Support Us

ވާހަކަ: ހިމާޔަތް އެދެމޭ- 19

"ބަނޑުބޮޑީތަ؟" ހަރުކަށިކަމާއި އެކު މާޔާ ކައިރީ ޝަރުމީލާ އަހައިލިއެވެ.

"މަންމަ ކައިރީ ބުނަންވެފައި އެބައޮތް ވަރަށް ބޮޑު ވާހަކައެއް،" މާޔާއަށް ގިސްލެވުނެވެ. އޭނާ އިސްއުފުލައިލިއިރު ޝަރުމީލާ ހީވަނީ ރުޅި އައިސް ހަލާކުވެދާނެހެންނެވެ.

"ފުރަތަމަ ޖަވާބު ދޭންވީ އަހަރެންގެ ސުވާލަށް، އަހަރެން މި އަހަނީ މާޔާ ބަނޑުބޮޑީހޭ؟" އަޑަށް ބާރުލާފައި ޝަރުމީލާ އަހައިލިއިރު އޭނާގެ ދެލޯވަނީވެސް ބޮޑުކޮށްލާފައެވެ. އިރުކޮޅަކަށް ހުއްޓުން އަރާފައި މާޔާއަށް ހުރެވުނެވެ. އޭނާ ދޭ ޖަވާބާއި އެކު މަންމަގެ އަމަލުތައް ހުންނާނީ ކިހިނެއްބާއޭ ހިތަށް އަރާފައި އޭނާ ޖެހިލުންވިއެވެ. ފަޟީހަތްވުމުގެ ބިރަށްވުރެ އޭނާގެ ހިތުގައި ކުރި ފޯދުނީ މަންމަ އޭނާއަށް އިތުބާރު ނުކުރާނެކަމުގެ ބިރެވެ. އޭރު އޭނާގެ ހިތް ނެގިނެގިފައި ޖެހެނީއެވެ.

"ނޭނގެ." މާޔާއަށް ޔަޤީންނުވާކަމެއްގެ ވާހަކަ ބުނަން އުދަނގޫވިއެވެ. އެކަމަކު ފުރުޞަތު އެބައޮތެވެ. ފާއިތު އެއްމަސް ދުވަސްތެރޭގައި އޭނާއަށް މިކިއަލް އާއި ޔޫނުސްގެ ފަރާތުން ލިބުނު އަނިޔާތަކަށްފަހު ބަނޑުބޮޑުވުމަކީ އެކަށީގެންވާ ކަމެކެވެ. އޭނާއަށް ޔޫނުސް ދިން ބޭސްކާޑުން ބޭސް ކެވުނީ އޭނާ ހަނދާންވި ރެއަކު އެކަންޏެވެ.

"ހިނގާ މަށާއި އެކު." ޝަރުމީލާ ރުޅި އައިސް މާޔާގެ އަތުގައި ހިފާ ދަމައިގެންފައި ހިނގައިގަތެވެ. މާޔާ މަންމައަށް ގޮވާލާފައި އޭނާ ކިޔާ އެއްޗެއް އަޑުއަހާށޭ ބުނެލިއެވެ. އެއާއި އެކު މާޔާގެ ކޯތާފަތަށް އެރީ ޝަރުމީލާ އަތުގެ ހޫނު ހަމަލާއެކެވެ.

"މަގޭ ދިން ނަޞޭހަތް އަޑުއެހިނަމަ ރަނގަޅު މިއަދު މަވެސް އަޑުއަހަން، ރޭރޭ ދަންވަރު ގެއިން ނިކުމެދާއިރު ހިތަކަށް ނޭރިއެއްނު މިދުވަސް އަންނާނެ ކަމެއް، ތި މިކިއަލް އެއް ކައިރީ އަހާބަލަ އިންނަން ކެރިދާނެތޯ، އޭނަ އިންނާނެ މީހަކާއި އިނދެގެން އެއުޅެނީ،" ޝަރުމީލާގެ ޖަވާބާއި އެކު މާޔާއަށް އިސްޖަހާލެވުނެވެ. މިއަދު މަންމަ ކުށްވެރިކޮށްފައި އޭނާ އަމިއްލަ ނަފްސު ދިފާޢުކުރެވޭނެ އެއްވެސް ގޮތެއް ނެތެވެ. ހުރިހާ ކަމެއްގެ ފެށުން ގުޅިފައިވަނީ މަންމަގެ ތަރުބިއްޔަތާއި ޚިލާފްވި ހިސާބުންނެވެ.

ދެލޯ ފޮހެފޮހެ ވަރުބަލިވީއިރުވެސް މާޔާގެ ދެލޯ ހިކިގެން ނުދިޔައެވެ. އޭނާ އަށް އެއްވެސް ކަމެއް ކުރިއަކަ ޝަރުމީލާ ނުދިނެވެ. ޝަރުމީލާ ރައްޓެއްސަކަށް ގުޅައި ޑޮކްޓަރަށް ދެއްކޭނެ އިންތިޒާމް ހަމަޖައްސައި މާޔާއަށް އެންގީ ތައްޔާރުވެގެން އައުމަށެވެ. ޑޮކްޓަރަށް ދައްކަން ދިއުމާއި ހަމަޔަށް މާޔާ އިނީ ބަސްހުއްޓިފައެވެ. އެކަމަކު ގެއިން ބޭރަށް ނިކުތުމަށްފަހު އޭނާ އެންމެ ކަރުނަ ތިއްކެއްވެސް ވައްޓައެއް ނުލައެވެ.

** **

ޑޮކްޓަރުގެ ކުރިމަތީ މާޔާއަށް އަނގައިން ބުނާނެ އެއްވެސް ފުރުޞަތެއް ޝަރުމީލާ ނުދިނެވެ. މާޔާގެ ވަނަވަރު ކިޔައިދިން އިރު އަދި ކައިވެނިނުކުރާކަން އޮތީ ސިއްރުކޮށްފައެވެ. ފިރިމީހާ އާއި ބެހޭގޮތުން ޑޮކްޓަރު ސުވާލުކުރުމުން މިވަގުތު ރަށުގައި ނެތްކަމުގައި ބުނެ ޝަރުމީލާ ހަމަޖައްސާލިއެވެ. މާޔާ ކުޑަކޮށްވެސް ހިތްހަމަޖެހުނީ މަންމަ އޭނާގެ އަގު އެހެން މީހުންގެ ކުރިމަތީ ހިފަހައްޓާތަން ފެނިފައެވެ. ޑޮކްޓަރަށް ދައްކާ ނިމިގެން ގެއަށް ދިއުމަށްފަހު އަދި ހަމަޖެހިލައިގެން ވާހަކަ ދެއްކިދާނެކަމުގެ އުއްމީދު އާވެގެން ދިޔައެވެ.

ލޭނަގައި ޓެސްޓް ހެދިއިރު އެދެމައިންނަށް ޔަޤީންވީ މާޔާ ބަނޑުބޮޑުކަމެވެ. މަންމަ އާއި ދިމާލަށް އިސްއުފުލަން ނުކެރިފައި މާޔާއަށް އިނދެވުނެވެ. ގެއާއި ހަމަޔަށް އަންނަންދެން ޝަރުމީލާވެސް އިނީ ބޮޑު ވިސްނުމެއްގައިކަން އެނގެއެވެ.

ގޭގެ ދޮރުން ވަދެވުމާއި އެކު މާޔާ އިސްނަގައި މަންމައަށް ގޮވާލިއެވެ. އެހިނދު ހީވީ ޝަރުމީލާގެ ހަށިގަނޑުގެ ތެރޭގައި ކެކެމުން ދިޔަ ރުޅިގަނޑު ފަޅައިގެން ދިޔަހެންނެވެ. އަންހެންދަރިއެއްގެ ސަބަބުން ލިބެންވީ ލަދު އޭނާގެ ފަސްބައިގައި ޖެހުމުން އެކަމާއި ޝަރުމީލާއަށް ކެތެއް ނުވިއެވެ. މިދުވަސް ދެއްކެވުމުގެ ކުރިން އޭނާ މަރުވިނަމަ ކިހާ ހެޔޮހެއްޔޭ ގޮވަމުން އަމިއްލަ ފުރާނަ ގެންދަވާތޯ ފާޅުގައި ދުޢާވެސްކުރިއެވެ. މާޔާ ހިތުގައި ޖެހިފައި ހުރެވުނީ މަންމައަށް ވިސްނައިދެވޭނެ ގޮތެއް ނެތްކަން އެނގޭތީއެވެ. މާޔާ އާއި ދިމާލަށް އޭނާގެ މޫނު ދެކެންވެސް މަންމަ ބޭނުންނުވާ ކަމުގައި ބުނުމުން މޫނުގައި އަތް އަޅައި ރޮއިގަނެވުނެވެ.

ކޮޓަރި ތެރެއަށް ވަދެވުމާއި އެކު މާޔާ ދުވެފައި އައިސް އެނދުމައްޗަށް ވެއްޓިގަތެވެ. އެގޮތަށް އޮވެ އޭނާ ދެގަޑިއިރެއްހާއިރު ރުޔެވެ. ހަނދާނެގޮތް ހުސްވެފައި އޮވެވުނެވެ. އެގެއިން ނިކުމެގެން ދާން ހިތަށް އެރިއެވެ. މަންމަ ލަދުގަންނަ ފަދަ އެއްވެސް ކަމެއް އިތުރަށް ދެން ތަކުރާރު ނުވާނީ ގެއިން ނުކުމެގެން ދިއުމުންކަމުގައި އޭނާގެ ހިތް ބުނަމުން ދިޔައެވެ.

އެންމެފަހުން މާޔާ ފޯނު ނަގައި މިކިއަލްއަށް ގުޅަން މަސައްކަތްކުރިއެވެ. ކޮންމެ ފަހަރަކު މިކިއަލްގެ ނަންބަރު ބިޒީކަމަށް ދައްކާތީ މާޔާ އެ ޚަބަރު ދިނީ މެސެޖުންނެވެ. އޭގެ ކުޑައިރުކޮޅެއް ފަހުން މިކިއަލްގެ ފޯނެއް އައެވެ.

މިކިއަލް ބޭނުންވީ މާޔާ ބަނޑުބޮޑުކަން ޔަޤީންވިގޮތެއް ބަލާށެވެ. ޑޮކްޓަރަށް ދައްކައި ލިބުނު ނަތީޖާ މާޔާ ކިޔައިދިނެވެ. އަދި ބަނޑަށްވީ އެންމެ ހަތަރު ހަފްތާކަމާއި މިކިއަލް ކައިރީ ކައިވެނިކުރާނަންތޯ އެއްސެވެ. މިކިއަލް ދޭނެ ޖަވާބަކަށް ނޭވާ ހިފަހައްޓާލައިގެން ހުއްޓާ މާޔާ ހައިރާންވީ މިކިއަލް ހޭންފެށީމައެވެ.

"މަށަށް ކިހިނެއް އެނގެނީ ތިއީ މަގޭ ދަރިއެއްކަން؟" މިކިއަލް ހެމުން ހެމުން އަހާލިއެވެ. މާޔާއަށް ހީވީ އޭނާގެ މޫނުމަތީ މީހަކު ޖެހިހެންނެވެ. މިކިއަލް ހަނދާންކޮށްދިނީ ޔޫނުސް މާޔާ ކައިރިއަށް ވަންނަ ވާހަކައެވެ. އެކަމަކު އެކަން ހަނދާންކޮށްދެންވެސް މިކިއަލް ބޭނުންކުރި މަގުމަތީ ބަހުރުވަޔާއި ކީ ހުތުރު ބަސްތައް ދުވަހަކުވެސް މާޔާ ހިތަކުން ނުފިލާނެއެވެ. މިކިއަލް އާއި އެކު އުފަލުގައި ދުވަހަކުވެސް ނޫޅޭވޭނެކަން އެނގިހުރެވެސް މިކިއަލް އާއި އެކު ދާން ބޭނުންވީ އޭނާ ދެކެ އިތުރު މީހަކު ދެން ލޯބިވެދާނެހެން ހީނުވާތީއެވެ.

އެ ފޯނު ނިމުނުއިރު މާޔާއަށް ހީވީ ކޮޓަރީގެ ހަތަރު ފާރު އައިސް އޭނާ ފިއްތާލަން އުޅޭހެންނެވެ. ރޮއިރޮއިގޮސް މޭގައިވަނީ ތަދު ހިފާފައެވެ. އެސްފިޔަޖަހާލަން އުދަނގޫވާވަރަށް ދެލޮލުގައިވެސް ރިއްސައެވެ. މާޔާ އަށް ހަތަރު އުދަރެސް ފެނު ޖެހުނުހެން ހީވެއެވެ. އޭނަ އާއި ހެދި އެންމެންނަށް އުދަނގޫވާން ބޭނުމެއް ނޫނެވެ. މަންމަ ފަޟީހަތްވާން ބޭނުމެއް ނޫނެވެ. ޔޫނުސް އޭނައަށް ކޮންމެވެސް މަގެއް ހޯދައިދޭނެނަމައޭ ހިތަށް އެރިއެވެ. ޝީތުއަށް ކަމެއްވީހެންވެސް ހިއެއް ނުވެއެވެ. ބަނޑުބޮޑުވިކަން އެއްވެސް މީހަކަށް ނުވެސް އަންގައެވެ. ނޭވާލުންހާ އޮމާންކޮށް އެކަން ނިމިގެން ދިޔަފަދައިން މާޔާގެ ތަކުލީފްތައްވެސް ނިމުމަކަށް އަންނަން އޭނާ ބޭނުމެވެ.

އެއްވެސް މީހެއްގެ ގާތުގައި އާދޭސްކުރުމަކީ މާޔާއަށް ފަސޭހަކަމެއް ނޫނެވެ. އެހެން ނޫންނަމަ އޭނާ އާދޭސްކުރާނީ މަންމަގެ ކުރިމަތީގައެވެ. މަޢާފަށް އެދި ރޯންވީވެސް އަދި ޖަންނަތު ދެއްވުމަށް އާދޭސްކުރަންވީ ވެސް މަންމަގެ ދެފައިގައި ހިފާފައެވެ.

މާޔާ ތެދުވެގެން އައިސް މޭޒުގެ ކައިރީ ހުއްޓުނެވެ. ވަތްގަނޑު ދަމާލާފައި ނެގީ މޭވާ ފަޅަންވެގެން އެއްދުވަހަކު ގެނެސް ބޭއްވުނު ވަޅިއެވެ. ވަޅީގެ މުއްގަނޑުގައި ހިފާ މޫނާއި ހަމަޔަށް ހިއްލާލެވުނެވެ. އޭގެ އަރިމަތިން މިޔައިގެ ތޫނުކަން ހުރީ ފެންނާށެވެ. މާޔާ އަނެއްއަތް އުފުލައިލިއެވެ. ވަޅީގެ ތޫނުކަން އޭނާގެ އަތުގެ މަސްގަނޑަށް އިހްސާސްވިއެވެ. ތަދާއި އެކު ދުންޖަހާފައި ލޭ ނުކުންނަންފެށިއެވެ. މަންޒަރު ފުސްވަމުން ގޮސް މޫނަށް އަނދިރިވާގޮތްވިއެވެ.

** **

މޫނުގައި ތެތް އެއްޗެއް ޖައްސާލިކަން އެނގުމުން މާޔާއަށް މޫނު އަނެއްފަރާތަށް އަނބުރާލެވުނެވެ. ދެލޯ ހުޅުވަން އުޅެއުޅެ ހަށިގަނޑުގައި ވަރުނެތުމުން ލޯ ހުޅުވަން އުދަނގޫވިއެވެ. މާޔާގެ ކޯތާފަތުގައި މަޑުމަޑުން ޖަހާލާފައި އޭނާގެ ނަމުން ފިރިހެނަކު ގޮވާލި އަޑު އަހާފައި ދެލޯ ހުޅުވައިލެވުނެވެ.

މާޔާގެ ކައިރީ ހިނިތުންވެލައިގެން ހުރި ޑޮކްޓަރު ރަނގަޅުހޭ އަހާލުމުން އަވަސް އަވަހަށް ލޯ ހިންގައިލެވުނެވެ. އޮވެވުނީ ހޮސްޕިޓަލެއްގައިކަން އެނގުމުން މާޔާއަށް އަހައިލެވުނީ އޭނާ ގެނައިފަހުން ކިހާ އިރެއްތޯއެވެ. ޑޮކްޓަރު ގަޑިއަށް ބަލައިލިއެވެ. އަދި ގަޑިއިރެއްވެސް ނުވެއޭ ބުނެލިއެވެ. މާޔާއަށް ބަލައިލެވުނީ އޭނާގެ އަތަށެވެ. ބެންޑޭޖުކޮށްލާފައި އޮތުމުން އޭނާ ހޭނެތުނުގޮތް ހަނދާންވިއެވެ.

ޑޮކްޓަރު ނިކުމެފައި ހުއްދަ ދިނުމުން އެތެރެއަށް ވަން ޝަރުމީލާ އާއި ޝީތު ފެނިފައި މާޔާއަށް ފަސޭހަވީ ދެލޯ މަރައިގެން އޮތުމެވެ. ޝީތު އައިސް މާޔާގެ ނަމުން ގޮވާލިއެވެ. އޭނާ ހޫމް އަޅުވައިލީ ދެލޯ މަރައިގެން އޮވެއެވެ. މާޔާ ހޮސްޕިޓަލުގައިކަން އެނގުމުން މާޒީންވެސް ހުރީ އައިހެވެ. ފަހަރަކު މީހަކު ވަދެފައި ހާލު ރަނގަޅުތޯ އަހާލައެވެ. އެ އެންމެންގެ ތެރެއިންވެސް ޝަރުމީލާ ހުރީ ބަހެއްވެސް ނުބުނެއެވެ.

މާޔާއަށް އެންމެ އަސަރުކުރީ ޝަރުމީލާގެ މޫނުމަތިން އަޅާލުންކުޑަކަން ފެނިފައެވެ. ޝީތު ދިޔަފަހުން އެތަނެކޭ ފަޅުތަނެކޭ އެއްފަދައެވެ. މަޖުބޫރުވެގެން އައިސް މާޔާގެ ކުރިމަތީ އިންނަންޖެހޭކަން ޝަރުމީލާގެ އަމަލުން ހެކިވެއެވެ. މާޔާ އޮތީ ލޯމަރައިގެންނެވެ.

** **

ޖެހިގެން އައި ދުވަހަކު ޑޮކްޓަރު އެދުނީ ނަފްސާނީ ޑޮކްޓަރަށް ދައްކައިލުމަށެވެ. އަމިއްލަ ނަފްސަށް ގެއްލުން ދިނުން ނުވަތަ މަރުވުމަށް މަސައްކަތްކުރުމަކީ ނަފްސާނީ ބަލިމަޑުކަމެއްގެ އަސަރުކަމުގައި ޑޮކްޓަރު ކިޔައިދިނެވެ. އަދި ކުރީގެ ހާލަތަށ ރުޖޫއުވުމަށް ކައުންސިލިންގެ އެހީ ބޭނުންވާނެކަމުގައިވެސް ބުންޏެވެ. ޝަރުމީލާ އަށް ދެކޮޅު ހަދާނެ އެއްވެސް ފުރުޞަތެއް ނުދިނެވެ. ހޮސްޕިޓަލުން ދޫކޮށްލާނީ ނަފްސާނީ ޑޮކްޓަރުގެ ލަފާގެމަތިންކަމުގައި ބުނުމުން ދެން ޖެހުނީ އެހިސާބަށް ދާށެވެ.

** **

ކައުންސިލިންއަށް ގެންދިޔަ ފުރަތަމަ ދުވަހު މާޔާއަށް އިހްސާސްވީ އޭނާ ކުށްވެރިވެގެން އުޅޭހެންނެވެ. ޑރ. ނިޒީގެ ފަރާތުން ހިތްހެޔޮކަން ފެނުނެވެ. ހިތުގެ ތެރޭހުންނަ ހުރިހާ ކަމެއް ބޭރުވެގެން ނޫނީ ލުއި ނުވާނެކަން ނިޒީ ވިސްނައިދިނެވެ. އަދި އޭނާގެ ކައިރީ ދައްކާ ކޮންމެ ވާހަކައަކީ ސިއްރެއް ކަމުގައި ބުނެ ހުވާވެސް ކުރިއެވެ. މާޔާއަށް ރޮވުނެވެ. އޭނާގެ ހިތަށް ލުއިވަނީ ރޮއިގެންނެވެ. ނަމަވެސް އަމިއްލަ ކަންކަން ހިއްސާކުރުމަކީ އޭނާއަށް ދަސްވެފައި ހުރިކަމެއް ނޫނެވެ.

ފުރަތަމަ ދެދުވަހުން މާޔާއަށް ދަސްވީ ވަށައިގެން އޭނާ ދެކެ ލޯބިވާނެ މާގިނަ ބަޔަކު ނެތަސް އެކަނި އުޅެން ދަސްކުރަންޖެހޭކަމެވެ. ކަންކަމާއި ކުރިމަތިލާން އެނގެންޖެހޭކަމެވެ. ކުރިމަތިވާ ނުރައްކާތަކާއި ހިތާމަތަކުން ސަލާމަތްވާނެ މަގު ހޯދުމާއި ކުރިމަތިލުމުގެ ހިތްވަރު ހުންނަންޖެހޭކަމެވެ. އަދި އެއްވެސް ކަމަކުން ސަލާމަތްވުމަށް މަރުވުމަކީ ހައްލެއް ނޫންކަމާއި އެއީ ދެވަނަ ދުނިޔެއެއްގެ ފެށުންކަމެވެ.

މާޔާ ހުރިހާ ވާހަކައެއް ކިޔައިދިނީ ނިމުނުއިރު ނިޒީވެސް އިނީ ހައިރާންވެފައެވެ. މި ކުޑަ މުޖުތަމައުގެ ތެރޭގައި އަމިއްލަ ފައިދާއަށްޓަކައި އަނެއްމީހާގެ މުޅި ދިރިއުޅުން ހަލާކުކޮށްލަން ކެރޭ ކިތައް މީހުން އުޅެފާނެބާއޭ އޭނާ ހިތަށް އެރިއެވެ. ހިލޭ މީހަކަށްވުރެ އިތުބާރުހިފޭ މަޤާމެއްގައި ހުރި މީހާގެ ކުށާއި އޭނާގެ ސަޒާވެސް ބޮޑެވެ.

** **

ހޮސްޕިޓަލުން ގެއަށް ދޫކޮށްލީ ހަފްތާއަކު އެއްފަހަރު އަދި ކައުންސިލިންއަށް އަންނަން ބުނެފައެވެ. މާޔާ ފޮނުވަން އުޅުނު ވަގުތަކީ ޝީތު ވެސް އައިސް ވަންވަގުތެވެ. އެވަގުތު ނަރުހަކު އައިސް ޝަރުމީލާއަށް އިޝާރަތްކޮށްލީ އެކުއްޖާ އާއި އެކު އައުމަށެވެ. ޝަރުމީލާ ނިކުތުމުން ޝީތު އިށީދެފައި އަހައިލީ މިހާރު މަންމަ އަނގައިން ބުނޭތޯއެވެ. މާޔާ ޖަވާބު ދިނީ ބޯހޫރުވާލުމަކުންނެވެ. އޭނާ އިސްޖަހާލިއިރު ދެލޯ ފުރިގެން އަންނަނީއެވެ. އަދިވެސް އޭނާ ދެކެ މަންމަ ހުރީ ރުޅި އައިހެވެ. އެކަމަކު އޭނާ ހޮސްޕިޓަލަށް ގެނައީ މަންމަ ކަން އޭނާއަށް ވެސް އެނގެއެވެ.

"ޓައިމް ވިލް ހީލް އެވްރިތިން." މާޔާގެ އަތުގައި ޝީތު އަތްޖައްސާލިއެވެ.

"ހެއި. ރާމީން އޮތީ މި ރޫމާއި ޖެހިގެން އޮތް ރޫމްގައި، އޭނަ މިތަނުގައި އޮންނަތާ ދެ ހަފްތާ މިވަނީ." ޝީތު ހަނދާންވީ މިއަދު އޭނާ އަންނަނކޮށް ރާމީން ފިޒިއޮތެރަޕީއަށް ގެންދާތަން ފެނިގެންނެވެ. އެދުވަހު އޭނަ އާއި މާބޮޑަށް އެއްވެސް މީހަކު އަނގައިން ނުބުނުމުން އޭގެފަހުން އެތަނަށް ވަނުމުގެ ޚިޔާލެއް ނެތެވެ.

"އޭނައަށް ކިހިނެއްވީ؟" މާޔާއަށް އަހައިލެވުނެވެ. އޭނާގެ މެޔަށް ފެންއެއްޗެއް އޮއްސާލިފަދަ އިހްސާސެއް ކުރެވުނެވެ. ރާމީން އޭނާ ގުޅައިގެން ފޯނު ނުނެގި ދުވަހުން ފެށިގެން ރާމީން ކޮބައިތޯ މާޔާ ނުބަލައެވެ. އެކަމަކު ރާމީން ކުއްލިއަކަށް ދުރުވުމުން އެކަމާއި މާޔާއަށް އަސަރުކުރިއެވެ. އޭނާފެ ކޯލު ލިބުމަށްފަހު ފަހުންވެސް ރާމީން ނުގުޅާކަން ހިތަށް އަރާ ކޮންމެ ފަހަރަކުއ އޭނާ މާޔޫސްވެގެން ދިޔައެވެ.

"ނޭނގެ." ވީ ކިހިނެއްކަމެއް ޝީތުއަށް ރަނގަޅަށް ސާފެއް ނޫނެވެ. އެކަމަކު އެކްސިޑެންޓެކޭ އެއްދުވަހު މިކިއަލް ބުންޏެވެ. ޝީތު ސިފަކޮށްދިނީ ރާމީން އިންނަ ގޮތެވެ. އަބަދުވެސް ގޮނޑިއެއްގައި އިންނަތަން ފެންނާތީ އަދި އަމިއްލައަށް ނޫޅެވޭކަން އެނގެއެވެ.

އެތަނަށް ދިއުމުގެ ޚިޔާލު ދިނީ މާޔާއެވެ. އޭނާގެ ހިތް ރާމީންގެ މައްޗަށް ސާފުވެގެން ދިޔައެވެ. ހޮސްޕިޓަލުގައި އޮންނައިރު ރާމީންއަށް ގުޅައިލެވޭނެ ގޮތެއް ނޯންނާނެއޭ ހތަށް އެރުމުން އެތަނަށް ދާންވީ މާޔާކަމުގައި ޤަބޫލުކުރެވުނެވެ. ގެއަށް ދިއުމުގެ ހުއްދަ ދީފައި އޮތުމާއި އެކު މާޔާއަށް އެއްވެސް ހުރަހެއް ނެތެވެ. ގެއަށް ދެވޭނީ ޝަރުމީލާ އައި އިރަކުންނެވެ.

** **

ޑރ.ނިޒީގެ ކުރިމަތީ ޝަރުމީލާ އިނީ ގޮނޑީގައި ޖަހާފައި އިން ބުދެއްހެންނެވެ. ދެންމެ ހާމަވެގެން ދިޔަ ހަޤީޤަތަށްފަހު ޝަރުމީލާއަށް އިހްސާސްވީ އޭނާގެ އަމިއްލަ ޒިންމާ ނުއުފުލޭވަރެވެ.

މާޔާގެ ކައިރީ އެއްވެސް ވާހަކައެއް ނުބުނަން ވައުދުވެފައި ވެސް ނިޒީއަށް އެވާހަކަތައް ބެލެނިވެރިޔާއަށް އަންގަން މަޖުބޫރުވީ އެއީ ފައިލެއްގެ ތެރޭގައި ބޭއްވޭވަރުގެ ކަމަކަށް ނުވާތީއެވެ. ދަރިން ބޮޑުވަމުން އަންނައިރު މައިންބަފައިންގެ ދައުރުގެ މުހިއްމުކަން ނިޒީ ވިސްނައިދިނެވެ. އަދި އެކުދިން ކުރާ ކުޑަ ކަމެއްގެ ސަބަބުންވެސް ބޮޑު މައްސަލައެއް ފެށިދާނެކަމުގެ ބިރު އޮންނާނެކަމަށާއި ފާރަވެރިވުމަކީ ބެލެނިވެރިޔާގެ ޒިންމާއެއްކަމުގައި ބުނެދިނެވެ. ނިޒީ ސުވާލުކުރީ ޝަރުމީލާ ކަންތައްކުރާނެ ގޮތަކާއި ބެހޭގޮތުންނެވެ.

މައްސަލަ ހުށައެޅުމަށް ނިޒީ ބާރު ދިނެވެ. އަދި އޭނާ ހެދި ޓެސްޓްތަކުގައިވެސް އަނިޔާ ލިބެމުންދާކަމުގެ ހެކި ހުންނާނެކަމަށާއި ދެން އޮތީ ސާބިތުކުރުންކަމުގައި ބުންޏެވެ. ނިޒީ ވިސްނައިދިނީ މައްސަލައެއް ހުށައަޅާއިރު ދެން އަންނާނެ ކަންތައްތަކެވެ. މީހުން ކިޔާނެ އެއްޗަކަށް ނުވިސްނަން ނިޒީ ނަޞޭހަތްތެރިވިއެވެ. އަދި ކިތަންމެ ވަންހަނާކުރަން އުޅުނަސް ކޮންމެވެސް ދުވަހަކުން މީހުންގެ ތެރޭ އެކަން އެނގޭނެކަމަށާއި އޭގެފަހުން އަންނާނެ ބަދަލުތައްވެސް ކިޔައިދިނެވެ. އަދި މައްސަލަ ހުށައެޅުމަށްފަހު ހުއްޓާނުލައި ކުރިއަށްދާން ހިތްވަރު ދިނެވެ.

އާއިލީ ގުޅުން ރަނގަޅުކުރުމަށް މަޢާފަށް އެދުމާއި މަޢާފްކުރުމުގެ މުހިއްމުކަން ނިޒީ ވިސްނައިދިނެވެ. ފުރަތަމަ މާޔާ ކަންކަމާއި ކެރިގެން ކުރިމަތިލާން ކެރޭވަރުގެ ކުއްޖަކަށް ހެދުމަށް ނިޒީ އެދުނެވެ. އޭނަ އާއި އެކު ޝަރުމީލާ ހުރިކަން ބުނެދޭށޭ ބުންޏެވެ. ޝަރުމީލާ ދެއަތް ދެއަތާއި ޖޯޑުކޮށްލައިގެން އިން އިރު ދެއަތުގައި ހުރި ތުރުތުރުއެޅުން ފާހަގަވާވަރުވެއެވެ. އޭނާ އިނީ ޔޫނުސް އާއި ކުރިމަތިލާނެގޮތަކާއި މެދު ވިސްނާށެވެ. މައްސަލަ ހުށައަޅަންދެން އެއްވެސް ކަމެއް އެނގޭކަމަށް ނުހަދައި އުޅެން ހިތަށް އެރިއެވެ.

** **

ގެއަށް އައުމަށްފަހު މާޔާ އާއި ވާހަކަ ދައްކަން ޝަރުމީލާއަށް އުދަނގޫވިއެވެ. މަޢާފަށް އެދެން އޭނާގެ ދޫ ހަރަކާތެއް ނުކުރިއެވެ. އެއަށްވުރެ ބޮޑަށް ގޮތްދޫނުކުރުމުގެ ގޮތްގަނޑު ޝަރުމީލާގެ ކިބައިގައި ހުރެއެވެ. އޭނާ ނިންމީ އަމިއްލައަށް ހައްލު ހޯދުމަށެވެ.

އެރޭ ނިދަން އޮއްވާ ޔޫނުސް ގެނެސްދިނީ ޖޫސްތައްޓެކެވެ. ޝަރުމީލާގެ ހަނދާނަށް އައީ އޭނާ ބަލިވެގެން ޑޮކްޓަރަށް ދެއްކި ދުވަހު އިވުނު ވާހަކަތަކެވެ. (ނުނިމޭ)

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *