Support Us

ހުރުމުޒު ކަނޑުއޮޅީގައި އިއްޔެ އުޅަނދުފަހަރު

އީރާނަށް އެމެރިކާއިން ލުއިތަކެއް

ފެބްރުއަރީ 28 ގައި އެމެރިކާ-އިސްރާއީލު އިއްތިހާދުން އީރާނާ ދެކޮޅަށް ފެށި ހަނގުރާމަ ހުއްޓައިލުމުގެ ފަހުމްނާމާގައި އެމެރިކާ އާއި އީރާނުން ސޮއި ކުރުމަށްފަހު، މެދުއިރުމައްޗަށް ދާއިމީ ހަމަޖެހުން ގެންނަން ޑީލެއް ހަދަން އެއްބަސްވި ދެ މަސް ދުވަހުގެ މަގުޗާޓުގެ ދަށުން އީރާނަށް އެމެރިކާއިން ލުއިތަކެއް ދީފިއެވެ.

ކުރިއަށް އޮތް 60 ދުވަހުގެ ތެރޭގައި އީރާންގެ ސާފުނުކުރާ ތެޔޮ ވިއްކަން ވަގުތީ ހުއްދައެއް އެމެރިކާއިން ދީފިއެވެ. އަދި އީރާންގެ ރައްޔިތުންނަށް ބޭނުންވާނެ އިންސާނީ އެހީ ފޯރުކޮށްދިނުމަށާއި އީރާން އަލުން އާރާސްތުކުރަން، ފްރީޒްކޮށްފައިވާ އީރާންގެ އެތައް ބިލިއަން ޑޮލަރު އީރާނަށް ދޫކޮށްލަން ނިންމައިފިއެވެ.

މި ކަން ބަލައިގަންނަ ކަމަށް އީރާންގެ ހާރިޖީ ވަޒީރު އައްބާސް އަރާޣްޝީ ވިދާޅުވިއެވެ.

"އެމެރިކާއާއެކު އަހަރެމެން ދައްކާ ވާހަކަތަކުން ވަރަށް ބޮޑު ކުރިއެރުމެއް ލިބިއްޖެ. އަހަރެމެން ތެޔޮ ބޭރު ކުރަން ހުއްދަ ލިބިއްޖެ. އަހަރެމެންގެ ބަނދަރުތަކަށް އެމެރިކާއިން އަޅައިފައިވާ ހުރަސްތައް ނައްތައިލައިފި. އަދި ފްރީޒްކޮށްފައިވާ އަހަރެމެންގެ ބައެއް އެސެޓްތައް ދޫކޮށްލައިފި،" އޭނާ ވިދާޅުވިއެވެ.

ސްވިޓްޒަލެންޑްގައި ނިންމައިލި ވާހަކަތަކުގެ ފުރަތަމަ ބުރުން، މަގުޗާޓަށް އެއްބަސްވެ، އެ މަގުޗާޓުގެ ދަށުން އެމެރިކާ އާއި އީރާންގެ ގުޅުމަށް ބޮޑެތި ކުރިއެރުންތަކެއް ލިބުނަސް އެމެރިކާ އާއި އީރާނުން ވެސް ބުނީ އީރާންގެ ނިއުކްލިއަ ޕްރޮގްރާމާއި އީރާނާ ދެކޮޅަށް އަޅައިފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކާމެދު އަދި ވަކި ގޮތެއް ނުނިންމާ ކަމަށެވެ.

"އަހަރެމެން އުއްމީދު ކުރަނީ އީރާންގެ ނިއުކްލިއަ ޕްރޮގްރާމް ޗެކު ކުރަން ބައިނަލްއަގުވާމީ އިންސްޕެކްޓަރުންނަށް އީރާނުން އަލުން ހުއްދަ ދޭނެ ކަމަށް،" ވާހަކަތަކުގައި ބައިވެރިވެވަޑައިގަތް އެމެރިކާގެ ނައިބު ރައީސް ޖޭ.ޑީ ވާންސް ވިދާޅުވިއެވެ.

އެމެރިކާއިން އީރާނަށް ލުއިތައް ދިނުމުން، ދުނިޔޭގެ ފަސްބައިކުޅަ އެއްބައި ތެޔޮ ދަތުރުކުރާ، އީރާންގެ ބާރުގެ ދަށުގައި އޮންނަ ހުރުމުޒު ކަނޑުއޮޅިން ހިލޭ ދަތުރުކުރަން އުޅަނދުފަހަރަށް ދެ މަސް ދުވަހުގެ ހުއްދަ އީރާނުން ދީފިއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *