ވެނެޒުއެލާއަށް ބުރާސްފަތި ދުވަހު އައި ދެ ބިންހެލުމާއި އޭގެ އާފްޓަޝޮކްތަކުން ލިބުނު ގެއްލުންތަކުން މީހުން ސަލާމަތްކުރަން އެހީ ލިބުން ލަސްކަމަށް ރައްޔިތުން ބުނަން ފަށައިފިއެވެ.
"އަހަރެމެންނަށް ބޭނުންވަނީ ހެވީ މެޝިނަރީ. އަތުން ކޮނުމެއް ނޫން،" ރަށްވެއްސަކު އެސޯސިއޭޓަޑް ޕްރެސް ނޫސް އެޖެންސީއަށް ބުންޏެވެ.
ދެ ބިންހެލުމުގެ ސަބަބުން ވެރިރަށް ކަރަކަސް އާއި އައްސޭރިފަށުގައި އޮންނަ ލަ ގުއޭރާ ސްޓޭޓަށް ބޮޑެތި ގެއްލުންތައް ލިބި އެތައް ބަޔަކު މަރުވިއެވެ. އެ ގޮތުން އޮފިޝަލުން ބުނީ މަރުވި މީހުންގެ އަދަދު މިހާރު 920 އަށް އަރައިފައިވާ ކަމަށާއި ޒަހަމްވި މީހުންގެ އަދަދު 3،300 އަށް އަރައިފި ކަމަށެވެ.
"މީގެ އިތުރުން އެތައް ހާސް ބަޔަކު ވަނީ ގެއްލިފައި،" އޮފިޝަލަކު ބުންޏެވެ.

މީހުން ސަލާމަތްކުރާ ޓީމުތަކާއި ވޮލަންޓިއަރުން ދަނީ ވެއްޓިފައިވާ އިމާރާތްތައް ދަށުން މީހުން ސަލާމަތްކުރުމުގެ މަސައްކަތް އަވަސް ކުރެވޭތޯ ބަލަމުންނެވެ. އެއީ ވަގުތު އޮއްވައި މީހުން ސަލާމަތް ކުރެވޭތޯއެވެ.
ވަގުތީ ރައީސް ޑެލްސީ ރޮޑްރީގެސް ވިދާޅުވީ ގައުމީ ފެންވަރުގައާއި ބައިނަލްއަގުވާމީ މުޖުތަމައުގެ އެހީގައި މީހުން ސަލާމަތް ކުރުމުގެ މަސައްކަތް ވިލަރެސް ކުރަމުންދާ ކަމަށެވެ.
"މީހުން ސަލާމަތް ކުރުމަށާއި މި ކާރިސާގެ އަސަރު ކޮށްފައިވާ އާއިލާތަކަށް އެހީވުމަށް ރަހްމަތްތެރި ގައުމުތަކާއި އިންސާނީ އެހީ ދޭ ޕާޓްނަރުންނާއެކު އަހަރެމެން މި ދަނީ މަސައްކަތް ކުރަމުން،" އޭނާ ވިދާޅުވިއެވެ.
ވެއްޓިފައިވާ އިމާރާތްތަކުގެ ދަށުން މީހުން ސަލާމަތް ކުރެވޭނެ ވަގުތު ކުޑަތަންވަމުން ދިޔަސް އަވަށްޓެރި ގައުމުތަކާއި ބައިނަލްއަގުވާމީ މުޖުތަމައުން ވެސް ދަނީ މީހުން ސަލާމަތްކުރާ ޓީމްތަކާއި އެހެނިހެން އެހީ ފޮނުވަމުންނެވެ.
ވެނެޒުއެލާގައި ވަނީ ކުއްލި ހާލަތު އިއުލާންކޮށްފައެވެ.



advertisment