ޖަނާޒާ ބޭއްވުމުގެ ކަންތައްތަކަށް ސަމާލުކަން ގެންނަން ހަންގެރީގައި ބާއްވާ ކަށްވަޅު ކޮނުމުގެ ނުވަ ވަނަ މުބާރާތް ބާއްވައިފިއެވެ.
މި ދިޔަ ހޮނިހިރު ދުވަހު ބޭއްވި މުބާރާތުގައި 38 މީހުން ބައިވެރިވިއެވެ. ދެ މީހުންގެ ޓީމުތަކަށް ބަހައިލައިގެން ބޭއްވި މުބާރާތުގައި އެއްވަނައަށް ދިޔައީ ރޯބަޓް ނޮޖް އާއި ލާސްލޯ ކިޝްއެވެ.
އެ ގައުމުގެ ގަވައިދުތަކަށް ފެތޭ މިންގަނޑުތަކަށް އެ ދެ މީހުންނަށް ނިޔާގެސްއޫފާލޫ ޓައުންގެ ގަބުރުތުސްތާނުގައި، ރަބީއު މޫސުމުގެ ހޫނުން ހަރުވެފައިވާ ފަސްގަނޑުގައި ކަށްވަޅެއް ކޮނެވުނީ އެއް ގަޑިއިރާއި 21 މިނެޓުންނެވެ. އެ ކަށްވަޅުގެ ފުން މިނުގައި 1.6 މީޓަރު ހުރިއިރު، ދިގު މިނުގައި ހުރީ ދެ މީޓަރެވެ. އަދި ފުޅާ މިނުގައި 0.8 މީޓަރެވެ.
ނޮޖް އާއި ކިޝް ހިއްސާކުރީ ހަންގެރީގެ ފައިސާކަމަށްވާ ފޮރަންޓްގެ 200،000 ފޮރަންޓްގެ ފައިސާގެ އިނާމެކެވެ. އެއީ 640 ޑޮލަރު (9،868.8ރ.)އެވެ.
"މި މުބާރާތުގައި މައިގަނޑު ގޮތެއްގައި ބަލަނީ ކަށްވަޅު ކޮނުމުގެ ހަލުއިކަމަށް. ކަށްވަޅުގެ ރީތިކަމަކަށް ނޫން،" ނޮޖް ބުންޏެވެ.

އޭނާ ބުނީ ކަށްވަޅުގެ ބައްޓަންތައް ހުންނަން ޖެހޭނީ ފުރިހަމައަށް ކަމަށާއި އަދި ކަށްވަޅު ކޮނެފައިވާ ގޮތުން އެއީ ހުނަރު ހުރި މަސައްކަތެއްކަންވެސް ހާމަވާން ޖެހޭކަމަށެވެ.
ހަންގެރީގެ ގަބުރުސްތާނުތައް ބަލަހައްޓައި އަދި އޮޕަރޭޓްކުރާ ޖަމިއްޔާ، ހަންގެރިއަން އެސޯސިއޭޝަން އޮފް ސެމަޓްރީ މެއިންޓެއިނާސް އެންޑް އޮޕަރޭޓާސް (އެމް.ޓީ.އެފް.އީ)އިން އިންތިޒާމްކުރާ މި މުބާރާތާ ގުޅޭ ގޮތުން އެ ޖަމިއްޔާއިން ބުނީ މި ފަދަ އިވެންޓެއް ބޭއްވުމުގެ މަގުސަދަކީ ކަށްވަޅު ކޮނުމުގެ ހުނަރު ދައްކައިލުމުގެ އިތުރުން މަރާމެދު މީހުންގެ މެދުގައި ނުދެކެވޭ ވާހަކަތައް ދެއްކުމަށް ހިތްވަރު ދިނުންކަމަށެވެ.
"މި މުބާރާތް ބާއްވަނީ، ގިނަ ފަހަރަށް ހަމަހިމޭންކަމާއެކު އަދާކުރާ، ޖަނާޒާ ބޭއްވުމުގެ ވަޒީފާގެ ކަންތައްތައް އާއްމުންނަށް ދައްކައިލުމަށް،" އެ ޖަމިއްޔާއިން ބުންޏެވެ.



advertisment