ހުޅަނގު އައްސޭރީގައި ދިރިއުޅޭ ފަލަސްތީން މީހުންގެ ސަރަހައްދުތަކާ އިރުމަތީ ގުދުސް އެކަހެރިކޮށްލާ މަޝްރޫއެއް އިސްރާއީލުގެ ސަލާމަތީ ކެބިނެޓުން ފާސްކޮށްފިއެވެ.
ބުރާސްފަތި ދުވަހު ފާސްކުރި މަޝްރޫއުގައި ޔަހޫދީން ދިރިއުޅުމަށް 13 ސަރަހައްދެއް ކަނޑައެޅިއެވެ.
"ބިންޔާމީން ސެޓްލްމަންޓް ބްލޮކް ނަމަކަށް ކިޔާ ޕްލޭންގެ މަސައްކަތްތައް ކުރިއަށްގެންދާނީ ފިޔަވަހިތަކަކަށް ބަހައިލައިގެން،" އިސްރާއީލުން ބުންޏެވެ.
މި މަޝްރޫއު ފާސްކުރުމުން އިސްރާއީލުގެ މާލީ ވަޒީރު ބެޓްސަސެލް ސްމޯޓްރިޗް އެ ކަމަށް މަރުހަބާ ކިޔެވެ.
"މަޝްރޫއުގެ ސަބަބުން އެ ސަރަހައްދުގެ ޔަހޫދީ ކޮމިއުނިޓީތައް ވަރުގަދަވާނެ. ހުޅަނގު އައްސޭރީގައި ޔަހޫދީން ދުރު ކުރިމަގެއްގައި ތިބުމަށް މަގުފަހިވާނެ،" އޭނާ ބުންޏެވެ.
ގުދުސްގެ ގަވަރުނަރޭޓުން ބުނީ މި މަޝްރޫއުގެ ބޭނުމަކީ ފަލަސްތީން ރައްޔިތުން ދިރިއުޅޭ ސަރަހައްދުތައް އެއްތަނާ އަނެއްތަނާ ވަކިކޮށްލުން ކަމަށެވެ.
ހުޅަނގު އައްސޭރީގައި ވެރިކަންކުރާ ފަލަސްތީން އޮތޯރިޓީ (ޕީ.އޭ)އިން މި މަޝްރޫއު ފާސްކުރުމުން އެ ކަން ކުށްވެރިކުރިއެވެ.
"މި ކަމުގެ ސަބަބުން އިރުމަތީ ގުދުސް ވެރިރަށުގެ ގޮތުގައި ހަމަޖައްސައިފައިވާ ފަލަސްތީންގެ ދައުލަތެއް ކުރިމަގުގައި ގާއިމުކުރަން ހުރަސްއެޅޭނެ،" ޕީ.އޭއިން ބުންޏެވެ.
ހުޅަނގު އައްސޭރީގައި ޔަހޫދީން ވަޒަންވެރިކުރުވުމަކީ ބައިނަލްއަގުވާމީ ގާނޫނާ ހިލާފު ކަމެއް ކަމަށް ބެލެވުނަސް އިސްރާއީލުން އެ ގޮތަކަށް ނުދެކެއެވެ.
ފަލަސްތީން ހިންގާ ވެރިރަށް، ހުޅަނގު އައްސޭރީގެ ރާމަﷲ ސިޓީގައި ހުންނަ، އިސްރާއީލާ ބެހޭ ކަންތައްތައް މިނިވަންކޮށް ދިރާސާކުރާ ފަލަސްތީނިއަން ފޯރަމް ފޮ އިސްރާއީލީ ސްޓަޑީސްއިން ހާމަކުރި އާ ތަފާސްހިސާބްތައް ދައްކައި ގޮތުގައި ހުޅަނގު އައްސޭރީގައި ޔަހޫދީން ވަޒަންވެރިކުރުވުން ފަހުގެ އަހަރުތަކުގައި ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.
އެ ގޮތުން 2012 އާއި 2022 އާ ދޭތެރޭ، ޔަހޫދީން ދިރިއުޅުމަށް ހުޅަނގު އައްސޭރީގައި ގާއިމުކުރި ސަރަހައްދުތަކުގެ ނިސްބަތް އުޅުނީ އަހަރަކު އަށެއްގައެވެ. ނަމަވެސް 2023 ގައި އެ އަދަދު 32 އަށް އިތުރުކޮށް، 2024 ގައި 62 އަށް އިތުރުކޮށް، މި ދިޔަ އަހަރުވަނީ 86 އަށް އިތުރުކޮށްފައެވެ.
މި ކަމަށް އިސްރާއީލު ސަރުކާރުން ވަނީ ބޮޑެތި ހަރަދުތަކެއްކޮށްފައެވެ. އެ ގޮތުން 2023 ގައި 7.5 މިލިއަން ޑޮލަރު (115.95 މިލިއަން ރުފިޔާ) އަދި 2024 ގައި 20 މިލިއަން ޑޮލަރު (309.2 މިލިއަން ރުފިޔާ) ހޭދަކޮށްފައިވާއިރު، ޔަހޫދީން ވަޒަންވެރިކުރުވާ 70 ސަރަހައްދު ގާއިމުކުރަން ފަންޑު ދޭން ވަނީ ހަމަޖައްސައިފައެވެ.



advertisment