވީކަން އިހުސާސް ވިއެވެ. އަޒީޒާ އެއީ އޭނާގެ އުފަން މަންމަ ނަމަވެސް ޔުކްތާއަށް އެއީ ހިލޭ މީހެކެވެ. ނަމަވެސް ޔުކްތާ އެވާ ގުރުބާނީގެ އަގު ފުރަތަމަ ފަހަރަށް ވަޒަން ކުރެވުނެވެ. ޔުކްތާއާ މެދު އޭނާއަށް ޚިޔާލު ކޮށްލެވުނެވެ. އެއީ ކުޑައިރު އެކަކު އަނެކަކަށް ދިމާކުރި ދެމީހުންނެވެ. އެކަކު އަނެކަކަށް އެހީތެރިވެދިން ދެ އެކުވެރިންނެވެ. މިއަދު އޭނާއަށް އެދެމީހުންގެ ދުރުމިން އިހުސާސް ކުރެވުނެވެ.

އަޒީޒާ ޔުކްތާއާމެދު މިއަދު ވިސްނަނީ އަމިއްލަ ދަރިއަކު ފަދައިންނެވެ. ގެއަށް ޓީޗަރެއް ގެނެސްގެން އިނގިރޭސިއާއި ދިވެހި ކިޔަވައި ދެއެވެ. ކޮންމެ ދުވަހަކުވެސް ގިނަ ވައްތަރުތަކެއްގެ ފޮތްތަކެއް ޔުކްތާ ލައްވާ ކިޔުއްވައެވެ. އެހެންކަމުން އަޒީޒާ ބޭނުން ވާގޮތަށް ޔުކްތާގެ ހޭލުންތެރިކަމާއި ހުޝިޔާރުކަން އިތުރު ވަމުންދެއެވެ. އޭނާއަށް ދެބަހުން ވާހަކަދައްކާށާއި ލިޔަން ކިޔަން ފުދޭ ވަރަކަށް މިހާރުއެނގެއެވެ. ފޫހިކަމެއްނެތި ޝައުގުވެރި ކަމާއެކު ގިނައިން ދެބަހުގެ ފޮތްތައް ކިޔުން ވެގެންދިޔައީ އޭނާއަށް އެތައްކަމެއް އެނގެމުން ދިޔުމެވެ. މުޖުތަމައުގެ ކަންތައްތަކަށް މަޑުމަޑުން ހޭލުންތެރި ވަމުން ދިޔުމެވެ. ދިމާވާ ކުދިކުދި ކަންތައްތަކުގައިވެސް ނަފުސު ކޮންޓުރޯލު ކުރަން އެނގުމެވެ. ދިރިއުޅުމަކީ މަގުސަދެއްނެތް ފޫހި ތަނެއްކަން ކުރިން ދެކެމުން އައިނަމަވެސް މަޑުމަޑުން އެކަން ރަނގަޅުވަމުން ދިއުމެވެ. ރީތި ގޮތަކަށް ހެދުން އަޅާށާއި ރީތިވާން ޝައުގުވެރިކަން މަޑުމަޑުން އުފެދެން ފެށުމެވެ.

*****

މެންދުރު ވެހެންފެށިވާރޭ ހަވީރު ވީއިރުވެސް ހުއްޓައެއް ނުލައެވެ. އާރިޒު ގޯތި ތެރެއަށް ވަދެ ކާރު މަޑުކޮށްލިއެވެ. ބޯ ވާރޭގަނޑުގެ ތެރޭގައި ނުހަނު މަޖާކޮށް ދުވެ ކުޅެމުންދިޔަ ޝިޔާ އޭނާއަށް ފެނުނެވެ. މި ވާރޭގައި ޝިޔާ ތެމިއްޖެނަމަ ބަލިވާނެކަން އޭނާއަށް އެނގެއެވެ. އޭނާގެ ރުޅިގަނޑު މަތަނުކުރެވި ޝިޔާ ގެއަށް ވެއްދުމަށް ކާރުން ނިކުންނަން ދޮރުހުޅުވާލަން އުޅުނުއަތް ހަރަކާތް ނުކުރީ އޭނާއަށް ފެނުނު މަންޒަރަކުންނެވެ. އަބަދުވެސް ހިމޭން ދިރިއުޅެމުން އަންނަ ޔުކްތާ ވާރޭތެރޭގައި ޝިޔާގެ ފަހަތުން ދުވަނީއެވެ. އަބަދުވެސް މޮޅިވެފައިވާ މޫނުގައިވަނީ އުފަލާއި ތާޒާކަމެވެ. ދުވަހަކުވެސް ހިނިތުންވުމެއްގެ އަސަރު ނުފެންނަ ތުނި ތުންފަތުގައި ވަނީ ފުރިހަމަ ހިނިތުންވުމެކެވެ. އާރިޒު ކަޅި ޖަހާނުލާ ޔުކްތާއަށް ބަލަމުން ދިޔައެވެ. އޭނާއަށް ޔުކްތާގެ ފުރިހަމަކަން ފުރަތަމަ ފަހަރަށް ފާހަގަ ކުރެވުނެވެ. އަބަދުވެސް ގަޔަށް ދޫ ބޮޑެތި ހެދުންލާ ޔުކްތާ ވަނީ މިހާރުގެ ޕާކިސްތާނު ހެދުމެއް ލާފައެވެ. ހުދުކުލައިގެ އެ ހެދުންވަނީ އޭނާގެ ގައިގާ ތަތްލާފައެވެ. އެއީ ރީތި ބައްޓަމެއް ލިބިފައިވާ އަންހެންވަންތަ ހަށިގަނޑެކެވެ. އަބަދުވެސް ހުޅި ޖަހާފައިވާ ދިގު އިސްތަށިގަނޑު ވަނީ ވާރެއަށް ދޫކޮށްލާފައެވެ. އެއީ ކަޅުކަންގަދަ ދިގު އިސްތަށިގަނޑެކެވެ. މާލެއައި އިރު އަވިން އަނދާފައިވާ މޫނު ވަނީ ނުހަނު އޮމާންވެ ދޮންވެފައެވެ. އޭނާ ޝައުގުވެރި ކަމާއެކު އެ ޅަޒުވާން ޔުކްތާއަށް ބަލަމުން ދިޔައެވެ. އޭނާސިއްސައިގެން ދިޔައީ ޔުކްތާ ކާރުގައި ޓަކިޖަހާލުމުންނެވެ. އޭނާ ކާރުގެ ލޯގަނޑު ތިރި ކޮށްލިއެވެ. ޔުކްތާ ދިން ކުޑައިގާ އޭނާއަށް ހިފުނީ އޭނާގެ ގަސްދަކާއި ނުލައެވެ. އެވަގުތު އޭނާއަށް ޔުކްތާގެ ލޮލަށް ފުންކޮށް ބަލާލެވުނެވެ. އެއީ ކަޅިރީތި ފުން ލޮލެކެވެ. އެތައް ހިތާމައެއް ފޮރުވިފައިވާ އަޖައިބު ކުރަނިވި ރީތި ލޮލެކެވެ. (ނުނިމޭ)

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
31
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *