Support Us

އެކަހެރި ބަންދުގައި އިމްރާން ހާން ބަހައްޓައިފައި ހުންނަތާ ދެ އަހަރު ވުމުން އދ.ގެ ފާޑުކިޔުން

ޕާކިސްތާންގެ ކުރީގެ ބޮޑުވަޒީރު އިމްރާން ހާން އެކަހެރި ބަންދުގައި ބަހައްޓައިފައި ހުންނަތާ 33 މަސް ވެއްޖެ ކަމަށް ބުނެ އދ.އިން ޕާކިސްތާން ސަރުކާރަށް ފާޑުކިޔައިފިއެވެ.

އދ.އިން އިއްޔެ ގޮވައިލީ ދެ އަހަރަށްވުރެ ގިނަ ދުވަހު އެކަހެރި ބަންދުގައި ބަހައްޓައިފައިވާ ކުރީގެ ކްރިކެޓް ތަރި އެކަހެރި ބަންދުގައި ނުބަހައްޓާ، އޭނާގެ ގާނޫނީ ހައްގުތައް ކަށަވަރު ކޮށްދިނުމަށެވެ.

"އެކަހެރި ބަންދު ދިގު މުއްދަތަކަށް ކުރިއަށް ގެންގޮސްފިނަމަ ބައިނަލްއަގުވާމީ އިންސާނީ ހައްގުތަކާ ހިލާފު ކަމެއް ކަމަށް އެ ކަން ވެދާނެ. އިމްރާން ހާން ބަންދުގައި ހުރި ހާލަތްތަކާމެދު އަހަރެމެން ކަންބޮޑުވޭ،" އަނިޔާ ކުރުމާއި އެހެނިހެން ދަށު ދަރަޖައިގެ އަދަބު ދިނުމާ ގުޅޭ މައްސަލަތަކުގެ، އދ.ގެ ހާއްސަ ރެޕަޓުއާ އެލިސް ޖިލް އެޑްވަޑްސް ބުންޏެވެ.

އދ.އިން ގޮވައިލީ ގާނޫނު ނެގެހެއްޓުމަށާއި އިމްރާން (ފޮޓޯ)ގެ އާއިލާ އާއި ގާނޫނީ ވަކީލުންނަށް އޭނާއާ ގަވައިދުން ބައްދަލު ކުރެވޭނެ ގޮތް ތަނަވަސްކޮށްދިނުމަށެވެ.

ޕާކިސްތާން ސަރުކާރުން އދ.ގެ ވާހަކަތައް ދޮގުކުރިއެވެ. އިންފޮމޭޝަން މިނިސްޓަރު އަތާއުﷲ ތާރަރު ވިދާޅުވީ އިމްރާންގެ މައްސަލައިގައި އދ.އިން ދެއްކި ވާހަކަތަކަކީ "އަސާސެއް ނެތް ޕްރޮޕެގެންޑާ" ކަމަށެވެ.

އޭނާ ވިދާޅުވީ އާއްމު ގައިދީންނަށް ނުދޭ ހިދުމަތްތައް އިމްރާނަށް ދޭ ކަމަށެވެ.

"އިމްރާނާމެދު ކަންތައް ކުރަނީ ޖަލުގެ ގަވައިދުތަކާ އެއްގޮތަށް. އޭނާއަށް ސިއްހީ ފަރުވާ އާއި ގާނޫނީ އެހީ ފޯރުކޮށްދެން. އަދި ހުއްދަ ދީފައިވާ ފަރާތްތަކަށް އޭނާއަށް ޒިޔާރަތް ކުރުމުގެ މަގު ތަނަވަސްކޮށްދީފައިވާނެ،" އަތާއުﷲ ވިދާޅުވިއެވެ.

އޭނާ މިހެން ވިދާޅުވި ނަމަވެސް އިމްރާންގެ ގާނޫނީ ވަކީލުންގެ ޓީމުގެ ޒަރީއާއިން ނެރުއްވި މެސެޖެއްގައި އިމްރާން ވިދާޅުވެފައިވަނީ އޭނާ ޖަލުގައި ބަހައްޓައިފައި ހުރީ އެކަހެރި ބަންދުގައި ކަމަށެވެ.

އިމްރާން ޖަލަށް ލީ ކޮރަޕްޝަން ހިމެނޭ ގޮތަށް އެތައް މައްސަލަތަކެއްގައެވެ. ނަމަވެސް އިމްރާން ބުނެފައިވަނީ އެއީ ސިޔާސީ ބޭނުމެއްގައި އޭނާއާ ދެކޮޅަށް އުފުލި ދައުވާތަކެއް ކަމަށެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *