Support Us

ސިންގަޕޯ އެއާލައިންސް ފްލައިޓެއް ސިންގަޕޫރުގެ ޗަންގި އެއާޕޯޓްގައި

ސިންގަޕޯ އެއާލައިންސް ކެބިން ކްރޫއަކަށް ޖިންސީ ފުރައްސާރަކުރި މީހަކު 6 މަހަށް ޖަލަށް

ތައިލެންޑުން ސިންގަޕޫރަށް ދަތުރުކުރި ސިންގަޕޯ އެއާލައިންސްގެ ފްލައިޓެއްގައި އަންހެން ކެބިން ކްރޫއަކަށް ޖިންސީ ފުރައްސާރަކުރި އިންޑިއާ މީހަކު ހަ މަހަށް ޖަލަށް ލާން ހުކުމްކޮށްފިއެވެ.

އުމުރުން 35 އަހަރުގެ އާކާޝް ތިވާރީ، ކެބިން ކްރޫއަށް ލިބުނު ނަފުސާނީ އަދި ޖިސްމާނީ ގެއްލުމަށް ކެބިން ކްރޫއަށް 1،270.95 ސިންގަޕޫރު ޑޮލަރު (982 އެމެރިކާ ޑޮލަރު ނުވަތަ 15،142ރ.) ބަދަލުގެ ގޮތުގައި ދޭން ވެސް ސިންގަޕޫރު ކޯޓަކުން މި ދިޔަ ހޯމަ ދުވަހު ހުކުމްކުރިއެވެ. މި ބަދަލު ނުދީފިނަމަ އިތުރު ފަސް ދުވަސް ޖަލުގައި ހޭދަކުރަން ޖެހެއެވެ.

ތިވާރީ ވަނީ ކެބިން ކްރޫގެ ގައިގައި އަތްލައި، ހީ ހެދި ކަމަށް އިއުތިރާފުވެފައެވެ.

ފެބްރުއަރީ މަހުގެ އެ ފްލައިޓްގައި ތިބި ތިވާރީގެ ރަހްމަތްތެރިން ވެސް ވަނީ ތިވާރީ ކެބިން ކްރޫއަށް ފުރައްސާރަ ކުރުމުން އެ ކަމަށް ހިތްވަރު ދީ ހީ ހަދައިފައެވެ.

ކޯޓުން ވަނީ ކެބިން ކްރޫ ނިސްބަތްވާ ގައުމާއި އޭނާއާ ބެހޭ އެހެން މައުލޫމާތުތައް ވެސް ހާމަނުކުރަން މީޑިއާއަށް އަމުރުކޮށްފައެވެ. ހަމައެކަނި ހާމަކުރަން ހުއްދަ ދިން މައުލޫމާތަކީ އެއީ އަންހެން ކެބިން ކްރޫއެއް ކަމެވެ.

"ކެބިން ކްރޫއަށް ވަނީ ނަފުސާނީ ގޮތުން އަސަރުކޮށްފައި. ގައިގައި އަތްނުލާން އެދުމުން ވެސް ތިވާރީ ވަނީ މާފަށް އެދުމުގެ ބަދަލުގައި މަލާމާތުގެ ޒާތަކަށް ހީލާފައި. އެ ކަމުގެ ސަބަބުން ކެބިން ކްރޫއަށް އިތުރަށް ހާސްކަން ލިބުނު،" ކޯޓުގައި ޕަބްލިކް ޕްރޮސެކިއުޓަރު ލިންޑާ ލީ ބުންޏެވެ.

ތިވާރީ ވަނީ ކެބިން ކްރޫގެ ފަހަތުން ގޮސް މަތިންދާބޯޓުގެ ބަދިގެ ހުންނަ ސަރަހައްދުގައި ކެބިން ކްރޫ އެހެން ތަނަކަށް ނުދެވޭނެ ގޮތަށް ކެބިން ކްރޫއަށް ހުރަސްއަޅައިފައެވެ. އަދި މި ކަމުގެ ސަބަބުން ކެބިން ކްރޫއަށް ހާސްކަން ލިބި، ރޮވުނު ކަމަށް ޕްރޮސެކިއުޓަރުން ބުންޏެވެ.

ތިވާރީ ހައްޔަރުކުރީ ފްލައިޓް ސިންގަޕޫރުގެ ޗަންގި އެއާޕޯޓަށް ޖެއްސިތަނާއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *