Support Us

ހުޅަނގު އައްސޭރީގައި ހުންނަ އިބްރާހީމީ މިސްކިތް އިސްރާއީލުގެ ބާރުގެ ދަށަށް

އިބްރާހީމްގެފާނުގެ ހަށިކޮޅު ވަޅުލައިފައިވާ، ހުޅަނގު އައްސޭރީގެ އިބްރާހީމީ މިސްކިތުގެ ޕްލޭނިންނާއި އިމާރާތްކުރުމުގެ ބާރު އިސްރާއީލުގެ ދަށަށް ގެންގޮސްފިއެވެ.

މުސްލިމުންނާއި ޔަހޫދީންނާއި އަދި ނަސޯރާއިންނަށް ވެސް މުގައްދަސް، ހުޅަނގު އައްސޭރީގެ އެންމެ ބޮޑު ސިޓީކަމަށްވާ އަލްޚަލީލު ނުވަތަ ހެވްރޯން ސަހަރުގައި ހުންނަ މިސްކިތެއްކަމަށްވާ އިބްރާހީމީ މިސްކިތުގެ ޕްލޭނިންނާއި އިމާރާތްކުރުމުގެ ބާރު މީގެ ފަހުން އޮންނާނީ އިސްރާއީލަށްކަމަށް އެ ގައުމުގެ މާލީ ވަޒީރު ބެޓްސަލެލް ސްމޯޓްރިޗް އިއްޔެ ބުންޏެވެ.

"މިއީ ހުޅަނގު އައްސޭރީގައި އިސްރާއީލުގެ ސިޔާދަތު ވަރުގަދަކުރަން އެޅި ތާރީހީ ފިޔަވަޅެއް،" އޭނާ ބުންޏެވެ.

އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއާއި އަވަހާރަވެފައިވާ ފަލަސްތީން ލިބަރޭޝަން އޯގަނައިޒޭޝަން (ޕީ.އެލް.އޯ)ގެ ޗެއާމަން ޔާސިރު އަރަފާތު ސޮއިކުރެއްވި 1997 ގެ ހެވްރޯން އެއްބަސްވުމުގެ ދަށުން އިބްރާހީމީ މިސްކިތުގެ ޕްލޭނިންނާއި އިމާރާތްކުރުމުގެ މެންޑޭޓް އޮންނަނީ ފަލަސްތީން ރައްޔިތުންނަށެވެ.

ހުޅަނގު އައްސޭރީގައި ވެރިކަންކުރާ ފަލަސްތީން އޮތޯރިޓީ (ޕީ.އޭ)ގެ ރައީސް މަހްމޫދު އައްބާސްގެ އޮފީހުން ވަނީ އިސްރާއީލުގެ މި ނިންމުން ކުށްވެރިކޮށްފައެވެ. އެ އިދާރާއިން ބުނީ އިސްރާއީލުން މި ގޮތަށް ނިންމުމަކީ ކުރީއްސުރެ އެއްބަސްވެފައިވާ އެއްބަސްވުންތަކާއި ބައިނަލްއަގުވާމީ ގާނޫނާ ހިލާފު ފިޔަވަޅެއްކަމަށާއި މި ކަން ބަލައިނުގަންނާނެކަމަށެވެ. ބައިނަލްއަގުވާމީ މުޖުތަމައާއި އެމެރިކާއަށް ޕީ.އޭއިން ގޮވައިލީ ސްމޯޓްރިޗްގެ މި ނިންމުމާ ދެކޮޅަށް ފިޔަވަޅު އެޅުމަށެވެ.

ހެވްރޯންގެ މޭޔަރު ޔޫސުފުލްޖައުބަރީ ބުނީ އިސްރާއީލުން މި ފިޔަވަޅު އެޅުމުގެ ސަބަބުން މެދުއިރުމަތީގެ މަސްރަހަށް ނޭދެވޭ އަސަރުކޮށްފާނެކަމަށެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *