ދެ އަހަރުވީ ޣައްޒާ ހަނގުރާމަ ހުއްޓައިލަން މި ދިޔަ އަހަރު އޮކްޓޫބަރު 10 ގައި، ޣައްޒާ ހިންގާ ހަމާސް ޖަމާއަތާއެކު އިސްރާއީލުން ސީޒްފަޔާއެއް ގާއިމުކުރިޔަސް ޣައްޒާއަށް ދެމުންދާ ހަމަލާތައް ކުރިއަށްގެންދާތީ އާއި ޣައްޒާއަށް އެހީ ވެއްދުން ހަނިކޮށްލައިފައިވާތީ ކަރަންޓު ކެނޑުމުގެ މައްސަލަ ކުރިމަތިވެ، ހޮސްޕިޓަލްތަކުން ފަރުވާދިނުމަށް ވަރަށް ބޮޑަށް ހުރަސްއެޅިފައިވާ ކަމަށް ސިއްހީ އޮފިޝަލުން ބުނެފިއެވެ.
އިސްރާއީލުން ބޮންއަޅަމުންދާތީ ޣައްޒާގެ 90 ޕަސެންޓް ކަރަންޓު ނަރުތައް ވަނީ ހަލާކުވެފައެވެ. މި ކަމުގެ ސަބަބުން ހޮސްޕިޓަލްތަކަށް ބަރޯސާވާން ޖެހިފައިވަނީ ޖެނެރޭޓަރުން ކަރަންޓު ދޭށެވެ. ނަމަވެސް ޣައްޒާގެ އިންފްރާސްޓްރަކްޗަރު ހަލާކުވެ، އަދި ތެޔޮ ލިބުން ދަތިވެފައިވާތީ ހޮސްޕިޓަލްތައް ވަނީ ނާޒުކު ފައްތަރެއްގައި ކަމަށް ސިއްހީ އޮފިޝަލުން ބުންޏެވެ.
އޮޕަރޭޝަން ތިއެޓަރުތަކާއި އައި.ސީ.ޔޫ އަދި އިންކިއުބޭޓަރުތަކަށް ވެސް ކަރަންޓު ކެނޑުމުގެ މައްސަލަ ކުރިމަތިވެފައިވެއެވެ.
އަލް ޝިފާ ހޮސްޕިޓަލްގެ ޑިރެކްޓަރު، ޑރ. މުހައްމަދު އަބޫ ސަލްމިޔާ ބުނީ ކަރަންޓަށް ބަރޯސާ ނުކުރެވޭނަމަ އެ ކަމުގެ ސަބަބުން ބަލިމީހުންގެ ފުރާނައަށް ނުރައްކާވާނެ ކަމަށެވެ.
"އަހަރެމެން މަސައްކަތް ކުރަމުން މި ދަނީ ކާރިސާއެއް ކުރިމަތިވެފައިވާ ކަހަލަ ހާލަތްތަކުގައި،" އޭނާ ބުންޏެވެ.
އިސްރާއީލުގެ އަސްކަރިއްޔާއިން ބުނީ އިސްރާއީލުން ހަމަލާދެނީ ހަމާސްގެ ހަނގުރާމަވެރިންނަށް ކަމަށާއި ހަމަލާދޭއިރު އާއްމުންނަށް ލިބިދާނެ ގެއްލުން ވީހާ ވެސް ކުޑަކުރެވޭތޯ ބަލާ ކަމަށެވެ.
"އަހަރެމެން އަސްކަރީ އޮޕަރޭޝަންތައް ހިންގަނީ ބައިނަލްއަގުވާމީ ގާނޫނާ އެއްގޮތަށް. ހަމާސްއިން ދަނީ، ހޮސްޕިޓަލްތައް އެކުލެވޭ ގޮތަށް، މަދަނީ އިންފްރާސްޓްރަކްޗަރު އަސްކަރީ ބޭނުންތަކަށް ބޭނުންކުރަމުން،" އިސްރާއީލުގެ އޮފިޝަލަކު ބުންޏެވެ. ނަމަވެސް ހަމާސްއިން އެ ކަން ދޮގުކުރިއެވެ.
އޮކްޓޫބަރު 2023 ގެ ހަތެއްގައި ޣައްޒާ ހަނގުރާމަ ފެށި ފަހުން މިހާތަނަށް 38 ހޮސްޕިޓަލާއި އަސާސީ ސިއްހީ ހިދުމަތް ދޭ 96 މަރުކަޒު ހަލާކުކޮށްލައި ނުވަތަ އެ ތަންތަނުން ހިދުމަތް ނުދެވޭވަރު އިސްރާއީލުން ކޮށްލައިފައިވެއެވެ.



advertisment