Support Us

ވާހަކަ: ޔުކްތާ – 8

އޭނާއަށް ހަދާނެ ގޮތް ހުސްވިއެވެ. ދާނެ ދިމާއެއް ހަދަންވީ ގޮތެއް ނުވިސްނުނެވެ. އެތަނުގެ ގިނަ މީހުންތަކެއް އޭނާއާއި ދިމާއަށް ބަލަމުންދެއެވެ. އޭނާގެ ހެދުން އެޅުމުގެ ހުރި ނުގުޅޭ ގޮތުންނެވެ. އަތުގައި އޮތް ކޮތަޅު ގަޔާލާ ބޮނޑި ކޮށްލާފައި ވާތީއެވެ. އޭނާ ގެންފައި ހުރި ބިރެއްގެ ސަބަބުން މިއީ މިތަނަށް އަލަށް އައިސް ހުރި ކުއްޖެއްކަން އެންމެންނަށް ވެސް އެނގެއެވެ. މީހުންގެ ބެލުންތަކަށް ކެތް ނުކުރެވޭހާލު އޭނާ ހޮސްޕިޓަލުން ބޭރަށްނުކުތެވެ. އޭނާއަށް ދެވެނީ ކޮންދިމާއަކަށް ކަމެއްނޭނގެއެވެ. މަޑުމަޑުން ހޮސްޕިޓަލާ ދިމާ އަތިރިއަށް ފޯރައިފިއެވެ. އޭރު ގަޑިން ދިހައެއް ޖަހަން ދަނީއެވެ. މުޅިހިސާބުގަނޑުގައި ބާރަށް ސައިކަލު ދުއްވާމީހުންނާއި ޖޯޑުޖޯޑަށް ހިނގާލަން ގޮސްފައި ތިބޭ މީހުންވެސް އޭނާއަށް ބަލާކަން ފާހަގަކުރެވެއެވެ. ގާޑިޔާ ކައިރީގައި ތިބި ދެޖިންސުގެ ޒުވާނުންތައްވެސް ކަޅިޖަހާނުލާ ބަލަނީ އޭނާއަށެވެ. އޭނާ ބިރުން ހިނގަންވެސް އުނދަގޫވާ ހިސާބަށް ހިނގައްޖެއެވެ.

"އިރުއޮއްސުނުއިރު ދިޔަ މީހާ މިހާރު އެއޮށް އެގާރަޖަހަނީ. އެއްވެސް މީހަކު ނެތުމުން މަންމަ ކިހާ އެކަނިވާނެ."  އަޒީޒާ ހުރީ ވަރަށް ދެރަވެފައެވެ. ކޮޓަރިއަށް ވަދެގެން އައި އާރިޒާ އޭނާ ޝަކުވާ ކުރިއެވެ.

"ޔުކްތާއެއް ނާދޭތަ. ހަތެއް ޖަހާ އެހާކަން ހާއިރު އަޅުގަނޑު އޭނާ އަތުގައި ބައެއް އެއްޗިއްސާއެކު މިތަނަށް ފޮނުވިން." އާރިޒު ހައިރާންވިއެވެ.

"އޭނާ އެކަނިތަ ފޮނުވީ." ހާސްވެގެން ހުރެ އަޒީޒާ އެހިއެވެ.

"އަޅުގަނޑު ރައްޓެއްސަކާ ދިމާވެގެން ހޮސްޕިޓަލާ ހަމައަށް ގެނެސްދީފާ މަންމަގެ ރޫމް އޮޅުންފިލުވަދީފައި ބުނިން ދާށޭ."

"ޔާރައްބީ. އޭނާ އެކަނި ފޮނުވާކަށް ނުވާނެއެއްނު. އޭނާއަކަށް ނޭނގޭނެ އަންނާކަށް."

"އެއީ ނޭނގޭވަރު ކަމެއްނޫނެއްނު."

"ދަރިފުޅަށް ނޭނގޭ ކިތަންމެކަމެއް މަންމައަށް އެނގޭ. އެފަކީރު ހުރި ހާލެއްވެސް މިހާރު ނޭނގޭ. އެހާ ލަސްވީއިރު އޭނާ މިތަނަށް ނައިސް ދާނީ ކޮންތާކަށް. އެވާނީ އަންނަން ނޭނގުނީކަމަށް. ދަރިފުޅު އޭނަ ހޯދަންދޭ." އަޒީޒާ ހާސްވުމަށްވުރެން ބޮޑަށް ހުރީ ދެރަވެފައެވެ. ޔުކްތާގެ ބަލީގެ ހާލަތާއި އެހެންމީހުންދެކެ ގަންނަ ބިރު އެނގެނީ އޭނާއަށެވެ.

"އެކަމަކު އަޅުގަނޑު އޭނާ ހޯދަންދާނީ ކޮންތާކަށް؟"

"މަންމައަކަށް ނޭނގޭ. ފުރަތަމަ ހޮސްޕިޓަލުގެ އެކި ތަންތަނާއި މިތާކައިރި ސަރަހައްދު ހޯދާ. އޭނާ ދަންނަ މީހެއް ދާނެތަނެއް މި މާލެއަކު ނުހުންނާނެ. ދަރިފުޅު އަވަހަށް މަންމަ އަށް މިކަންތައް ކޮށްލަދީ."  އަޒީޒާ އާދޭސް ކުރިއެވެ.

އާރިޒު މަންމައަށް ކިޔަމަންވުމުގެ ގޮތުން ތަންތަން ހޯދަން ފެށިއެވެ. އެހާ ގަމާރު ކުއްޖެއް އެގެއަށް މަންމަ ގެނެސްގެން އެހާ ލޯބިން ގެންގުޅޭތީ އޭނާ ހައިރާންވިއެވެ. މީގެކުރިން އުޅުނު ކުދިން ރަނގަޅު އިރުވެސް މަންމައަކަށް އެކުދިންކަމަކު ނުދެއެވެ. ޔުކްތާގެ ލޯބި މަންމަ އަށް އާރިޒުގެ ލޯތްބަށް ވުރެންވެސް ބޮޑުހެން ބައެއްފަހަރު ހީވެއެވެ.

އޭނާ ސައިކަލަށް އަރާ ދުއްވާލީ ހޮސްޕިޓަލުގެ އެއްވެސް ދިމާއަކުން ޔުކްތާގެ ޚަބަރެއް ނުވުމުންނެވެ. މިރޭ މިޖެހުނު ބޮޑުކަމަކުން އޭނާ ހުރީ ރުޅިވެސް އައިސްފައެވެ. ހޮސްޕިޓަލާއި ދިމާ އަތިރި ކައިރިން އޭނާގެ ލޯހިންގަމުން ޔުކްތާގެ ޚަބަރެއް ވޭތޯ ބަލަމުން ދެއެވެ. ކުއްލިއަކަށް އޭނާގެ ނަޒަރު ހުއްޓުނީ ތޮށިގަނޑު ކައިރީގައި ތިބި ތިންފިރިހެންކުދިން ކަޅު ހެދުމެއް ލައިގެން ހުރި އަންހެން ކުއްޖަކާ ފުރައްސާރަ ކުރަނިކޮންނެވެ. އެކުއްޖާގެ ފުރަގަހުން ފެންނަން ހުރުމުން އެއީ ކާކުކަމެއް އާރިޒަކަށް ނޭނގުނެވެ. ނަމަވެސް އެކުއްޖާގެ އަތުގައި ނޫކުލައިގެ ކޮތަޅެއް އޮތުމުން އެއީ މަންމަގެ ސާމާނުތައް އަޅައިގެން ޔުކްތާއާ ހަވާލުކުރި ކޮތަޅުކަން އޭނާއަށް ޔަގީންވެއްޖެއެވެ. އޭނާ އަވަހަށް ޔުކްތާއާއި ގާތަށް ސައިކަލު ކައިރިކޮށްލިއެވެ. ނަމަވެސް ނުބައި ފާޑަކަށް ތިބި ލާނެތް ޒުވާން ފިރިހެން ކުދިންތައް އެންމެ ތަންކޮޅެއްވެސް ފަހަތަކަށް ނުޖެހެއެވެ. އެއަށްވުރެބޮޑަށް އެކުދިން ޔުކްތާއާއި ވީކައިރިއެވެ. ފުރަތަމަ ފަހަރަށް ޔުކްތާއާމެދު އާރިޒުގެ ހިތުގައި ރަހުމް އުފެދިއްޖެއެވެ. އެ އަންހެން ކުއްޖާވަނީ ހާސްވެ ބިރުގަނެފައެވެ. އެނުދަންނަ މީހުންތެރޭ ނޭވާލާން ދަތިވެފައެވެ. އޭނާގެ ދެލޮލަށް ޖަމާވަމުން ދިޔަ ކަރުނަތައް ހިފެހެއްޓުމެއްނެތި މޫނަށް ފައިބަމުން ދިޔައެވެ.

އާރިޒު ސައިކަލުން ފޭބިއެވެ. އަދި އެތިން ކުދިންގެ ތެރެއަށް ވަދެގެންފިއެވެ. ކުއްލިއަކަށް އާރިޒު ފެނުމުން ޔުކްތާއަށް ރައްކާތެރިކަމުގެ އިހުސާސް ކުރެވުނެވެ. ބޭއިޚްތިޔާރުގައި އާރިޒުގެ ނުހަނު ގާތަށް ޖެހެވިއްޖެއެވެ. އާރިޒު ޔުކްތާގެ އަތުގައި ހިފީ ހާލަތުގެ ނާޒުކު ކަމުންނެވެ. އިންސާނިއްޔަތަށްޓަކައި އެހީތެރިވުމުގެ ގޮތުންނެވެ.  ދެންމެ ދެންމެ އެމީހުންގައިގާ ޖަހާފާނެހެން ހީވާކަހަލަ އެނުލަފާ ކުދިންގެ ތެރެއިން އާރިޒަށް އުނދަގުލުން ނަމަވެސް ނިކުމެވިއްޖެއެވެ. އޭނާ ޔުކްތާ ސައިކަލާއި ހަމައަށް ގެނެސް އަރަން ވަންދެންވެސް ހުރީ ޔުކްތާގެ އަތުގައި ހިފައިގެންނެވެ. އާރިޒު ސައިކަލްދުއްވީ ވަރަށް ބާރަށެވެ. ދުވަހަކުވެސް ސައިކަލަށް ނާރާ ޔުކްތާ ބިރުން ހުރިވަރުން އާރިޒުގެ ގައިގާ ހިފަހައްޓައިގެން ހުރެވުނީ އޭނާ ވެއްޓިދާނެހެން ހީވާތީއެވެ. އޭރު ޔުކްތާގެ ހަށިގަނޑު ވަނީ އާރިޒުގެ ގައިގާ ޖެހިފައެވެ. އާރިޒަށް އިހުސާސް ކުރެވުނީ ޔުކްތާގެ ހަށިގަނޑު ތުރުތުރު އަޅާކަމެވެ. އާދަޔާ ޚިލާފު ނުތަނަވަސް ކަމާއި ބިރުވެރިކަމެވެ.

"ފައިބާ." ސައިކަލު މަޑުކޮށްލުމުންވެސް ފައިބަން ނޭނގިފައި އިން ޔުކްތާއަށް ބުންޏެވެ.

ޔުކްތާ މަޑުމަޑުން ފޭބިއެވެ. އެއީ ބައްޕައެއްގެ އަމުރަށް ކިޔަމަން ވާފަދަ ފުރިހަމަ ކިޔަމަންވުމަކާ މަޑުމައިތިރި ކަމެކެވެ. އާރިޒަށް ޔުކްތާ ސިފަވަނީ ކުޑަކުއްޖެއް ފަދައިންނެވެ.

އާރިޒަށް ޔުކްތާއަށް އައިސްފައި ހުރިބަދަލުން މިވަގުތު ހޮސްޕިޓަލަށް ގެންގޮސްފިނަމަ މަންމަ ކަންބޮޑުވާނެކަން އެނގެއެވެ. އެހެންކަމުން އޭނާ ނިންމީ އޭނާ ހަމައަކަށް އެޅެންދެން ގެއަށް ގެންދިއުމަށެވެ.

"މީހަކު ތަނަކަށް ދާށޭ ބުނުމުން ނޭނގެންޏާ ނޭނގެއޭ ބުނާކަށް ނޭނގޭތަ؟" އާރިޒު ހުރީ ހިތްހަމަނުޖެހިފައެވެ.

ދެއަތްދެއަތާއި ޖޯޑުކޮށްލައިގެން ނުހަނު ކަންބޮޑުވެފައި ހުރި ޔުކްތާ އިސް ޖަހާލައިގެން ހުއްޓެވެ.

"ބަޔަކު ދިމާކުރިއަސް މަޑުމަޑުން ނުހުރެ މީހުން ގިނަ ހިސާބަކަށް ދެވޭތޯ ބަލާތި. މާ މަޑުން ބިރުން ހުންނަންޏާ މީހުން ދިމާކުރާނެ." އާރިޒު ފުރަތަމަފަހަރަށް އޯގާތެރިކަމާއެކު ޔުކްތާއާއި ވާހަކަދެއްކިއެވެ.

ދެންވެސް ޔުކްތާ އިސްއުފުލައެއް ނުލައެވެ. ނަމަވެސް އޭނާ ސަލާމަތް ކޮށްދިނީތީ އާރިޒަށް ޝުކުރު އަދާކުރަން ބޭނުމެވެ. އޭނާ އަދިވެސް އާރިޒުދެކެ ޖެހިލުން ވެއެވެ. ހަތަރު ކަޅި ހަމަކުރަން ޖެހިލުން ވެއެވެ. އެ ދެމީހުންގެ މެދުގައިވަނީ ހިމޭންކަމެވެ.

"މަންމަ ގާތަށް ދެންދާނީ މާދަމާ. މަށަށް ރަނގަޅީ މިރޭ މިދިމާވި އެއްވެސް ކަމެއް މަންމަ ގާތު ނުދެއްކުން. އެހެންނޫނީ މަންމަ މާބޮޑަށް ހާސްވާނެ." އާރިޒު ނިކުމެގެން ދިޔައީއެވެ. އޭނާއަށް ޝުކުރުވެސް އަދާ ނުކުރެވެނީހެވެ.

ހަފްތާއެއްވީއިރު ގެއަށް ބަދަލުކޮށްފައިވާ އަޒީޒާ ފުރޮޅުލީ ގޮނޑިއެއްގައި އިށީނދެ އިދެވޭ ވަރުވިއެވެ. މިހުރިހާދުވަސްތަކެއްގައި އަނޫގެ ކިބައިން ނުފެންނަ ކިތަންމެ އޯގާތެރިކަމެއް ޔުކްތާގެ ފުށުން އޭނާއަށް ފެނުނެވެ. ޝިޔާގެ ކަންތައް ބަލަހައްޓަމުން ގޭތެރޭގެ ކަންތައް ބަލަހައްޓަމުން އަޒީޒާއަށް ހޭހަން ކޮށްދިން މިންވަރުން އޭނާ ވަނީ ޔުކްތާ އާ ނުހަނު ގަބޫލު ވެވިފައެވެ. އަޒީޒާ ބަލިވުމުން ޔުކްތާގެ ލޮލުން އޭނާއަށްޓަކައި ފައިބާ ކަރުނަތައް ޚުދް އޭނާގެ އުފަން ދަރިފުޅުގެ ލޮލުންވެސް ފައިބަނިކޮށް އޭނާ ނުދެކެއެވެ. އަޒީޒާއަށްޓަކައި ނިދިގުރުބާންކުރި އެހެން ލޮލެއް އެނޫނީ އޭނާ ނުދެކެއެވެ. އެހެންކަމުން އެއީ މީހެއްގެ ދިރިއުޅުމަކަށް އަންނާނެ އެންމެ ފުރިހަމަ ކުއްޖާކަން އޭނާގެ ޒަމީރު މެދުކެނޑުމެއްނެތި އެއްބަސް ވެވެމުންދަނީއެވެ. އަނޫގެ ފަރާތުން އާރިޒަށްޓަކައި ކަމުނުދާނެ އެތައްކަމެއް އޭނާއަށް ފާހަގަ ކުރެވެމުން ދަނީއެވެ. އޭނާވިސްނަމުން ދިޔައީ އޭނާގެ އަޖަލު އައުމުގެ ކުރިން ޔުކްތާއަށް ކޮންމެވެސް ގޮތެއް ހޯދައިދިނުމަށެވެ. ޔުކްތާ ބަލާނެ ކޮންމެވެސް އަމާނާތްތެރިއަކާ އޭނާ ހަވާލުކުރުމެވެ. ހަރުދަނާމީހެއްގެ ޒިންމާގައި ޔުކްތާ ލެހެއްޓެވުމެވެ. އެއީ އޭގައި އޭނާގެ ދަރިފުޅަށްވެސް ފައިދާ ހުރިގޮތަށެވެ.

*****

"ދަރިފުޅާ. މަންމައަށްޓަކައި ވަރަށްބޮޑު ކަމެއް ކޮށްދީފާނަންތަ." އޮފީސް ނިންމާފައި ކޮންމެދުވަހަކުވެސް މަންމަގެ ޚަބަރުބެލުމަށް އަންނަ އާރިޒަށް މަންމަގެ ފަހުގެ ނިންމުން ހުށައެޅިއެވެ.

"އިރާދަކުރެއްވިޔާ ކޮށްދޭނަން. އަނެއްކާ މާބޮޑު ވަސިއްޔަތެއް އޮތީތަ." އާރިޒު އަބަދުވެސް އަޒީޒާއާއި ސަމާސާ ކުރެއެވެ.

"ދެން ވަސިއްޔަތެއް ކަމަށްވެސް ބަލާ. މިމަހުގެ ތެރޭގައި ދަރިފުޅު ކައިވެނި ކުރަންވީނު."

"އެންމެ ރަނގަޅު. އަޅުގަނޑު މަޑުކޮށްލައިގެން މިހުރީ މަންމަ ރަނގަޅު ވެލަންދެން."

"އެކަމަކު ދަރިފުޅު ކައިވެނި ކުރަންވާނީ ޔުކްތާ އާއި."

"ކީކޭ. އެކަމަކު އަނޫގެ ވާހަކަވެސް ބުނުއްވީ މަންމަ."

"އެއީ އަނޫއަށްވުރެ އަޚުލާގު ރަނގަޅު ކުއްޖެއް. ޝިޔާދެކެ ނުހަނު ލޯބިވާ ގެވެހި ކުއްޖެއް. އަނޫއާއި އޭނާ ދިރިއުޅުމަކަށް ހަމަހަމަ ކުރެވޭނީ ކިހިނެއް."

"އެކަމަކު އެނޫންކުއްޖަކު މަންމަ ދެއްކިނަމަވެސް ފަހަރުގައި ގަބޫލުވެވިދާނެ. ތިކަމެއް އަޅުގަނޑަކަށް ނުވާނެ." އާރިޒު ކޮޓަރިން ބޭރަށް ނިކުރީ ރުޅިއައިސް ގެންނެވެ. މަންމަ އޭނާއަށްޓަކައި ޔުކްތާ ހޮވީތީ ފޫހިވިއެވެ.

މަންމަ އެވާހަކަ ދެއްކުމުން އޭނާހުރީ މަންމަ ދެކެ ވަރަށް ހިތްހަމަނުޖެހިފައެވެ. އެހެންކަމުން ތިން ދުވަސް ވަންދެން މަންމަގާތަށް ނުވަދެހުރެ އޭނާ މަންމަގެ ހާލު ބެލުމަށްޓަކައި ވަނެވެ. ނަމަވެސް މަންމަ ހުރީ މަންމަގެ ގޮތުގައެވެ. މަންމަ އާދޭސް ކުރީ ޔުކްތާ އާއި ކައިވެނި ކުރުމަށެވެ.

"ދަރިފުޅާ. އެއީ ނިކަމެތި ކުއްޖެއް. މައިންބަފައިން ނިޔާވެފައިވާ ފަގީރު ކުއްޖެއް. އަޅާލާނެއެއްވެސް މީހެއް މިދުނިޔޭގައިނެތް މިސްކީނެއް. މަންމަ ނިޔާވުމުން އެފަކީރަށް ވާނެ ގޮތެއްވެސް ނޭނގޭ."

"މަންމަ ކޮންމެހެން އޭނާ ބަލަން ޖެހޭތަ؟ މިދުނިޔޭގައި އެފަދަ ކިތައް ކުދިން އުޅޭތަ؟ މަންމަ އަޅުގަނޑަށް ވުރެންވެސް ބޮޑަށް އެކުއްޖާދެކެ ލޯބިވާހެން ހީވަނީ." އޭނާ މިފަހަރުވެސް ނިކުމެގެން ދިޔައީ ރުޅިއައިސްގެންނެވެ.

*****

ހަތަރު ދުވަސް ފަހެވެ. އާރިޒު އިނީ ސިޓިންރޫމްގައެވެ. އޭނާގެ އަތް ލެޕްޓޮޕުގެ މަތީގައި އޮތްނަމަވެސް އެއަތެއް ހަރަކާތެއް ނުކުރެއެވެ. އޭނާގެ ނަޒަރު އޭގެ ސްކްރީނަށް ހުރިނަމަވެސް ވިސްނުންވަނީ މާދުރުގައެވެ. ޔުކްތާ މިގެއަށް އައިފަހުން މަންމަގެ ދިރިއުޅުން ބަދަލުވިއެވެ. ޔުކްތާއަށް މަންމަ ބަހައްޓަނީ މާ ޚާއްޞަ ކަމެއްކަން އޭނާއަށް އަބަދުވެސް ފާހަގަ ކުރެވެއެވެ. ނަމަވެސް މިހާހިސާބަށް ހިނގައިދާނެ ކަމަކަށް އޭނާއަކަށް ޤަބޫލެއް ނުކުރެވެއެވެ. އޭނާ އެކަމާ ވިސްނާ ބޯހަލާކުވާން ގާތްވެއްޖެއެވެ. ކުއްލިއަކަށް އޭނާ ސިހުނީ މީހެއްގެ ހިލަން ވެގެންނެވެ.

"ކަމެއް އޮތިއްޔާ އަވަހަށްބުނޭ. އަނގައިން ނުބުނެ ހުރުމަކުން ބޭނުންވެގެން އުޅޭ ކަމެއް މަށަކަށް ނޭނގޭނެ." ކުރިމަތީގައި އިސްޖަހަލައިގެން ހުރި ޔުކްތާ ހުރީ ކަމެއް ބޭނުން ވެފައިކަން އޭނާއަށް ހީވިއެވެ.  ނަމަވެސް މަންމަގެ ނިންމުމާ ބެހޭގޮތުން ފޫހިވެފައި ހުރިލެއް ބޮޑުކަމުން އޭނާ އަށް ބުނެވުނީ ވަރަށް ރުންކުރު ގޮތަކަށެވެ.

"އަޒީއްތަ އެއްވެސް އެއްޗެއް ނުކާތާ ހަތަރު ދުވަސް ވެއްޖެ. އަޅުގަނޑާއި  ވާހަކަވެސް ނުދައްކަވާ." މިވީ ތިން އަހަރުތެރޭގައި ފުރަތަމަ ފަހަރަށް ޔުކްތާ ގެ އަޑު އާރިޒަށް އިވުނެވެ. އެއީ މަޑު މައިތިރި މޮޅިވެރި އަޑެކެވެ. އާދަޔާ ޚިލާފު ހިމޭންކަމެއް އެކުލެވޭ ރީތި އަޑެކެވެ. އާރިޒަށް މަންމަ އެއްޗެއް ނުކައި ހުރުން ވީ ކެތް ކުރަންދަތި ކަމަކަށެވެ. އެއީ އޭނާ މިދުނިޔޭގައިވާ އެންމެ ލޯބިވާ މީހާއެވެ. އެމީހަކަށްޓަކައި ކޮންމެކަމެއްވެސް ކުރުމަށް ހިތުގެ އަޑިން ވައުދުވެފައިވާ މީހާއެވެ. (ނުނިމޭ)

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *