Support Us

އިސްރާއީލުން ރޭ ލުބްނާނަށް ހަމަލާދީފައި

އިސްރާއީލުން ލުބްނާނަށް ދިން ހަމަލާތަކުގައި 47 މަރު، އެމެރިކާ-އީރާން ވާހަކަތައް ކުރިއަށްގެންދަނީ

އިސްރާއީލުން ލުބްނާނަށް ދިން ހަމަލާތަކުގައި 47 މީހުން މަރުވި ނަމަވެސް އެމެރިކާ އާއި އީރާނުން ސުލްހައިގެ ވާހަކަތައް ކުރިއަށްގެންދަން ނިންމައިފިއެވެ.

އިސްރާއީލުން ރޭ ދިން ހަމަލާތަކުގައި ގިނަ އަދަދެއްގެ ލުބްނާން ރައްޔިތުން މަރުވި ނަމަވެސް އެމެރިކާގެ މަންދޫބު ސްޓީވް ވިޓްކޮފް އަދި އީރާންގެ ހާރިޖީ ވަޒީރު އައްބާސް އަރާޣްޝީ ސްވިޓްޒަލެންޑަށް މިއަދު ދަތުރު ފައްޓަވާނެކަމަށް ރިޕޯޓްތައް ބުނެއެވެ.

ސްވިޓްޒަލެންޑްގައި ބާއްވާ ވާހަކަތަކަކީ ފެބްރުއަރީ 28 ގައި އެމެރިކާ-އިސްރާއީލު އިއްތިހާދުން އީރާނާ ދެކޮޅަށް ފެށި ހަނގުރާމަ ހުއްޓައިލައި، މެދުއިރުމައްޗަށް ފުޅާ ދާއިރާއެއްގައި ހަމަޖެހުން ގެންނަން އެމެރިކާ އާއި އީރާނުން މި ދިޔަ ބުދަ ދުވަހު ސޮއިކުރި ސުލްހައިގެ ފަހުމްނާމާގެ ދަށުން ކަންތައްތައް ކުރިއަށްގެންދާނެ ގޮތްތައް ކަނޑައެޅުމަށް ބާއްވާ މަޝްވަރާތަކެކެވެ.

އިސްރާއީލުން ލުބްނާނަށް ދެމުންދާ ހަމަލާތައް ހުއްޓައިލަން ސުލްހައިގެ ފަހުމްނާމާގައި އީރާނުން ޝަރުތުކޮށްފައިވެއެވެ. މިހެންވެ، އިސްރާއީލުން ލުބްނާނަށް ދެމުންދާ ހަމަލާތަކުން ސްވިޓްޒަލެންޑްގައި ބާއްވާ ވާހަކަތަކަށް ހިޔަނިއެޅޭނެކަމަށް ސިޔާސީ ތަޖުރިބާކާރުން ބުނެއެވެ.

"މަޝްވަރާތައް ކުރިއަށްގެންދެވޭނީ އިސްރާއީލުން ލުބްނާނަށް ދެމުންދާ ހަމަލާތައް ހުއްޓައިލުމުން،" އަރާޣްޝީ ވިދާޅުވިއެވެ.

އިސްރާއީލުން ބުނީ އިސްރާއީލުގެ ސަލާމަތްތެރިކަން ކަށަވަރުކުރާނެކަމަށެވެ.

"އިސްރާއީލުގެ ރައްޔިތުން ރައްކާތެރިކުރަން އަހަރެމެންގެ ސިފައިން ލުބްނާންގެ ދެކުނު ސަރަހައްދުގައި ބައިތިއްބާނަން،" އިސްރާއީލުގެ އަސްކަރިއްޔާގެ ތަރުޖަމާނު، ބްރިގޭޑިއާ ޖެނެރަލް އެފީ ޑެފްރީން ބުންޏެވެ.

އިސްރާއީލުން ބުނީ އީރާނުން ވާގިވެރިވާ، ލުބްނާން ސަރުކާރުން ޓެރަރިސްޓުންކަމަށް ކަނޑައަޅައިފައިވާ ހިޒްބުﷲގެ ހަނގުރާމަވެރިން ލުބްނާންގެ ދެކުނު ސަރަހައްދުން ދުރުކުރެވެންދެން އިސްރާއީލު ސިފައިން ލުބްނާންގެ ދެކުނު ސަރަހައްދުގައި ބައިތިއްބާނެކަމަށެވެ. އަދި އިސްރާއީލުން ބުނަމުންދަނީ އިސްރާއީލުން ހަމަލާދެނީ ލުބްނާންގެ އާއްމުންނަށް ނޫންކަމަށާއި ނަމަވެސް ހިޒްބުﷲގެ ހަނގުރާމަވެރިންނާއި އެ ޖަމާއަތުގެ އިންފްރާސްޓްރަކްޗަރަށްކަމަށެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *