ފަލަސްތީން ކުދިންތަކަކަށް ހުޅަނގު އައްސޭރީގައި ދިރިއުޅޭ ޔަހޫދީންތަކެއް ހަމަލާދިނުމުން ހުޅަނގު އައްސޭރީގައި ޔަހޫދީން އިތުރަށް ވަޒަންވެރިނުކުރަން ޔޫރަޕް އިއްތިހާދު، ޔޫރަޕިއަން ޔޫނިއަން (އީ.ޔޫ)އިން އިސްރާއީލު ސަރުކާރަށް ގޮވައިލައިފިއެވެ.
ފަލަސްތީން ދެ ކުދިންނަށް އިއްޔެ ހަމަލާދިނުމުން ބޮލަށާއި މޫނަށް ލިބުނު ޒަހަމްތަކަށް ފަރުވާދޭން ވަނީ ހޮސްޕިޓަލަށް ގެންގޮސްފައެވެ. އެ ކުދިން ޒަހަމްވީ އެ ކުދިން ތިބި އެ ކުދިންގެ އާއިލާގެ ވެހިކަލަކަށް ޔަހޫދީން ގާ އުކުމުންނެވެ.
އެހެން ހާދިސާއެއްގައި އުމުރުން 16 އަހަރުގެ ފިރިހެން ކުއްޖެއްގެ ގަޔަށް އިސްރާއީލު ސިފައިން ބަޑިޖެހުމުން އެ ކުއްޖާ އަދިވެސް ދަނީ ހޮސްޕިޓަލުން ފަރުވާ ހޯދަމުންނެވެ.
އީޔޫއިން އިއްޔެ ބުނީ 1967 ގައި އިސްރާއީލުން ހިފައިފައިވާ ހުޅަނގު އައްސޭރީގެ ބިންތަކުގައި ޔަހޫދީން ވަޒަންވެރިކުރާނަމަ ފަލަސްތީންގެ މިނިވަން ދައުލަތެއް ގާއިމުނުކުރެވޭނެ ކަމަށެވެ.
އީޔޫގެ އިތުރުން ބައިނަލްއަގުވާމީ މުޖުތަމައުން ވެސް ހުޅަނގު އައްސޭރީގެ ޔަހޫދީ ވަޒަންވެރިންގެ އަނިޔާވެރިކަމާމެދު ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
ހުޅަނގު އައްސޭރީގައި ޔަހޫދީން އިތުރަށް ވަޒަންވެރިނުކުރަން އީ.ޔޫއިން މި ގޮވައިލީ 34 އާ ސެޓްލްމެންޓް ޔަހޫދީ ވަޒަންވެރިންނަށްޓަކައި ހުޅަނގު އައްސޭރީގައި ގާއިމުކުރަން އިސްރާއީލުގެ ކެބިނެޓުން ދާދި ފަހުން 1.3 ބިލިއަން ޝެކެލް (427.8 މިލިއަން ޑޮލަރު ނުވަތަ 6.61 ބިލިއަން ރުފިޔާ) ހަރަދުކުރަން ނިންމައިފައިވަނިކޮށެވެ.
ސެޓްލްމަންޓް ހެދުމުގެ އިތުރުން ފަލަސްތީން ރައްޔިތުންގެ ބިން އަތުލުމާއި އެ މީހުންގެ ގެދޮރު ނައްތައިލުމާއި އަދި ގަދަކަމުން ގެދޮރުން ބޭރުކޮށްލުމަށް ނިމުމެއް ގެނައުމަށް ވެސް އީ.ޔޫއިން އިސްރާއީލު ސަރުކާރަށް ގޮވައިލިއެވެ.
"އިތުރު ސެޓްލްމަންޓްތައް ހަދައިގެން ޔަހޫދީން ވަޒަންވެރިކުރުން ފުޅާކުރުމާއި ހުޅަނގު އައްސޭރީގެ ހަމަޖެހުމަށް ނުރައްކާކޮށްފާނެ އަމަލުތައް އިސްރާއީލުން އަމިއްލައަމިއްލައަށް ނުނިންމަން ގޮވައިލަން،" އީ.ޔޫގެ ތަރުޖަމާނަކު ބުންޏެވެ.
އިސްރާއީލުން ހުޅަނގު އައްސޭރިން 1967 ގައި ހިފި ބިންތަކުގައި ޔަހޫދީން ވަޒަންވެރިކުރުމަކީ ބައިނަލްއަގުވާމީ ގާނޫނާ ހިލާފު ކަމެއް ކަމަށް ވިޔަސް އިސްރާއީލުން އެ ގޮތަކަށް ނުދެކެއެވެ.



advertisment