ޕާކިސްތާނަށް މި ދިޔަ މަހު ފަހުކޮޅު ފެށުނު މޫސުމީ ވިއްސާރައިގައި މިހާތަނަށް 107 މީހުން މަރުވެއްޖެ ކަމަށް އޮފިޝަލުން ބުނެފިއެވެ.
އެ ގައުމުގެ ކާރިސާތަކާ ބެހޭ އިދާރާ، ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެން.ޑީ.އެމް.އޭ)އިން އިއްޔެ ބުނީ މިވީ ހަފުތާތަކުގެ ތެރޭގައި 344 މީހުން ޒަހަމް ވެސް ވެފައިވާ ކަމަށެވެ.
ފެންބޮޑުވުމުގެ ސަބަބުން އެތައް ސަތޭކަ ގެދޮރު ވެސް ހަލާކުވެފައިވެއެވެ.
އެންމެ ބޮޑަށް ގެއްލުން ލިބިފައިވަނީ ޕަންޖާބު ޕްރޮވިންސާއި ކައިބަރު ޕަކްތުންކްވާ ޕްރޮވިންސަށެވެ.
އެން.ޑީ.އެމް.އޭއިން އިންޒާރުދިން ގޮތުގައި މި ހަފުތާގެ ފަހުކޮޅު ވެސް ބޯކޮށް ވާރޭ ވެހޭނެއެވެ.
"އޭގެ ސަބަބުން ކުއްލި ފެންބޮޑުވުމާއި ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާތައް ކުރިމަތިވުން އެކަށީގެންވޭ،" އޮފިޝަލަކު ބުންޏެވެ.
ބޯކޮށް ވާރޭ ވެހުމުން ގެއްލުން ލިބިދާނެ ކަމަށް ބެލެވޭ ސަރަހައްދުތަކުގެ މީހުން ސަމާލުވެ ތިބުމަށް ރަސްމީ އިދާރާތަކުން ނަސޭހަތްތެރިވިއެވެ. އެ ގޮތުން ރައްކާތެރި ސަރަހައްދުތަކަށް އެވަކުއޭޓްކުރަން ޖެހިއްޖެ ހާލަތެއްގައި އެ ކަން ކުރަން އިރުޝާދު ދިނެވެ.
ރަސްމީ އިދާރާތަކުން ބުނީ ކުއްލި ހާލަތުގެ ޓީމުތަކުން އަދިވެސް ދަނީ މީހުން ސަލާމަތްކުރުމުގެ މަސައްކަތް ކުރިއަށްގެންދަމުން ކަމަށާއި ހާލުގައި ޖެހިފައިވާ މީހުންނަށް އެހީތެރިކަން ވެސް ދަނީ ފޯރުކޮށްދެމުން ކަމަށެވެ.



advertisment