ވިއެޓްނާމްގައި ބުޅާ މަސް ކެއުމުގެ ވިޔަފާރިއަށް ބުޅާ ސަޕްލައިކޮށްދޭ ފަރާތަކުން ވަގަށް ނަގައިފައިވާ 400 އަށްވުރެ ގިނަ ބުޅާ ފުލުހުން އަތުލައިގެންފިއެވެ.
އެ ގައުމުގެ އެންމެ ބޮޑު ސަހަރުކަމަށްވާ ހޯ ޗީ މިން ސިޓީގައި މި ވިޔަފާރި ތިން އަހަރުވަންދެން ކުރަމުންދިޔަ މައްސަލައިގައި ނުވަ މީހުން ވަނީ ހައްޔަރުކޮށްފައިކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ރެއިޑް ޖެހީ މި މަހު 11 ގައިކަމަށްވިޔަސް މި މައްސަލަ ދުނިޔޭގެ މީޑިއާގެ ސަމާލުކަމަށް އައީ މި ދިޔަ ބުދަ ދުވަހުއެވެ.
ހައްޔަރުކުރި މީހުން ވަނީ ބުޅާތައް ވަގަށްނެގިކަމަށް އިއުތިރާފުވެފައެވެ. އަދި ބުނީ ގިނަ އަދަދަކަށް ބުޅާ އެއްކުރެވުމުން ބުޅާ މަސް ކިލޯއެއް 70،000 ވިއެޓްނާމް ޑޯންގް (2.60 ޑޮލަރު ނުވަތަ 40ރ.)ގެ މަގުން ވިއްކާލާކަމަށެވެ. ވިޔަފާރިކުރަނީ ކޮންމެ ދެތިން ދުވަހަކުންކަމަށްވެސް އެ މީހުން ބުންޏެވެ.
މިއީ ޕެޓުންގެ ގޮތުގައި ބުޅާ ގެންގުޅޭ މީހުންގެ ބުޅާ ވަގަށްނެގި ނެޓްވޯކަކަށް ފުލުހުން މިހާތަނަށް ޖެހި އެންމެ ބޮޑު އެއް ރެއިޑެވެ. އެ ގޮތުން ބުޅާތައް ފެނުނީ ދެ ތަނަކުންކަމަށް ފުލުހުން ބުންޏެވެ.

ގާތްގަނޑަކަށް 80 ބުޅާ އޮތީ މަރައިލައި ގަނޑުކޮށްފައެވެ. ސާޅީހަށްވުރެ ގިނަ ބުޅާ މިހާރު ވަނީ އޭގެ ވެރިންނާ ހަވާލުކޮށްފައެވެ. އަދި ވެޓުންނާއި ވޮލަންޓިއަރުން ބާކީ ތިބި ބުޅާތަކަށް ފަރުވާދެމުންދާއިރު ބުޅާތަކުގެ ވެރިން އެ މީހުންގެ ބުޅާތަކުގެ އައިޑެންޓިޓީ ބެލުމަށް ފުލުހުންގެ މޭޖާ، ނުގޫޔެން ޓެ ބައު ވަނީ އެދިފައެވެ.
ބައެއް ބުޅާތައް ތިބީ ހިކިއަނަރޫފަވެ، ހާލުދެރަވެފައިކަމަށް ހައިވާނުންނަށް އޯގާތެރިކަން ބަހައްޓަން ވަކާލާތުކުރާ ބައިނަލްއަގުވާމީ ޖަމިއްޔާ، ހިއުމޭން ވޯލްޑް ފޮ އެނިމަލްސްގެ ވިއެޓްނާމް ގޮފިން ބުންޏެވެ.
"ބުޅާތަކަށްވަނީ ޖިސްމާނީ އަދި ނަފުސާނީ ގޮތުން ނޭދެވޭ އަސަރުކޮށްފައިކަން ވަރަށް ސާފުކޮށް ފެނޭ،" އެ ޖަމިއްޔާއިން ވިއެޓްނާމަށް ކަނޑައަޅައިފައި ހުންނަ ޑިރެކްޓަރު ފަންގް ފާމް ބުންޏެވެ.
އޭނާ ބުނީ ކޮންމެ މަހަކު އެތައް ހާސް ބުޅާ ވަގަށްނަގައި، އޭގެ ޓްރެފިކްކޮށް، އަދި މަރައިލަމުންދަނީ އޭގެ މަސް ކެއުމަށްޓަކައިކަމަށެވެ.
ފުލުހުން ބުނީ މި ފަހަރު ރެއިޑް ޖެހީ އެތައް ޕްރޮވިންސަކުން ބުޅާ ވަގަށްނަގައިގެން ބުޅާ މަސް ކެއުމެއްގެ ގޮތުގައި ބޭނުންކުރާ ވިޔަފާރިއަށް ސަޕްލައިކުރަމުންދިޔަ މި ގްރޫޕަށްކަމަށެވެ.
ގްރޫޕަށް ރެއިޑް ޖެހީ ސަހަރުގެ ފުލުހުން ހިންގާ 45 ދުވަހަށް ދެމިގެންދާ، ކުށްކުރުން ހުއްޓުވައިލުމުގެ އޮޕަރޭޝަނެއްގައެވެ.
"މިއީ ޖިނާއީ ކުށްކުރާ ގްރޫޕެއް. އެ މީހުން ހާއްސަވަނީ ބުޅާ ވަގަށްނަގައި އެއްކުރަމުންދާ ބައެއްގެ ގޮތުގައި،" ފުލުހުންގެ އޮފިޝަލަކު ބުންޏެވެ.
ސަލާމަތްކުރި ބައެއް ބުޅާ ފަހުން ވަނީ މަރުވެފައެވެ. އަދި ފުލުހުންގެ ބެލުމުގެ ދަށުގައި ތިއްބާ ވެސް ބައެއް ބުޅާ ވަނީ ވިހައިފައެވެ.
ޝަރީއަތް ނިމެންދެން ފުލުހުންގެ ބެލުމުގެ ދަށުގައި ހެކި ގޮތަށް ބުޅާތައް މި ވަގުތަށް ބެހެއްޓިޔަސް ހިއުމޭން ވޯލްޑް ފޮ އެނިމަލްސްއިން ބޭނުންވަނީ ރަނގަޅަށް ބުޅާތައް ބެލެހެއްޓޭނެ ތަނަކަށް އެ ސޮރުމެން ބަދަލުކުރާށެވެ.
ވިއެޓްނާމްގައި ސަގާފީ ގޮތުން ވެސް ބުޅާ މަސް ކަނީ މަދު ބައެކެވެ. އަދި މިހާރު ޒުވާނުން ޕެޓުންގެ ގޮތުގައި ބުޅާ ގެންގުޅޭތީ ބުޅާ މަސް ކެއުމުގެ ސަގާފަތް ޒުވާނުންގެ މެދުގައި ދަނީ ނެތެމުންނެވެ. އަދި ބައެއް ޒުވާނުން އެ ސަގާފަތާ ސީދާ ދެކޮޅެވެ.
އެ ގައުމުގެ ރެސްޓޯރަންޓްތަކުގައި ވެސް ބުޅާ މަސް ކެއުމުގެ ހިދުމަތް ދެނީ ވިއެޓްނާމްގައި ބުޅާ މަސް ކެއުމަކީ ގާނޫނީ ގޮތުން ހުއްދަ ކަމެއްކަމަށްވާތީއެވެ.



advertisment