ޕާކިސްތާންގެ ކަރާޗީ ސިޓީއާ 155 ނޯޓިކަލް މޭލު ކައިރިން އަރަބި ކަނޑުމަތިން ގެއްލުނު ޕާކިސްތާންގެ އަމިއްލަ ކާގޯ އެއާލައިނެއް ކަމަށްވާ ކޭ2 އެއާވޭސްއިން އޮޕަރޭޓްކުރާ ހަމައެކަނި މަތިންދާބޯޓުގެ ހަލާކުވެފައިވާ ބައިތައް ފެނިއްޖެއެވެ. ނަމަވެސް އޭގައި ތިބި ފަސް ފަޅުވެރިން އަދި ނުފެންނަ ކަމަށާއި ހޯދަމުންދާ ކަމަށް އޮފިޝަލުން ބުންޏެވެ.
އަންގާރަ ދުވަހު ވެއްޓުނު ބޮއިންގް 737-400 މަރުކާގެ މަތިންދާބޯޓުގެ ރެކެޖް ފެނުނީ ރޭ ޕާކިސްތާންގެ އައުރުމާރާ ޓައުނުގެ ދެކުނުން 53 ނޯޓިކަލް މޭލު ކައިރިން އަރަބި ކަނޑުގެ އަޑިންނެވެ. ކަނޑުއަޑިން އެއްޗެއްސާއި މީހުން ހޯދުމުގެ މަސައްކަތް އުނދަގޫ ހާލަތެއްގައި ނަމަވެސް އެބަކުރިއަށްގެންދާ ކަމަށް ރަސްމީ އިދާރާތަކުން ބުންޏެވެ.
ބޮޑުވަޒީރު ޝަހްބާރު ޝަރީފު ވިދާޅުވީ މި ހާދިސާގެ ސަބަބުން "ފުން ހިތާމައެއް" ލިބިވަޑައިގަންފައިވާ ކަމަށެވެ. އަދި ގެއްލުނު ފަޅުވެރިން ހޯދަން، ލިބެން ހުރި ހުރިހާ ވަސީލަތްތަކެއް ބޭނުންކުރުމަށް ރަސްމީ އިދާރާތަކަށް އަމުރު ކުރައްވައިފައިވާ ކަމަށެވެ.
"މަތިންދާބޯޓު ވެއްޓުނީ ކީއްވެކަން ތަހުގީގުކުރަން ފްލައިޓް ރެކޯޑަރުތައް ހޯދޭތޯ މަސައްކަތް ކުރަމުން މިހާރު ދަނީ،" އޮފިޝަލަކު ބުންޏެވެ.
މަތިންދާބޯޓު ގެއްލުނީ ޔުނައިޓަޑް އަރަބް އެމިރޭޓްސް (ޔޫ.އޭ.އީ)ގެ ޝާރްޖާއިން ޕާކިސްތާންގެ ކަރާޗީއަށް ދަތުރުކުރަނިކޮށެވެ. އެއް ފަހަރު ތިރިއަށް ގޮސްފައި އަނެއް ފަހަރު މައްޗަށް އަރައިފައި ކަރާޗީގެ އެއާ ޓްރެފިކް ކޮންޓްރޯލަށް "ނެވިގޭޝަނަލް ސިސްޓަމް އިޝޫ" (ދަތުރުކުރުމުގެ ނިޒާމުގެ މައްސަލަ)އެއް އުޅޭ ކަމަށް ރިޕޯޓްކުރުމަށްފަހު ދެން ހަލުވި ދުވެއްޔެއްގައި ފްލައިޓް ތިރިވުމަށްފަހު ރާޑަރުން ގެއްލި މުވާސަލާތީ ގުޅުން ކެނޑުނީއެވެ.



advertisment