ދުނިޔޭގެ ފަސްބައިކުޅަ އެއްބައި ތެޔޮ ދަތުރުކުރާ، އީރާންގެ ބާރުގެ ދަށުގައި އޮންނަ ހުރުމުޒު ކަނޑުއޮޅިން އީރާންގެ ގަވައިދުތަކާ ހިލާފަށް ދަތުރުކުރި ތިން އުޅަނދަކަށް މި ހަފުތާ ކުރީކޮޅު އީރާނުން ހަމަލާދިނުމުން އެމެރިކާއިން އީރާނަށް ބުދަ ދުވަހު ހަމަލާދިނުމަށްފަހު މިއަދު ވެސް އަނެއްކާ ހަމަލާދީފިއެވެ.
އިއްޔެ އީރާންގެ ދެކުނުގެ ގިނަ ސަހަރުތަކަށް ހަމަލާދިނުމަށްފަހު މިއަދު އީރާންގެ ވެރިރަށް ތެހްރާންގެ އެކި ތަންތަނަށް ހަމަލާދިނުމުން، ދެ ދުވަހުގެ ތެރޭގައި އީރާންގެ 14 މީހުން މަރުވިއެވެ. އޭގެ ތެރޭގައި އީރާންގެ އިސްލާމީ އިންގިލާބީ ލަޝްކަރު، އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯ (އައި.އާރް.ޖީ.ސީ)ގެ މެންބަރަކާއި ސިފައިން ހިމެނެއެވެ.
ނުވަދިހަ ތަނަކަށް އެމެރިކާއިން ވަނީ ހަމަލާދީފައެވެ. އެހެންކަމުން މިއީ ސުލްހައިގެ ފަހުމްނާމާގައި އެމެރިކާ އާއި އީރާނުން މި ދިޔަ މަހު 17 ގައި ސޮއިކުރި ފަހުން އެމެރިކާއިން އީރާނަށް މިހާތަނަށް ދިން އެންމެ ގިނަ ހަމަލާތަކެވެ.
އެމެރިކާއިން މިއަދު ހަމަލާދިނީ އިއްޔެއަށްވުރެ ވަރުގަދަކޮށެވެ.
ރައްދުގައި އީރާނުން ގަލްފު ގައުމުތަކުގައި ހުރި އެމެރިކާގެ އެސެޓްތަކަށާއި އިންފްރާސްޓްރަކްޗަރަށް ހަމަލާދިނެވެ. ނަމަވެސް އެމެރިކާގެ ސިފައިންގެ މީހަކު ނުވަތަ އެއިން އެއްވެސް ގައުމެއްގެ މީހަކު މަރުވި ކަމަކަށް ރިޕޯޓްކޮށްފައެއްނުވެއެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އެމެރިކާގެ ހަމަލާތައް ދިފާއުކުރެއްވިއެވެ.
"އަހަރެމެން އަދިވެސް ހަމަލާދޭނަން ކަންނޭނގެ،" އީރާނުން ނިއުކްލިއަ ހަތިޔާރެއް އުފެއްދިޔަ ނުދޭނެކަމަށް ވިދާޅުވަމުން ޓްރަމްޕް ވިދާޅުވިއެވެ.
އީރާނުން ބުނީ އެމެރިކާއިން ޑިޕްލޮމެޓިކް އުސޫލުން ކަންތައްތައް ހައްލުކުރަން ބޭނުންނުވާ ކަމަށެވެ.
"އަސްކަރީ ޕްރެޝަރަށް އަހަރެމެން ހުށަހަޅަންޏާ ސުލްހައިގެ ވާހަކަތައް ކުރިއަކަށް ނުގެންދެވޭނެ،" އީރާންގެ ހާރިޖީ ވަޒީރު އައްބާސް އަރާޣްޝީ ވިދާޅުވިއެވެ.
އެމެރިކާ އާއި އީރާނާ ދެމެދު ސުލްހަ ގާއިމުކުރަން މެދުވެރިއެއްގެ ދައުރު އަދާކުރާ ޕާކިސްތާންގެ ބޮޑުވަޒީރުގެ ނައިބު އަދި ހާރިޖީ ވަޒީރު އިސްހާގު ދާރު ގޮވައިލެއްވީ އެމެރިކާ އާއި އީރާނުން ހަމަލާ ބަދަލުކުރުން ހުއްޓައިލުމަށެވެ.
"އަލުން ހަމަނުޖެހުމެއްގެ ތެރެއަށް ދެ ގައުމުން ވަނުމަކީ އެ ދެ ގައުމުންކުރެ އެއް ގައުމަކަށް ވެސް ފައިދާކުރާނެ ކަމެއް ނޫން. އަހަރެން ގޮވައިލަނީ ސަރަހައްދުގެ ސުލްހަ ދެމެހެއްޓުމަށްޓަކައި ސުލްހައިގެ ވާހަކަތައް ބާއްވަން،" އޭނާ ވިދާޅުވިއެވެ.
ފެބްރުއަރީ 28 ގައި އެމެރިކާ-އިސްރާއީލު އިއްތިހާދުން އީރާނާ ދެކޮޅަށް ފެށި ހަނގުރާމަ ހުއްޓައިލައި، ދާއިމީ ސުލްހައިގެ ޑީލެއް ހަދަން މި ދިޔަ މަހު 17 ގައި އެމެރިކާ އާއި އީރާނުން ސޮއިކުރި ސުލްހައިގެ ފަހްނާމާ މިހާރު އުވިއްޖެ ކަމަށް ޓްރަމްޕް ވަނީ ވިދާޅުވެފައެވެ. އެއީ އީރާނުން ހުރުމުޒުން ދަތުރުކުރި އުޅަނދުތަކަށް ހަމަލާދިނުމުންނެވެ. އަދި އެއީ ފެބްރުއަރީ 28 ގައި ހަނގުރާމަ ފެށި ދުވަހުގެ ހަމަލާއެއްގައި އަވަހާރަކޮށްލި އީރާންގެ ސުޕްރީމް ލީޑަރު އަލީ ހާމަނައީ މިއަދު ފަސްދާނުލުމަށްފަހު އީރާނާއި އެމެރިކާއާ ދެމެދު ސުލްހައިގެ ވާހަކަތައް ފަށަން ހަމަޖައްސައިފައިވަނިކޮށެވެ.
އެހެންކަމުން އެމެރިކާ އާއި އީރާނުން އަލުން ހަމަލާ ބަދަލުކުރަން ފެށުމުން ޕާކިސްތާނުން މެދުވެރިވެގެން އީރާނާއި އެމެރިކާއާ ދެމެދު ގާއިމުކޮށްދޭން މަސައްކަތްކުރާ ސުލްހަގެ ކުރިމަގު މިހާރު ބަނަވެފައިވާ ކަމަށް ދިރާސާވެރިން ބުންޏެވެ.
ފެބްރުއަރީ 28 ގައި ހަނގުރާމަ ފެށުމުގެ ކުރިން ދުނިޔޭގެ ބާޒާރުގައި ތެޔޮ ފީފާއެއްގެ އަގު ހުރީ 71 ޑޮލަރު (1،094ރ.)ގައެވެ. ސުލްހައިގެ ފަހުމްނާމާގައި ސޮއިކުރުމުން އަގު 68 ޑޮލަރު (1،048ރ.)އަށް ދަށްވެ، ނަމަވެސް އެމެރިކާ އާއި އީރާނުން ހަމަލާތައް އަލުން ބަދަލުކުރަން ފެށުމުން އިއްޔެ އަގު 78 ޑޮލަރު (1،202ރ.)އަށް މައްޗަށް ޖެހިފައި، މިއަދު ވަނީ 79 ޑޮލަރު (1،218ރ.) އަށް މައްޗަށް ޖެހިފައެވެ.



advertisment