Support Us

ޕީނަޓް ބަޓަރު އަޅައިފައިވާ ތަޅުންގަނޑު އަދި އާޓިސްޓު ވިމް ޓީ. ޝިޕާސް އާއި ކަވޭ ބްރޭންޑްގެ ޕީނަޓް ބަޓަރު (ވަކި ފޮޓޯތަކުގައި)

ދާރުލްއާސާރެއްގެ ތަޅުންގަނޑުމަތީގައި ޕީނަޓް ބަޓަރުގެ އާޓްވޯކެއް

ނެދަލެންޑްސްގެ ރޮޓަޑަމް ސިޓީގެ ދާރުލްއާސާރެއްގައި ޕީނަޓް ބަޓަރު ތަޅުންގަނޑު މަތީގައި ފަތުރައިލައިގެން އާޓްވޯކެއް ހަދައިފިއެވެ.

މި އާޓްވޯކަށް ކިޔާ ނަމަކީ "ޕީނަޓް ބަޓަރު ފްލޯ" ނުވަތަ "ޕީނަޓް ބަޓަރު ތަޅުންގަނޑު"އެވެ.

މި އާޓްވޯކް ހެދުމަށް 360 ކިލޯގެ ބަޓަރު ތަޅުންގަނޑު މައްޗަށް އަޅައިލައިފައިވެއެވެ. މިއީ 15،000 ސޭންޑްވިޗް ހެދޭނެ މިންވަރެއްގެ ޕީނަޓް ބަޓަރެވެ.

އާޓްވޯކް ހަދަން ދާރުލްއާސާރުގެ ދެ މުވައްޒަފުން އެތައް ދުވަހެއް ހޭދަކުރިއެވެ. އެއީ 270 އަކަފޫޓުގެ ތަޅުންގަނޑެއްގައި 40 ބާލިދީގެ ޕީނަޓް ބަޓަރު ފެތުރުމަށްޓަކައެވެ. އެއީ 0.8 އިންޗި ނުވަތަ ދެ ސެންޓިމީޓަރު ފުންކޮށް ހުންނާނެ ވަރަށެވެ.

"އެއީ ވަރަށް ބޮޑު މަސައްކަތެއް،" އާޓްވޯކް ހެދުމުގައި މަސައްކަތްކުރި އެކަކު ކަމަށްވާ ލިއޯން ޑުއަންކް ބުންޏެވެ.

މިއީ ނެދަލެންޑްސްގެ މިހާރު މަރުވެފައިވާ ކޮންސެޕްޓް އާޓިސްޓް އަދި ޕްރޮގްރާމްތަކަށް އަޑުއަޅައިދޭ ޓީވީ ޕްރޮޑިއުސަރު ވިމް ޓީ. ޝިޕާސް 1969 ގައި އެންމެ ފުރަތަމަ ހެދި އާޓްވޯކެކެވެ. މަޝްހޫރު މި އާޓްވޯކް އަލުން މި ހެދީ އޭނާއަށް ޝަރަފު އަރުވައިށެވެ.

އާޓްވޯކް ހެދީ އޭނާ މި ދިޔަ މަހު، ހާމަކޮށްފައި ނުވާ ބައްޔެއްގައި، އުމުރުން 83 އަހަރުގައި މަރުވުމުގެ ކުރިން ދިން 20 ނުކުތާގެ ޕްލޭނަކާ އެއްގޮތަށެވެ. އެއީ އޭނާ މަރުވި ނަމަވެސް އެ އާޓްވޯކް ކުރިމަގުގައި ހެދުމަށެވެ.

ދާރުލްއާސާރުން ބުނީ އާޓްވޯކުން ގެންނަ ހިޔާލަކީ ދާރުލްއާސާރަށް ޒިޔާރަތްކުރާ މީހުން ދާރުލްއާސާރެއްގައި ޕީނަޓް ބަޓަރުގެ ތަޅުންގަނޑެއް ހުރުމުން އެއީ އާޓްވޯކެއްތޯ ސުވާލުކުރުން ކަމަށެވެ.

"ޝިޕާސް އާޓާމެދު ދުށީ އެއީ ކޮންމެހެން ބުއްދި ގަބޫލުކުރެވޭ ނުވަތަ ބޭނުމެއް ހިފޭ އެއްޗަކަށް ވެސް ވާކަށް ނުޖެހޭކަން،" ދާރުލްއާސާރުގެ އޮފިޝަލަކު ބުންޏެވެ.

މި ދިޔަ ބުރާސްފަތި ދުވަހު ބޮއިމަންސް ވޭން ބާނިންއަން ދާރުލްއާސާރުގައި އާއްމުންނަށް ހުޅުވައިލި މި އާޓްވޯކް ދެ މަސް ދުވަހަށް ބަހައްޓަން ހަމަޖައްސައިފައިވެއެވެ.

ދާރުލްއާސާރުގެ ވަންނަ ދޮރުގައި ވަނީ ޕީނަޓް ބަޓަރަށް އެލާޖިކް މީހުންނަށް އިންޒާރެއް ބަހައްޓައިފައެވެ.

ޕީނަޓް ބަޓަރު މައްޗަށް ކޮޅަށް އެރުމާއި އޭގެ މަތީގައި އޮށޯތުން ވެސް މަނައެވެ.

"ކިހާ އާދަޔާހިލާފު ކަމެއް މިއީ އަހަރެމެން މި ތާ ކޮޅަށް ތިބެގެން ޕީނަޓު ބަޓަރާ ދިމާއަށް ބަލާކަން،" 1997 ގައި އާޓްވޯކް ދެވަނަ ފަހަރަށް އުފައްދައި، ޔޫޓްރެކްޓް ސިޓީގެ ސެންޓްރަލް ދާރުލްއާސާރުގައި ނޫސްވެރިންނާ ދިމާއަށް ޝިޕާސް ބުނެފައިވެއެވެ.

ޝިޕާސް ބުނެފައިވަނީ އޭނާއަށް ރަނގަޅީ ނެދަލެންޑްސްގެ ބްރޭންޑެއް ކަމަށްވާ ކަވޭ ބްރޭންޑްގެ ޕީނަޓް ބަޓަރު ކަމަށެވެ. އާޓްވޯކް ހެދުމަށްޓަކައި އެ ކުންފުނިން އޭނާއަށް 40 ޓަބުގެ ޕީނަޓު ބަޓަރު ހައިރާތު ކުރިއެވެ.

އާޓްވޯކް 2011 ގައި ހެދިއިރު އެތައް ބަޔަކު ވަނީ އޭގެ މައްޗަށް ފައިން އަރައިފައެވެ. އަދި 1997 ގައި އެ އާޓްވޯކް ހެދިއިރު ބަޔަކު ވަނީ އޭގެ ކައިރީގައި 12 ފޮތި ޕާނާއި ހަގަލްސްލަކް ޗޮކްލެޓް ކުނޑީގެ ކޮތަޅުތަކެއް ބާއްވައިފައެވެ.

"ބަލާބެލުމަށް ގޯހެއް ނޫން. ކުނޑިތައް ހުރީ ރަނގަޅު ބައްޓަމަކަށް ކުޅަދާނަ އަތަކުން ރާވައިލައިފައި،" އެ ކަން ހިނގުމުން ޝިޕާސް ބުނެފައިވެއެވެ.

މިއީ އޭނާގެ "ފްލޯ ކަވަރިން ސީރީޒް" ނުވަތަ ތަޅުންގަނޑު މަތި ކަވަރުކުރާ ސިލްސިލާގެ ބައެކެވެ. އޭނާ ހަދައިފައިވާ އާޓްވޯކްތަކުގެ ތެރޭގައި ތަޅުންގަނޑު މައްޗަށް ފުނޑުފުނޑުކޮށްފައިވާ ބިއްލޫރި އާއި ލޮނު އެޅުން ވެސް ހިމެނެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *