އީރާނާއި އެމެރިކާއިން އަނެއްކާވެސް ހަމަލާ ބަދަލުކުރަން ފަށައިފިއެވެ.
މި ފަހަރު ހަމަލާ ބަދަލުކުރަން ފެށުނީ، ދުނިޔޭގެ ފަސްބައިކުޅަ އެއްބައި ތެޔޮ ދަތުރުކުރާ، އީރާންގެ ބާރުގެ ދަށުގައި އޮންނަ ހުރުމުޒު ކަނޑުއޮޅިން، އީރާންގެ ގަވައިދުތަކާ ހިލާފަށް ދަތުރުކުރި ސައިޕްރަސްގެ އާގުބޯޓަކަށް އީރާނުން ހުކުރު ދުވަހު ހަމަލާދިން ހިސާބުންނެވެ.
ރައްދުގައި އެމެރިކާއިން ވަނީ އީރާންގެ އަސްކަރިއްޔާގެ 300 މަރުކަޒަކަށް ހަމަލާދީފައެވެ. އިއްޔެ އެކަނިވެސް 140 މަރުކަޒަށް ހަމަލާދިން ކަމަށް އެމެރިކާއިން ބުންޏެވެ.
އެމެރިކާއިން ހަމަލާދިނުމުން އީރާނުން ވަނީ ބަހްރައިން، ގަތަރު، ޔުނައިޓަޑް އަރަބް އެމިރޭޓްސް (ޔޫ.އޭ.އީ)، އުމާން، ކުވައިތު އަދި އުރުދުންގައި ހުންނަ އެމެރިކާގެ އެސެޓްތަކާއި އިންފްރާސްޓްރަކްޗަރަށް ހަމަލާދީފައެވެ.
މީގެ އިތުރުން އީރާނުން ހުރުމުޒު ބަންދުކުރިއެވެ. ނަމަވެސް އެމެރިކާގެ ހިމާޔަތުގައި އުމާން ކައިރިން އުޅަނދުފަހަރު މިހާރު ދަނީ ހުރުމުޒު ހުރަސްކުރަމުންނެވެ.
"އީރާނަށް ހަމަލާދިނީ އާގުބޯޓަށް އީރާނުން ހަމަލާދިނުމުން އީރާނަށް ސީދާ ރައްދެއް ދިނުމުގެ ގޮތުން. ބޭނުމަކީ ހުރުމުޒު ކަނޑުއޮޅިން ދަތުރުކުރާ އުޅަނދުފަހަރަށް އީރާނުން ބިރުދެއްކުމުގެ ގާބިލުކަން ހުއްޓުވައިލުން،" އެމެރިކާގެ އޮފިޝަލަކު ބުންޏެވެ.
އީރާނުން ބުނީ އީރާނަށް ހަމަލާދޭނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމަށެވެ.
އެމެރިކާއިން ބުނީ ދެ ގައުމުގެ ދެމެދުގައި ހަމަލާ ބަދަލުކުރުން ކުރިއަށްދިޔަ ނަމަވެސް ޑިޕްލޮމެޓިކް ހައްލެއް ހޯދަން އެމެރިކާ ތައްޔާރު ކަމަށެވެ. އީރާނުން އެ ކަމާ ވަކި އެއްޗެއް އަދި ނުބުނެއެވެ.
ހަމަލާ ބަދަލުކުރަން މި ފެށީ ފެބްރުއަރީ 28 ގައި އެމެރިކާ-އިސްރާއީލު އިއްތިހާދުން އީރާނާ ދެކޮޅަށް ހަނގުރާމަ ފެށި ދުވަހުގެ ހަމަލާއެއްގައި އަވަހާރަކޮށްލި އީރާންގެ ސުޕްރީމް ލީޑަރު އަލީ ހާމަނާއީ މި ދިޔަ ބުރާސްފަތި ދުވަހު ފަސްދާންލައިފައި އެމެރިކާ އާއި އީރާންގެ ދެމެދުގައި ދާއިމީ ސުލްހައެއް ގާއިމުކުރަން ވާހަކަތައް ބާއްވަން ތައްޔާރުވެފައިވަނިކޮށެވެ. ދާއިމީ ސުލްހައެއް ހޯދުމުގެ މަސައްކަތް ފެށީ މި ދިޔަ މަހު 17 ގައި ދެ ގައުމުން ސުލްހައިގެ ފަހުމްނާމާއެއްގައި ސޮއިކޮށްފައި 60 ދުވަހުގެ ތެރޭގައި ވާހަކަތައް ކުރިއަށް ގެންދަން ނިންމައިގެންނެވެ.
ދުނިޔޭގެ ބާޒާރުގައި ތެޔޮ ފީފާއެއްގެ އަގު އިއްޔެ އާއި މިއަދު ވެސް ހުރީ 76 ޑޮލަރު (1،171ރ.)ގައެވެ. އީރާނާ ދެކޮޅަށް ހަނގުރާމަ ފެށުމުގެ ކުރިން އަގު ހުރީ 71 ޑޮލަރު (1،094ރ.)ގައެވެ. ސުލްހައިގެ ފަހުމްނާމާގައި ސޮއި ކުރުމުން 68 ޑޮލަރު (1،048ރ.)އަށް ވެސް ދަށަށް ދިޔައެވެ.



advertisment