އިނގިރޭސި ބޮޑުވަޒީރުކަމުގެ މަގާމުން މިއަދު އިސްތިއުފާދެއްވީ ޕާޓީގެ ތައީދު އޭނާއަށް މިހާރު ނެތީމާކަމަށް ކީއާ ސްޓާމާ ވިދާޅުވެއްޖެއެވެ.
"އަހަރެންގެ ޕާލަމަންޓަރީ ގްރޫޕްގެ ޖަވާބު އަހަރެން އަޑުއަހައިފިން. އަހަރެން އެ ކަން ގަބޫލުކުރަނީ އެއްވެސް ޝަކުވާއެއް ނެތި. ބޮޑުވަޒީރުކަމާ އެހެން މީހަކު ހަވާލުވަންދެން އަހަރެން މަގާމުގައި ދެމިހުންނާނަން. އަހަރެންގެ އިސްތިއުފާ މިހާރުވަނީ ރަސްގެފާނު ޗާލްސް ތިނަކަށް ހުށަހަޅާފައި،" ސްޓާމާ (ފޮޓޯ) ވިދާޅުވިއެވެ.
ސްޓާމާ ވިދާޅުވީ ވެރިކަމުގެ ބާރު ބަދަލުކުރެވޭނީ އޮމާންކޮށްކަން ކަށަވަރުކުރައްވާނެކަމަށެވެ.
ސްޓާމާ އިސްތިއުފާދެއްވީ މި ދިޔަ މަހު ބޭއްވި ލޯކަލް ކައުންސިލް އަދި ސަރަހައްދީ އިންތިހާބުގައި 1،000 އަށްވުރެ ގިނަ ގޮނޑި އޭނާގެ ލޭބާ ޕާޓީއަށް ގެއްލިފައިވަނިކޮށެވެ.
މީގެ އިތުރުން ވެލްފެއާ އާއި އިމިގްރޭޝަން ފަދަ މައްސަލަތަކުގައި ސްޓާމާގެ ސާފު ސިޔާސަތެއް ނެތްކަމަށް ބުނެ ޖޫނިއާ މިނިސްޓަރުންނާއި އެއިޑުންވަނީ އިސްތިއުފާދީފައެވެ. އެ ކަމުގެ ސަބަބުން ދެން އޮންނަ އިންތިހާބު އެ ޕާޓީއަށް ގެއްލިދާނެތީ އެ ޕާޓީގެ ލީޑަޝިޕް ބަދަލުކުރަން އެ ޕާޓީގެ ޕާލަމަންޓް މެންބަރުންވަނީ ގޮވައިލައިފައެވެ.
ސްޓާމާއަށްފަހު ބޮޑުވަޒީރުކަމަށް ދެން އިންތިހާބުވާނީ ދާދި ފަހުން ޕާލަމަންޓްގެ ބައި-އިލެކްޝަނުން މޭކާފީލްޑްގެ ގޮނޑި ކާމިޔާބުކުރެއްވި މެންޗެސްޓާގެ މޭޔަރު އެންޑީ ބާނަމްކަމަށް ބެލެވެއެވެ.
ބޮޑުވަޒީރުކަމާއި އަދި ލޭބާ ޕާޓީގެ ލީޑަރުކަމުން ވެސް ސްޓާމާ މި އިސްތިއުފާދެއްވީ ލޭބާ ޕާޓީ ވެރިކަމަށް ގެންނެވިތާ އަދި ދެ އަހަރު ވެސް ނުވަނީހެވެ.
ސްޓާމާ އިސްތިއުފާދެއްވުމުގެ ކުރިން ވިޔަފާރިއާ ބެހޭ ވަޒީރު ޕީޓާ ކައިލް ވިދާޅުވީ "ސްޓާމާ ވަނީ މިހާރުގެ ސިޔާސީ ހަގީގަތްތައް ބައްލަވައިގެންފައި" ކަމަށާއި "ސްޓާމާ ކަންތައްތައް ކުރައްވާނީ ގައުމުގެ މަސްލަހަތަށް"ކަމަށެވެ.



advertisment