Support Us

ސައޫދީ އަރަބިއްޔާގެ ތާއީދު ލިބިފައިވާ ޔަމަންގެ ގްރޫޕެއްގެ ހަނގުރާމަވެރިއަކު ޔަމަންގެ ތައިޒު ސިޓީގައި ހަރަކާތްތެރިވަނީ

ޔަމަންގެ އަހުލީ ހަނގުރާމަ ވަރުގަދަވާން ފަށައިފި

ޔަމަންގެ އަހުލީ ހަނގުރާމަ ވަރުގަދަވާން ފަށައިފިއެވެ. އެއީ 2014 ގައި، އީރާނުން ވާގިވެރިވާ ހޫތީން، ޔަމަންގެ ވެރިރަށް ސަންއާ ހިފައިފައިވާތީ އެ ސިޓީ އާއި ރަތް ކަނޑު، ސައޫދީ އަރަބިއްޔާއާ ގުޅިފައިވާ، ޔަމަންގެ ސަރުކާރަށް ތާއީދުކުރާ ފަރާތްތަކުގެ ބާރުގެ ދަށަށް ގެންނަން އާ ހިތްވަރެއް ލުމުންނެވެ.

އަހުލީ ހަނގުރާމަ އަދިވެސް ކުރިއަށްދާތީ ޔަމަންގައި މަރުވަމުންދާ މީހުންގެ ސީދާ އަދަދުތައް ނޭނގޭކަމަށް ބައިނަލްއަގުވާމީ މީޑިއާއިން ބުންޏެވެ. އެންމެ ފަހުންކުރި ރިޕޯޓްތަކުގައި ބުނެފައިވަނީ މި ދިޔަ ހޮނިހިރު ދުވަހު ޔަމަން ސަރުކާރުގެ 26 ސިފައިންނާއި ހޫތީންގެ 31 ހަނގުރާމަވެރިން މަރުވެފައިވާކަމަށެވެ. އަދި ޔަމަންގެ ތައިޒު ސިޓީގައި ދަތުރުކުރި ބަހަކަށް ހަމަލާއެއް ދިނުމުން އާއްމުންގެ ހަ މީހުން މަރުވެފައިވާކަމަށެވެ.

ހަނގުރާމަ މިހާރު އެންމެ ވަރުގަދައަށް ކުރަމުންދަނީ ތައިޒު އާއި ހުދައިދާ ސިޓީގައެވެ. އެއީ ރަތް ކަނޑާއި އަދަން ކަނޑު ގުޅުވައިދޭ، އުޅަނދުފަހަރު ދަތުރުކުރާ މުހިންމު ބާބުލްމަންދަބު ކަނޑުއޮޅީގެ ކޮންޓްރޯލް ދެ ފަރާތުންވެސް ހޯދަން މަސައްކަތް ފެށުމުންނެވެ.

ޔަމަންގެ އަހުލީ ހަނގުރާމަ މިހާރުވަނީ ޔަމަނާ ޖެހިގެން އޮންނަ ސައޫދީއަށްވެސް ފޯރައިފައެވެ. ހޫތީން އިއްޔެވަނީ މިސައިލާއި ޑްރޯނުން ސައޫދީގެ ހަތަރު ސިޓީއަށް ހަމަލާދީފައެވެ. ހަމަލާތަކުގައި ސައޫދީގެ ހަކަތައިގެ މަރުކަޒުތަކަކަށް ގެއްލުން ލިބި، 73 މީހުން ޒަހަމްވިއެވެ.

"ހަމަލާދިނީ ސައޫދީން ޔަމަނަށް ހަމަލާދޭތީ،" ހޫތީންގެ އަސްކަރީ ތަރުޖަމާނު، ބްރިގޭޑިއާ ޖެނެރަލް ޔަހްޔާ ސަރީއު ބުންޏެވެ.

ބައިނަލްއަގުވާމީ މުޖުތަމައުން ބަލައިގަންނަ ޔަމަންގެ ސަރުކާރަށް އަލުން ބާރު ލިއްބައިދިނުމަށް މަސައްކަތްކުރާ ސައޫދީ އާއި ސައޫދީއާ ގުޅިފައިވާ ކޯލިޝަނުން ބުނީ ސައޫދީގެ ސިޔާދަތު ރައްކާތެރިކުރުމަށްޓަކައި އެޅެން ހުރި ހުރިހާ ފިޔަވަޅެއް އަޅާނެކަމަށެވެ.

"ހޫތީންނާ ދެކޮޅަށް އެޅެން ހުރި ހުރިހާ ފިޔަވަޅެއް އަޅައިނަން،" އެ ކޯލިޝަންގެ ތަރުޖަމާނު، މޭޖާ ޖެނެރަލް ތުރްކީ ބިން ސޯލިހު އަލްމާލިކީ ބުންޏެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *