އެމެރިކާގެ ނިއު ޔޯކްގައި ބާއްވާ ދުނިޔޭގެ އެންމެ މަޝްހޫރު ކެއުމުގެ މުބާރާތުގެ ފިރިހެނުންގެ ބައިން އެމެރިކާގެ ޖޯއި ޗެސްޓްނަޓް ޗެމްޕިއަންކަން ދިފާއުކުރިޔަސް މި ދުވަސްވަރު ހޫނު ގަދަކަމުން އޭނާއަށް ކެވުނު ހޮޓް ޑޯގްގެ އަދަދު މަދުވެއްޖެއެވެ.
އަހަރަކު އެއް ފަހަރު، އެމެރިކާގެ މިނިވަން ދުވަހާ ގުޅުވައިގެން، 1916 އިން ފެށިގެން މޭޖާ ލީގް އީޓިންއިން އިންތިޒާމްކުރާ އަދި އީ.އެސް.ޕީ.އެންއިން ލައިވްކޮށް ދުރަށް ދައްކާ ނޭތަން ހޮޓް ޑޯގް ކެއުމުގެ ފެސްޓިވަލްގައި، މި ދިޔަ ހޮނިހިރު ދުވަހު އުމުރުން 42 އަހަރުގެ ޗެސްޓްނަޓަށް 10 މިނެޓް ތެރޭގައި ކެވުނީ 66 ހޮޓް ޑޯގްއެވެ.
މި ދިޔަ އަހަރު އޭނާ 70.5 ހޮޓް ޑޯގް ކެއެވެ. މިއީ އޭނާ ޗެމްޕިއަންކަން ހޯދި 18 ވަނަ ފަހަރެވެ.
"އަހަރެންނަށް ކުރިން ވެސް އެނގޭ އަހަރެންނަށް ކާމިޔާބު ކުރެވޭނެކަން. އެކަމަކު އަހަރެންނަށް ކުރިން ވެސް އެނގޭ އަހަރެންގެ ކުރީގެ ރެކޯޑު މުގުރައިނުލެވޭނެކަން،" މުބާރާތް ކާމިޔާބު ކުރުމަށްފަހު ޗެސްޓްނަޓް އީ.އެސް.ޕީ.އެންއަށް ބުންޏެވެ.
އޭނާ ބުނީ އެމެރިކާގެ އިރުމަތީ ސަރަހައްދަށް މި ފަހަރު ކުރިމަތިވެފައިވާ، ތާރީހުގައި ވެސް ހޫނުގަދަ ކަމަށް ފާހަގަކުރެވޭ މި ދުވަސްވަރުގައި އޭނާއަށް ކުރީގެ ރެކޯޑު މުގުރައިނުލެވުނީ ކަމަށެވެ.
ހޮނިހިރު ދުވަހު މެންދުރު ހޫނުމިން ހުރީ 38 ޑިގްރީ ސެލްސިއަސްގައެވެ. އަދި ހިއުމިޑިޓީ ވެސް މައްޗެވެ. އެ ކަމުގެ ސަބަބުން ހޮޓް ޑޯގްތަކުގެ ޓެކްސްޗަރަށް ވެސް ހުރީ ބަދަލު އައިސްފައެވެ.
ހޫނު ގަދަވުމުގެ ސަބަބުން ޗެސްޓްނަޓްގެ ފިޓްކަން ވެސް ހުރީ ދަށުގައި ކަމަށް އޭނާ ބުންޏެވެ. މުބާރާތް ތެރޭގައި އެއް ފަހަރަކު އޭނާގެ ނިތްކުރިން ދާ ހިތްލައި، ނޭފަތު ކުރިން އެ ދާ ފައިބައިގެން ގޮސް އޭނާ ކަމުންދިޔަ ހޮޓް ޑޯގަށް އެ ދާ އެޅުނެވެ.
"އަހަރެން އުޒުރެއް ހޯދާކަށް ނޫޅެން، އެކަމުވެސް ހަމަ ބުނާނީ ހޫނު ގަދަކަމުން އަހަރެންގެ ކެއުމުގެ ދުވެލި މަޑުވިކަމަށް،" ޗެސްޓްނަޓް ބުންޏެވެ.
މުބާރާތުގެ ފިރިހެނުންގެ ބައިން މި ފަހަރު ދެވަނައަށް ދިޔައީ 2024 ގެ ޗެމްޕިއަން، އުމުރުން 41 އަހަރުގެ އެމެރިކާގެ ޕެޓްރިކް ބާޓަލެޓީއެވެ. އޭނާއަށް ކެވުނީ 51 ހޮޓް ޑޯގްއެވެ.
މުބާރާތުގެ އަންހެނުންގެ ބައިން އުމުރުން 40 އަހަރުގެ އެމެރިކާގެ މީކީ ސޫޑޯ އޭނާގެ ޗެމްޕިއަންކަން ދިފާއުކުރިއެވެ. އެއީ 38.75 ހޮޓް ޑޯގް ކައިގެންނެވެ. މި އަހަރާ ލައިގެން 12 ވަނަ ފަހަރު މުބާރާތް ކާމިޔާބުކޮށްފައިވާ ސޫޑޯއަށް މި ދިޔަ އަހަރު ޗެމްޕިއަންކަން ލިބުނީ 33 ހޮޓް ޑޯގް ކައިގެންނެވެ. އޭނާވަނީ 2014 އިން ފެށިގެން، 2021 ގައި ފިޔަވާ، ޗެމްޕިއަންކަން ހޯދައިފައެވެ. އެ އަހަރު އޭނާ ބަލިވެއިނުމުގެ ސަބަބުން މުބާރާތުގައި ބައިވެރިއެއްނުވެއެވެ.
މުބާރާތުގެ ފިރިހެން އަދި އަންހެން ޗެމްޕިއަނުންނަށް، ކޮންމެ މީހަކަށް 10،000 ޑޮލަރު (154،200ރ.) އިނާމުގެ ގޮތުގައި ދެއެވެ. މީގެ އިތުރުން ހަތަރުވަނައަށް އަންނަ މީހާއާ ހަމައަށް ވެސް ފައިސާގެ އިނާމު ދެއެވެ.



advertisment