ފެބްރުއަރީ 28 ގައި އެމެރިކާ-އިސްރާއީލު އިއްތިހާދުން އީރާނާ ދެކޮޅަށް ފެށި ހަނގުރާމަ ހުއްޓައިލުމާ ގުޅޭ ސުލްހައިގެ ފަހުމްނާމާގައި އީރާނާއި އެމެރިކާއިން ސޮއިކޮށްފިއެވެ.
ސާދަ ނުކުތާ އެކުލެވޭ ފަހުމްނާމާގައި އިއްޔެ ސޮއިކުރެއްވީ އީރާންގެ ރައީސް މަސްއޫދު ޕަޒަޝްކިއަންއާއި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްއެވެ. ޕަޒަޝްކިއަން ސޮއިކުރެއްވީ އީރާންގައި ހުންނަވައެވެ. ޓްރަމްޕް ސޮއިކުރެއްވީ އިއްޔެ ނިންމައިލި ގްރޫޕް އޮފް ސެވަން ނުވަތަ ޖީ7 ގައުމުތަކުގެ އެންމެ އިސްވެރިންގެ ސަމިޓުގައި ބައިވެރިވެ ވަޑައިގަތުމަށް ފްރާންސްގައި ހުންނަވައެވެ. މިހެންވެ، ސޮއިކުރެއްވުމަށް ކުރިން ކަނޑައެޅި ސްވިޒަލެންޑްގައި ބާއްވަވަން ހަމަޖެއްސެވި ރަސްމިއްޔާތުވަނީ ކެންސަލްކުރައްވައިފައެވެ.
"މިއީ މި އެއްބަސްވުން ތަންފީޒުކުރެވޭނެ ގޮތް ޓެސްޓްކޮށްލެވޭނެ ވަގުތު. އެއްވެސް ދޫދިނުމެއް ނެތި އީރާނުން ބަލާނަން އެމެރިކާއިން މި އެއްބަސްވުމާ އެއްގޮތަށް އަމަލުކުރޭތޯ،" އީރާންގެ ހާރިޖީ ވުޒާރާގެ ތަރުޖަމާނު އިސްމާއީލު ބާޣައީ ބުންޏެވެ.
ޓްރަމްޕް ވިދާޅުވީ މިއީ "އެންމެ ފަހު ސުލްހައިގެ މުއާހަދާއެއް ނޫން" ކަމަށާއި އީރާނަށް ފައިދާކުރާނެ ކަންތައްތަކަށް ދޫދޭނީ އީރާނުން ވެސް ފަހުމްނާމާއަށް އިހްތިރާމްކުރާނަމަކަމަށެވެ.
އިސްރާއީލުން ބުނީ ފަހުމްނާމާގައި އީރާނާއި އެމެރިކާއިން ސޮއިކުރުމުގެ ކުރިން އޭގައިވާ ނުކުތާތައް އިސްރާއީލަށް ނާންގާކަމަށެވެ. މިހެންވެ އިސްރާއީލަކީ ފަހުމްނާމާގެ ބައިވެރިއަކަށް ނުވާތީ އިސްރާއީލުގެ ސަލާމަތްތެރިކަމަށް ނުރައްކަލެއް ކުރިމަތިވެއްޖެނަމަ އެ ގައުމުގެ ރައްކާތެރިކަމަށް އަމިއްލަ މިނިވަންކަމާއެކު އަމަލުކުރުމުގެ ހައްގު އެ ގައުމަށް ލިބިގެންވާކަމަށެވެ.
"އެ އެއްބަސްވުމުން ނިކުންނާނެ ނަތީޖާއެއް އަދިވެސް އަހަރެމެންނަކަށް ނޭނގޭ،" އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ބުންޏެވެ.
ދުނިޔޭގެ ބާޒާރުގައި ތެޔޮ ފީފާއެއްގެ އަގު އިއްޔެއާއި މިއަދު ވެސް ހުރީ 78 ޑޮލަރު (1،202ރ.)ގައެވެ. އީރާނާ ދެކޮޅަށް ހަނގުރާމަ ފެށުމުގެ ކުރިން އަގު ހުރީ 71 ޑޮލަރު (1،094ރ.)ގައެވެ.



advertisment