Support Us

ޣައްޒާގައި ސުންނާފަތި ކޮށްލައިފައިވާ އިމާރާތެއްގެ ގާފުނިތައް މަތީގައި ކުއްޖަކު މަޑުކޮށްލައިގެން

ހަނގުރާމައަށް 1،000 ދުވަސް- ޣައްޒާގެ 90 ޕަސެންޓް ސުންނާފަތިކޮށްލައިފައި، 80 ޕަސެންޓް އިސްރާއީލުގެ ބާރުގެ ދަށުގައި

ޣައްޒާ ހަނގުރާމަ 2023 ގެ އޮކްޓޫބަރު ހަތެއްގައި ފެށުނު ފަހުން 1،000 ދުވަސްވީއިރު، ޣައްޒާގެ 90 ޕަސެންޓް ބިން ވަނީ ސުންނާފަތި ކޮށްލައިފައި ކަމަށްވާއިރު، 80 ޕަސެންޓް ބިން އޮތީ އިސްރާއީލުގެ ބާރުގެ ދަށުގައި ނުވަތަ ޣައްޒާގެ ރަށްވެހިން ގެދޮރު ދޫކޮށްލަން ޖެހޭކަމުގެ އަމުރެއްގެ ދަށުގައެވެ.

އިސްރާއީލުން އިއްޔެ ވަނީ ޣައްޒާ ހަނގުރާމައަށް 1،000 ދުވަސްވުން ފާހަގަކޮށްފައެވެ. އަދި މި ދިޔަ އަހަރު އޮކްޓޫބަރު 10 ގައި، އެމެރިކާއިން މެދުވެރިވެގެން، ޣައްޒާ ހިންގާ ހަމާސްއާއެކު ސީޒްފަޔާއެއްގައި ސޮއިކުރި ނަމަވެސް، ޣައްޒާއަށް ހަމަލާދިނުން ކުރިއަށްގެންދާތީ، 73،066 މީހުން ޝަހީދުވެއްޖެ ކަމަށް ޣައްޒާ ސަރުކާރުގެ މީޑިއާ އޮފީހުން އިއްޔެ ނެރުނު ބަޔާނެއްގައި ބުންޏެވެ. އެއީ ސީޒްފަޔާއަށްފަހު ވެސް ދެމުންދާ ހަމަލާތަކުގައި ޝަހީދުވި 1،000 އަށްވުރެ ގިނަ މީހުން ހިމަނައިގެންނެވެ.

ޣައްޒާގައި ޝަހީދުވި މީހުންގެ ތެރެއިން 21،500 އަކީ ކުޑަކުދިންނެވެ. އޭގެ ތެރޭގައި 1،022 ޅަފަތުގެ ކުދިން ހިމެނެއެވެ. އަދި 173،514 މީހުން ޒަހަމްވެފައިވާއިރު، 9،500 މީހުން ގެއްލިފައިވެއެވެ. އޭގެ ތެރެއިން ބައިވަރު މީހުން ވަނީ ސުންނާފަތި ކޮށްލައިފައިވާ އިމާރާތްތަކުގެ ގާފުނިތައް ދަށުގައި ކަމަށް ބެލެވެއެވެ.

ޣައްޒާގެ ދެ މިލިއަނަށްވުރެ ގިނަ މީހުން ގެދޮރުން ބޭރުކޮށްލައިފައިވާއިރު ގިނަ އަދަދެއްގެ ގެއާއި ހޮސްޕިޓަލާއި އަސާސީ އިންފްރާސްޓްރަކްޗަރު ވަނީ ސުންނާފަތި ކޮށްލައިފައެވެ.

ޣައްޒާ ހަނގުރާމައިގައި އިސްރާއީލުން ވަނީ 223،000 ޓަނުގެ ގޮވާތަކެތި ޣައްޒާއަށް "އޮއްސައިލައިފަ"އެވެ. މިއީ އެމެރިކާއިން 1945 ގައި ދެވަނަ ބޮޑު ހަނގުރާމަ ނިންމައިލަން ޖަޕާންގެ ހިރޮޝިމާއަށް އެޅި އެޓޮމް ބޮމަށްވުރެ 16 ގުނަ ބާރުގަދަ މިންވަރެކެވެ.

މި ކަމުގެ ސަބަބުން ޣައްޒާގައި އިމާރާތްތައް ސުންނާފަތިވެ، 68 މިލިއަން ޓަނުގެ ގާފުނި އެބަހުރި ކަމަށް ވަނީ އަންދާޒާކޮށްފައެވެ. މީގެ ތެރެއިން ސާފުކުރެވުނީ 310،000 ޓަނުގެ ގާފުންޏެވެ. އެއީ 0.5 ޕަސެންޓަށް ވުރެ ވެސް މަދު އަދަދެކެވެ. އދ.އިން ބުނީ އެ މަޑު ދުވެލީގައި ދަންޏާ ޣައްޒާއިން ގާފުނިތައް ނަގަން 140 އަހަރު ނަގާނެ ކަމަށެވެ.

"އަހަރެމެންގެ ވަސީލަތްތަކާއި އިމާރާތްތަކާއި އަދި އިންފްރާސްޓްރަކްޗަރުގެ ގާތްގަނޑަކަށް 85 ޕަސެންޓާއި 90 ޕަސެންޓާ ދޭތެރޭގެ މިންވަރެއް އަހަރެމެންނަށް ގެއްލިއްޖެ. އަހަރެމެންނަށް އިހްސާސް ކުރެވެނީ ކުރެވޭނެ ކަމެއް ނެތްހެން،" ޣައްޒާ ސިޓީގެ މޭޔަރު ޔަހްޔާ އަލްސައްރާޖު ބުންޏެވެ.

އިސްރާއީލުން ބުނަމުންދަނީ އެ ގައުމުގެ އަސްކަރީ އޮޕަރޭޝަންތައް ހިންގަނީ ހަމާސް ރޫޅައިލުމަށް ކަމަށެވެ. އަދި އޮކްޓޫބަރު 2023 ގެ ހަތެއްގައި ހަމާސްއިން ރަހީނުކުރި ޔަހޫދީން އަނބުރާ ގައުމަށް ގެނައުމަށްޓަކައި ކަމަށެވެ.

"އަހަރެމެން ކުރަމުން މިދާ ހަނގުރާމައިގެ ހުރިހާ އަމާޒުތަކެއް ފުރިހަމަ ކުރެވެންދެން އަހަރެމެންގެ ހަރަކާތްތައް ކުރިއަށްގެންދާނަން،" އިސްރާއީލުގެ އަސްކަރިއްޔާއިން ބުންޏެވެ.

އދ.ގެ އަމީން އާއްމު އެންޓޯނިއާ ގުޓެރެސް ތަކުރާރުކޮށް ގޮވައިލައްވަމުންދަނީ ޣައްޒާއަށް ދެމުންދާ ހަމަލާތައް ވަގުތުން ހުއްޓައިލުމަށެވެ.

"ޣައްޒާގެ ރަށްވެހިން ބަރުދާސްތު ކުރަމުންދާ ވޭން ވަގުތުން ހުއްޓުމަކަށް ގެންނަން ޖެހޭ،" އޭނާ ވިދާޅުވިއެވެ.

ސީޒްފަޔާއާ ހިލާފަށް އިސްރާއީލުން ޣައްޒާގެ އެތައް ބިމެއް ހިފައިފިއެވެ. އަދި ސީޒްފަޔާގައި ބުނާ ގޮތާ ހިލާފަށް ޣައްޒާއަށް ދުވާލަކު ވަންނަން ޖެހޭ އެހީގެ ލޮރީގެ ތެރެއިން އިސްރާއީލުން ހުއްދަ ދީފައިވަނީ ތިންބައިކުޅަ އެއްބައި ލޮރީއަށެވެ.

މި ކަމުގެ ސަބަބުން ޣައްޒާގެ މުޅި އާބާދީ ވަނީ ބަނޑަށްޖެހުމަށް ހުށަހެޅިފައެވެ. ގާތްގަނޑަކަށް 400،000 މީހުންނަށް މިހާރު ލިބެނީ ދުވާލަކު އެންމެ ކެއުމެކެވެ. އަދި އަސާސީ ބޭހުގެ 62 ޕަސެންޓް ސްޓޮކް ވަނީ ހުސްވެފައެވެ.

އދ.އިން ބުނީ ޣައްޒާގެ އިންސާނީ ތަރައްގީ ވަނީ 77 އަހަރު ފަހަތަށް ގޮސްފައި ކަމަށާއި މީހުންގެ އުމުރު ނުވަތަ ދިރިހުންނާނެކަމުގެ ނިސްބަތް (ލައިފް އެކްސްޕެކްޓެންސީ) 40 އަހަރަށް ދަށްވެފައިވާ ކަމަށެވެ.

އޮކްޓޫބަރު 2023 ގެ ހަތެއްގައި ޣައްޒާ ހަނގުރާމަ ފެށުނީ ހަމާސްއިން ބޯޑަރު ހުރަސްކޮށް އިސްރާއީލުގެ ދެކުނު ސަރަހައްދަށް ހަމަލާދީ 1،000 އަށްވުރެ ގިނަ މީހުން މަރައިލައި، 200 އަށްވުރެ ގިނަ މީހުން ރަހީނު ކުރުމުން ކަމަށް ވިޔަސް، އެ ދުވަހުން ފެށިގެން މިހާތަނަށް 5،000 ޔަހޫދީން ވަނީ ޣައްޒާ ބޯޑަރު ކައިރީގައި އިސްރާއީލުގެ ދެކުނު ސަރަހައްދުގައި ދިރިއުޅެން ފަށައިފައެވެ. ހަނގުރާމަ ފެށުމުގެ ކުރިން މަދުވެގެން 62،000 ޔަހޫދީން އެ ތަނުގައި ދިރިއުޅުނެވެ. ގާތްގަނޑަކަށް 90 ޕަސެންޓް ޔަހޫދީން މިހާރު ވަނީ އަނބުރާ އެ ސަރަހައްދަށް ގޮސްފައެވެ. އިސްރާއީލު ސަރުކާރުން ބޭނުންވަނީ 2030 އާ ހަމައަށް އެ ސަރަހައްދުގައި 124،000 ޔަހޫދީން ދިރިއުޅޭށެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *