Support Us

ވާހަކަ: ޙިކުމަތް

މިއީ އިސްލާމީ ތާރީޚުގަ ހިނގާފައިވާ ހަޤީޤީ ޙާދިޘާއެއްގެ މައްޗަށް ބިނާކޮށް ލިޔެފައިވާ ޚިޔާލީ ވާހަކައެކެވެ.

ބަންގީގެ އަޑުން މުޅި ހިސާބު ގުގުމަމުން ދިޔަ ވަގުތެވެ. މެންދުރުގެ އެންމެ ހޫނުގަދަ ވަގުތު ނަމަވެސް މަގުތަކުގަ އެކި މީހުން އެކި ހަރަކާތްތަކުގަ ހޭލަމެލަވަމުން ދެއެވެ. ބައެއް މީހުނަށް މިސްކިތުގެ ބަންގީގެ އަޑު ނުވެސް އިވޭ ކަހަލައެވެ. އަހަރެން ހުންނަ ގެ ހުންނަނީ މިސްކިތާ މާދުރުނޫން ހިސާބެއްގަ ކަމުން ހިނގާފަ މިސްކިތަށް ދާން ނަގާނީ ދޮޅު މިނިޓުވަރެވެ. ހަލުވި ހިނގުމުގަ އަހަރެން މިސްކިތާ ދިމާއަށް ހިނގަމުން ދިޔައީމެވެ. ރާއިދު މިސްކިތަށް ދާނީ އަބަދުވެސް ކުޑަތަންކޮޅެެއް ލަހުންނެވެ. އެކަމަކު ޖަމާޢަތް ނިމުމުގެ ކުރިން އޭނަ އަބަދުވެސް ދެއެވެ. އެކަމަކު މިސްކިތުގެ ވުޟޫކުރާބަޔަށް ވަދެ އަހަރެން ހޯދަންފެށީ ރާއިދެއް ނޫނެވެ. ވަށައިގެން ނަޒަރު ހިންގާ ބަލާލީމެވެ. ހޯދާ މީހާ ފެންނަގޮތެއް ނުވެއެވެ. ކުޑައިރުކޮޅަކު މަޑުވެސް ކޮށްލީމެވެ. އެކަންވެސް ވީ ހަމަ ބޭކާރު ކަމަކަށެވެ. އޭރު ޤަމަތްދީގެން ޖަމާޢަތް ފެށުމުން އަހަރެން އަވަސްވެގަތީ އަވަހަށް ވުޟޫކޮށްލައިގެން ޖަމާޢަތަށް އަރާށެވެ.

އަވަސްކޮށްލައިގެން މިސްކިތުގެ ތެރެއަށް ވަތްއިރު ފުރެމުންދިޔަ ސަފުގެ އެންމެ ކަނާތްފަރާތަށް ރާއިދު ގޮސް އަރާ ހަމަވަނީއެވެ. ރާއިދު ވުޟޫކުރާ ބަޔަކުން އަހަރެންނެއް އޭނައެއް ނުދެކެމެވެ. އެހެންވެ ގެއިން ވުޟޫކޮށްގެން އައީކަން އަހަރެެންނަށް އެނގުނެވެ. ރާއިދު އެއީ އެސަފު ފުރަން އެރި އެންމެފަހު މީހާކަމުން އަހަރެންނަށް ޖެހުނީ މެދުން ފަށައިގެން އެވަގުތު އެތުރެމުންދިޔަ އާ ސަފާ ގުޅޭށެވެ. އިސާހިތަކު ނަމާދުކޮށް ނިމިގެން ސަލާން ދިނުމުން ޒިކުރުތަެއް ކިޔާފަ ރާއިދު ކޮބައިތޯ ބަލާލީމެވެ. ފެންނަން ނެތުމުން ދިޔައީކަން އެނގުނެވެ. އަހަރެން އެއްކަލަ މީހާފެނޭތޯ ވަށައިގެން ހޯދަން ފެށީމެވެ.  މީހުންތައް ވަދެ ނުކުމެ ހަދާވަރުން ލޮލުގަ އަޅައެެއް ނުގަތެވެ. އެހެންވެ އަހަރެން ދުއާކޮށްލާފަ ތެދުވީ ސުންނަތް ދެރަކްޢަތް ކުރާށެވެ. ނަމާދުން އަވަދިވެގެން އަހަރެން އަނެއްކާވެސް ހޯދާލީމެވެ. ވާތް ފަރާތު އަރިމައްޗަށް ވާކަހަލަ ގޮތަކަށް ކުރިމަތިން އަހަރެންނަށް މިހޯދާ ބޭބެ ފެނެްނަ ގޮތްވިއެވެ. ފެންނަ ފެނުމަށް އެއީ ފުދޭވަރަކަށް ދުވަސްވެފަ ހުރި ބޭބެއެކެވެ. ލަސް ހަރަކާތްތަކެއްގެ ވެރިއެކެވެ. ފެންނަނީ އަބަދުވެސް މުންޑެއް އަނދެގެން ހުންނަތަނެވެ. އަބަދުވެސް މަތިން ލާފަ ހުންނަނީ ރޮނގު ދެމި އަލި ކުލައިގެ ގަމީހެވެ. އަހަރެންނަށް އެނގެނީ އެބޭބެ އަބަދުވެސް މި މިސްކިތުން ފެންނާތީއެވެ.

ޒިކުރުތައް ކިޔަން އިން އެބޭބެ ކުއްލިއަކަށް ތެދުވެ އެއްސަފު ކުރިޔަށް ޖެހިލިއެވެ. އެ އުޅެނީ ސުންނަތް ކުރަންކަން އަހަރެންނަށް އެނގުނެވެ. އަހަރެން ވަގުތުން އެބޭބެގެ ހަރަކާތްތަކަށް ފާރަވެރި ވެލީމެވެ. އެބޭބެއާމެދު އަހަރެންގެ ސަމާލުކަން ހުއްޓުނީ ދެތިން ފަހަރަކު ފެނުނު ކަމަކުންނެވެ. އެހެންވެ އިތުރަށް އެހެންކަމެއް ޔަޤީން ކޮށްލުމަށްޓަކާ ކަމެއް ކަށަވަރުކުރަން ބޭނުންވީއެވެ. އެބޭބެ ނަމާދު ކުރަމުން ގެންދިޔައެވެ. އަހަރެން ކަޅިޖަހާނުލާ ހަދާގޮތެއް ބަލަން އިނީމެވެ. އެހެންއިންދާ އެބޭބެ ނަމާދު ނިންމާލާ ސަލާންވެސް ދީފިއެވެ. އަހަރެންނަށް ވަކި ތަފާތުކަމެެއް އެކުރި ނަމާދަކުން ފާހަގައެއް ނުކުރެވުނެވެ. އެހެންވެ އެކަމާ ހިތްހަމަވެސް ޖެހުނެވެ. މިސްކިތުން ނުކުމެގެން ދިޔައީ އެހިތްހަމަ ޖެހުމާއެކު ކަމަށްވިޔަސް ދެންއޮތީ އަނެއްކާވެސް އެހެންކަމެެއް ކަށަވަރު ކުރުމެވެ.

އަހަރެން ގެޔަށްދިޔައިރު ރާއިދު ގޭގަ އިނެވެ. "ހާދަ އަވަހަކަށް މިސްކިތަށް ދިޔަ ދުވަހެއް؟ އެހާ އަވަހަށް ނުކުމެގެންވެސް ދިޔައީ" އަހަރެން ބުނެލީމެވެ.

"އާނ. އެއީ ފާހާނާއަށް ދާން ބޭނުންވެފަ ހުރީ. އެނގޭނު މިސްކިތު ފާހާނާ އައި ޑޯންޓް ލައިކް" ރާއިދު ބުނެލިއެވެ. އަހަރެންގެ ހިތަށްއެރިއެވެ. އެބޭބެގެ ވާހަކަ ރާއިދު ކައިރީ ބުނާނީ އަހަރެންނަށް ފެނުނު ކަންތައް އިތުރަށް ކަށަވަރު ކޮށްފައެވެ.

އެހެންވެ އަހަރެން އިންތިޒާރު ކުރަމުން ދިޔައީ އަޞުރުނަމާދު ވަގުތަށެވެ. އަޞުރުގެ ބަންގީގެ އަޑަށް މިސްކިތަށް ނައްޓާލީ އަހަރެންނާ ރާއިދާ ދެމީހުންނެވެ. ރާއިދު މިސްކިތަށް ނައްޓާލީ ވުޟޫކޮށްގެންނެވެ. އަހަރެން ބޭނުންވީ މިސްކިތަށް ގޮސް ވުޟޫކުރާށެވެ. އަހަރެންނަށް ކަށަވަރުކުރަން ބޭނުންވާ ކަންތައް ކަށަވަރު ކުރެވޭނީ މިސްކިތުގެ ވުޟޫކުރާބައިން ކަމުގަވާތީއެވެ. ރާއިދު އެދިޔަގޮތަށް ގޮސް މިސްކިތުގެ ތެރެއަށް ވަދެގެން ދިޔައީއެވެ. އަހަރެން ވަގުތުން މިސްރާބުޖެހީ ވުޟޫކުރާ ދިމާއަށެވެ. އެތެރެ ބަލާލިއިރު އެބޭބެ ފެންނާކަށް ނެތެވެ. އެހެންވެ މިސްކިތުގެ ދޮރު މައްޗަށް އަރާފަ މަތިމަތިން މުޅި މިސްކިތުގެ ތެރެއަށް ނަޒަރު ހިންގާލީމެވެ. އެބޭބެ ފެންނަން ނެތުމުން އަދި ނާންނަނީކަން އަހަރެންނަށް ޔަޤީންވިއެވެ. އެހެންވެ ވުޟޫކުރާބަޔަށް ނުވަދެ، އަނެއްކާވެސް އަހަރެން ޖެހިލީ މިސްކިތުގެ ބޭރަށެވެ. ކޮންމެވެސް ދަންނަ މީހެއްގެ އިންތިޒާރުގަ މަޑުކޮށްގެން ހުރިކަމަށް ހެދިގެން ހުރީމެވެ. އޭރުވެސް މަގުމަތިން އެކި ފަރާތް ފަރާތަށް ހަރަކާތްތެރި ވަމުންދާ ވެހިކަލްތަކާ މީހުންތައް ފެނެއެވެ. އެއްބަޔަކު މިސްކިތަށް ވަންނަމުން ދިޔައިރު އަނެއްބަޔަކު އަވަދިނެތި އުޅުނީ އެދާ ދިމާއަކަށް ދިއުމުގައެވެ. ބައެއް މީހުން ބާޒާރު ކޮށްގެން ބޮޑެތި ކޮތަޅުތައް ހިފައިގެން ދާތަންވެސް ފެނެއެވެ. އޭރު އަދި އެއްބަޔަކު އެވީތަންވަޅުވެސް ފިހާރައެއްގެ ތެރެއަށް ވަދެވޭތޯ މަސައްކަތް ކުރަމުން ދިޔައެވެ. ސޭޓް ނުވައްދައިގެން އެބަޔަކު ބޭރުގަ މަޑުކޮށްގެން ވައްދާތޯ އާދޭސް ކުރަމުން ދިޔައެވެ. ސޭޓް ބޯހޫރަމުން ފިހާރަ ލެެއްޕުމުގެ ކުރިން ކުރަންޖެހޭ ކަންކަން ކޮށްފަ ފިހާރައިގެ ދޮރު ލައްޕާފަ އެއައި ގޮތަށް އައިސް ވަނީ މިސްކިތަށެވެ. އެވަގުތު މިހިނގައިދިޔަ ކަންކަންފެނި، ތަފާތު ޚިޔާލުތަކާއި ޝުޢޫރުތައް އަހަރެންގެ ސިކުނޑީގަ ހިނގަމުން ދައުރުވަމުން ދެއެވެ.

ކުއްލިއަކަށް އެއްލިކަޅިން އެއްކަލަ ބޭބެ މަޑު ހިނގުމެއްގަ މިސްކިތާ ދިމާއަށް ހިނގާފަ އަންނަތަން ފެނެއެވެ. އަހަރެންވެސް މަޑުމަޑުން މިސްކިތުގެ ތެރެެއަށް ވަދެގެން އެއްފަރާތެއްގަ މަޑު ކޮށްލައިގެން ހުރީމެވެ. އޭރު މިސްކިތު ތެރޭގަ ޤަމަތުގެ އިންތިޒާރުގަ އެއްބަޔަކު ކޮޅަށް މަޑު ކޮށްލައިގެން ތިބުމުން އެއުޅެނީ ޤަމަތްދޭންކަން އަހަރެންނަށް ޔަޤީންވިއެވެ.

އެބޭބެ ވުޟޫކުރާ ބަޔަށް ވަދެގެން ދިއުމުން އަހަރެންވެސް އެބޭބެއާ ޖެހިގެން ވުޟޫކުރަން ފެށީ އެބޭބެއާ ދާދި އެއްވަރަކަށެވެ. އާދައިގެ މަތިން ވުޟޫ ފަށައިގަތީ އަތް ދޮވުމުންނެވެ. އަހަރެން އިންތިޒާރު ކުރަމުންދިޔައީ ދެން ހަދާނެ ގޮތަށެވެ. އަހަރެން ހީ ޔަޤީނަށް ބަދަލުވެގެން ދިޔައެވެ. އެބޭބެ ދެން ދޮވުނީ މޫނެވެ. އެއަށްފަހު ފެން ލަނީ އަނގައަށާ ނޭފަތަށެވެ. އޭގެ ފަހަށް ކުރި އެހެން ހުރިހާ ކަމެއް ރަނގަޅެވެ. މައްސަލަ ޖެހެނީ އަތް ދޮވުމަށްފަހު ދެން ކުރާކަމެވެ. ކިތަންމެ ފަހަރަކު ތިކުރަނީ ރަނގަޅަކަށް ނޫނޭ ބުނަންވެސް ހިތަށް އެރިއެވެ. އެކަމަކު އެއުމުރުގެ ބޭބެމެން އެއަރާ ސިނގު ރުޅިގަނޑުވެސް އަހަރެންނަށް ވަނީ ފެނިފައެވެ. ގަންނާކުރެއްވި ބިރުން ބުނާކަށެއްވެސް ނުކެރުނެވެ. އުނދަގޫވާތީ އަހަރެން ޤަސްދުކުރީ ނަމާދު ނިމިގެން މިވާހަކަ ރާއިދުއާ ދައްކާށެވެ.

"ހަމަ ތިބުނާހެންތަ އެބޭބެ ވުޟޫކުރަނީ؟" ރާއިދު އެއްބުމަ އަރުވާލަމުން ޔަޤީންނުވާ ކަހަލަ ގޮތަކަށް އަހާލިއެވެ.

"ކޮން ބުމައެއް އަރުވާކަށް.. ޔަޤީން ކޮށްފައޭ މިބުނީ. އަނެއްކާ އެއްފަހަރަކު ދެފަހަރަކު ނޫން. އެހެންވީމަ އެބަ އެނގޭ އެއީ ހަމަ އަބަދުވެސް އެބޭބެ ވުޟޫކުރާގޮތްކަން" އަހަރެން ފުރަތަމަ ބުނި ޖުމްލައިން ރާއިދު ކައިރިއަށް ހިނިއަންނަ ގޮތްވެސް ވިއެވެ.

"އެވެދާނެ އެއްނުނ.. އެހެން ސެކްޓެއްގެ ބޭބެއަކަށްވެސް.. އައިމީން.. އެހެން މަޒްހަބް ޔޫނޯ!" ރާއިދު ވިސްނަން ހުރެފަ ބުނެލިއެވެ.

"ހީއެއް ނުވޭ ދޯ! އެކަންތައް ނޫން އެހެން ހުރިހާކަމެެއް އަހަރެމެންނާ އެއްގޮތޭ… މިބުނީ ވުޟޫވެސް ނަމާދުކުރާ ގޮތްވެސް.. މިބުނާ ތަންކޮޅު އެކަނި ތަފާތީ. އެހެންވެ" އަހަރެންނަށް ޤަބޫލު ކުރެވެނީ އެބޭބެއަށް އެތަންކޮޅު އެހެރީ ހަމަ އޮޅުން އަރާފައެވެ.

"އެހެންވީމަ ހިނގާ އަދި އެއްފަހަރު ޔަޤީން ކޮށްލަން!.. ދެން އޭގެ ފަހުން އެނގޭނީ އަދި ހަދަންވީ ގޮތެއް" ރާއިދުގެ އެޚިޔާލަށް އަހަރެން އެއްބަސްވީމެވެ. އެބޭބެ ދެންވެސް ކަންތައް ކުރާނީ ހަމަ އެހެންކަން އަހަރެންނަށް މިހާރު ޔަޤީނެވެ.

އޭގެ އަނެއް ދުވަހެވެ. އަހަރެމެން ދެމީހުން ޤަސްދުކުރީ ފަތިސް ނަމާދު ގަޑީގަ އެބޭބެ އަތުލައި ގަންނާށެވެ. އެކަމަކު އެކަމެއް ވާގޮތެއް ނުވިއެވެ. އަހަރެމެންނަށް ދެވުނުއިރު އެބޭބެ އިނީ މިސްކިތުގައެވެ. އަހަރެމެން ލަސްވީކީއެއް ނޫނެވެ. އެބޭބެ މާއަވަހަށް ގޮސް އިންނަނީތާއޭ އަހަރެންގެ ހިތަށް އެރިއެވެ. އެކަމެއް މިއަދު މިފާހަގަ ކުރެވުނީ އެބޭބެ ހޯދުމުގެ އަޒުމުގަ އައުމުންނެވެ. އެހެންވެ ދެން އޮތީ މެންދުރު ނަމާދަށް އިންތިޒާރު ކުރުމެވެ.

މެންދުރު އަތަށް އެޅިއިރު އޮތީ އުޑުމަތި ބަނަކޮށްލާފައެވެ. ބަންގި ގޮވިއިރު ކޮންމެވެސް ވަރަކަށް ދިޔައީ ވާރޭވެސް ވެެހެމުންނެވެ. ގޭގަ ތިބެފަ އަހަރެންނާ ރާއިދު ހިމަފޮދުވާރޭގެ ތެރޭގަ ހިނގާލާފަ ދިޔައީމެވެ. ހުރިހާ ދުވަހަކު ފާރަލާކަށްވެސް ނޫޅެވޭނެއެވެ. މިނޫނަސްވެސް ކުރަންހުރި ކަންކަން އެބަހުރި ވިއްޔާއެވެ. އެކަމަކު މިކަމެއްވެސް ބަލާލުމަކުން މައްސަލައެއް ނެތްތާއެވެ.

މިސްކިތުގެ ތެރެއަށް ނުވަދެ އަހަރެމެން ތިބީ ހިޔާ އޮތްދިމާގަ ކުޑަކޮށް ވާހަކަ ދައްކާލަން މަޑުކޮށްލައިގެންނެވެ. އެހެން ހުއްޓާ ކުޑައެއް ނަގައިގެން މަޑުހިނގުމުގަ އެބޭބެ އަންނަތަން އަހަރެމެންނަށް ފެނުނެވެ. އެބޭބެ ވަނުމާއެކު އަހަރެމެންވެސް ފަހަތުން ވަނީމެވެ. ވުޟޫކުރާ ބައިގަ އެބޭބެއާ ޖެހިގެން ރާއިދު އިސްކުރު ކައިރީ މަޑުކުރިއެވެ. އަހަރެން މަޑުކުރީ ރާއިދާ ޖެހިގެންނެވެ. ރާއިދު އެބޭބެގެ ހަރަކާތްތަކަށް ބަލަމުން ގެންދިޔައެވެ. މިފަހަރުވެސް ކަންތައް ކުރީ ހަމަ އެހެންނެވެ. މޫނު ދޮވެފަ ދެން އަނގަޔާ ނޭފަތަށް ފެންލީއެވެ. ރާއިދު ދެން ބަލާލީ އަހަރެންާ ދިމާއަށެވެ. އިރުކޮޅަކު ވިސްނަން ހުރެފަ މޮޅު ބުއްދިއެއް އަހަރެންނަށް ކުރެވުނެވެ. އަހަރެން ރާއިދުގެ ކަންފަތްދޮށަށް ގުދުވެލާފަ ސިއްރުން ހަދަންވީ ގޮތް ބުނެލީމެވެ. ރާއިދު އެއީ ތަންކޮޅެއް ޖެހިލުން ކުޑަކަންވެސް އެނގޭތީއެވެ.

ރާއިދު އެބޭބެ ގައިގަ ކޮށްޓާލިއެވެ. އެބޭބެ ބަލާލުމުން ބުންޏެވެ. "ބޭބެ! އަހަރެމެން ދެމީހުން މިއުޅެނީ ކުޑަ މައްަސަލައެއް ދިމާވެގެން. އޭނަ ބުނަނީ އޭނައޭ ރަނގަޅަށް ވުޟޫ ކުރަނީ. އަހަރެން މިބުނީ އަހަރެންނޭ. ދެން ބޭބެ ބުނެދޭންވީ ކާކުތޯ ރަނގަޅަށް ވުޟޫކުރަނީ."

އެބޭބެ ހިނިތުންވެލާފަ އާއެކޭ ބުނުމުގެ ގޮތުން ބޯޖަހާލިއެވެ. ފުރަތަމަ ވުޟޫކުރީ ރާއިދެވެ. ހަމަ އޮންނަ ގޮތަށެވެ. ދެން ވުޟޫކުރީ އަހަރެންނެވެ. އަހަރެންވެސް ކުރީ ހަމަ އޮންނަ ގޮތަށެވެ. އަހަރެމެން ވުޟޫކޮށް ނިމުމުން އެބޭބެ އަހާލިއެވެ.

"އަނގަޔަށް ފެންލާފަ ދެންދޯ މޫނުފަ ފެންލަނީ؟" އެބޭބެ ވިސްނާކަހަލަ ގޮތަކަށް ހުރެގެން އަހާލިއެވެ. އަހަރެމެން ދެމީހުން އެއްފަހަރާ ބޯޖަހާލީމެވެ. އެބޭބެ ހިނިތުންވެލާފަ އައިސް އަހަރެމެން ދެމީހުންނާ ސަލާން ކޮށްލިއެވެ. އަދި ކައިރިކޮށް ލައްކޮށްލިއެވެ.

"ތި ދެކުދިންނަށް ﷲ ހެޔޮ ޖަޒާ ދެއްވާށި! އަސްލު ބޭބެއަށް މިކުރެވެނީ ނުބައިކޮށް ތިދެކުދިން ތިކުރީ ރަނގަޅަށް. ބޭބެއަށް ތިބުނެދިން ހިކުމަތްތެރިގޮތް ހާދަ މޮޅޭ އިނގޭ" އެބޭބެގެ މޫނުމަތިން ފެންނަނީ ހިތްހެޔޮކަމެވެ.

ކުރެވުނު ކަންތަކާމެދު އަހަރެންނާ ރާއިދުހުރީ ވަރަށް ބޮޑަށް ހިތްހަމަ ޖެހިފައެވެ. ނަމާދުކޮށް ނިމިގެން ގެއަށް ދެވޭއިރަށް ރާއިދު އަވަހަށް ގޮސް މަންމަ ކައިރީ އެވާހަކަ ދެއްކިއެވެ. ފެންނަ ފެނުމަށް އަހަރެންނަށް ވުރެވެސް  ބޮަޑަށް އުފާވެފަ ހުރީ ރާއިދެވެ. ރާއިދު އުފާވުމުން އަހަރެންވެސް އުފާވެއެވެ. އެއީ މަގޭ އެއްބަނޑު އެއްބަފާ ކޮއްކޮއެވެ. ރާއިދަށް އެގާރަ އަހަރެވެ. އަހަރެން ރާއިދަށްވުރެ ދޮށީ އެންމެ އަހަރެކެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ޚިޔާލު ފާޅުކުރައްވާ!

4 Responses

  1. ވަރަށް ރީތި އިބްރަތްތެރި ވާހަކަ އެ އއް. ވަރަށް ކިޔާ ހިތުން މިކިޔާލީ. ނިންމުން ވެސް ވަރަށް ފުރިހަމަ. ގެނެސްދީފަ އިން ގޮތް ވަރަށް ރީތި.

  2. mihaa aadhaige kuda kuda haadhisaa eh mihaa molhah mihaa kiyaa hiyvaa gothah hushahalhai dhineema ithurah dhen bunaane eccheh ves neyngey. u r an amazing writer!

  3. ފަށައިގެން ނިމެންދެން ސަސްޕެންސް ހިފެހެއްޓިފަ ހުރީ. ނިމުން ދެންހަމަ ހަބޭސް. މި ހުންނަނީ އަސްލު ކިޔާހިތްވާގޮތަށް ހުންނަ ވާހަކަ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *