އީރާނަށް ދެމުންދާ ހަމަލާތައް މެދުކަނޑައިލައިފި ކަމަށް އެމެރިކާއިން މިއަދު ބުނެފިއެވެ.
"ވޭތުވެދިޔަ ގަޑިއިރުތަކުގެ ތެރޭގައި އަހަރެމެން އާ ހަމަލާތަކެއް ނުދެން،" އެމެރިކާގެ އޮފިޝަލަކު ބުންޏެވެ.
ދެ ދުވަހު މަތިން އެމެރިކާ އާއި އީރާނާ ދެމެދު ހަމަލާ ބަދަލުކުރީ ދުނިޔޭގެ ފަސްބައިކުޅަ އެއްބައި ތެޔޮ ދަތުރުކުރާ، އީރާންގެ ބާރުގެ ދަށުގައި އޮންނަ ހުރުމުޒު ކަނޑުއޮޅިން، އީރާންގެ ގަވައިދުތަކާ ހިލާފަށް ދަތުރުކުރި އުޅަނދުތަކަށް އީރާނުން ހަމަލާދިނުމުން ރައްދުގައި އެމެރިކާއިން އީރާންގެ ވެރިރަށް ތެހެރާން އާއި އެހެނިހެން ސަރަހައްދުތަކަށް ހަމަލާދިނުމުންނެވެ.
އޮފިޝަލުން ބުނީ ފެބްރުއަރީ 28 ގައި އެމެރިކާ-އިސްރާއީލު އިއްތިހާދުން އީރާނާ ދެކޮޅަށް ފެށި ހަނގުރާމައަށް ދާއިމީ ހައްލެއް ގެންނަން މި ދިޔަ މަހު 17 ގައި އެމެރިކާ އާއި އީރާނުން ސޮއިކުރި ސުލްހައިގެ ފަހުމްނާމާގައިވާ ކަންތައްތައް ތަންފީޒުކުރާނެ ގޮތްތައް ކަނޑައަޅަން އީރާނާއި އެމެރިކާއާ ދެމެދު ނުސީދާ ވާހަކަތައް އަދިވެސް ކުރިއަށްދޭ ކަމަށެވެ.
"އެމެރިކާއިން އީރާނަށް ދެމުންދިޔަ ހަމަލާތައް ދެ ދުވަހަށްފަހު މިހާރު މެދުކަނޑައިލުމުން އީރާނާއި އެމެރިކާގެ ދެމެދުގައި އޮތް ހަމަނުޖެހުމަށް ޑިޕްލޮމެޓިކް ހައްލެއް ހޯދަން އަލުން ފުރުސަތު ހުޅުވިއްޖެ،" އޮފިޝަލަކު ބުންޏެވެ.
ދުނިޔޭގެ ބާޒާރުގައި ތެޔޮ ފީފާއެއްގެ އަގު އިއްޔެ 79 ޑޮލަރު (1،218ރ.)ގައި ހުރެފައި މިއަދު ވަނީ 75 ޑޮލަރު (1،156ރ.)އަށް ދަށްވެފައެވެ. އީރާނާ ދެކޮޅަށް ހަނގުރާމަ ފެށުމުގެ ކުރިން އަގު ހުރީ 71 ޑޮލަރު (1،094ރ.)ގައި ކަމަށްވީއިރު، ސުލްހައިގެ ފަހުމްނާމާގައި ސޮއިކުރުމުން އަގު 68 ޑޮލަރު (1،048ރ.)އަށް ވެސް ދަށްވިއެވެ.



advertisment