އީރާނުން ވާގިވެރިވާ ޔަމަނުގެ ހޫތީ ޖަމާއަތުން މިއަދު ދިން ހަމަލާތަކެއްގައި ޔަމަނުގެ 30 ސިފައިން މަރައިލައިފިއެވެ.
ވެރިރަށް ސަންއާ ހިފައިގެން ތިބި ހޫތީން މިސައިލާއި ޑްރޯނުން އަސްކަރީ ކޭމްޕްތަކަކަށް ދިން ހަމަލާތަކުގައި 50 މީހުން ޒަހަމްވެސްވި ކަމަށް، އަދަނުގައި ގާއިމުކޮށްފައިވާ، ދުނިޔެއިން ބަލައިގެންފައިވާ ޔަމަނުގެ ސަރުކާރުން ބުންޏެވެ.
ހޫތީން ބުނީ އެ ޖަމާއަތުން ފަށައިފައިވާ ބޮޑު އަސްކަރީ އޮޕަރޭޝަނެއްގެ ދަށުން މިއަދު ދިން ހަމަލާތަކުގައި 45 ސިފައިން މަރުވި ކަމަށެވެ. ނަމަވެސް ސަރުކާރުން ބުނީ މަރުވީ 45 މީހުން ނޫން ކަމަށެވެ. އެހެނަސް ޒަހަމްވި ބައެއް މީހުންގެ ހާލަތު ސީރިއަސްކަމުން ޒަހަމްވި ބައެއް މީހުން މަރުވުން އެކަށީގެންވާ ކަަމަށެވެ.
"މިއަދު މި ހިންގީ ކާމިޔާބު އަސްކަރީ އޮޕަރޭޝަނެއް. އެއީ ސަރުކާރުގެ ކޭމްޕްތަކާ ދެކޮޅަށް،" ހޫތީންގެ އަސްކަރީ ގޮފީގެ ތަރުޖަމާނު ޔަހްޔާ ސަރީއު ބުންޏެވެ.
ޔަމަނުގެ ސަރުކާރުން ހަމަލާތައް ކުށްވެރިކުރިއެވެ.
ހޫތީން 2014 ގައި ސަންއާ ހިފުމުން ގައުމުގައި އަދިވެސް އަހުލީ ހަނގުރާމައެއް އެބަ ކުރިއަށްދެއެވެ. ހޫތީންނާ ދެކޮޅަށް ހަރަކާތްތެރިވަނީ ސައުދީ އަރަބިއްޔާއާ ގުޅިފައިވާ އަސްކަރީ ކޯލިޝަނަކުންނެވެ. ނަމަވެސް ހޫތީންގެ މައްޗަށް އަދި ބާރު ފޯރުވޭ ގޮތެއް ނުވެއެވެ.
މި ދިޔަ މަހު ކުރީކޮޅު އީރާނުގެ ފްލައިޓެއް ސަންއާ އެއާޕޯޓަށް ޖެއްސުމަށް ސައުދީން ހުރަސްއެޅިއެވެ. އޭގެ ފަހުން މި ދިޔަ މަހު 13 ގައި ސަންއާ އެއާޕޯޓަށް އީރާނުގެ އެހެން ފްލައިޓެއް ޖެއްސިޔަ ނުދިނުމަށް ސައޫދީން އެއާޕޯޓްގެ ރަންވޭއަށް ބޮންއެޅިއެވެ. ރައްދުގައި ހޫތީން ސައުދީގެ އަބްހާ އެއާޕޯޓަށް ހަމަލާދިނެވެ. ނަމަވެސް ސައުދީން އެ ހަމަލާ އިންޓަސެޕްޓްކުރިއެވެ.
އޭގެ ފަހުން މި ދިޔަ މަހު 20 ގައި ހޫތީން ސައުދީގެ ބަނދަރުތަކަށް ހުރަސްއެޅިއެވެ. އަދި ސައުދީއާ ގުޅުން ހުރި ބޯޓުފަހަރަށް ހަމަލާދޭން ފެށިއެވެ. ހޫތީން ބުނީ ސައުދީގެ ބަނދަރުތަކަށް ހުރަސްއެޅީ ޔަމަނުގައި ހޫތީންގެ ބާރު ހިނގާ ސަރަހައްދުތަކަށް ސައުދީން ހުރަސްއަޅައިފައިވާތީ ކަމަށެވެ.
އެހެންކަމުން، ހޫތީންގެ ނުރައްކާ މިހާރު އަނެއްކާވެސް ރަތް ކަނޑަށް އޮތުމުންނާއި، ފެބްރުއަރީގައި އެމެރިކާ-އިސްރާއީލު އިއްތިހާދުން އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން، ދުނިޔޭގެ ފަސްބައިކުޅަ އެއްބައި ތެޔޮ ދަތުރުކުރާ ހުރުމުޒު ކަނޑުއޮޅި ވެސް ބަންދުވެފައިވާތީ، ދުނިޔޭގެ ތެލުގެ ބާޒާރަށް ވަނީ ލޮޅުން އަރައިފައެވެ.



advertisment