Support Us

އަފްޣާނިސްތާނާއި ޕާކިސްތާން ގުޅޭ ބޯޑަރު ކައިރީގައި ޕާކިސްތާން ސިފައިން މި ދިޔަ ފެބްރުއަރީ 27 ގައި ޕެޓްރޯލްކުރަނީ

ޕާކިސްތާންގައި ގޮއްވައިލި ދެ ބޮމުން 7 މަރު

ޕާކިސްތާންގެ ހުޅަނގުއުތުރު ބައްނޫ ޑިސްޓްރިކްޓްގެ މަގެއް ކައިރީގައި މިއަދު ދެ ބޮން ގޮއްވައިލުމުން ހަތް މީހުން މަރުވެއްޖެއެވެ.

ފުރަތަމަ ބޮން ގޮއްވައިލީ ވެހިކަލަކަށް އަމާޒުކޮށެވެ. ދެވަނަ ބޮން ގޮއްވައިލީ ފުރަތަމަ ބޮން ގޮއްވައިލުމުން އެ ކަމުގެ ޝިކާރައަކަށްވި މީހުންނަށް އެހީވުމަށް މީހުން މަސައްކަތްކުރަމުންދަނިކޮށެވެ.

ތިން މީހުން ޒަހަމްވެސްވި މި ދެ ހަމަލާގައި ދެ ބޮން ގޮއްވައިލީ ރިމޯޓް ކޮންޓްރޯލުންނެވެ.

"ފުރަތަމަ ބޮމުން މަރުވީ ފަސް މީހުން. އަނެއް ދެ މީހުން މަރުވީ ދެވަނަ ބޮމުން،" ފުލުހުންގެ އިސް އޮފިޝަލެއްކަމަށްވާ ޔާސިރު އަފްރީދީ ބުންޏެވެ.

އޭނާ ބުނީ ދެ ބޮން ގޮއްވައިލި މީހުން ހޯދުމުގެ މަސައްކަތް ރަސްމީ އިދާރާތަކުން ފަށައިފިކަމަށެވެ.

ދެ ބޮން ގޮއްވައިލިކަމުގެ ޒިންމާ އަދި އެއްވެސް ގްރޫޕަކުން ނުނަގައެވެ. ނަމަވެސް މި ދެ ބޮން ގޮއްވައިލީ ޕާކިސްތާންގެ ތޯލިބާން ޖަމާއަތްކަމަށްވާ ތަހްރީކޭ ތޯލިބާން ޕާކިސްތާން (ޓީ.ޓީ.ޕީ)ކަމަށްވަނީ ޝައްކުކުރެވިފައެވެ. ސަބަބަކީ މާޒީގައި މި ޒާތުގެ ހަމަލާތައް އެ ގްރޫޕުން ދީފައިވާތީއެވެ.

ރައީސް އާސިފު އަލީ ޒަރުދާރީވަނީ މި ދެ ހަމަލާ ކުށްވެރިކުރައްވައި، މަރުވި އަދި ޒަހަމްވި މީހުންގެ އާއިލާތަކަށް ތައުޒިޔާ ދަންނަވައިފައެވެ.

"އެތެރެއިން އަދި ބޭރުން ވެސް ޓެރަރިޒަމް ހިންގާ ފަރާތްތައް އެ ކަމުގެ ޒިންމާ ނެގުމުން ސަލާމަތެއްނުވާނެ،" އޭނާ ވިދާޅުވިއެވެ.

އެމެރިކާ އާއި އެ ގައުމުގެ ރަހްމަތްތެރި ގައުމުތަކުގެ ފައުޖުތަކުން 2021 ގައި އަފްޣާނިސްތާނުން ފޭބުމުން ތޯލިބާން ޖަމާއަތުން އަފްޣާނިސްތާން ސަރުކާރާ ހަވާލުވީއްސުރެ ޕާކިސްތާނުން ތުހުމަތުކުރަމުންދަނީ އަފްޣާނިސްތާނުން ޓީ.ޓީ.ޕީއަށް ހިމާޔަތް ދީފައިވާކަމަށެވެ. އަދި އޭގެ ފަހުން ޕާކިސްތާންގައި ހިންގާ ޓެރަރިޒަމްގެ ހަމަލާތަކުގެ އިލްޒާމް އަފްޣާނިސްތާން ސަރުކާރުގެ ބޮލުގައި އަޅުވައި، އަފްޣާނިސްތާންގައި ފިލައިގެން އުޅޭ ޓީ.ޓީ.ޕީގެ ހަނގުރާމަވެރިންނަށް ހަމަލާތައް އަމާޒުކުރުމުން، އަފްޣާނިސްތާންގެ އާއްމުންވެސް މަރުވަމުންދިއުމުން، ރައްދުގައި އަފްޣާނިސްތާނުން ޕާކިސްތާނަށް ހަމަލާދީ، ދެ ގައުމުން މިހާރު ހަމަލާ ބަދަލުކުރާތާ ދުވަސްތަކެއްވެއްޖެއެވެ. އެއީ ސަރަހައްދީ ގައުމުތައް މެދުވެރިވެގެން ދެ ގައުމުގެ ދެމެދުގައި ސީޒްފަޔާއެއް ގާއިމުކޮށްދީފައިވިޔަސްމެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *