Support Us

ވާހަކަ: ލޯތްބާއެކީ

މިވާހަކަ ތަޙްސީސް ކުރަނީ އަޅުގަނޑުމެންގެ ޚިދުމަތުގަ ރެޔާދުވާލު ބުރަކޮށް މަސައްކަތް ކުރަމުންދާ، ސިއްޙީ ދާއިރާގަ މަސައްކަތްކުރާ އެންމެހާ ލޮބުވެތި ފަރާތްތަކަށެވެ. ޚާއްސަކޮށް ނަރުހުންނާއި ޑޮކްޓަރުންނަށެވެ.

އަހަރެންގެ ފޯނު ރިންގްވަމުން ދިޔައިރު އަހަރެން އުޅުނީ ސާމްޕަލް ނަގާށެވެ. ލިބުނު ހުސްވަގުތުކޮޅު ފޯނަށް ބަލާލިިއިރު ފަސް މިސްކޯލެއް އޮތެވެ. އެއް މިސްކޯލް މަންމަގެއެވެ. އަނެއް ތިން މިސްކޯލް އެއީ ހުޅުމާލޭ ހޮސްޕިޓަލުންނެވެ. އަހަރެން މަސައްކަތް ކުރަމުން ދިޔައީ ހުމާއި ރޯގާ ޖެހޭމީހުން ބެލުމަށް ތައްޔާރު ކުރެވިފަ ހުރި ވަގުތީ ކްލިނިކުގައެވެ. އެދުވަސްވަރަކީ ކޮރޯނާ ތަންކޮޅެއް މައިތިރިވެލާފަ އޮވެފަ އަނެއްކާވެސް ތަންކޮޅެއް ބޮޑަށް ފެތުރެމުން ދިޔަ ދުވަސްވަރެވެ. އެހެންވެ ބާރުބޮޑުކޮށް ދާތީ އަަހަރެން ވަގުތީ ކުލިނިކަށް ބަދަލު ކުރީއެވެ. ފްރޮންޓްލައިންގަ މަސައްކަތް ކުރަންޖެހޭތީ އަހަރެން ނިދަންދަނީ އެޗް.ޕީ.އޭގެ ފަރާތުން ހަމަޖައްސާފަ ހުންނަ ހޮޓަލަކަށެވެ. އެތާނގަ ތިބެނީ އަހަރެމެން ފަދަ ނަރުހުންނެވެ.

ހުޅުމާލޭ ހޮސްޕިޓަލުގެ ތިން މިސްކޯލެއް އޮތީމަ އެއީ މުހިއްމު ކޯލެއްކަން އަހަރެންނަށް އެނގުނެވެ. އެހެންވެ ފުރަތަމަ ގުޅީ އެތަނަށެވެ.

"ޝަހޫ އެބަޖެހޭ މާލޭގަ ހުންނަ އައިސޮލޭޝަން ފެސިލިޓީއަށް ދާން. މާދަން ދާން ރެޑީވޭ އިނގޭ!" ފުރަތަމަވެސް އައީ އަމުރެކެވެ.

"އެކަމަކު މިތާނގަ ހުންނަތާވެސް ދެމަސްވީ ގެޔަށް ނުދެވި. އެހެން ނަރުހެއް މިވަގުތަށް ހަމަ ޖައްސައެއް ނުލެވޭނެތަ؟ ގެޔަށް ޖައްސާލާފަ ތަންކޮޅެއް ފަހުންދާ ކަހަލަ ގޮތެއް ހަދާދިނަސް އޯކޭ" މަންމަ ކައިރިއަށް ނުދެވޭތާ، މަންމަގެ ބީހިލުން އިހްސާސްކޮށް ނުލެވޭތާ ދެމަސް ވީއެވެ. މުޅި ގޭގަ އުޅެނީ އަހަރެމެން ދެމައިން އެކަންޏެވެ. ވަރަށް އާދޭސް ކޮށްގެން ރައްޓެއްސަކު ގޭގަ ހުރެދޭން އެއްބަސްވިއެވެ. އޭނައަށްވެސް ހުރެވޭނީ އަދި އިތުރަށް ދެހަފްތާއަށެވެ. ކޮންމެހެންވެސް ގެޔަށްދާން ބޭނުންވީ އެހެންވެއެވެ.

"އަސްލު ތިހެން ހަދާލަ ދެވުނީސް ނަރުހުން ޝޯޓޭޖް ނުވިނަމަ. އެނގޭނުނ މަރީއާ ނިއު ވެސް އިހަކަށްދުވަހު އެ ޕޮޒިޓިވްވީ. އެހެންވެ ނަރުހުންވެސް ނެތް އެވަރަށް. ސޯ..؟" އެކޮޅުން އެހެންބުނެލުމާއެކު އަހަރެން މާޔޫސްވާ ގޮތްވިއެވެ.އެހެންވިޔަސް އަހަރެމެންނަށް ދަސްކޮށްދީފަ ވަނީ އަމިއްލަ ނަފްސަށްވުރެ އިންސާނިއްޔަތު އިސްކުރުމަށެވެ. އަހަރެން ދާން އެއްބަސްވީ ޤައުމުގެ ހައްޤުގައެވެ. ކިތަންމެ ވަރުބަލިވިޔަސް މިނާޒުކު ދަނޑިވަޅުގަ މުޅި ޤައުމު އަހަރެމެންނަށް ބޭނުން ޖެހިފަވާކަންވެސް ވިސްނޭތީއެވެ. ހާލަތުގެ ނާޒުކުކަން ކިތަންމެ ރަނގަޅަކަށްވެސް ވަޒަން ކުރެވޭތީއެވެ.

ދެން ގުޅީ މަންމައަށެވެ. އެވާހަކަ ބުނާށެވެ. ބުނާކަށް ފަސޭހައެއް ނޫނެވެ. މަންމަ އުއްމީދުކޮށްގެން ހުރީ އަހަރެން ދުވަސްކޮޅަކުން އަންނާނެ ކަމަށެވެ. އެކަމަކު ދޭންޖެހޭ ޚަބަރަކީ އަނެއްކާވެސް މަންމައާ ދުރަށް ދާން ޖެހޭކަމުގެ ވާހަކައެވެ. ވަރަށް ހިތްވަރުކޮށްފަ އެވާހަކަ ބުނީމެވެ. މަންމައަށް އަހަރެންގެ ޒިންމާ އެނގެއެވެ. އެއްވެސް ޝަކުވާއެއް ނެތެވެ. މަންމަ ދިނީ ހިތްވަރެވެ. އެކަހަލަ މަންމައަކު ލިބުނީތީ އަހަރެން އުފާކުރަމެވެ.

މާލޭ އައިސޮލޭޝަން ފެސިލިޓީއަށް ދިއުމުގެ ކުރިން އަހަރެމެން ތިބޭ ފްލެޓްގެ ބޭރުގަ މަޑުކޮށްލައިގެން އަހަރެން ހުރީމެވެ. މަންމަ ހުރީ ބެލްކަނީގަ އަހަރެންނަށް ބަލަހައްޓައިގެންނެވެ. ހެލްތުގެ ފަރާތުން އަހަރެނެް ބަލާ ވެހިކަލެއްވެސް އައިސް އޮތެވެ. ދިއުމުގެ ކުރިން އަހަރެން ބޭނުންވީ މަންމަ ދެކެލާށެވެ. ހަޤީޤަތުގަ ބޭނުންވަނީ ބައްދާލައިގެން އޮވެ ނިކަން ރަނގަޅަށް ރޯލާށެވެ. އެހެން ނަމަވެސް ހާލަތުގެ ގޮތުން، އަހަރެންނަށް ޖެހުނީ ގޭގެ ބޭރުގަ މައިވަންތަކަމަށް ފެންބޮވައިގަނެފައިވާ ހާލު، ބެލްކަންޏާ ދިމާއަށް ބަލަހައްޓައިގެން ހުންނާށެވެ. އަހަރެންގެ ބައްޕަ މިހާރު ދުނިޔެއަކު ނެތެވެ. ބައްޕަގެ ފަރާތުން މަދުވާ ލޯބީގެ ބައިވެސް ފުރިހަމަ ކޮށްދެމުން ދިޔައީ މަންމައެވެ.

"ހިތްވަރު ކުރާތި. މާބޮޑަށް ނުވިސްނާތި. އިންޝާﷲ ހުރިހާކަމެއް ވަރަށް އަވަހަށް ރަނގަޅުވެދާނެ. އެކޮޅަށް ގޮސްފަ ގުޅާތި އިނގޭ" މަންމަ އަތުން ހަނާ އަޅާލަމުން ބުނެލިއެވެ. މޫނުމަތީގަ ހިނިތުންވުމެއް ހުރިއިރު އެދެލޮލަށް ޖަމާވަމުން ދިޔަ ކަރުނަތައް ރީތިކޮށް އަހަރެން ދުށީމެވެ. އަހަރެންނެއް އެވަގުތަކު ނުރޮމެވެ. މަންމަ މާބޮޑަށް ވިސްނާނެތީއެވެ. އަހަރެން ބަޑި ފަޅައިގެން ދިޔައީ ވެހިކަލް ތެރޭގަ އިނދެފައެވެ. ދުއްވަން އިން ޑްރައިވަރުވެސް ވަރަށް ހިތްވަރު ދިނެވެ.

މާލޭ އައިސޮލޭޝަން ފެސިލިޓީގެ ތެރެއަށް ވަދެގެން ގޮސް ނަރުހުން ތިބެން ހަމަޖައްސާފަ ހުރި ކޮޓަރި ފެނިފަ އިތުރަށް މާޔޫސްވާ ގޮތްވިއެވެ. އެއްވެސް ތާހިރުކަމެއް ނެތެވެ. ވަރަށް އާދައިގެ ކޮޓަރިއެކެވެ. ބިންމަތީގަ ހިރަފުހެވެ. ދިޔަ ގޮތަށްގޮސް ހުރިހާ އެއްޗެއް ބެހެއްޓީ އެނދުމަތި ސާފު ކުރުމަށްފަހު އެނދުމަތީގައެވެ. އޭރު ދެވަނަ ނަރުސްވެސް އެކޮޓަރިއަށް އައިސް ވަދެއްޖެއެވެ. އެއީ ޝެއަރ ވެގެން ތިބެން ހަމަޖެހިފަ އޮތް ކޮޓަރިއެވެ. އޭނަގެ މޫނަށް އައި ކުލަވަރުންވެެސް ގަޔާނުވިކަން އެނގުނެވެ. އުޅެން ޖެހޭ ހާލު ހިތަށް އަރާފަ އަހަރެންނަށް ރޮވުނެވެ. އެކަމަކުވެސް ފަހުން ރަނގަޅުވާނެ ކަމަށް ހިތްހަމަ ޖައްސާލީމެވެ.

އޭގެ އަނެއް ދުވަހެވެ. އެދުވަހު އޮތީ އެތަނުގަ ތިބި ޕޭޝަންޓުންގެ މައުލޫމާތުތައް ނަގާ އަންގަންޖެހޭ ފަރާތްތަކަށް އެންގުމެވެ. އެކަމުގެ ތެރޭން އެނގުނީ ފްލޯރ މެނޭޖަރ އެއްވެސް އަދި ހަމަނުޖެހި ވާކަމެވެ. ތަނުގަ، ސަތޭކަ ފަންސާސް ޕޭޝަންޓުން ތިބިއިރު މުޅި ޖުމްލަ ތިބީ އެންމެ ޑޮކްޓަރަކާ ދެ ނަރުހުންނެވެ. އަހަރެންގެ ސިކުނޑި ސުމަކަށް ދިޔައެވެ. އެޗްޕީއޭއަށް ގުޅާފަ ޝަކުވާތައް ބަންޑުން ކޮށްލީމެވެ. ފެސިލިޓީއަކީ ކުއްލިއަކަށް ހަމަޖައްސަން ޖެހުނު ތަނެއްކަމުން ކަންކަން އިންތިޒާމް ކުރަން ވަގުތުކޮޅެއް ނަގާނެ ކަމަށް ބުންޏެވެ. ޑާޓާއާއި ވައިފައިވެސް ހަމަޖައްސާނެ ވާހަކަ ބުންނެވެ. އެކަމަކު ހަމަޖެހެންދެން މިކޮޅުން ކުރަންޖެހޭ ކަންކަން މަޑު ޖައްސާފަ ބެހެއްޓޭކަށެއްވެސް ނެތެވެ. އެހެންވެ އަޒުމް ކަނޑައެޅީ ހިތްވަރު ކުރާށެވެ. ފުން ނޭވައެއް ލުމަށްފަހު މަސައްކަތް ފެށީމެވެ.

އަމިއްލަ ޚަރަދުގަ ފިހިގަނޑަކާ އެއްޗެހި ހޯދީމެވެ. ފާހާނާއާއި ކޮޓަރި ފޮޅާ ސާފުކުރީމެވެ. ރަޖާގަނޑެއްވެސް ދިނީ ރައްޓެހިވެގެން އުޅޭ ކުއްޖާއެވެ. ކާން ގެންނަނީ އަބަދު އެކައްޗެކެވެ. މާގިނަ ވައްތަރުތަކެއް ނުހުރެއެވެ. ވަރުބަލިވަންދެން މަސައްކަތް ކޮށްފައި އައިސް މީރުކޮށް ކާލުމުގެ ލައްޒަތެއްވެސް ނެތެވެ. ޖަލެއްގަ އުޅެވޭ ކަމުގެ އިހްސާސް ދިއައީ ކުރެވެމުންނެވެ. އެހެން ނަމަވެސް ހިތްވަރު އެލުވައެއްވެސް ނުލަމެވެ. ޤައުމީ ވާޖިބު އަދާކުރެވޭ ކަމުގެ ފޮނި އިހްސާސް އެހުރިހާކަމެެއް ހަނދާން ނައްތާލަދޭވެސް ކަހަލައެވެ.

"ހަލޯ! ބޭސް އަޅަން އެބަޖެހޭ ފާރުގަނޑުގަ" އަހަރެންގެ ފޯނަށް ގުޅާފަ ޕޭޝަންޓެއް ބުނެލިއެވެ. ޚިދުމަތް ދިނުމަށް ކުރަންޖެހޭ އެންމެހާ ކޯލެއް ކުރަނީ އަހަރެންގެ އަމިއްލަ ފޯނުން އަމިއްލަ ލާރިންނެވެ.

"އެބަދަން ބަލާލަން" އަހަރެން އެރޫމާ ދިމާއަށް ހިނގައިގަންނަމުން ބުނެލީމެވެ. އޭރު އަނެއް ނަރުސް ވީ އެހެން ޕޭޝާންޓެއްގެ ހާލަތު ބަލަން ގޮހެވެ. މުޅި ދުވަހު އަހަރެމެން ތިބެނީ ޕީޕީއީ ލައިގެންނެވެ. ފުލް ކިޓްގައެވެ.

"އާނ! ވަރަށް ބޮޑަށް ފާރުވެފަ މިހިރީ ދޯ!. ބޭސް އަޅަން ޖެހޭނީ. ޑޮކްޓަރަށް އިންފޯރމް ކޮށްލާނަން އިނގޭ" ދެން އެވާހަކަ އެންގީ ޑޮކްޓަރަށެވެ. ޑޮކްޓަރު ބުނީ ޑްރެސިންގއަށް ބޭނުންވާ ގައުޒު ހުސްވެފަ ހުރިވާހަކައެވެ. އެވާހަކަ އަހަރެން އެ ޕޭޝަންޓަށް އެންގީމެވެ. ޕޭޝަންޓު އެދުނީ ވީހާވެސް އަވަސް ކޮށްދިނުމަށެވެ. އެގަޑީގަ ކޯލެެއް އައިސްގެން އަހަރެން ނެގީމެވެ.

"ކޮން އިރަކުންތަ މިތަނުން ނުކުމެވޭނީ. ކަލޭމެން މިތާ މާތިބޭހިތުން ތިބެންޏާ މިތާ އުމުރު ދުވަހު ތިބެބަލަ! އަހަރެމެން މާ ލައިކްވާ ތަނެެއް ނޫނޭ މީކީ. ކުރަންޖެހޭ ބައިވަރު ކަންކަން.. މަސައްކަތް އެބަހުއްޓޭ އެނގިއްޖެ. މިހާރު ޑިސްޖާޖް ކުރަން ބުނިތާ ކޮންއިރެއް އޭނ؟" އެމީހާ އަޑުގެ ކޮޅަށް ހަޅޭއްލަވައިގަތެވެ.

އަހަރެންނަށް ފޯނު ކަންފަތާ ކުޑަކޮށް ދުރުކޮށްލަންވެސް ޖެހުނެވެ. "އެޗްޕީއޭ އިން ލިޔެކިއުންތައް ޕްރޮސެސް ކުރީމަ ދެވޭނީ. އެވާހަކަ މިހާރު ދަންނަވާފަ އޮންނާނީވެސް. ދެން މާގިނަ އިރެއް ނުވާނެކަންނޭނގެ."

"މާ އިތުރު ވާހަކަ ނުދައްކާ އިނގޭ. ކަލޭމެން ހީކުރީ ތީ.. މާރީތި ބައެއް ކަމަށްތަ؟ އަހަރެމެން ބިރުގަނޭ ކަލޭމެން ފެނުނަސް. ތިތިބެނީ ތިބޭގޮތް.. ފާޑެއްގެ އެއްޗެއް ލައިގެން. މިތާ ތިބޭ ބަޔަކުވެސް އިތުރަށް މެންޓަލީ ފަނިވާނީ. ދާންށޭ ބޭނުމީ އަވަހަަށް. ރުޅި ނާރުވާ އަވަސް ކުރާށޭ. ހެނދުނު މަމީ މިތަނުން ނުކުންނަން ޖެހޭނެ މީހެކޭ އެހެންނޫންނަމަ..!!" ކިޔާނެ އެއްޗެއް ކިޔާފަ އެމީހަކު ފޯނު ކަނޑާލިއެވެ. އަހަރެމެން އެކަހަލަ ކިތަންމެ ވާހަކަތަކެއް ރެޔާ ދުވާލު ތަހައްމަލު ކުރަމެވެ. ބައެއް ފަހަރު ފޯނުންނެވެ. އަނެެއްބައި ފަހަރު ސީދާ ކުރިމަތީ ހުރެގެންނެވެ. އަހަރެން ފެންކަޅިވާގޮތް ވިއެވެ. މިކަންކަން ތަހައްމަލު ކުރަންޖެހޭއިރު މިހާރު ދީފަ މިހުންނަ ކޮޓަރި ނޫން، މިއަށްވުރެ ރަނގަޅު ތަނެެއް ދޭނެ ނަމަ ހާދަހާ ރަނގަޅޭ ހިތަށް އަރައެވެ. އެހެންވެ އެޗްޕީއޭއަށް ގުޅާފަ އަނެއްކާވެސް ތަނުގެ ހާލަތު ކިޔައިދިނީމެވެ.

އޭގެ އަނެއް ދުވަހެވެ. އެޗްޕީއޭއިން އައި ކޯލެކެވެ. ގެސްޓްރޫމުން ރޫމެއް ހަމަޖެހުނު ވާހަކަ ބުނަން ވެގެން އައި ކޯލެކެވެ. އިސާހިތަކު އެކޮޓަރިއަށް ބަދަލު ކުރެވިއްޖެއެވެ. ތަނަވަހެވެ. ސާފުތާހިރެވެ. މިތަނަށް އައިފަހުން ކޮންމެވެސް ވަރެއްގެ ތަސައްލީއެއް ލިބުނީ އަދި ކިރިޔާއެވެ. އެތަނަށް ބަދަލުވިތާ އިރުކޮޅެއް ފަހުން އަނެއްކާވެސް އެނބުރިގަތީ މަސައްކަތަށެވެ. ތިން ޕޭޝަންޓެއް ތަންކޮޅެއް ހުންގަދަ ވެގެން އުޅޭތީ ދިޔައީ ޗެކް ކޮށްލާށެެވެ. އެހެންވެ ޕޭޝަންޓުން ތިބޭ ދިމާއަށް މިސްރާބު ޖެހީމެވެ. ދިޔަ މަގުމަތީގަ ޝިޔާ މާވަރަކަށް ގުޅާފަ އޮތީމަ ގުޅާލީމެވެ. މުހިއްމު ކަމަކަށް ވެދާނެތީއެވެ. އެއީވެސް ގާތް ރައްޓެއްސެކެވެ.

"އިއްޔެ މައި ބާރތުޑޭ. އެހެންޏާ ޝަހޫ ގުޅާނެ. ވަރަށް ދެރަވި ތިހެން ހެދީމަ. މިދިޔަ މަހުވެސް މަގޭ އެއްވެސް ކޯލަކަށް އެޓެންޑެއް ނުވޭ. ދެން ބަރތުޑޭގަ ވިޝްކޮށްލަން އެންމެ ރަނގަޅުދޯ. އަހަރަކު އެއްފަހަރު އަންނަ ދުވަހެއް ވިއްޔާ" ޝިޔާ އެއްރާގެއްގަ ފައްޗަކަށް އަމުނާލިއެވެ.

އަހަރެންނަށް ވާހަކަ ދައްކާކަށް ފުރުސަތެއްވެސް ނުދިނެވެ. ފޯނު ކަނޑާލީ މޫނު މައްޗަށެވެ. ވަރަށް ދެރަވިއެވެ. އެކަމަކު ޝިޔާއަށް އަހަރެން މިއުޅޭހާލު ފަހުން ކިޔައިދެވޭނެކަން އެނގޭތީ ހިތްހަމަ ޖައްސާލީއެވެ.

"ތަންކޮޅެއް ހުންގަދަ. އެކަމަކު ވޮރީ ވާންޖެހޭ ވަރެެއް ނޫން. ސްޓިލް ޑޮކްޓަރަށް އަންގާލާނަން" އަަހަރެން ހުން ޗެކް ކުރަމުން ބުނެލީމެވެ.

"އެންމެ ފަހު ބޭސް ކާޑް ހެނދުނު ހުސްވީ. ރޭގަވެސް ބުނިން އެވާހަކަ އަނެއް ނަރުސް ކައިރީ. އަދިވެސް ނުލިބޭ" އެ ޕޭޝަންޓު ގެ ޝަކުވާއަކީ މިފަހަރު ބޭހެވެ. އެގަޑީގަ ޕޭޝަންޓެއްގެ ކޯލެއް އައެވެ.

"ކުރީ ދުވަހު ބުނިންދޯ ފާރުގަނޑެއްގެ ވާހަކަ. މިހާރު ވަރަށް ބޮޑަށް ދުޅަވެފަ. ދެން އިންފެކްޓެއްވެގެން ކަމެެއް ދިމާވެއްޖެއްޔާ އެކަމުގެ ޒިންމާ ނަގަނީ ކާކު؟ ވަރަށް ފަސޭހައިން ބުނާނެ ތިމަންނަމެން ނަގާނަމޭ.  ފުރާނަ ސަލާމަތް ކުރަން ހުންނަ ވެންޓިލޭޓަރުތަކުން ވައްކަންކޮށްފަ އެޒިންމާވެސް ނެގުނުތަ؟" މިއަދު އެޕޭޝަންޓުގެ ވެސް ރާގު ތަފާތެވެ.

އެނގެއެވެ. ބޭނުންވާ ކަންކަން ނުވީމަ ރުޅިގަދަ ވެވެނީއެވެ. އެކަމަކު އަހަރެމެން ނަރުހުން މީވެސް އިންސާނުންނެވެ. ބޭހުގެ ވާހަކަ އިއްޔެވެސް އެންގީމެވެ. މިތަނުގަ ބޭސް ސްޓޮކް ކޮށްްފައެއް ނުހުރެއެވެ. ބޭސް ޖެހެނީ ބޭނުންވާ ވަރަކަށް އޯޑަރު ކުރަމުން ގެންދާށެވެ. ގިނަ ފަހަރަށް ބޭސް ލިބެން ދެދުވަސް ނޫނީ ތިންދުވަސް ވެސް ނަގައެވެ. އޭގެ ނަރުހުންނަށް އިތުރަށް ކުރެވޭނީ ވަކި ކޮންކަމެެއް ހެއްޔެވެ؟ ހަމަގައިމުވެސް ބޭސް ލިބޭއިރަށް ނިދަން އޮވެފަވެސް މިއަންނަނީ ބޭސް އަޅައިދޭށެވެ. ޕީޕީއީ ލައިގެން ހުންނަން ޖެހޭތީ އިރުއިރުކޮޅާ  އެ ބާލާ ހެދުމަކީ ފަސޭހަ ކަމެއް ނޫނެވެ. ލަނީވެސް އެހާ އުނދަގުލުންނެވެ. އެހެންވެ ފާހާނާއަށްވެސް ނުގޮސް އެގާރަ ގަޑިއިރު އެބަ ތިބެމެވެ. ނަމާދުވެސް ކުރަނީ ޖަމްޢު ކޮށެވެ. މިކަންކަން އިޙްސާސް ކުރާނަމަ އެގޮތަށް ބަހުރުވަ ހުރީސް ހެއްޔެވެ؟ އަހަރެން ހިންދިރުވާލީމެވެ. އަދި މަޑުމަޑުން ބުނީމެވެ. "ކަމާބެހޭ ފަރާތަށް އަންގާލާނަން އަވަސް ކޮށްދިނުމަށް"

އޭގެ ހަފްތާއެއް ފަހެވެ. މަންމައަށް އިއްޔެ ގުޅާނުލާ އުޅެވޭތީ މިއަދު ގުޅާލީމެވެ. އެކޯލު ނިންމާފަ ހިނގައިގަތްއިރު ތަންކޮޅެއް ކުރީ ދުވަހަކު ވަރަށް އެތިވަރު ގޮވި މީހަކު ބަލިން ރަނގަޅުވެގެން ދަބަސް ހިފައިގެން ނުކުމެގެން ދަނީއެވެ. އަހަރެން ފެނުމުން ވަރަށް އުފަލުން ދަނީއޭ ބުނެލިއެވެ. އަހަރެންވެސް ބަލާލާފަ ހިނިތުން ވެލީމެވެ. އަތުން ހަނާ އަޅާލާފަ "ބައި"އޭ ބުނެލީމެވެ. އަނެއްކާވެސް އެނބުރިގަތީ ފެސިލިޓީގަ ދެންތިބި ޕޭޝަންޓުންނަށް ޚިދުމަތް ކުރާށެވެ. ހަމަ ލޯތްބާއެކީގައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
249
ޚިޔާލު ފާޅުކުރައްވާ!

3 Responses

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *