އިސްރާއީލު ސިފައިން ޣައްޒާގައި ކުޑަކުއްޖެއް، އަދި ހުޅަނގު އައްސޭރީގައި މީހަކު ޝަހީދުކޮށްލައިފިއެވެ.
އިއްޔެ ޣައްޒާގައި ފަލަސްތީން މީހުން ދިރިއުޅޭ، ރައްކާތެރި ސަރަހައްދެއް ކަމަށް އިސްރާއީލުން ކަނޑައަޅައިފައިވާ ސަރަހައްދެއްގައި ހުރި ޓެންޓަކަށް ޑްރޯނުން ހަމަލާއެއްދީ ޝަހީދުކޮށްލީ އަހްމަދު ނަމަކަށް ކިޔާ އުމުރުން 12 އަހަރުގެ ކުއްޖެކެވެ. އެ ހަމަލާގައި ހަތް މީހުން ޒަހަމް ވެސް ވިއެވެ.
ހުޅަނގު އައްސޭރީގައި އަސްކަރީ އޮޕަރޭޝަނެއްގައި އިސްރާއީލު ސިފައިން ބަޑިޖަހައި މަރައިލީ އުމުރުން 29 އަހަރުގެ މުހައްމަދު ނާޒިމު ޒައިދުއެވެ.
"އޭނާ (ޒައިދު)ގެ ހަށިގަނޑު އިސްރާއީލު ސިފައިން ހިފަހައްޓައިގެން އުޅެނީ،" ފަލަސްތީންގެ ސިއްހީ ވުޒާރާއިން ބުންޏެވެ.
ޑޮކްޓަރުން ބުނީ އިސްރާއީލުގެ ހަމަލާތަކުގެ ޝިކާރައަކަށްވާ މީހުންނަށް ފަރުވާ ދިނުމަކީ އުނދަގޫ ކަމެއް ކަމަށެވެ. ސަބަބަކީ އިސްރާއީލުގެ ރަސްމީ އިދާރާތަކުން އަދިވެސް އެ ކަން މަނާކޮށް، ސިއްހީ އާލާތްތަކާއި ބޭސް ވެސް ޣައްޒާ ތެރެއަށް ވަނަދިނުމާ ދެކޮޅަށް ހަރުކަށި ފިޔަވަޅުތައް އަޅައިފައިވާތީއެވެ.
އިސްރާއީލު އަސްކަރިއްޔާއިން ބުނީ އަސްކަރީ އޮޕަރޭޝަންތައް ހިންގީ ފަލަސްތީންގެ ހަނގުރާމަވެރި ގްރޫޕްތަކާ ދެކޮޅަށް ކަމަށެވެ. އެއީ ސަލާމަތީ ސަބަބުތަކަށްޓަކައި ކަމަށެވެ.
ދެ އަހަރުވީ ޣައްޒާ ހަނގުރާމަ ހުއްޓައިލަން ޣައްޒާ ހިންގާ ހަމާސް ޖަމާއަތާއެކު އިސްރާއީލުން ގާއިމުކުރި ސީޒްފަޔާއަށްފަހު އިސްރާއީލުން ދެމުންދާ ހަމަލާތަކުގައި މިހާތަނަށް 1،027 މީހުން ޝަހީދުވެ، 3،280 މީހުން ޒަހަމްވެފައިވެއެވެ. އެހެންކަމުން ޣައްޒާ ހަނގުރާމަ ފެށި ފަހުން މިހާތަނަށް ޖުމުލަ 73،041 މީހުން ޝަހީދުވެ، 173،402 މީހުން ޒަހަމްވެފައިވެއެވެ.



advertisment