ބަނގްލަދޭޝްއަށް ބޯކޮށް ވާރޭވެހި ބިންގަނޑު ކަނޑައިގެން ދިއުމުގެ ސަބަބުން ނުވަ މީހުން މަރުވެއްޖެއެވެ. މީގެ ތެރޭގައި މިޔަންމާގެ އަސްކަރީ އަނިޔާވެރިކަމުން ސަލާމަތްވާން ބަނގްލަދޭޝްއަށް ހިޖުރަކުރި ރޮހިންގްޔާ ދަރިކޮޅުގެ އަށް މީހުން ހިމެނޭ ކަމަށް އޮފިޝަލުން ބުންޏެވެ.
ދުނިޔޭގެ އެންމެ ބޮޑު ރެފިއުޖީ ކޭމްޕް ކަމަށްވާ ބަނގްލަދޭޝްގެ ކޮކްސަސް ބަޒަރު ސިޓީގައި ރޮހިންގްޔާގެ ރެފިއުޖީ ކޭމްޕްތައް ހުންނައިރު ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ފަރުބަދަތަކުގެ އަރިމަތިން ބިންގަނޑު ކަނޑައިގެންދިއުމުގެ ހާދިސާތަކުގައި، 2021 އާއި 2026 އާ ދޭތެރޭ ރޮހިންގްޔާގެ 36 ރެފިއުޖީން މަރުވެފައިވާ ކަމަށް އދ.ގެ ރެފިއުޖީންނާ ބެހޭ އެޖެންސީން ކުރިން ބުނެފައިވެއެވެ.
މިޔަންމާގެ އަސްކަރީ އަނިޔާވެރިކަމުން ސަލާމަތްވާ ބަނގްލަދޭޝްއަށް 2017 ގައި ހިޖުރަކުރި މިލިއަނަކަށްވުރެ ގިނަ ރޮހިންގްޔާ ރެފިއުޖީން ތޮއްޖެހިފައިވާ ރެފިއުޖީ ކޭމްޕްތަކުގައި ކޮކްސަސް ބަޒަރުގައި ދިރިއުޅޭއިރު، ހަތަރު ސަރަހައްދެއްގައި އާދީއްތަ ދުވަހާއި އިއްޔެ ބިންގަނޑު ކަނޑައިގެންދިއުމުން މަރުވި ރެފިއުޖީން ތެރޭގައި ކުޑަކުދިންނާއި އަންހެނުން ހިމެނެއެވެ. އަދި ހިޔާތައް މައްޗަށް ކިސަޑު ފޭބުމުން ގިނަ އަދަދަކަށް މީހުން ޒަހަމްވެފައިވާ ކަމަށް ވެސް އޮފިޝަލުން ބުންޏެވެ.
ބަނގްލަދޭޝް މީހާ މަރުވީ އޭނާގެ ގެ މައްޗަށް ބިންގަނޑު ކަނޑައިގެން ގޮސް ފަސްއެޅުމުންނެވެ.
ކުރިއަށް އޮތް ދުވަސްތަކުގައި ވެސް ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކޮށްފައިވާތީ ރަސްމީ އިދާރާތަކުން މިހާރު ވަނީ 1،000 އެއްހާ ރޮހިންގްޔާ ރެފިއުޖީން ސަލާމަތްތެރި ހިސާބުތަކަށް ބަދަލުކޮށްފައެވެ. އަދި އިތުރު އެތައް ހާސް ރޮހިންގްޔާ ރެފިއުޖީން ވެސް ސަލާމަތްތެރި ތަންތަނަށް ގެންދަން ރާވައިފައިވެއެވެ.
"މަރުވި ހަތް މީހެއްގެ ހަށިގަނޑު ހޯދުނީ މީހުން ސަލާމަތް ކުރުމުގައި އުޅުނު ޓީމުތަކަށް. އެހެން މީހެއްގެ ހަށިގަނޑު ހޯދުނީ ރޮހިންގްޔާ ރެފިއުޖީންނަށް،" ބަނގްލަދޭޝްގެ މަދަނީ ދިފާއުގެ އޮފިޝަލެއް ކަމަށްވާ ދުއްލަރު ތުރިޕުރަ ބުންޏެވެ.
ސަލާމަތްވި ރޮހިންގްޔާ ރެފިއުޖީއެއް ކަމަށްވާ އަލީ އަހްމަދު ބުނީ އޭނާގެ މައިންބަފައިންނާއި ފިރިހެން ކޮއްކޮ މަރުވީ ނިދައިފައި އޮއްވާ، ހިޔާގެ މައްޗަށް ފަސްއެޅުމުން ކަމަށެވެ.
"އަހަރެމެން 2017 ގައި މިޔަންމާއިން ފިލައިގެން އައީ އަނިޔާވެރިކަމުން ސަލާމަތްވާން. މިހާރު މި ތާނގައި އަހަރެންގެ އާއިލާ ވެސް އަހަރެންނަށް ގެއްލިއްޖެ. އަހަރެންގެ ކުރިމަގު އޮތް ގޮތެއް ނޭނގޭ،" އޭނާ ބުންޏެވެ.
ރެފިއުޖީ ކޭމްޕްތަކުގެ ހިޔާތައް ހަދައިފައި ހުންނަނީ ބެމްބޫ އޮނާއި ޕްލާސްޓިކް ޝީޓުން، ޖަންގަލި ނައްތައިލައިފައިވާ ފަރުބަދަމަތީ ސަރަހައްދުތަކުގައި ކަމަށްވާތީ ކޮންމެ އަހަރެއްގެ ވިއްސާރަ މޫސުމުގައި ފެންބޮޑުވުމާއި ބިންގަނޑު ކަނޑައިގެންދިއުމުގެ ނުރައްކަލަށް ރެފިއުޖީ ކޭމްޕްތައް ހުށަހެޅެއެވެ.
ރޮހިންގްޔާ ދަރިކޮޅަކީ މިޔަންމާއިން 1982 ގައި ފާސްކުރި ރައްޔިތުކަމުގެ ގާނޫނުގެ ދަށުން އެ ގައުމުގެ ރައްޔިތުކަން ނިގުޅައިގަތުމުން ދުނިޔޭގައި ގައުމެއް ނެތް އެންމެ ބޮޑު އެއް އާބާދީއެވެ. އަދި އެ މީހުން ނިސްބަތްވާ މިޔަންމާގެ ބުދިސްތު އަޣްލަބިއްޔަތު އޮތް އަރަކަން ނުވަތަ ރަކީން ސްޓޭޓްގެ ހަނގުރާމަވެރިން ވެސް ރޮހިންގްޔާއާ ދެކޮޅަށް އަނިޔާވެރިކަން ހިންގާތީ ރޮހިންގްޔާ މީހުން ބޯޑަރު ހުރަސްކޮށް ބަނގްލަދޭޝްއަށް ހިޖުރަކުރީއެވެ. މިޔަންމާ ސަރުކާރާއި ރަކީން ސްޓޭޓްގެ ހަނގުރާމަވެރިން ވެސް ގަބޫލުކުރަނީ ރޮހިންގްޔާއަކީ ބަނގްލަދޭޝްއިން މިޔަންމާއަށް ހިޖުރަކުރި މުސްލިމުން ކަމަށެވެ.
ރަކީން ސްޓޭޓް މިނިވަން ދައުލަތަކަށް ހަދަން މަސައްކަތްކުރާ ރަކީންގެ ހަނގުރާމަވެރިންނާ މިޔަންމާ ސިފައިންނާ ދެމެދު ހަމަލާ ބަދަލުކުރުން މިހާރު އިތުރުވެފައިވާތީ ރަކީނުން އިތުރު ރޮހިންގްޔާ މީހުން ބަނގްލަދޭޝްއަށް ހިޖުރަކޮށްފާނެތީ ބަނގްލަދޭޝްއިން ދަނީ އެ ގައުމުގެ ބޯޑަރު މޮނިޓަ ކުރަމުންނެވެ.



advertisment