Support Us

ވާހަކަ: ހިމާޔަތް އެދެމޭ- 18

ފަހަތު ސީޓުގައި ދެފިރިހެނަކު ތިއްބެވެ. ދެމީހުން ދެފަރާތުން މާޔާގެ އަތުގައި ހިފަހައްޓާ ފަހަތަށް އައްސާފައި އަނގަމަތީ ރުމާލެއް އައްސާލިއެވެ. ކާރު ތެރޭގައި މާޔާ ދަންނަ މީހަކު ނެތެވެ. އެހެންވެ އޭނާ ބިރުގަތީ އެމީހުންގެ ނިޔަތް ނޭނގޭތީއެވެ. އެއީ ރޭވުމެއްގެ ދަށުން ހިނގާ ކަމެއްކަން މާޔާގެ ހިތަކަށް ނާރައެވެ.

****

ޝަރުމީލާގެ ހާލު ބަލައިލަން އޭނާގެ ރައްޓެއްސަކު ގުޅާލިއެވެ. ފަރީލާއަށް ޝަރުމީލާ ހޮސްޕިޓަލުގައި ބޭއްވިކަން އޭނާގެ ދަރިއެއްގެ ފަރާތުން އެނގުމުން ހާލުނުބަލައި ނުހުރެވުނެވެ.

"އަހަރެން އަރާމުނުކުރާތީއޭ ޔޫނުސް ބުނި، އެކަމަކު ބުރަވަގެން ކޮންކަމެއްތަ އަހަރެން ކުރަނީ؟" ޝަރުމީލާ އަށް ބުނެވުނެވެ. އޭނާގެ ހަށިގަނޑުގައި އެއްވެސް މައްސަލައެއް ނެތް ކަމުގައި ޑޮކްޓަރު ބުނި އަޑު އޭނާ އެއްސެވެ. އެކަމަކު ފަހުން ޔޫނުސް އާއި ޑޮކްޓަރު އެކަހެރިވެ ގިނަ ވާހަކަތަކެއް ދެކެވުނުތަން ފެނުނެވެ. އޭނާއަށް ސުވާލު އުފެދެނީ ސަބަބެއް ނެތް ނަމަވެސް އަދިވެސް ބޯ އެނބުރުމަށް ބަދަލެއް ނާންނާތީއެވެ.

"އެހެން ޑޮކްޓަރަކަށް ދައްކާލަން އަހަންނަށް ފެންނަނީ،" ފަރީލާ ދިން ޚިޔާލަށް ޝަރުމީލާއަށް އެއްބަސްވެވުނެވެ. ފޯނު ބޭއްވީ މާދަމާ ޑޮކްޓަރަށް ދައްކަންދާން އެއްބަސްވެފައެވެ. އެޕޮއިންޓެމެންޓް ފަރީލާ ހަމަޖައްސައިދޭނެ ކަމުގައި ބުނުމުން އިތުރަށް ޝަރުމީލާއަށް ކުރަން ޖެހުނު މަސައްކަތެއް ނެތެވެ.

އިރުއޮއްސެން ކައިރިވެފައި ހުއްޓާ މާޔާ ކޮލެޖުން އައިތޯ ބަލަން އެކޮޓަރިއަށް ޝަރުމީލާ ވަންއިރު މާޔާ އޮތީ ނިދާފައެވެ. އޭނާ އައީ ކޮންއިރަކު ކަމެއް ނޭނގެއެވެ. ގެއަށް ވަދެވުމާއި އެކު މާޔާ އެންމެ އިސްކަން ދޭނީ މަންމަގެ ހާލުބަލަން ކަމުގައި ޝަރުމީލާއަށް ހީވެފައި އޮތުމުން ނިދިފައި އޮތް މާޔާ ފެނިފައި އޭނާ ހިތުގައި ޖެހުނެވެ. އޭނާ މާޔާ އެވަރުކުރީ ގިނަ އޮޅިތަކެއް ހުރަސްކުރަމުން ގިނަ ގޮންޖެހުންތަކާއި އެކުގައެވެ. އެކަން މާޔާ ނުދަންނަކަން ހިތަށް އެރުމުން ޝަރުމީލާއަށް އަސަރުކުރިއެވެ. އެކޮޓަރީގެ ދޮރު ޖަހާފައި އައިސް ޝަރުމީލާ ވަނީ އޭނާގެ ކޮޓަރިއަށެވެ.

ކޮޓަރީގެ ދޮރު ލެއްޕުނު އަޑަށް މާޔާ ދެލޯ ހުޅުވައިލިއެވެ. ކާރުތެރޭގައި ހޭދަވި ބައިގަޑިއިރެއްހާއިރު އެއީ އޭނާގެ ހިތުން ދުވަހަކުވެސް ފިލުވައިނުލެވޭވަރުގެ ބިރުވެރި ވަގުތު ކޮޅަކަށްވިއެވެ. އެތަނުން އެކަކު ރާމީން ދަންނަންތޯ މާޔާ ކައިރީ އަހާލިއެވެ. އަދި އެއި ލޯބިވެރިޔާ ތޯ ސުވާލުކުރިއެވެ. މާޔާ ނޫނެކޭ ބުނުމުން އެމީހުން އެ ޚަބަރު އެހެން މީހަކަށް ފޯނުން ގުޅައިގެން ދިނެވެ.

"މީގެ ފަހުން ރާމީން އާއި އެކު ކަލޭ ފެނިއްޖެއްޔާ ކަލޭވެސް އޮންނާނީ ހޮސްޕިޓަލުގައި ރާމީން އާއި ޖެހިގެން އޮންނަ އެނދުގައި." ރާމީން އާއި ދުރުގައި ހުންނަން އަމުރުކޮށްފައި އެމީހުން ދިނީ މާޔާ ހިތުން ނުފިލާވަރުގެ އިންޒާރެކެވެ. މާޔާ އެއްބަސްވުމާއިއެކު އޭނާ މިނިވަންކަމާއި އެކު ގެއަށް ގެނެސްދިނެވެ. އެމީހުންގެ ފަރާތުން އެއްވެސް ގޯނާއެއް ނުލިބެއެވެ.

ގެއަށް ވަނީންސުރެ ރަޖާލައިގެން މާޔާއަށް އޮވެވުނީ ހުންވައްތަރުވެފައިވާތީއެވެ. އޭނާ ބިރުން ތުރުތުރުއަޅައެވެ. ރާމީން އާއި މެދު ވިސްނާލެވުނެވެ. އެމީހުން އެބުނީ ތެދެއްބާއޭ ހިތަށް އެރިއެވެ. ހޮސްޕިޓަލުގައި ރާމީން އެނދުމަތިވެފައިވާނަމަ އެއީ އެމީހުންގެ ފަރާތުން ދެވުނު އަނިޔާގެ ސަބަބުންކަމުގައި އެމީހުންވަނީ އިއުތިރާފްވެފައެވެ. އެމީހުންނާއި ރާމީންގެ މެދުގައި އޮތީ ކޮން ނަފްރަތެއްކަމެއް ނޭނގެއެވެ. އެއީ އިތުރު މީހެއްގެ އަމުރަށް ހިނގާ ކަންކަމެވެ. އެމީހުން ކަންތައްކުރަނީ އެމީހުންގެ މައްޗަށް ހުރި މީހެއްގެ އަމުރަށެވެ. ރާމީން އާއި މާޔާ އެކުގައި ހުރިތަން ފެނިގެން އުދަނގޫވާނަމަ ވާންވީ ދެމީހަކަށެވެ، ފުރަތަމަ މީހަކީ މިކިއަލްއެވެ. ދެން ހުރީ ޔޫނުސްއެވެ.

** **

ޖެހިގެން އައި ދުވަހުގެ ހެނދުނު ނާސްތާގެ ގަޑިއަށް ޝީތު އައުމުން އެގެއަށް ކުޑަ ދިރުމެއް ލިބިގެން ދިޔައެވެ. ޝަރުމީލާ އާއި ޖެހިގެން އިން މާޔާ އިނީ ބަސްމަދުވެ ހިމޭންވެފައެވެ. ޝީތު ކުރާ ސުވާލަކަށް ޖަވާބު ދިނުން ފިޔަވައި އޭނާ އިތުރު ޖަވާބެއް ނުދިނެވެ. މިއަދު ޝަރުމީލާ އޮފީހަށް ނިކުންނަ ވާހަކަ ބުނުމުން އެކަމާއި ޔޫނުސް އާއި ޝީތު ދެކޮޅު ހެދިއެވެ. އެކަމަކު ޝަރުމީލާ ދޫނުކޮށް ބުނަމުން ދިޔައީ އޭނާ މުޅިން ރަނގަޅުވެއްޖެކަމުގައެވެ.

މާޔާ ކޮޓަރިއަށް ވަނީ ކޮލެޖަށް ދާން ދަބަސް ނަގާށެވެ. ކޮންމެ ރެއަކު ރޮއިރޮއިފައި އޭނާ ދިރިއުޅުންމަތިން ފޫހިވެ އެކަމާއި ޝަކުވާކުރެއެވެ. އެހެން ނަމަވެސް ހެނދުނު ހޭލެވުމާއި އެކު އެކޮޓަރިން ނިކުމެ އެހެން ތަނަކަށް ދާން ބޭނުންވެއެވެ. އޭނާއަށް ކޮލެޖުގައި އެކުވެރިއަކު ނެތަސް، އެތަނަށް ގޮސް އިންނަނީ ފިކުރުކުރުންތަކުން ދުރުހެލިވެގެން ދެއެވެ.

"މާޔާ"

އެތެރެއަށް ވަންނަމުން ޝީތު ގޮވައިލި އަޑަށް މާޔާ ބަލައިލިއެވެ. ޝީތު ހުރީ މާޔާ އާއި ވާހަކަ ދައްކަން ފުރުޞަތަކަށް ބަލަބަލައެވެ.

"އެއްވެސް ކަމެއް މާޔާ މަންމަ ކައިރީ ބުނިންތަ؟" ޝީތު އަހާލިއެވެ. އެ ސުވާލުގެ ޖަވާބު ދޭން މާޔާއަށް އުދަނގޫވިއެވެ. އެއްވެސް މީހަކާއި ހިއްސާކުރުމުގެ ހިތްވަރު އޭނާގެ ނަފްސަކު ނެތެވެ. އެކަމަކު ޝީތުއަށް އެކަން ނަގައިގަނެވުނީ އޭނާ ހީކުރިވަރަށްވުރެ އަވަހަށެވެ. އޭނާގެ ދެލޯ ހެނދުނު ހޭލާއިރު ދުޅަވެފައި ހުއްޓަސް އޭނާގެ މަންމައަށް އެނގޭކަމަކަށް ނުވިއެވެ. ބަސްމަދުވެ ހިމޭންވެފައި އިނަސް އެއިން އެއްވެސް މަންޒަރެއް ފެންނަ ކަމަކަށް ނުހެދިއެވެ. ވީއިރު އޭނާ ބުނަންވީ ސަބަބެއް އޮތްކަމަށް ޤަބޫލެއް ނުކުރެވެއެވެ.

"ނޫން."

މާޔާ ބުނެލިއެވެ. އޭނާ ބުނުމުގެ ގަސްތެއް ނެތެވެ. މި ދުނިޔޭގައި އޭނާ ދެކެ ލޯބިވާނެ އެއްވެސް މީހަކު ހުރިކަމަށް އޭނާ ޤަބޫލެއް ނުކުރެއެވެ.

"ކީއްވެ؟ މާޔާ ބޭނުމެއް ނޫންތަ ތި އަނިޔާއިން ސަލާމަތްވާކަށް." ޝީތު އަށް ޤަބޫލުކުރަން އުދަނގޫވެފައިވަނީ މާޔާ އާއި ޝަރުމީލާގެ މެދުގައި އޮތް ގުޅުން ކެނޑެމުން ދިޔަކަމެވެ.

"ޝީތު ހުރިހާ ކަމެއް ސިއްރުކުރީ ކީއްވެ؟" ޝީތުގެ މޫނަށް ބަލަން ހުރެފައި މާޔާ  އަހައިލިއެވެ. ޝީތު ހުރިހާ ކަމެއް ސިއްރުކޮށް ތަހައްމަލުކުރުމުގެ ފަހަތުގައި ސަބަބެއް އޮންނާނެއެވެ. އޭނާގެ ބައްޕަ ފަޟީހަތް ނުކުރުމުގެ ނިޔަތަށްވިއަސް އެފަދަ މަޖުބޫރުކަމެއް މާޔާއަށް އޮވެދާނެކަން ވިސްނާލީމައިވެސް އެނގޭނެއެވެ.

"ބިކޯޒް އައި ޑޯންޓް ހެވް އަ މޮމް" ޝީތުގެ ޖަވާބު އަހާފައި މާޔާ ދިޔައީ ސިއްސައިގެންނެވެ. ޝީތުގެ އަޑުގައިވީ މަޑުމޮޅިކަމެވެ. އޭނާގެ ދެލޯ ފެންކަޅިވެގެން ދިޔައީ އެސްފިޔަޖަހާލާ މަދު ސިކުންތުކޮޅެއްގެ ތެރޭގައެވެ.

"އިޓް ޑަޒަންޓް މެޓަރ." ވަކި މީހަކު ހުރުމަކީ އަނިޔާއިން ސަލާމަތްވާނެ ކަމެއް ނޫނޭ މާޔާ ހިތަށް އެރިއެވެ. އެކަމަކު ޝީތުއަށް ކޮށްފައިވާ އަސަރުފެނިފައި އޭނާގެ ދުލަށް އެ ޖުމްލަ ނައިކަން އެއީ ނަޞީބޭ ހިތަށް އެރިއެވެ.

"ޔޫ އަރ ވެރީ ލަކީ މާޔާ، މަޔަކު ހުރުމަށްވުރެ ބޮޑު ނިއުމަތެއް ނުވޭ، އަހަންނަށް ޔަޤީން މާޔާގެ މަންމައަށް މާޔާއަށްވުރެ މުހިއްމު އެއްވެސް ކަމެއް ނުވާނެކަން. ޝީ ވިލް ފައިޓް ފޮރ ޔޫ،" މާޔާއަށްވުރެ ބޮޑަށް ޝަރުމީލާއަށް އިތުބާރުކުރަނީ ޝީތުކަން އެނގެއެވެ.

"ޝީތުއަށް އަހަރެންގެ މަންމަގެ ގޮތް އަދި ރަނގަޅަށް ދަހެއް ނުވޭ،" ހުރިހާ ވާހަކައެއް ތަފްސީލްކޮށް ކިޔައިދޭނެ ވަގުތެއް ނެތެވެ. އެކަމަކު ޝީތު ބުނި ފަދައިން އޭނާއަށްޓަކައި މަންމަ ހަނގުރާމައަކަށް ނިކުމެދާނެހެން ހިއެއް ނުވެއެވެ.

"ނޫނޭ، ދަރިންގެ އުފަލަށް އަމިއްލަ ފުރާނަ ނުރައްކަލަށް ހުށައަޅަން ފަސްނުޖެހޭނެ ހަމައެކަނި ފަރާތަކީ މަންމަ،  މާޔާއަށް އެބައޮތް ސަލާމަތްވުމުގެ މަގު ފެންނަން، ބޭނުންވަނީ ކުޑަ ހިތްވަރެއް، އަހަންނަށް ޔަޤީން ގިނަ ހުރަސްތަކަކަށްފަހުގައި ކަމަށްވިއަސް މާޔާއަށް އިންސާފްލިބޭނެކަން، އެދުވަހަކުން އަހަންނަށްވެސް އިންސާފްލިބޭނެ، އެހެންވެ އާދޭސްކޮށްފައި ބުނަން، މާޔާ މަންމަ ކައިރީ ތިވާހަކަ ބުނޭ،" ޝީތު އައިސް މާޔާގެ އަތުގައި ހިފީ ސަލާމްޖަހާ މީހެއްގެ ފަދައިންނެވެ. އޭނާ ވިސްނައިދެން ބޭނުންވީ މާޔާ ދެކެ ލޯބިވާނެ މީހުން އެބަތިބިކަމެވެ.

މާޔާ އެއްބަސްވީ ޝީތު ހިތްހަމަޖައްސައިދޭށެވެ. ޝީތު އައިސް އުފަލުން މާޔާގެ ގައިގައި ބައްދާލިއެވެ.

** **

ކުލިނިކުގެ ތެރެއަށް ޝަރުމީލާ ވަނީ އޮފީހުގެ ބްރޭކްގަޑީގައެވެ. އޭނާއަށްޓަކައި މެމޯ ހައްދައިގެން ފަރީލާ އިނެވެ. އޭނާގެ ނަންބަރަށް ޖެހެންދެން މަޑުކޮށްލައިގެން އިން އިރު ޝަރުމީލާގެ ހިތަށް ވަރަށް ގިނަ ޝުއުރުތަކެއް އަރާފައިބަމުން ދިޔައެވެ. އޭނާގެ ކައިރީ ނުބުނެވޭވަރުގެ ބޮޑު ބައްޔެއް ހުރީބާއޭ ހިތަށް އެރިއެވެ. އެއީ ޑޮކްޓަރާއި ވާހަކަ ދެއްކުމަށްފަހު ޔޫނުސް އެއްވެސް ވާހަކައެއް ނުދައްކާ ހަނު ހުރުންވެގެން ދިޔައީ އެފަދަ ޚިޔާލުތަކުން އޭނާގެ ހިތް ފުރިގެންދިޔަ ސަބަބަކަށެވެ.

ނަންބަރަށް ޖެހިގެން ޝަރުމީލާ ވަނީ އެކަންޏެވެ. އޭނާ ފަރީލާގެ ގާތުގައި މަޑުކުރަން އެދުނީ ޑޮކްޓަރުގެ ގާތުގައި ދައްކާ ވާހަކަ ސިއްރެއްގެ ގޮތުގައި ބާއްވަން ބޭނުންވާތީއެވެ.

ދެދުވަހެއްގެ ކުރިން ހޮސްޕިޓަލުން ދޫކޮށްލަމުން ދޫކުރި ލިޔުން އަތުގައި އޮތުމުން މާ ތަފްސީލްކޮށް ކިޔައިދޭކަށް ނުޖެހުނެވެ. އެކަމަކު ޑޮކްޓަރުކުރަމުން ދިޔަ ގިނަ ސުވާލުތަކުގެ ސަބަބުން އޭނާ ބިރުގަތެވެ. ނަފްސާނީ ބަލި ހުރޭތޯ ނުވަތަ ބޭހެއް ބޭނުންކުރަންތޯ ޑޮކްޓަރު އެހުމުން ޝަރުމީލާ ނޫނެކޭ ބުނެލިއެވެ. ރިޕޯރޓްތަކަށް ބަލަން އިން ޑޮކްޓަރުގެ މޫނަށް ބަލައިލެވުނީ ކަންބޮޑުވެފައެވެ. ރިޕޯރޓްތަކުން ފެންނަ ކަންތައް ޑޮކްޓަރު ކިޔައިދިންއިރު ޝަރުމީލާ އިނީ ބަސްހުއްޓިފައެވެ.

*** ***

ފިޒިއޮތެރަޕީއަށްފަހު ރާމީންއަށް އެކަނި އިށީނދެވޭވަރުވެއެވެ. އެކަމަކު އޭނާގެ އުނަގަނޑުން ތިރި ހީވަނީ ނެތް ބައެއް ހެންނެވެ. ރާމީންގެ ގާތުގައި މިކިއަލް އަބަދުވެސް ހުންނަ ހުރުން އާދައަކަށްވެއްޖެއެވެ. ދެމީހުންގެ މެދުގައި އެއްވެސް މުއާމަލާތެއް ނުކުރެވުނަސް ރާމީންއަށް ޚަރަދުކުރުމާއި ރާމީންގެ މަންމައަށް އެހީވާން މިކިއަލް ހުރެއެވެ.

ބޭސް ސިޓީއަކަށް ބޭސް ނަގަން މިކިއަލް ނިކުންވަގުތަކީ މާޒިންގެ ބައްޕަ ގޮވައިގެން ޑޮކްޓަރަށް ދައްކަން އައިސް ބޭސްނަގަން ދިޔަ ވަގުތެވެ. މިކިއަލް އަށް ޝީތު ފެނިފައި ދަންނަ ކަމުގައިވެސް ނުހެދިއެވެ. ޝީތުއަށް މިކިއަލް އާއި ބައްޕަގެ މެދުގައި ޖެހިފައި އޮތް މައްސަލަ ކޮންމެވެސް ވަރަކަށް އެނގެއެވެ. މިކިއަލް ކުލި ނުދައްކައިގެން އެގެއިން ނެރެލިކަން އެނގެއެވެ.

ޝީތު އާއި އަނގައިން ނުބުނީ ބައްޕަ ކަންތައް ކުރިގޮތުން ކަމުގައި ވެދާނެއޭ ޝީތު ހިތަށް އެރިއެވެ. މިކިއަލްގެ ނަމުން ގޮވާލަން ހިތަށް އަރާފައި އޭނާއަށް ނުކެރުނީ އެތަނުގައި މީހުން ގިނަކަމުންނެވެ. މިކިއަލް ދިޔަ މަގަށް ބަލަން ހުރެފައި މިކިއަލްގެ ފަހަތުން ޝީތު ހިނގައިގަތެވެ.

މިކިއަލް ގޮސް ޕްރައިވެޓް ރޫމަކަށް ވަނުމުން އެހާއި ހިސާބުން ޝީތު އަނބުރާލާފައި އައުމަށް ނިންމިއެވެ. އެދޮރުގައި ޓަކިދޭކަށް ނުކެރުނެވެ. ހިނގައިގެންތަނާއި އެކޮޓަރީގެ ދޮރު ހުޅުވުނުތަން ފެނުނެވެ. ފަސްއެނބުރި ބަލާލިގޮތަށް ޝީތުއަށް ހުރެވުނީ ދެލޯ ބޮޑުކޮށްލައިގެންނެވެ. ފުރޮޅުލީ ގޮނޑީގައި އިން ރާމީން ފެނިފައި އޭނާއަށް އަސަރުކުރިއެވެ. ރާމީންއަށް ޝީތު ފެނުމުން ފެނުނީ އިސްޖެހިތަނެވެ. އަމިއްލަ ނުކުޅެދުންތެރިކަމާއި މެދު މާޔޫސްވެފައިވާކަން އެނގެއެވެ.

ރާމީންއަށް ގޮވާލުމުން ޝީތު އާއި ދިމާލަށް އިސްއުފުލައިނުލައި އިނދެފައި ބޯޖަހާލިތަން ފެނުނެވެ. ޝީތު ކައިރިއަށް އަންނަމުން ދެން ވާހަކަ ދެއްކީ މިކިއަލް އާއި އެވެ. ރާމީން އަށް ވީ ކިހިނެއްތޯ އަހާލިއެވެ.

"އެކްސިޑެންޓް ވެގެން" މިކިއަލްގެ އަތުގައި ރާމީން ހިފިތަން ޝީތުއަށް ފެނުނެވެ. ހީވަނީ އޭނާ ކައިރީ ބުނާތީ ހިތްހަމަނުޖެހެނީހެންނެވެ. ޝީތު އައިސް ރާމީން އާއި އެއްވަރަށް ތިރިވެފައި އޭނާއަށް ހެޔޮދުޢާކޮށްދިނެވެ. އަދި ވަރަށް އަވަހަށް ﷲގެ އިރާދަފުޅާއި އެކު ބަލި ފަސޭހަވާނެކަމުގައި ބުންޏެވެ.

ފިޒިއޮތެރަޕީ ރޫމުން ރާމީންގެ ނަމުން ގޮވާލި އަޑު އަހާފައި މިކިއަލް ހިނގައިގަތީ އެދިމާލަށެވެ. އެދެމީހުންނަށް ބަލަން ޝީތުއަށް ހުރެވުނެވެ. ވަގުތާއި ހާލަތަށްފަހު އެކުވެރިން ބީރައްޓެހިންނަށް ވެގެންދާގޮތް އޭނާގެ ލޯމައްޗަށް ފެނިއްޖެއެވެ. އެއީ އެއްއިރެއްގައި ހީހީފައި އޭނަ އާއި އެކު ސަކަރާތްޖެހި ދެ އެކުވެރިންނެވެ. ޔޫނުސްގެ ކިބއިން ސަލާމަތްވުމަށް ޝީތު މުޅި ރޭ އެމީހުންނާއި އެކު ހޭދަކުރެއެވެ. އޭނާގެ ސިކުނޑިއަށް ލުއިވަންދެން އެމީހުންނާއި އެކު ހީ ހަދައެވެ. މިއަދު އޭނާގެ ކުރިމަތިން ދިޔައިރު އެއީ ދެކެފަރިތަބައެއްހެން ހިއެއް ނުވެއެވެ.

** **

އެކަނިވުމާއި އެކު މާޔާއަށް ޝީތު ދެއްކި ވާހަކައާއި މެދު ވިސްނާލެވުނެވެ. މަންމައަށް ކިޔައިދޭން އޭނާގެ ޟަމީރު ފުރަތަމަ ފަހަރަށް ބާރުއަޅަމުން ދިޔައެވެ. އެކަމަކު އޭނާގެ ހިތުގައި ކޮންމެވެސް ވަރެއްގެ ބިރުވެރިކަމެއް އޮތެވެ. މަންމަގެ ބަލިހާލަތު ބޮޑުވެދާނެކަމުގެ ބިރުން އޭނާގެ ހިތްވަރު ނެތިކޮށްލައެވެ. މާޔާ ވިސްނީ އޭނާ އަމިއްލައަށް ތެދުވެ އެކަން ހުއްޓުވާނެ މަގެއް އޮތްތޯއެވެ. އެއްވެސް މީހެއްގެ ބިރަށް އޭނާގެ ޖިސްމު ވިއްކާލުމާއި މެދު އޭނާގެ ހިތް ދެކޮޅު ހަދަމުން ދިޔައެވެ. އެވަރުގެ ފިނޑިއަކަށް ވާން މާޔާ ބޭނުމެއް ނޫނެވެ.

އެކަމަކު އޭނާއަށް ހިތްވަރުދޭނެ އެކަކު ބޭނުމެވެ. ހުރިހާ ކަމެއް ކިޔައިދެވޭނެ ރއްޓެއްސަކު ބޭނުމެވެ. ހުރިހާ ކަމެއް ނިމޭއިރު އެންމެންގެ ކުރިމައްޗަށް އޭނާގެ ވީޑިޔޯތަކާއި ފޮޓޯތައް ތިލަނުވާނެ ކަމެއްވެސް ނޭނގެއެވެ. އެކަމަކު އެއަށްފަހުގައިވެސް އޭނާ ބަލައިގަންނާނެ އަދި ގަދަރުކުރާނެ އެކުވެރިއަކު ހުރުން މުހިއްމެވެ.

ފޯނު ނަގައި ރާމީންއަށް ގުޅަން އުޅެފައި ހުއްޓާލެވުނީ ކުރީ ދުވަހު ލިބުނު އިންޒާރުގެ މަތިން ހަނދާންވެގެންނެވެ. އެއީ ކޮންމެ މީހަކަށްވިއަސް އޭނާގެ ކުރިމައްޗަށް އައިސް ނުބުނެ އެހެން ބަޔަކު ލައްވާ ބިރުދެއްކި މީހަކަށް ކަންކުރަންކެރޭނެހެން ހިއެއް ނުވެއެވެ. ރާމީންގެ ނަންބަރަށް މާޔާ ގުޅާލިއެވެ. ފޯނު ރިންގުވެފައި ކެނޑިގެންދާއިރު އެ ފޯނު ނުނަގައެވެ.

ގެއަށް އައިސް ފެންވަރާލައިގެން ނިކުންތަނާއި މާޔާގެ މޫނަށް އަނދިރިވާގޮތްވިއެވެ. އެކަމަކު ހިތްވަރަށް އޭނާއަށް އެނދާއި ހަމަޔަށް ދެވުނެވެ. އެނދުގައި އޮށޯވެލާފައި ތެދުވިއިރު މުޅިން ރަނގަޅުވެއްޖެއެވެ. ވަރުބަލިކަމާއި ބަނޑުހައި ހޫނުކަން މާޔާއަށް އިހްސާސްވިއެވެ. އަދި އެއީ ހެނދުނުންފެށިގެން ނުކައި ހުރުމުން ވީކަމެއްކަމުގައި ނިންމާ ސައިތައްޓެއް ބޯންވެގެން ބަދިގެއަށް ދިޔައެވެ.

ކޮފީތައްޓެއް ގިރާފައި މޭޒުމަތީގައި ހުރި ތަށިތަކުގެ މަތި ހިއްލާފައި އޭގައި ހުރީ ކޮން އެއްޗެއްތޯ މާޔާ ބަލައިލިއެވެ. ހަވީރު ސަޔަށް ގެނެސްފައި ހުރި ހެދިކާ ފެނިފައި އޭގެން އެއްޗެއް ނަގައި އެތުވައިލި ފުރަތަމަ އެތިކޮޅު އަރުތެރޭ ޖެހުމުން މޭނުބައިކޮށްފައި އައީ ހޮޑަށެވެ. މާޔާ އޯކޭދެމޭއަޑަށް ޝަރުމީލާ ނިކުމެގެން އައެވެ. މާޔާއަށް ފެންތައްޓެއް އަޅައިދީފައި ބަލީތޯ ޝަރުމީލާ އަހައިލިއެވެ. ހެނދުނުން ފެށިގެން އެއްޗެއް ނުކައި ހުރުމުން ގޭސް އެރީކަމުގައި މާޔާ ބުނެލިއެވެ.

ޝަރުމީލާ އެދުނީ ޑޮކްޓަރަށް ދައްކާލަން ދިއުމަށެވެ. މާޔާ އެއްބަހެއް ނުވިއެވެ.

"މާޔާ ބަލިވީތަ؟" ޔޫނުސް ގެ އަޑަށް މާޔާ ބަލައިލިއެވެ. އޭނާ ޖަވާބެއް ނުދީ އިސްޖަހައިލިއެވެ. ޔޫނުސް ޝަރުމީލާއަށް ބަލާލާފައި ހިނިތުންވެލިއެވެ. ޝަރުމީލާއަށް ހުރެވުނީ ހިނިތުންވެލަން ނޭނގިފައެވެ. މިއަދު ޑޮކްޓަރު އޮޅުންފިލުވައިދިން ކަންތަކަށްފަހު އޭނާގެ ހިތުގައި ނުއުފެދޭ ޝައްކެއް ނެތެވެ.

ޔޫނުސްގެ މޫނަށް ނުބަލަން އިނދެފައި މާޔާ ކޮފީތަށިން ކޯވަރެއް ބޯލިއެވެ. މިފަހަރުވެސް އޭނާގެ އަރުތެރޭ ކޮފީގެ ރަހަޖެހުމުން މޭނުބައިކޮށްލާފައި ހޮޑުލެވުނެވެ. މާޔާއަށް ފެންތަށި ދިއްކޮށްލައިގެން ހުރި ޝަރުމީލާގެ ބޮލުގައި ރިއްސާލިއެވެ. މާޔާގެ އަތުގައި ހިފައިގެން ކޮޓަރި އާއި ދިމާލަށް ޝަރުމީލާ ހިނގައިގަތެވެ.

"މަންމާ" ކޮޓަރިއަށް ވަނުމަށްފަހު މާޔާއަށް ގޮވާލެވުނެވެ. އޭނާ ކިޔައިދެންޖެހޭ ވަރަށް ގިނަ ވާހަކަތަކެއް އެބަހުއްޓެވެ. އޭނާއަށް ސިކުނޑީގައި އެކަން ގެންނާނެގޮތެއް ތަރުތީބުކުރާނެ ގޮތެއް ނޭނގުނެވެ. ޝަރުމީލާ ގޮސް ހާވަންފެށީ މާޔާ ގެންގުޅޭ ފަސްޓްއެއިޑްފޮއްޓެވެ. އޭގެތެރެއިން ފެނުނު ބޭސްކަރުދާސްތަކަށް ޝަރުމީލާ ބަލައިލިއެވެ. މާޔާ އެއްޗެހި ހޯދަނީ ކިހިނެއްކަމެއް އޭނާއަކަށް ނޭނގުނެވެ.

މާޔާ ދެވަނަ ފަހަރަށް މަންމައަށް ގޮވާލުމުން ޝަރުމީލާ އަތް އުފުލައިލީ ހުއްޓާލާށޭ ބުނާ ފަދައިންނެވެ. ޝަރުމީލާ އެނބުރުނުއިރު އޭނާގެ އަތުގައި ހުރި ބޭސްކާޑުތައް ފެނިފައި މާޔާއަށް ދެލޯބޮޑުކޮށްލެވުނެވެ. އެއީ އެއްރެއަކު ޔޫނުސް ގެނެސްދިން އެއްޗެހިތަކެކެވެ. ކޮންމެ ރެއަކު އޭގެން ގުޅައެއް ކާށޭ ބުންޏެވެ. އެއީ ދޭތެރެ ދުރުކުރާ ބޭސްކަން މާޔާއަށް އެނގެއެވެ. އެކަމަކު ޔޫނުސް ބުނި ފަދައިން އޭނާ ކޮންމެ ރެއަކު ބޭހެއް ނުކައެވެ.

މާޔާ އަށް ސިހިފައި އޭނާގެ ބަނޑުގައި އަތްޖައްސާލެވުނެވެ. ދުވަހުގެ ތާރީޚާއި މެދު ވިސްނާލެވުމުން އޭނާގެ ހިތުގައިވެސް އުފެދުނީ އެންމެ ސުވާލެކެވެ. އޭނާ ބަނޑުބޮޑުވީބާއޭ ހިތަށް އެރުމުން އޭނާގެ ދެލޮލުން ހޯސްލާފައި އައީ ކަރުނައެވެ. ޝަރުމީލާ އައިސް މާޔާގެ ދެކޮނޑުގައި ހިފަހައްޓާލިއެވެ.

"ބަނޑުބޮޑީތަ؟" ހަރުކަށިކަމާއި އެކު މާޔާ ކައިރީ ޝަރުމީލާ އަހައިލިއެވެ.

"މަންމަ ކައިރީ ބުނަންވެފައި އެބައޮތް ވަރަށް ބޮޑު ވާހަކައެއް؟" މާޔާއަށް ގިސްލެވުނެވެ. އޭނާ އިސްއުފުލައިލިއިރު ޝަރުމީލާ ހީވަނީ ރުޅި އައިސް ހަލާކުވެދާނެހެންނެވެ. (ނުނިމޭ)

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
11
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *