Support Us

މިއަދު ފްރާންސްގައި ނިންމާލާ ޖީ7 ގައުމުތަކުގެ އެންމެ އިސްވެރިންގެ ސަމިޓްގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް (ކ) ފްރާންސްގެ ރައީސް އެމަނޫއަލް މެކްރޮންއާއެކު

އީރާނާއެކު އަދި އޮތީ ވަގުތީ ސުލްހައިގެ އެއްބަސްވުމެއް: ޓްރަމްޕް

ފެބްރުއަރީ 28 ގައި އެމެރިކާ-އިސްރާއީލު އިއްތިހާދުން އީރާނާ ދެކޮޅަށް ފެށި ހަނގުރާމަ ހުއްޓައިލުމަށް އީރާނާއެކު އަދި އޮތީ ވަގުތީ ސުލްހައިގެ އެއްބަސްވުމެއްކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މިއަދު ވިދާޅުވެއްޖެއެވެ.

ފްރާންސްގައި މިއަދު ނިންމާލާ ކެނެޑާ، ފްރާންސް، ޖަރުމަނީ، އިޓަލީ، ޖަޕާން، އިނގިރޭސި ވިލާތް އަދި އެމެރިކާގެ އިސްވެރިންގެ މެދުގައި ބާއްވާ ގްރޫޕް އޮފް ސެވަން ނުވަތަ ޖީ7 ސަމިޓުގައި ޓްރަމްޕް ވިދާޅުވީ އީރާނާއެކު އެއްބަސްވި ސުލްހައިގެ ޑީލަކީ ޝަރުތުތަކެއްގެ މައްޗަށް ބިނާކޮށްފައިވާ، އަންނަ ހުކުރު ދުވަހު ސްވިޓްޒަލެންޑްގައި ސޮއިކުރަން ހަމައްސައިފައިވާ ސުލްހައިގެ އޮނިގަނޑެއްކަމަށެވެ.

"އަހަރެންނަށް އަދިވެސް ކަމުނުގޮސްފިނަމަ އަހަރެމެން އެނބުރިދާނީ ހަމަލާދިނުމަށް. އީރާނުން ބަސްނާހާނަމަ އެމެރިކާއިން އަލުން އަސްކަރީ ފިޔަވަޅު އަޅާނަން،" ޓްރަމްޕް ވިދާޅުވިއެވެ.

ފަސްދޮޅަސް ދުވަހުގެ ސީޒްފަޔާ ފަހުމްނާމާ ދާއިމީ ސުލްހައަކަށް ހަދަން އެމެރިކާއާއި އީރާނުން ނިންމި ނިންމުމަށް ޖީ7ގެ ލީޑަރުން މަރުހަބާކިޔެވެ. ނަމަވެސް އެ މީހުން ބުނީ އީރާންގެ ނިއުކްލިއަ ހަރަކާތްތަކާއި މެދުއިރުމަތީގައި އޮތް އީރާންގެ ނުފޫޒުގެ "މައްސަލަ" ހައްލުކުރަން ޖެހޭކަމަށެވެ.

އީރާނުން ބުނީ ފަހުމްނާމާގައިވާ ގޮތާ ހިލާފަށް އިސްރާއީލުން އަދިވެސް ލުބްނާނަށް ހަމަލާދެމުންދާކަމަށާއި އެ ކަމުގެ ސަބަބުން ފަހުމްނާމާ ނުރައްކަލަށް ހުށަހެޅިފައިވާކަމަށެވެ. އަދި ބުނީ އިސްރާއީލުން ލުބްނާނަށް ހަމަލާދިނުން ކުރިއަށްގެންދާނަމަ "ހަރުކަށި ރައްދެއް" ދޭނެކަމަށެވެ.

ދުނިޔޭގެ ފަސްބައިކުޅަ އެއްބައި ތެޔޮ ދަތުރުކުރާ، އީރާންގެ ބާރުގެ ދަށުގައި އޮންނަ ހުރުމުޒު ކަނޑުއޮޅިން ބައެއް އުޅަނދުފަހަރު މިހާރުވަނީ ދަތުރުކުރަން ފަށައިފައެވެ. ނަމަވެސް ހުރުމުޒު މުޅިން ހުޅުވައިލަން ހަމަޖައްސައިފައިވަނީ އަންނަ ހުކުރު ދުވަހު ސުލްހައިގެ އޮނިގަނޑުގައި އެމެރިކާއާއި އީރާނުން ސޮއިކުރާ ހިސާބުންނެވެ.

ދުނިޔޭގެ ބާޒާރުގައި ތެޔޮ ފީފާއެއްގެ އަގު އިއްޔެ 82 ޑޮލަރު (1،264ރ.)ގައި ހުރެފައި މިއަދު ވަނީ 78 ޑޮލަރު (1،202ރ.)އަށް ދަށްވެފައެވެ. އީރާނާ ދެކޮޅަށް ހަނގުރާމަ ފެށުމުގެ ކުރިން އަގު ހުރީ 71 ޑޮލަރު (1،094ރ.)ގައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *