އިންޑޮނޭޝިއާގައި ހިމާޔަތް ކޮށްފައިވާ ގްރީން ބާވަތުގެ 21 ވެލާ ޓްރެފިކް ކުރަނިކޮށް ފުލުހުން އަތުލައިގަންފިއެވެ.
ވެލާތައް އަތުލައިގަތީ ބާލީ ޖަޒީރާގައި މި މަހު 10 ގައި ޖެހި ރެއިޑަކުން ކަމަށް ފުލުހުން ބުންޏެވެ.
މި މައްސަލައިގައި، ހަމައެކަނި ކޭ.އެސްގެ ނަމުން ނަން ހާމަކޮށްފައިވާ، އުމުރުން 67 އަހަރުގެ މީހަކު ވަނީ ހައްޔަރުކޮށްފައެވެ.
"އަހަރެމެން އަދިވެސް މި ދަނީ މި މައްސަލަ ތަހުގީގު ކުރަމުން އަދި މި ވިޔަފާރީގެ ވިއުގައިގައި ހިމެނޭ އެހެން މީހުން ހޯދުމުގެ މަސައްކަތް ކުރަމުން،" ބާލީގެ ސަރަހައްދީ ފުލުހުންގެ ވެރިޔާ ނަނަންގް ޕްރީ ހަސްމޯޖޯ ބުންޏެވެ.
އޭނާ ބުނީ އިންޑޮނޭޝިއާގައި ހައިވާނުން ރައްކާތެރިކުރުމާ ގުޅޭ ގާނޫނުތަކުގެ ދަށުން ކޭ.އެސް 15 އަހަރަށް ޖަލައި، ބޮޑު އަދަދަކުން ޖޫރިމަނާ ކުރުން އެކަށީގެންވާ ކަމަށެވެ.
ފުލުހުން ބުނީ ވެލާތަކަކީ ހައިވާނުން ޓްރެފިކް ކުރާ އޮޕަރޭޝަނެއް ހިންގާ ބައެއް ހިފައިފައިވާ ވެލާތަކެއް ކަމަށް ބެލެވޭ ކަމަށެވެ.
ވެލާތައް ހޯދުނީ ބަޔަކު ކުރި ރިޕޯޓަކާ ގުޅިގެންނެވެ. ކޭ.އެސް ވަނީ ވެލާތައް ވިއްކައިލުމުގެ ކުރިން އެ ސޮރުމެން ގުދަންކޮށްފައެވެ.
ގްރީން ވެލާ އިންޑޮނޭޝިއާގައި ހިމާޔަތް ކުރީ 1990 ގައެވެ. މީގެ އިތުރުން 2018 ގައި އެ ގައުމުގެ ތިމާވެށްޓާ ބެހޭ ވުޒާރާގެ ގަވައިދަކުން އިންޑޮނޭޝިއާގެ އައްސޭރިފަށުގައި އުޅޭ ހަ ބާވަތުގެ ވެލާއަށް ވަނީ ހިމާޔަތް ދީފައެވެ.
ދުނިޔޭގެ އެންމެ ބޮޑު އަދި އެންމެ ގިނަ ދުވަސްވީ ބައިނަލްއަގުވާމީ ތިމާވެށްޓާ ބެހޭ ވިއުގަ، އިންޓަނޭޝަނަލް ޔުނިއަން ފޮ ކޮންސަވޭޝަން އޮފް ނޭޗާއިން ބުނީ ވެލާގެ ބިސް ނެގުމާއި ރާވައިގެން ކުށް ކުރާ ވިއުގަތަކުގެ ސަބަބުން ދުނިޔޭގެ ހަތް ބާވަތުގެ ވެލާގެ ތެރެއިން ހަ ބާވަތެއް ނުރައްކަލަށް ހުށަހެޅިފައިވާ ކަމަށެވެ.
އެމެރިކާގެ އަރިޒޯނާ ސްޓޭޓް ޔުނިވާސިޓީން 2022 ގައި ކުރި ދިރާސާއަކުން ހާމަވީ 1990 އާއި 2020 އާ ދޭތެރޭގައި 1.1 މިލިއަނަށްވުރެ ގިނަ ވެލާ މަރައިލައިފައިވާ ކަމަށެވެ. އެއީ ޖިންސީ ބާރު ވަރުގަދަ ކުރުމަށް ވެލާގެ ބިހާއި މަހާއި ގުނަވަންތައް ކެއުން ކަހަލަ ސައިންޓިފިކް ހަގީގަތެއް ނެތް ބޭނުންތަކަށެވެ.
ދިރާސާގައި ބުނެފައިވަނީ 2020 އާ ހަމައަށް، އޭގެ ކުރިން އައި ތިން ދަހަރުގެ ތެރޭގައި މަރައިލައިފައިވާ ވެލާގެ 56 ޕަސެންޓަކީ ގްރީން ވެލާ ކަމަށެވެ.
އިންޑޮނޭޝިއާއަކީ ދުނިޔޭގައި އެންމެ މުސްލިމުން ގިނަ ގައުމު ކަމަށް ވިޔަސް ބާލީއަކީ ހިންދީންގެ އަޣްލަބިއްޔަތު އޮތް ޖަޒީރާއެކެވެ. އެ ޖަޒީރާއަކީ އެއް އިރެއްގައި ގްރީން ވެލާ ޓްރެފިކް ކުރުމުގެ ހަބެކެވެ. ސަބަބަކީ ބާލީގެ ހިންދީ މަޒުހަބުގެ އަޅުކަންތަކުގައި ތާރީހީ ގޮތުން ވެލާ މަސް ބޭނުން ކުރާތީއެވެ.



advertisment