Support Us

ހުރުމުޒު ކަނޑުއޮޅީގައި އުޅަނދުފަހަރު

ދާއިމީ ސުލްހައިގެ ޑީލަކާ ހިސާބަށް ނުފޯރާ ގަތަރުގައި އީރާނާއި އެމެރިކާއާ ދެމެދު ބޭއްވި ވާހަކަތައް ނިމުމަކަށް

ދާއިމީ ސުލްހައިގެ ޑީލަކާ ހިސާބަށް ނުފޯރާ ގަތަރުގައި އީރާނާއި އެމެރިކާއާ ދެމެދު ބޭއްވި ވާހަކަތައް ނިންމައިލައިފިއެވެ.

ނަމަވެސް ދެ ގައުމުގެ ދެމެދުގައި ކުރިއަށްގެންދާ ވާހަކަތަކަށް "ރަނގަޅު ކުރިއެރުމެއް" ލިބުނު ކަމަށް ގަތަރުގެ އޮފިޝަލުން އިއްޔެ ބުންޏެވެ.

ދެ ގައުމުގެ ދެމެދުގައި ވާހަކަތައް އަލުން ކުރިއަށް ގެންދަން ހަމަޖެއްސީ، ފެބްރުއަރީ 28 ގައި އެމެރިކާ-އިސްރާއީލު އިއްތިހާދުން އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގައި ހަމަ އެ ދުވަހު ދިން ހަމަލާގައި އަވަހާރަކޮށްލި އީރާންގެ ސުޕްރީމް ލީޑަރ އަލީ ހާމަނާއީ އަންނަ ބުރާސްފަތި ދުވަހު ފަސްދާންލައިފައި ކަމަށް އޮފިޝަލުން ބުންޏެވެ.

ގަތަރުގައި ނިންމައިލި މަޝްވަރާތައް ފޯކަސްކުރީ މި ދިޔަ މަހު 17 ގައި، ދާއިމީ ސުލްހައިގެ ޑީލަކަށް މަގުފަހިކުރަން އީރާނާއި އެމެރިކާއިން ސޮއިކުރި ސުލްހައިގެ ފަހުމްނާމާގައިވާ ކަންތައްތައް ތަންފީޒުކުރާނެ ގޮތަކާމެދުއެވެ. އޭގެ ތެރޭގައި، ދުނިޔޭގެ ފަސްބައިކުޅަ އެއްބައި ތެޔޮ ދަތުރުކުރާ، އީރާންގެ ބާރުގެ ދަށުގައި އޮންނަ ހުރުމުޒު ކަނޑުއޮޅިން އުޅަނދުފަހަރަށް ދަތުރުކުރެވޭނެ އުސޫލުތަކަކާމެދު އީރާނާއި އެމެރިކާއިން އެއްގަލަކަށް އެރުން ހިމެނެއެވެ.

މީގެ އިތުރުން މެދުއިރުމަތީގައި ފުޅާ ދާއިރާއެއްގައި ހަމަޖެހުން ގެނައުމާމެދު ވެސް މަޝްވަރާކުރިއެވެ.

"ވާހަކަތަކަށް ރަނގަޅު ކުރިއެރުމެއް ލިބުނު. އީރާނާއި އެމެރިކާއިން ވެސް ވާހަކަތައް ކުރިއަށްގެންދަން ބޭނުންވޭ،" ގަތަރުގެ ހާރިޖީ ވުޒާރާއިން ބުންޏެވެ.

އީރާންގެ އަސްކަރިއްޔާއިން ބުނީ ހުރުމުޒު ކަނޑުއޮޅީގެ މައްސަލައިގައި އީރާނުން ބޭނުންވާ އުސޫލުތަކާ ހިލާފަށް އެމެރިކާއިން ކަމެއް ކޮށްފިނަމަ އީރާނުން "އަވަސް ރައްދެއް" ދޭނެ ކަމަށެވެ.

އެމެރިކާގެ އޮފިޝަލުން ބުނީ އީރާނާއެކު ވާހަކަތައް ކުރިއަށް ގެންދާނެ ކަމަށެވެ.

"ހައްލުނުކުރެވި ހުރި މައްސަލަތައް ހުއްޓަސް އަހަރެމެން ބޭނުންވަނީ ޑިޕްލޮމެޓިކް ހައްލުތަކެއް،" އެމެރިކާގެ އޮފިޝަލަކު ބުންޏެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *